(13 ޖުލައި 2018 ގައި ޝާއިއުކުރި ބަޔާ ގުޅޭ)
ހެޔޮކޮށްހިތުން
އިސްލާމްދީން އިސްލާމީ މުޖުތަމަޢަށް ބާރުއަޅައި ހިތްވަރުދެނީ ނުކުޅެދޭ މީހުންނާއި ބަލިކަށި ނިކަމެތީންނާއި އެކިއެކި މަޖުބޫރީތައް ކުރިމަތިވެފައިވާ މީހުންނަށް އެހީތެރިވުމަށެވެ. އެފަދަ މީހުންނާ އެއްބާރުލުމަށެވެ. އިސްލާމްދީން އަމުރުކުރަނީ އެފަދަ މީހުންނަށް ހެޔޮކޮށް ހިތުމަށެވެ. ނުކުޅެދޭ މީހުންނަށާއި ބަލިކަށި މީހުންނަށާއި ނިކަމެތިންނަށް އެހީވެވިދާނެ އެތައް ގޮތްތަކެއް ހުރެއެވެ. އޭގެތެރެއިން އެއްގޮތަކީ މާލީ ގޮތުން އެހީތެރިވުމެވެ. މާލީ އެހީގެ އަހަންމިއްޔަތު ޢާންމު ގޮތެއްގައި މީހުން ދަނެއެވެ. އެކަމަށް ޞަދަޤާތާއި ޚައިރާތުގެ ނަންދެވެއެވެ. ނަމަވެސް އެހީތެރިކަމުގެ އެހެނިހެން ގޮތްގޮތުގެ އަހަންމިއްޔަތު ވަކީން ކުޑައެއް ނޫނެވެ. ބައެއްފަހަރަށް މާމުހިންމު ކަމުގައިވެސް ދެންނެވިދާނެއެވެ. އެހެންކަމުން އިސްލާމްދީން ވަނީ މާލީ އެހީއަށާއި އެހެނިހެން ބާވަތްބާވަތުގެ އެހީތަކަށްވެސް ބާރުއަޅައިފައެވެ. އިސްލާމްދީނުގެ ނަޒަރުގައި މާތް اللّه ގެ އަޅުތަކުންނަށް މާލީގޮތުން އެހީތެރިވުމަކީ ޞަދަޤާތެއް ކަމުގައިވާ ފަދައިން ތިމާއަށް ލިބިފައިވާ ޤާބިލިއްޔަތެއް ނުވަތަ ތިމާގެ ހަކަތައެއް ބަލިމީހުންނާއި ނުކުޅެދޭ މީހުންނަށްޓަކައި ހޭދަކުރުމަކީވެސް ޞަދަޤާތެކެވެ. އިސްލާމްދީނުގައި އަޅުކަމުގެ ތެރޭގައި ހިމެނެނީ ހަމައެކަނި މާތް اللّه އަށް ޒިކުރުކުރުމާއި ނަމާދުކުރުމާއި ތަސްބީޙައާއި ތަޙްލީލް ކިޔުމެއް ނޫނެވެ. އަދިކީއްތޯއެވެ. އެމީހެއްގެ ރީތި އަޚްލާޤާއި މާތް ޝަޚްޞިއްޔަތާއެކު އަޅުތަކުންނަށް ޚިދުމަތްކުރުމަކީވެސް އަޅުކަމެކެވެ. ނިކަމެތީންނާއި ނުކުޅެދޭ މީހުންގެ ހިތާމައިގައި ބައިވެރިވުމަކީވެސް އަޅުކަމެކެވެ. "ނުކުޅެދޭ މީހުންނާއި ނިކަމެތީންނަށް ހެޔޮއެދުމާއި، މުޖުތަމަޢުގައި ރަނގަޅު ގޮތްތަކާއި ހެޔޮކަންކަން ފެތުރުމާއި، ނުބައިކަންކަމާއި އުރެދުންތެރިކަމުން މީސްތަކުން ދުރުކުރުމަށް މަސައްކަތްކުރުމަކީވެސް މާތް اللّه ތިމާޔަށް ދެއްވި ކުޅަދާނަކަމާއި ޤާބިލިއްޔަތުތަކުގެ ޙައްގު އަދާކުރެވިދާނެ ގޮތްތަކެވެ.
أبو ذرّ رضى اللّه عنه ރިވާކުރައްވައިފައިވެއެވެ. އިސްލާމްދީނުގެ ނަބިއްޔާ صلّى اللّه عليه وسلّم ޙަދީޡްކުރައްވައިފައިވެއެވެ. ކަލޭގެ އަޚާގެ ކުރިމަތީގައި ހިނިތުންވުމަކީވެސް ޞަދަޤާތެކެވެ. ހެޔޮކަމަކަށް އަމުރުކޮށް މުންކަރާތެއް ނަހީކުރުމަކީވެސް ޞަދަޤާތެކެވެ. މަގުއޮޅިފައިވާ ނުވަތަ މަގުނޭނގިގެން އުޅޭ މީހަކަށް މަގުދެއްކުމަކީވެސް ޞަދަޤާތެކެވެ. ލޯފަން މީހަކަށް އެހީތެރިވެދިނުމަކީވެސް ޞަދަޤާތެކެވެ. މަގުމަތީގައި ހުންނަ ކަށިތަކާއި ގާތަކާއި އަދި މިނޫންވެސް މީހުންނަށް އުނދަގޫވާ ކަހަލަ ތަކެތި އެއްފަރާތްކުރުމަކީވެސް ޞަދަޤާތެކެވެ. ތިމާ ފެންނަގާ ތުޅާ ނުވަތަ ބާލިދީން ތިމާގެ އަޚާގެ ތުޅައަށް ނުވަތަ ބާލިދީއަށް ފެންއަޅައިދިނުމަކީވެސް ޞަދަޤާތެކެވެ. (ترمذى، أبواب البر والصلة)
މިއަށްވުރެވެސް މާގިނަ ތަފްޞީލްތައް އެހެން ރިވާޔަތެއްގައި އައިސްފައިވެއެވެ.
أبو ذرّ رضى اللّه عنه ރިވާކުރައްވާފައިވެއެވެ. އިސްލާމްދީނުގެ ނަބިއްޔާ صلّى اللّه عليه وسلّم ޙަދީޡްކުރައްވައިފައިވެއެވެ. ކޮންމެ ދުވަހެއްގެ އިރު އެރުމުން އިންސާނާއަށް އޭނާގެ ނަފުސުގެ ފަރާތުން ޞަދަޤާތްކުރުން ވާޖިބުވެއެވެ. ތިމަން ދެންނެވީމެވެ. އޭ މާތް اللّه ގެ ރަސޫލާއެވެ. ކޮންމެ ދުވަހަކު ޞަދަޤާތްކުރެވޭހާ ތަނަވަސްކަމެއް އަޅުގަނޑުމެންގެ ކިބަޔަކު ނުހުރެއެވެ. އިތުރު ސާހިބާ ޙަދީޡްކުރެއްވިއެވެ. ޞަދަޤާތްކުރެވިދާނެ ކިތަންމެ ގޮތެއް ހުރެއެވެ. (اللّه أكبر، الحمد لله، لااله الااللّه، أستغفر اللّه) މި ކަލިމަތައް ކިޔުމަކީވެސް ޞަދަޤާތެކެވެ. ހެޔޮކަމަކަށް އަމުރުކުރާށެވެ. މުންކަރާތެއް މަނާކުރާށެވެ. މަގުމަތީގައި ހުންނަ ކަށިތަކާއި ގާތައް އެއްފަރާތްކުރާށެވެ. ކޮންމެވެސް ލޯފަން މީހަކަށް މަގުދައްކާށެވެ. ބީރު މީހަކަށް ނުވަތަ މަންމަނަކަށް ކަމެއް ވިސްނައިދޭށެވެ. ބޭނުމެއް ޖެހިފައިވާ މީހެއްގެ ބޭނުން ފުދިދާނެކަމަށް ހީވާ ތަނެއްގެ ވާހަކަ އެމީހާ ގާތުގައި ބުނެދޭށެވެ. މުޞީބާތެއް ކުރިމަތިވެފައިވާ މީހަކަށް އެހީތެރިވެދޭން މަސައްކަތްކުރާށެވެ. ނިކަމެއްޗަކަށް އެހީވެދޭން ތައްޔާރުވާށެވެ. މިއީ ހައްތަހާވެސް ޞަދަޤާތެވެ. (مسند أحمد: 5/169)
ހިތްވަރުދީ ހިތްހަމަޖައްސައިދިނުން
ނުކުޅެދޭ މީހަކަށް ނުވަތަ ނިކަމެއްޗަކަށް ހިތްވަރާއި ތަސައްލީދިނުމަކީ އިސްވެދެންނެވި ކަންތައްތަކަށްވުރެ މުހިންމުކަންކުޑަ ކަމެއް ނޫނެވެ. އާދެ، އެފަދަ މީހުންނަށް ހަމްދަރުދީވުމެވެ. ހިތާމައިގައި ބައިވެރިވުމެވެ. މޮޅިވެރިކަން ފިލުވަން ބާރުއަޅައި އެހީތެރިވުމެވެ. އެފަދަ މީހުންގެ ޖަޒުބާތުތަކަށް އިޙްތިރާމްކުރުމެވެ. އޭރުން އެ ނިކަމެތީންގެ ހިތްތަކަށް ހަމަޖެހުން ލިބެއެވެ. ހިތާމައާއި ހިތްދަތިކަން ކުޑަވެއެވެ. އެހެންމީހުންނާމެދު އުފެދިފައި އޮންނަ ދުރުހިލޭކަމާއި ބީރައްޓެހިކަން ދުރުވެއެވެ. އިސްލާމްދީނުގެ ނަބިއްޔާ صلّى اللّه عليه وسلّم ގެ ރީތި ޢަމަލުފުޅުތަކަކީ މިގޮތުންވެސް އިންސާނިއްޔަތަށް ފެންނާނެ އެންމެ އުޖާލާ ފަނާރެވެ.
މީގެކުރިންވެސް ވަނީ عتبان بن مالك رضى اللّه عنه ގެ ވާހަކަ ބަޔާންކޮށްފައެވެ. އެކަލޭގެފާނުގެ އުމުރުފުޅުގެ ފަހުކޮޅުގައި އެކަލޭގެފާނުގެ ލޯފުޅު އަނދިރިވިއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ޢާލަމްތަކަށް ރަޙްމަތެއް ކަމުގައި ފޮނުއްވި ސާހިބާގެ އަރިހުގައި ތިމަން ކަލޭގެފާނު ވިދާޅުވީމެވެ. ވިއްސާރަ ދުވަސްދުވަހު އަޅުގަނޑަކަށް މިސްކިތަކަށް ނުދެވެއެވެ. އެހެންކަމުން ކަލޭގެފާނު އަޅުގަނޑުގެ ގޭގެ ކޮންމެވެސް ތަނެއްގައި ނަމާދުކޮށްދެއްވާށެވެ. އެތަނެއްގައި އަޅުގަނޑު ނަމާދުކޮށް އުޅުމަށްޓަކައެވެ. އިތުރު ސާހިބާ صلّى اللّه عليه وسلّم ޙަދީޡްކުރެއްވިއެވެ. "އެންމެރަނގަޅެވެ. އިރާދަކުރެއްވިއްޔާ އަޅުގަނޑު ތިޔަ ގެޔަށް ދާނަމެވެ." ވިދިގެންއައި ދުވަހުގެ ހެނދުނު، އިތުރު ސާހިބާ އަޅުގަނޑުގެ ގެއަށް ފައިންޕުޅު ބީއްސެވިއެވެ. އަރިހުގައި أبوبكر الصّدّيق رضى اللّه عنه ގެންދެވިއެވެ. އިތުރު ސާހިބާ ސުވާލުކުރެއްވިއެވެ. "އަޅުގަނޑު ނަމާދުކުރަން ކަލޭގެފާނު ބޭނުންފުޅުވަނީ ކޮންތަނެއްގައިތޯއެވެ؟" އަޅުގަނޑު ގޭގެ އެއްކަނަކަށް އިޝާރަތްކުރުމުން އިތުރު ސާހިބާ އެތާނގައި ދެރަކުޢަތުގެ ނަމާދެއް ކުރެއްވިއެވެ. އަޅުގަނޑުވެސް އިތުރު ސާހިބާގެ ފަހަތްޕުޅުގައި ނަމާދުކުރީމެވެ. އިތުރު ސާހިބާ ނަމާދުކުރައްވައި ސަލާމްދެއްވުމުން ޚަޒީރުގެ ފަރީއްކޮޅެއް އެރުވުމަށްޓަކައި އަޅުގަނޑު އެކަލޭގެފާނު އިރުކޮޅަކު މަޑުކުރުވީމެވެ.
جبير بن مطعم رضى اللّه عنه ރިވާކުރައްވައިފައިވެއެވެ. އިތުރު ސާހިބާ صلّى اللّه عليه وسلّم އެއްދުވަހަކު އަޅުގަނޑުގެ ގާތުގައި ވިދާޅުވިއެވެ. بصيرއާ ބައްދަލުކޮށްލައިފައި އަންނަން އަހުރެންނާއެކު ވާޤިފަށް ހިނގާށެވެ. بصيرއަކީ ލޯފަން ބޭކަލެކެވެ. (رواه البزّار بإسناد جيد) ابن اشكن ވިދާޅުވެފައިވަނީ އިސްވެދެންނެވި ލޯފަން ޞަޙާބީގެ ނަންފުޅަކީ عمير بن عدى ކަމަށެވެ. رسول اللّه صلّى اللّه عليه وسلّم އެކަލޭގެފާނާ ބައްދަލުކުރައްވަން ވަޑައިގަތެވެ. (الاصابة فى تمييز الصحابة: 4/599)
ނުބައިކޮށް ނުހިތުން
އިސްލާމްދީން ނުކުޅެދޭ މީހުންނަށް ހެޔޮކޮށް ހިތުމުގެ މާތްކަން ބަޔާންކޮށްދޭ ފަދައިން އެ ދީން ވަނީ ނުކުޅެދޭ މީހުންނަށް ނުބައިކޮށް ހިތުމާއި ނުކުޅެދޭ މީހުންނަށް އުނދަގޫކުރުން މަނާކޮށްފައެވެ. ނުކުޅެދޭ މީހުންނަށް ނުބައިކޮށްހިތުމާއި އުނދަގޫކުރުމަކީ މާތް اللّه ލަޢުނަތް ލެއްވުމުގެ ސަބަބެއްކަން ބަޔާންކޮށްފައެވެ. عبد اللّه بن عباّس رضى اللّه عنهما ރިވާކުރައްވައިފައިވެއެވެ. ކައުސާހިބާ صلّى اللّه عليه وسلّم ޙަދީޡްކުރެއްވިއެވެ.
"لَعَنَ اللَّهُ مَنْ كَمَّهَ أَعْمَى عَنِ السَّبِيلِ" (مسند أحمد:1/309 – الادب المفرد: 2/338)
"ލޯފަން މީހަކަށް މަގުއޮޅުވައިލައިފި މީހަކަށް މާތް اللّه ގެ ލަޢުނަތް ހުއްޓެވެ."
މޮޔައިންނަކީ ތަކުލީފު ލިބިގެންވާ ބަޔެއް ނޫނެވެ.
ނުކުޅެދޭ މީހުންގެ ތެރެއިން ޖިސްމާނީ ނުކުޅެދުންތެރީންނަށްވުރެ ޙާލުދެރަ ނިކަމެތިކަންބޮޑު ބަޔަކީ ސިކުނޑީގެ ގޮތުން ނުކުޅެދޭ މީހުންނެވެ. ސިކުނޑީގެ ނުކުޅެދުންތެރިކަމުގެ ތަފާތު ދަރަޖަތަކެއް ވެއެވެ. އޭގެތެރެއިން އެންމެ ހިތާމަވެރި ޙާލެއްގައި އުޅޭ ބަޔަކީ މޮޔައިންނެވެ. ދުނިޔެއިން މޮޔަވެފައި ތިބޭ މީހުންނެވެ. އެފަދަ މީހުންނަކީ ހޭބުއްދިފިލައިފައިވާ ބަޔެކެވެ. އެބައިމީހުންނަކަށް އެބަމީހުންނަށް ކުރެވޭ ނުކުރެވޭ ކަމެއް ނޭނގެއެވެ. އެބައިމީހުންނަށް ކުރެވޭ ކަންކަމުގެ ނަތީޖާއެއް ރޭކައެއް ނުލައެވެ. އިންސާނާ އޭނާ ކުރާ ކަންތައްތަކުގެ ޒިންމާ އުފުލަން ޖެހެނީ އޭނާގެ ބުއްދީގެ ސަބަބުންނެވެ. އެހެންކަމުން އިސްލާމްދީން ވަނީ ދުނިޔެއިން މޮޔަވެފައިވާ މީހުން ޝަރުޢީ ހުރިހާ ޒިންމާތަކަކުން އިސްތިސްނާކޮށްފައެވެ. على مرتضى رضى اللّه عنه ރިވާކުރައްވައިފައިވެއެވެ. އިސްލާމްދީނުގެ ނަބިއްޔާ صلّى اللّه عليه وسلّم ޙަދީޡްކުރެއްވިއެވެ.
"إِنَّ القَلَمَ رُفِعَ عَنْ ثَلاَثَةٍ: عَنِ المَجْنُونِ حَتَّى يَفِيقَ، وَعَنِ الصَّبِيِّ حَتَّى يُدْرِكَ، وَعَنِ النَّائِمِ حَتَّى يَسْتَيْقِظَ" (بخارى كتاب الطلاق، ابوداؤد، كتاب الحدود)
"ތިންމީހެއްގެ ކިބައިން ގަލަން ވަނީ އުފުއްލަވައިފައެވެ. (އެބައިމީހުން ކުރާ ކަންތައް ލިޔުއްވުމެއް ސުވާލުކުރެއްވުމެއް ނެތެވެ.) މޮޔައިންނެވެ. އެބައިމީހުންގެ ބުއްދި ހަމަޖެހިއްޖެއުމަށް ދާންދެނެވެ. ކުޑަކުއްޖާއެވެ. އޭނާ ބާލިޣުވެއްޖެއުމަށް ދާންދެނެވެ. ނިދައިފައި އޮތް މީހާއެވެ. އޭނާ ނިދިން ހޭލައިފުމަށް ދާންދެނެވެ."
ދުނިޔެއިން މޮޔަވެފައި ތިބޭ މީހުނާ ގުޅޭ ބައެއް ޙުކުމް
މުސްލިމުންގެ ފިޤުހުވެރީން ވަނީ ދުނިޔެއިން މޮޔަވެފައި ތިބޭ މީހުންނާ ބެހޭގޮތުން ތިރީގައިމިވާ ޙުކުމްތައް ބަޔާންކުރައްވައިފައެވެ.
- މޮޔައިންގެ މައްޗަކަށް ޝަރުޢީ އެއްވެސް ޒިންމާއެއް ނުވެއެވެ. މާނައަކީ އެބައިމީހުން، އަރަހުށި މާތް اللّه ވާޖިބު ނުވަތަ ފަރުޟުކުރައްވައިފައިވާ ކަންތައްތައް ނުކުރި ކަމުގައި ވިޔަސް އެކަމާ ސުވާލެއް ނުކުރައްވާނެއެވެ.
- އެއިން މީހަކަށް ފާފަޔަކަށް ނުވަތަ އުރެދުމަކަށް އަރައިގަނެވުނު ކަމުގައި ވިޔަސް އެއްވެސް ޢަޒާބެއް ނުދެއްވާނެއެވެ.
- މޮޔައަކު ކުރާ މުޢާމަލާއަކީ އިތުބާރުކުރެވޭ ކަމެއް ނޫނެވެ. މާނައަކީ އެއިން މީހަކު ލޭންދޭނެއް ކުރިޔަސް، ހިބަޔެއް ކުރިޔަސް، ނުވަތަ ކާވެންޏެއް ނުވަތަ ވަރިއެއް ކުރިޔަސް، އަދި މިނޫންވެސް މިބާވަތުގެ ކޮންމެ ކަމެއް ކުރިޔަސް އެކަމެއް ތަންފީޒެއް ނުކުރެވޭނެއެވެ.
- އެއިން މީހަކު އަދަބު ދޭން ޖެހޭފަދަ ކުށެއް ކުރިޔަސް އަދަބެއް ނުދެވޭނެއެވެ.
- ނަމަވެސް އެއިން މީހެއްގެ ފުށުން މީހެއްގެ ފުރާނަޔަށް ނުވަތަ މުދަލަކަށް ގެއްލުމެއް ލިބިއްޖެނަމަ ހަމަޖެހިފައިވާ އުސޫލުން އެކަމެއްގެ ބަދަލު ލިބިދެވޭނެއެވެ.
އިސްލާމްދީން އާޚިރަތުގެ ހިސާބުކިތާބުން މޮޔައިން ބަރީއަކޮށްފައިވާއިރު އަނެއްކޮޅުން ވަނީ އެބައިމީހުންގެ ހުރިހާ މަޞްލަޙަތުތަކެއް ޙިމާޔަތްކޮށްދީފައެވެ. އެބައިމީހުންނާމެދު އެއްވެސް މީހަކު ބޭއިންސާފުން ކަމެއް ކުރިޔަ ނުދިނުމަށްޓަކައެވެ. އެބައިމީހުންގެ ނުކުޅެދުންތެރިކަމުން އެކަކުވެސް ހުއްދަ ނޫން ފައިދާއެއް ލިބިގަތަ ނުދިނުމަށްޓަކައެވެ.
ވިސްނުންކޮށި މީހުންނަށް ރިޢާޔަތްކުރުން
ދުނިޔެއިން މޮޔަވެފައިނުވާ އެކަމަކު ސިކުނޑީގެ ވަރަށް ބޮޑެތި އުނިކަން ހުންނަ މީހުންނާއި އިންތިހާ ދަރަޖައަށް ވިސްނުންކޮށި ސޭކު މީހުންވެސް މުޖުތަމަޢުގައި އުޅެއެވެ. އެފަދަ މީހުންނަށް މުޢާމަލާތުގެ ފުނާ ހަމަޔަކަށް ވިސްނުމެއް ނުފޯރުވެއެވެ. ފައިދާހުރި ގޮތްގޮތާއި ގެއްލުންހުރި ގޮތްގޮތް ފަސޭހައިން ދެނެގަތުމުގެ އެކަށޭނަކަމެއް ނުހުރެއެވެ. އެހެންކަމުން އިސްލާމްދީން އިންސާނިއްޔަތަށް އިރްޝާދުދެނީ އެފަދަ މީހުނަށް ކެހިދީ މަކަރުހަދައި ނުއުޅުމަށެވެ. މުޢާމަލާތަކުގައި އެފަދަ މީހުންނަށް ރިޢާޔަތްކުރުމަށެވެ. ވީހާވެސް ރަނގަޅަށް ކަންތައްކުރުމަށެވެ.
އަންޞާރިއްޔަ ބޭކަލުންގެ ތެރޭގައި މިދެންނެވިފަދަ ސާދާ ބޭކަލެއް ހުންނެވިއެވެ. عبداللّه بن عمر رضى اللّه عنهما ރިވާކުރައްވައިފައިވެއެވެ. އިސްވެދެންނެވި ޞަޙާބީ، އިތުރު ސާހިބާގެ އަރިހުގައި ޝަކުވާކުރެއްވިއެވެ. ގަނެވިއްކުމުގެ މަސައްކަތް ނުކޮށެއް ނުހުރެވެއެވެ. ނަމަވެސް ވިޔަފާރިއެއް ކޮށްފިނަމަ ވަރަށް ގިނަފަހަރަށް ލިބެނީ ކެއްސެވެ. އިތުރު ސާހިބާ ޙަދީޡްކުރެއްވިއެވެ. މީހަކާ ވިޔަފާރީގެ މުޢާމަލާތެއް ކުރައްވާނަމަ އެމީހެއްގެ ގާތުގައި ވިދާޅުވާށެވެ. "އަހަރުމެންގެ ދީނުގައި ކެހިދިނުމެއް ނޯވެއެވެ." އޭގެ ފަހުން އެކަލޭގެފާނު މީހަކާ ވިޔަފާރީގެ މުޢާމަލާއެއް ކުރައްވާނަމަ އެހެން ވިދާޅުވެ އުޅުއްވައެވެ. (بخارى ،كتاب البيوع، مسلم كتاب البيوع)
އިސްވެދެންނެވި ޙަދީޘަކީ ޙަޤީޤީ އިސްލާމީ މުޖުތަމަޢާއި މިޒަމާނުގެ މުޖުތަމަޢުގެ ތަފާތު ކޮށްދޭ ޙަދީޘެކެވެ. މިއަދުގެ މުޖުތަމަޢުގައި މީހެއްގެ ކިބައިގައި ބަލިކަށިކަމެއް ނުވަތަ ނުކުޅެދުންތެރިކަމެއް ހުންނަކަން އެނގިއްޖެނަމަ ދާދިމަދު މީހަކު ފިޔަވައި އެންމެންވެސް މަސައްކަތްކުރާނީ އެމީހެއްގެ ފުށުން ހުއްދަ ނޫން ފައިދާތައް ލިބިގަތުމަށެވެ. ނަމަވެސް އިސްލާމީ މުޖުތަމަޢެއްގައި އެވެނި މީހަކީ ނުކުޅެދުންތެރިކަމެއް ހުންނަ މީހެއްކަން އެނގިއްޖެނަމަ އެމީހަކާމެދު ދެކޭނީ އޯގާވެރިވުމާއި ހެޔޮއެދުމާއި ހަމްދަރުދީވުން ޙައްޤު މީހެއް ކަމުގައެވެ. އެމީހެއްގެ ފުށުން ފައިދާ ލިބިގަތުމުގެ ބަދަލުގައި ވިސްނާނީ އެމީހަކަށް އެންމެ ލާބަހުރި ގޮތަކަށް މުޢާމަލާކުރުމަށެވެ. އިސްލާމީ މުޖުތަމަޢެއްގައި މީހަކު "އަހަރުމެންގެ ދީނުގައި ކެހިދިނުމެއް ނުވެއެވެ." ބުނުމަކީ އެމީހަކަށް ފަހަރެއްގައިވެސް މީހަކު މަކަރެއް ހަދައިގެން ނުވާނެކަމުގެ ގެރެންޓީއެކެވެ. އެމީހަކަށް ވީހާވެސް ބޮޑަށް ރިޢާޔަތްކުރެވޭނެ ކަމެކެވެ. މީހެއްގެ ސާދާކަން އެނގުމަކީ މިޒަމާނުގެ މުޖުތަމަޢުގައި އެމީހަކު ލޫޓުވާލެވުމުގެ ސަބަބަކަށްވިޔަސް އިސްލާމީ މުޖުތަމަޢުގައި އެކަން ވާނީ އެމީހަކަށް ޙިމާޔަތާއި ރައްކާތެރިކަން ލިބުމުގެ ޔަޤީން ސަބަބެއް ކަމުގައެވެ.
ނުކުޅެދޭ މީހުން ބެލެހެއްޓުން
ލޯފަން މީހަކަށް ވުމުގެ ސަބަބުން ނުވަތަ އަތްފައިގައި ހުރި ނުކުޅެދުންތެރިކަމެއްގެ ސަބަބުން ނުވަތަ ބުއްދީގެ ގޮތުން ނުކުޅެދޭ މީހަކަށް ވުމުގެ ސަބަބުން އާމްދަނީ ހޯދުމުގެ ޤާބިލުކަން ނުހުންނަ މީހުންނާމެދު އިސްލާމީ ޤާނޫނުގައި ވަނީ އެމީހަކަށް ނަފަޤާތް ލިބިދިނުމަށެވެ. އިސްލާމްދީން އެންމެ ފުރަތަމަ އެ މަސްއޫލިއްޔަތު ޙަވާލުކުރަނީ އެމީހެއްގެ ބައްޕަ ނުވަތަ ފިރިހެންދަރިފުޅާއެވެ. އެފަދަ ފަރާތެއް ނެތްނަމަ އެމީހެއްގެ ތިމާގެ މީހުންކުރެ ވާރުތަވެރީންނާއެވެ. އެފަދަ މީހަކުވެސް ނެތްނަމަ ނުވަތަ އެމީހުންގެ ކިބައިގައިވެސް އެކަމުގެ ތަނަވަސްކަމެއް ނެތްނަމަ އިސްލާމީ ސަރުކާރުން އެފަދަ މީހުންގެ އަސާސީ ބޭނުންތައް ފުއްދައިދޭން ޖެހޭނެއެވެ. ހަމައެކަނި އެމީހެއްގެ ޚަރަދުބަރަދެއް ނޫނެވެ. އެމީހެއްގެ އެހެނިހެން ބޭނުންތައްވެސް ފުއްދައިދޭން ޖެހޭނެއެވެ.
سعيد بن يربوع رضى اللّه عنه އަކީ ޤުރައިޝީ ޞަޙާބީއެކެވެ. ކޮންމެވެސް ސަބަބަކާހުރެ އެކަލޭގެފާނުގެ ލޯފުޅު އަނދިރިވިއެވެ. أمير المؤمنين عمربن الخطاب رضى اللّه عنه އެކަލޭގެފާނުގެ ހާލުކޮޅު ދެކެވަޑައިގަތުމަށްޓަކައި އެކަލޭގެފާނުގެ ގެކޮޅަށް ޒިޔާރަތްކުރެއްވިއެވެ. ވާހަކަދެއްކެވުމުގެ ތެރޭގައި عمرގެފާނު ވިދާޅުވިއެވެ. "ކަލޭގެފާނު ނަމާދުގެ ޖަމާޢަތުގައި ބައިވެރިވެވަޑައިގަތުމާއި ހުކުރަށް ވަޑައިގަތުން ހުއްޓައިނުލައްވާށެވެ." سعيد ވިދާޅުވިއެވެ. "އަޅުގަނޑު މިސްކިތަށް ގެންގޮސްދޭނެ މީހަކު ނެތެވެ." عمرގެފާނު ވިދާޅުވިއެވެ. "އަޅުގަނޑު އެކަމުގެ އިންތިޒާމު ހަމަޖައްސާނަމެވެ." عمرގެފާނު އަރިހުގައި އެވަގުތު ޚާދިމަކު ނެތެވެ. އެހެންކަމުން އެ ޚިދުމަތަށްޓަކައި ކޮންމެ ވަގުތަކުވެސް ކުއްޖަކު ފޮނުއްވައެވެ. (الاصابة فى تمييز الصحابة: 3/98 - كنز العمال: 8/198)
އިސްލާމީ ދައުލަތުން ލޯފަން މީހަކަށް ނަމާދުގެ ޖަމާޢަތުގައި ބައިވެރިވުމާއި ހުކުރަށް ދިޔުމުގެ އިންތިޒާމު ހަމަޖައްސައިދޭއިރު އެމީހެއްގެ އަސާސީ ބޭނުންތައް ފުއްދައިދޭނެކަމީ ކަށަވަރު ކަމެކެވެ.