އިންސާނީ ޙައްޤުތައް ހިމާޔަތް ކުރުމަށްޓަކައި ބޭނުން ވަނީ އިސްލާމީ ޙައްލެއް

ގަދަފަދަ މީހުންނާއި ބަލިކަށި މީހުން މިއަދުވެސް ދުނިޔޭގައި އެބަތިއްބެވެ. އިއްޔެވެސް އެފަދަ މީހުން އުޅުނެވެ. މާދަމާވެސް އުޅޭނެކަން ކަށަވަރެވެ. އިންސާނީ ފިޠުރަތު އެދެނީ ބާރުގަދަ މީހުން އެބައިމީހުންގެ ބާރު ނަހަމަގޮތުގައި ބޭނުން ނުކުރުމެވެ. ބާރުގަދަ މީހުން ނިކަމެތީން ދެކެ ލޯބިވުމެވެ. ނިކަމެތީންނަށް ހަމްދަރުދީވުމެވެ. ނިކަމެތީންނާ އަޅައިލައި އެއްބާރުލުން ދިނުމެވެ. އިންސާނީ ފިޠުރަތު އެދެނީ ބާރުގަދަ މީހުންގެ ބާރު ހެޔޮގޮތުގައި ބޭނުންކުރުމެވެ. ބަލިކަށި މީހުންގެ ބަލިކަށިކަން ފިލުމަށެވެ. ނިކަމެތީންނަށް ޙަޔާތުގެ ދުވެލީގައި ފަހަތަށް ފޭދިގެންނުގޮސް ހިފަހައްޓައިލެވުމުގެ އެކަށޭނަކަށް ހޯދައިދިނުމަށެވެ. އެމީހުން ކުރިއެރުވުމަށެވެ.

ނަމަވެސް ތާރީޚުގެ ވޭތުވެދިޔަ ދައުރުތަކުން ހެކި ލިބެނީ އެގޮތަކަށެއް ނޫނެވެ. މިއަދު ފެންނަމުންދަނީވެސް ފިޠުރަތު އެދޭއެދުން ފުރިހަމަވަމުންދާ މަންޒަރެއް ނޫނެވެ. ބާރުގަދަ މީހުންގެ އަތްމައްޗަށް ޖަމާވަމުންދާތީ ފެންނަނީ ސުމާރެއް ނެތްހައި ގިނަ ޙައްޤުތަކެވެ. އިޚްތިޔާރުތަކެވެ. ބަލިކަށި މީހުންނަށް ލިބެނީ ދާދި ކުޑަ މިންވަރެކެވެ. ނުވަތަ އެއްވެސް މިންވަރެއް ލިބެމުންނެއް ނުދެއެވެ. ބާރުގަދަ މީހުން އެބައިމީހުންގެ ބާރުގެ މަސްތުގައި އެބައިމީހުންގެ ޒިންމާގެ މައްޗަކުން ހަނދާނެއް ނުހުރެއެވެ. ނިކަމެތީން ދަނީ އުފުލަންޖެހޭ މަސްއޫލިއްޔަތުތަކުގެ ބުރަބޮޑުވެ އޭގެ ދަށުގައި ވަޅުލެވެމުންނެވެ. ބާރުގަދަ މީހުން އެބައިމީހުންގެ ޙައްޤުތަކާއި އިޚްތިޔާރުތަކުގެ ބޭނުންކުރަނީ އެއްވެސް ސުމާރެއް ނުބަލައެވެ. ބަލިކަށި މީހުން އެބައިމީހުންގެ ނުކުޅެދުންތެރިކަމާމެދު ކަރުނައަޅަމުން ގެންދަނީއެވެ. ބާރުގަދަ ގަދަފަދަ އަތްތަކުން ނިކަމެތީން އޮބައިގަނެ ޗިސްޗިސްކޮށްލަނީ ފަރިޔާދުކޮށް ގިސްލައި ރޮއިހެދުމުގެވެސް ހުއްދައެއް ނުދީއެވެ. ނަތީޖާއެއްގެ ގޮތުން ތާރީޚުގެ ތަފާތު އެކިދައުރުގައި ތަފާތު ތަންތާނގައި އުފެދެމުންއައީ، ޙައްޤުތައް ނިގުޅައިގަނެވިފައިވާ މީހުންނާއި ޙައްޤުތައް ނިގުޅައިގަންނަ މީހުންގެ އެކިއެކި ފަންތިތަކެވެ. އެއްފަރާތެއްގައި ތިބީ ވަށައިގެންހުރި ހުރިހާ ވަސީލަތްތަކެއްގެ ޚުދުމުޚުތާރު ވެރީންނެވެ. އަނެއް ފަރާތެއްގައި ތިބީ ހުރިހާ އެއްޗެއްސަކުން މަޙްރޫމުވެފައިވާ ނިކަމެތީންނެވެ. އެއްފަރާތެއްގައި ނަށަމުން ދިޔައީ ފަސޭހަތަކާއި އަރާމާއި އުފަލާއި މަޖަލުގެ ހުރިހާ ވަސީލަތްތަކެއްގެ ވެރީންނެވެ. އަނެއް ފަރާތެއްގައި ތިބި މީހުން މަސައްކަތްކުރަމުން ގެންދިޔައީ ތިމާގެ އަމިއްލަ ފުރާނަ ހަށިގަނޑުގެ ކޮށީގެ ތެރޭގައި މައިތިރިކުރެވޭތޯއެވެ.

ވެރިކަމާއި އާރާއި ބާރާއި ޤާނޫނާއި ޢިލްމާއި ފަންނާއި އިޤްތިޞާދީ ވަސީލަތްތަކާ މިހުރިހާ ކަމެއް އޮތީ ބާރުގަދަ ގިންތީގެ އަތްމަތީގައެވެ. އަމީރުންނާއި ފުރަދާނައިން އުފެދެނީ އެބައިމީހުންގެ ތެރެއިންނެވެ. ޢަސްކަރީ ކޮމާންޑަރުކަމަކީ އެބައިމީހުންގެ ޙައްޤެކެވެ. ޢިލްމާއި ފަންނުގެ މާހިރުން އުފަންވަނީ އެބައިމީހުންގެ އެތެރެގެތަކުގައެވެ. ތަހުޒީބުގެ މޭސްތިރީންނާއި މުޖުތަމަޢު ފަރުމާކުރާ މީސްމީހުންނަކީ އެބައިމީހުންގެ ނަސްލުން އުފަންވާ ބަޔެކެވެ. ހުރިހާ މާތްކަމަކާއި މޮޅުކަމެއް އޮތީ އެބައިމީހުންނަށެވެ. އަނެއްކޮޅުން ނިކަމެތީންނަކަށް އެއިން އެއްވެސް ކަމެއް ހޯދުމުގެ ޚިޔާލެއްވެސް ނާދެއެވެ. އެބައިމީހުން ދިރިތިބީވެސް ބާރުގަދަ ފަންތީގެ ބޭނުމުގައެވެ. އެއްވެސް ދިރުމެއް ފުރާނައެއްނެތް މެޝިންތަކެއް ފަދައިން މަސައްކަތްކޮށް ބާރުގަދަ ގިންތީގެ ބާރު އިތުރުކޮށްދިނުމަށްޓަކައެވެ. ބާރުގަދަ ގިންތީން ވަނީ އެބައިމީހުންނަށް އެ ޙައްޤުތަކެއް ލިބޭންޖެހޭ އެއްވެސް ސަބަބެއްނެތް އެތައް ޙައްޤުތަކެއް ލިބިގެންފައެވެ. އަނެއްކޮޅުން ނިކަމެތީން ތިބީ އެބައިމީހުންނަށް ލިބުން ލާޒިމު ޙައްޤު ހޯދަން މަސައްކަތްކުރުން އެއްކިބާގައި އޮއްވައި އެ ވާހަކަތައް ދުލުކުރިޔަށް ގެންނާންވެސް ޖެހިލުންވެފައެވެ. މޮޅުމީހުންނާއި ދެރަމީހުންގެ މި ތަފާތުގެ ސިލްސިލާ ދިގުލަމުންގޮސް ދެފަންތީގެ މީހުންނަށްވެސް ހީވެފައި އޮތީ ފިޠުރީ ޤާނޫނަކީ އެއީ ކަމުގައެވެ. ބާރުގަދަ މީހުން ދެކެމުންއައީ އެބައިމީހުންނަށް ލިބިފައިވާ މޮޅަކީ އެބައިމީހުންގެ އަމިއްލަ ޙައިޘިއްޔަތުން ލިބިފައިވާ ޒާތީ ޙައްޤެއް ކަމުގައެވެ. ނިކަމެތީން ދުވަހެއް ދުވަހަކަށް އާދަވަމުންއައީ އެބައިމީހުންގެ މަޙްރޫމުކުރެވުމުގެ މައްޗަށް ފުދިގެން ތިބުމަށެވެ. އެބައިމީހުންނަށް ވިސްނިފައިއޮތީ ތިމާމެންގެ ކަންތައް މި ހުންނަނީ ތިމާމެންނާމެދު އަޒަލުއްސުރެ ލިޔެވިފައިވާ ގޮތަށް ކަމުގައެވެ. އެ ދެފަންތީގެ މެދުގައި މަދުފަހަރަކު ޒުވާބު ހިނގައިފައިވެއެވެ. ހަނގުރާމަވެސް ކުރެވިފައިވެއެވެ. ބަޣާވާތްވެސް އުފެދިފައިވެއެވެ. ނަމަވެސް ކަންހުރި ގޮތަށް މާބޮޑު ތަފާތެއް އައިތަނެއް ފެނިފައެއް ނުވެއެވެ.

އެހެންކަމުން އެ ތަސްވީރަކީ ވަރަށްވެސް ބިރުވެރި ތަސްވީރެކެވެ. އެ ތަސްވީރާ ގުޅިގެން އެހާމެ ނުރައްކާތެރި ސުވާލުތަކެއްވެސް ވަނީ ކުރިމަތިވެފައެވެ. އާދެ، އިންސާނީ ދަރިފަސްކޮޅުގެ ތާރީޚަކީ އަނިޔާއާއި ބޭއިންސާފުގެ ތާރީޚެއް ހެއްޔެވެ؟ އިންސާނީ ތާރީޚުގައި ޢަދުލުއިންޞާފާއި ދީލަތިކަމާއި އިޙްސާންތެރިކަމުގެ ބަހާރުމޫސުމެއް ދުވަހަކުވެސް ނާންނަނީ ހެއްޔެވެ؟ ވޭތުވެގެންދިޔަ ދިގު މުއްދަތުގައި އާދަމުގެދަރީންކުރެ ގިނަމީހުން ތިބީ އެބައިމީހުންގެ ޙައްޤުތަކުގެ ވާހަކަ އޮޅުންނުފިލައި ހެއްޔެވެ؟ އެކަން އޮޅުންފިލުވައި ނުދެވި ހެއްޔެވެ؟ އެބައިމީހުންގެ ޙިއްޞާއަކަށް ވެފައި އޮތީ އިންސާނީ ޙައްޤުތަކުން މަޙްރޫމްކުރެވުން ހެއްޔެވެ؟ އެބައިމީހުންގެ ޙައްޤުތަކުގެ ޙިމާޔަތުގައި ދުވަހަކުވެސް މީހަކު އަޑުއުފުލައިފައި ނުވަނީ ހެއްޔެވެ؟ އެބައިމީހުންގެ ޙައްޤު އެބައިމީހުންނަށް ހޯދައިދޭން މަސައްކަތްކޮށްދީ އެ ޙައްޤު ހޯދައިދިން މީހަކު ދުނިޔެއަށް އުފަން ނުވަނީ ހެއްޔެވެ؟

މި ސުވާލުތަކަށް ލިބެމުން އައީ އަންނަނިވި ޖަވާބުތަކެވެ. ޢަދުލުއިންޞާފުގެ މިސާލުތައް ދުނިޔެއިން ފެނިފައިވާކަން ކަށަވަރެވެ. ނަމަވެސް ގިނައިން ލިޔެވެމުން އައިސްފައިވަނީ އަނިޔާވެރިކަމުގެ ތާރީޚެވެ. ވެރިކަމުގައި ތިބޭ މީހުންނާއި ބާރުގަދަ ފަރާތްތަކުން އިތުރުކުރަމުން ގެންދަނީ އެ ތާރީޚުގެ ކަޅު ޞަފްޙާތަކެވެ. ނަތީޖާއެއްގެ ގޮތުން އިންސާނީ ޙައްޤުތަކުގެ ތަޞައްވުރު ވަރުގަދަޔަށް އުފެދޭންފެށީ ދާދި މަދު ސައްތަ އަހަރުތަކެއްގެ ކުރީންނެވެ. އެކަމަށްޓަކައި ގަދައަޅައި މަސައްކަތްކުރާން ފެށުނުތާ މާގިނަ ޤަރުނުތަކެއް ފާއިތުނުވަނީސް އެ ތަޞައްވުރު ވަނީ ޢާންމު ތަޙްރީކެއްގެ ސިފަ ޚިޔާރުކޮށްފައެވެ. އެ ތަޙްރީކުގެ މަރުކަޒަކަށް ވެފައިވަނީ ޔޫރަޕެވެ. ޚާއްޞަކޮށް އިނގިރޭސިވިލާތާއި ފަރަންސޭސިވިލާތެވެ. ތަންކޮޅެއް ފަހުން އެމެރިކާވެސް ވަނީ އެ މިޞްރާބުގައި ކުރިޔަށް ދަތުރުކުރާން ފަށައިފައެވެ.

ބުނެވޭ ގޮތުގައި ދުނިޔޭގެ އެނގިފައިވާ ތާރީޚުންނާއި ދީނީ ފޮތްތަކުން އިންސާނުންގެ އަސާސީ ޙައްޤުތަކުގެ ޙަވާލާތައް ފެނެއެވެ. ނަމަވެސް އެ ޙަވާލާތައް އިންސާނީ ޙައްޤުތަކުގެ ނަމުގައި ފާހަގަކުރެވެމުންނެއް ނުދެއެވެ. މިޒަމާނުގެ މުއައްރިޚުންގެ އަރިހުގައި އިންސާނީ ޙައްޤުތަކުގެ ތަޞައްވުރު ދުނިޔެއަށް ތަޢާރުފުވީ މެގްނާކާޓާ (Magna Carta) ގެ ޒަރީޢާއިންނެވެ. މެގްނާކާޓާ ފާސްވީ އިނގިރޭސިވިލާތުގެ ކިންގްޖޯން (John) ގެ ވެރިކަމުގައެވެ. 15 ޖޫން 1215 ގައެވެ. ނަމަވެސް އެ ޤަރާރުގެ ސަބަބުން އިނގިރޭސި ރައްޔިތުންނަށް ޝަޚްޞީ މިނިވަންކަމާއި ސިޔާސީ މިނިވަންކަން ލިބުނު ކަމުގައި ފާޅުކުރެވޭ ޚިޔާލުތަކަކީ ރަނގަޅު ޚިޔާލުތަކެއް ނޫނެވެ. ޙަޤީޤަތުގައި މެގްނާކާޓާއަކީ ބައެއް ފަންތިތަކުގެ ޙައްޤުތަކާމެދު ވިސްނައިވަޑައިގަތުން އެދި ރަސްގެފާނުގެ އަރިހުގައި ދެންނެވިފައިވާ ދެންނެވުމެކެވެ. އެއަށްވުރެ އިތުރު ޙައިޘިއްޔަތެއް މެގްނާކާޓާއަކަށް ލިބިފައެއް ނުވެއެވެ. މިރޮނގުން ހުޅަނގުގައި އެހެނިހެން މަސައްކަތްތަކެއްވެސް ކުރެވެމުން އައެވެ.

ކިންގް ކޮންކާޑު (Concard 2) ޤަރާރެއްގެ ޒަރީޢާއިން ޕާލަމެންޓުގެ އިޚްތިޔާރުތައް ކަނޑައެޅުއްވިއެވެ.

1188 ގައި ކިންގް އަލްފާންސޫ ނުވައެއް (Alfanso IX) ހައްޔަރުކުރެވޭ މީހުންނަށް އެބައިމީހުން ހައްޔަރުކޮށްފައިވަނީ ޤާނޫނާ އެއްގޮތަށްތޯ ބަލަން ކޯޓަށް ހުށަހެޅުމުގެ ފުރުޞަތުނުދީ ހައްޔަރުކޮށްފައި ބައިތިއްބުމަކީ ޞައްޙަ ކަމެއް ނޫންކަން ޤަބޫލުކުރެއްވިއެވެ.

1766 ގައި ފަރަންސޭސިވިލާތުގެ މަޝްހޫރު މުފައްކިރު ރޫސޯ (Rousseaue) ޢުމްރާނީ މުޢާހަދާ ލިޔުއްވިއެވެ. އޭނާއާމެދު ބެލެވެނީ ފަރަންސޭސި އިންޤިލާބުގެ ބާނީ ކަމުގައެވެ. އެ މުޢާހަދާގެ ބިންގަލުގެ މަތީގައި 1789 ގައި ފަރަންސޭސިވިލާތުގެ އިންސާނީ ޙައްޤުތަކުގެ ޑެކްލަރޭޝަން (Declaration of the Rights of Man) ލިޔެވުނެވެ.

1776 ގައި އެމެރިކާގެ ވާރޖީނިޔާގައި ބޭއްވުނު އެއްވުމަކުން George Mosion ތައްޔާރުކޮށްފައިވާ އިންސާނީ ޙައްޤުތަކުގެ ޗާޓަރ ފާސްވިއެވެ.

މީގެ އިތުރުންވެސް މިރޮނގުން ފާހަގަކޮށްލެވޭފަދަ މަސައްކަތްތަކެއް ކުރެވެމުންއައެވެ. އދ. މަޖިލީހުންވެސް އެކިފަހަރުމަތީން ވަނީ އިންސާނީ ޙައްޤުތަކާބެހޭ އެކިއެކި ޤަރާރުތައް ފާސްކޮށްފައެވެ. އެގޮތުން 10 ޑިސެމްބަރ 1948 ގައި ވަނީ ބައިނަލްއަޤްވާމީ އިންސާނީ ޙައްޤުތަކުގެ ޗާޓަރ (The universal Declaration of Human Rights) ފާސްކޮށްފައެވެ. ދުނިޔޭގެ ގިނަ ޤައުމުތަކުން އެ ޑެކްލަރޭޝަނަށް ތާއީދުކުރިއެވެ. ތާއީދުނުކުރާ ޤައުމުތައްވެސް އެ ޑެކްލަރޭޝަނަކާ ދެކޮޅެއް ނަހަދައެވެ. އެގޮތުން އެ ޑެކްލަރޭޝަނަކީ ދުނިޔޭގެ ހުރިހާ ޤައުމުތަކެއް އިއްތިފާޤުވާ ޑެކްލަރޭޝަނެއް ކަމުގައި ދެންނެވިދާނެއެވެ. އެއްވެސް ޤައުމަކުން އެ ޑެކްލަރޭޝަނަށް އިންކާރު ނުކުރާތީއެވެ. ނުވަތަ ދެކޮޅު ނަހަދާތީއެވެ. އެހެންކަމުން އެ ޑެކްލަރޭޝަނަކީ އިންސާނީ ޙައްޤުތަކުގެ ތާރީޚުގެ އިންޤިލާބީ ފިޔަވަޅެއް ކަމުގައި ބެލެވެއެވެ.

މިދެންނެވި ބައިނަލްއަޤުވާމީ އިންސާނީ ޙައްޤުތަކުގެ ޗާޓަރުގައި މަރުކަޒީ ޙައިޘިއްޔަތެއް ލިބިފައިވަނީ ފަރުދުންގެ މިނިވަންކަމަށާއި، ޢަދުލުއިންޞާފަށާއި، ހަމަހަމަކަމަށެވެ. އިޤްތިޞާދީ، އިޖުތިމާޢީ، ޘަޤާފީ ޙައްޤުތަކާއި ސިޔާސީ ޙައްޤުތައްވެސް އެ ޤަރާރުގެ ދާއިރާގައި ވަނީ ޝާމިލްކޮށްފައެވެ. ކޮންމެ މީހަކާމެދުވެސް ހަމަހަމަކޮށް ކަންތައް ކުރެވުމުގެ ޙައްޤު ވަނީ ޤަބޫލުކޮށްފައެވެ. އެކަކަށްވުރެ އަނެކަކު މޮޅުކަމުގައި ނުވަތަ ދެރަކަމުގައި ނުބެލުމާއި، އިންސާނާގެ ޖާނާއި މާލު ރައްކާތެރިވުމާއި، އެއްވެސް ކަހަލަ ގަދަބަދަވިކަމެއް ނުދެއްކުމާއި، އަނިޔާއެއް ނުކުރުމާއި، ޢަދުލުއިންޞާފު ލިބުމުގެ ޙައްޤަށް ވަނީ އިޢުތިރާފުވެފައެވެ. ހަމައެފަދައިން ދީނާއި ޢަޤީދާގެ މިނިވަންކަމާއި، ޚިޔާލު ފާޅުކުރުމާއި، ޖަމާޢަތްތަކާއި ޖަމްޢިއްޔާތައް ހެދުމާއި، ދަތުރުފަތުރުކުރުމާއި، އެއްތަނުން އަނެއްތަނަށް ބަދަލުވުމާއި، އަމިއްލަ އިޚްތިޔާރުގައި ކާވެނިކޮށް ޢާއިލާ އުފެއްދުމުގެ ޙައްޤު ވަނީ ޤަބޫލުކޮށްފައެވެ. ތަޢުލީމު ހޯދުމާއި، ސަރުކާރުގައި ބައިވެރިވުމާއި، ވަޒީފާ އަދާކުރުމާއި، އަރާމާއި އުފާ ހޯދުމާއި، ޒާތީ ދިރިއުޅުމާއި ގޭތެރޭގެ ދިރިއުޅުމާ ނުބެހެވުމަކީވެސް އަސާސީ ޙައްޤު ކަމުގައި ވަނީ ހަމަޖައްސައިފައެވެ.

އެ ޗާޓަރުގައި ހިމެނޭ ރަނގަޅުކަމެއް ކަމުގައި ބެލެވިފައިވަނީ އެ ޗާޓަރު އަފްރާދުންނަށް އެބައިމީހުންގެ އަސާސީ ޙައްޤުތައް ހޯދައިދިނުމެވެ. ވެރިކަންކުރާ ޖަމާޢަތުގެ އަނިޔާވެރިކަމުން ރައްޔިތުން ސަލާމަތްކުރުމަށް ތަދުބީރުކުރެވިފައިވުމެވެ. ބާރުތައް ފެށިގެން އަންނަނީ ޢާންމު ރައްޔިތުންގެ ފަރާތުން ކަމަށާއި، ވެރީން ރައްޔިތުންގެ ކުރިމަތީގައި ޖަވާބުދާރީވާން ޖެހޭނެ ކަމުގައި ބުނެފައިވުމެވެ. ޢަދުލުއިންޞާފު ލިބިގަތުން ފަސޭހަކުރަން މަސައްކަތްކޮށްފައިވުމެވެ. ތަޢުލީމާއި ތަރައްޤީއާއި ތިޔާގިކަމުގެ ފުރުޞަތު އަފްރާދުންނަށް ހޯދައިދިނުމަށް ސަމާލުކަންދީފައިވުމެވެ.

އދ. ގެ އިންސާނީ ޙައްޤުތަކުގެ ޗާޓަރުގެ އަނެއްފުށަކީ އެ ޗާޓަރުގައި އަސާސީ ބައެއް އުނިކަންވެސް ހުރުމެވެ. އެއީވެސް ހަމައެކަނި މަތިމަތީން ބަލައިލައިފައި ދޫކޮށްލެވެން ނެތް ކަންތައްތަކެކެވެ. އެކަންކަމާހުރެ އުންމީދުކުރެވުނު ނަތީޖާތަކެއް އެ ޗާޓަރުން ޙާޞިލުވަމުންނެއް ނުދެއެވެ.

އެ ޗާޓަރުގެ ފަހަތަކު އެއްވެސް ކަހަލަ ތަންފީޒީ ބާރެއް ނެތެވެ. އެހެން ޢިބާރާތަކުން ދަންނަވާނަމަ ޤައުމެއް އެ ޗާޓަރަށް ބޯލެންބޭނެ މަތީބާރެއް ނެތެވެ. އެހެންކަމުން ބައެއް ފަހަރު އެ ޗާޓަރަކީ ހަމައެކަނި ވަޢުޡާއި ނަޞޭޙަތާ އެއްމާނައެއްގެ އެއްޗަކަށްވެއެވެ. އަޚުލާޤީ ގޮތުން ގޮވައިލެވޭ ގޮވައިލުމަކަށްވެއެވެ. ނަތީޖާއެއްގެ ގޮތުން އެ ޗާޓަރަކީ މުޤައްދަސް ޞުޙުފެއްކަމަށް ބަލައި އޭގެ އަޑުއަރުވަމުންދާ ޤައުމުތަކުގައިވެސް އިންސާނީ ޙައްޤުތަކާ ޚިލާފު ކަންތައް ވަރަށް ގިނައިން ހިނގައެވެ.

އދ. ގެ އިންސާނީ ޙައްޤުތަކުގެ ޗާޓަރުގައި ބަޔާންކޮށްފައިވާ ޙައްޤުތައް އިންސާނުންނަށް ލިބެމުންދޭތޯ ބަލާ ވަރަށް ގިނަ އިދާރާތަކެއް ދުނިޔޭގައި މަސައްކަތްކުރަމުން ގެންދެއެވެ. ފައިދާހުރި ވަރަށް ގިނަ ޚިދުމަތްތަކެއްވެސް އެ އިދާރާތަކުން ކުރަމުން ގެންދެއެވެ. އޭގެތެރެއިން އެއްއިދާރާއަކީ European Court of Human Rights އެވެ. ޔޫރަޕްގެ ޤައުމުތަކުން އިންސާނީ ޙައްޤުތަކާ ޚިލާފުވުމުގެ މައްސަލަތައް ހުށަހަޅަމުން ގެންދަނީ އެ ކޯޓަށެވެ. އެ ކޯޓަށް ހުށަހަޅާ މައްސަލަތަކުގެ ޢަދަދު ވަނީ އެތައް ހާހަކަށް އަރައިފައެވެ.

އެ ތަހުޒީބީ ޤައުމުތަކުން ދާޚިލީ ގޮތުން އިންސާނީ ޙައްޤުތަކާ ޚިލާފުވާ ވަރަށްވުރެ އެތައް ގުނައެއް އިތުރަށް ބައިނަލްއަޤުވާމީ ގޮތުން އިންސާނީ ޙައްޤުތަކާ ޚިލާފުވަމުން ގެންދެއެވެ. ތަރައްޤީވެފައިވާކަމަށް ބެލެވޭ ބާރުގަދަ ޤައުމުތައް އިންސާނީ ޙައްޤުތަކަށް އަރައިގަތަނުދީ ހިފެހެއްޓުމަކީ ބަލިކަށި ޤައުމުތަކަށް ކުޅަދާނަކަމެއް ނޫނެވެ. އަލްޖޭރިޔާއާއި ފަލަސްޠީނާއި ކޮސޯވޯއާއި ބޮސްނިޔާއާއި ޢިރާޤާއި އަފްޣާނިސްތާނާ އަދި އެނޫންވެސް އެތައް ޤައުމުތަކަކީ އޭގެ ފާޅުކަންބޮޑު މިސާލުތަކެވެ. ފަލަސްޠީނުގައި އިންސާނީ ޙައްޤުތަކަށް ފައިންއަރަމުން ގެންދާދިޔުން އދ. ގެ މައްސަލަ ބަލާ ޓީމުގެ މަސްއޫލުވެރީންވެސް ވަނީ ތަސްލީމުކުރައްވައިފައެވެ. ފަރުދުންނާއި ސަރުކާރުގެ ޙައްޤުތައް އެ ޗާޓަރުގައި ޞަރީޙަކޮށް ޢައްޔަންކުރެވިފައެއް ނުވެއެވެ. ފަރުދުންގެ ޙައްޤުތަކުގެ ދާއިރާއަކީ ކޮބައިކަމެއް، ސަރުކާރުގެ އިޚްތިޔާރުތައް ފެށެނީ ކިހާ ހިސާބަކުންކަމެއް ސާފުކޮށް އޮޅުމެއް ނުފިލައެވެ.

ދީނާ ބެހޭގޮތުންވެސް އެ ޗާޓަރުގެ އުޞޫލުތައް ޞަރީޙައެއް ނޫނެވެ. ދީނެއް ޚިޔާރުކުރުމާއި ދީނަށް ޢަމަލުކުރުމުގެ އިޚްތިޔާރު ވަނީ ދީފައެވެ. ނަމަވެސް އިންސާނާއަށް ލިބެންވާ ޙައްޤުތަކަކާއެކު ވާޖިބުތަކެއްވެސް ކަނޑައަޅާކަން ވަނީ ހަނދާންނައްތައިލައިފައެވެ. ސުވާލަކީ ދީނީ ވާޖިބުތަކާ އެއްގޮތަށް އޭނާއަށް ޢަމަލުކުރެވިދާނެ ބާވައެވެ؟ ނުކުރެވޭނެ ކަމަށްވާނަމަ، ނުވަތަ ކުރެވޭނީ ޚާއްޞަ ދާއިރާއެއްގެ ތެރޭގައި ކަމަށްވާނަމަ، ދީނީ މިނިވަންކަމުގެ މާނައަކީ ކޮބައިބާވައެވެ؟       

އެ ޗާޓަރ ވުޖޫދަށް އައިސްފައިވަނީ އިންސާނާއަކީ އެއްވެސް ޤައިދެއްނެތް މީހެއްކަމާއި، އޭނާ އަމިއްލައަށް އޭނާއަށްޓަކައި ޤާނޫނު ހެދިދާނެކަމުގެ ތަޞައްވުރުގެ ދަށުންނެވެ. އިލާހީ އެއްވެސް ހިދާޔަތެއް އޭނާއަށް ބޭނުންނުވާކަމުގެ ފިކުރުގައެވެ. ނުވަތަ އެހެން ޢިބާރާތަކުން ދަންނަވާނަމަ އެ ޗާޓަރަކީ ޣައިރު ދީނީ ނުވަތަ ސެކިއުލަރ ޗާޓަރެކެވެ. އެހެންކަމުން ފިޠުރީ ގޮތުންވެސް އެ ޗާޓަރުގެ ސަބަބުން ފުރުޞަތު ލިބެނީ ސެކިއުލަރ ނަޒަރިއްޔާތައް އުފެދުމަށެވެ. އެބާވަތުގެ ޙަރަކާތްތައް ހެދިފޯދި އާލާވުމަށެވެ. ސެކިއުލަރިޒަމާ ގުޅޭ އުޞޫލުތައް ޢާންމުކުރުމަށާއި ފެތުރުމަށް އޭގެ ސަބަބުން ފުރުޞަތު ލިބެއެވެ. ޢަމަލީ ގޮތުން ބަލާއިރު ޚިޔާލުގެ މިނިވަންކަމާއި ފަރުދީ މިނިވަންކަމުގެ ނަމުގައި ހުރިހާ ކަމެއްގައިވެސް އެ ޗާޓަރުގެ ސަބަބުން އުފެދެމުންދަނީ އިލްޙާދެވެ. ހެއްދެވި ފަރާތާ ދުރަށް މޫނުއަނބުރައިލުމުގެ ޚިޔާލެވެ. ވަޙީއާއި ރިސާލަތާއި އާޚިރަތްދުވަހަށް އިންކާރުކުރުމުގެ ވިސްނުމެވެ. ހިނގަމުންދަނީ އަޚްލާޤު ހަލާކުކޮށްލުމުގެ ޙަރަކާތްތަކެވެ. ވަރުގަދަޔަކަށް މަސައްކަތް ކުރެވެމުންދަނީ، ދުނިޔެ ޚާއްޞަ ތަހުޒީބަކަށާއި ޘަޤާފަތަކަށް އާދަކުރުވުމަށެވެ. އަދި ކީއްތޯއެވެ؟ ތަބާކުރުވުމަށެވެ. ތަރައްޤީއަކީ އެއީ ކަމަށާއި، ޚިޔާލުގެ މިނިވަންކަމަކީ އެއީ ކަމުގައި ބެލެވިގެންނެވެ.

އަނެއްކޮޅުން ދީނީ ޙަރަކާތްތައް ހިންގުމުގެ ދާއިރާ ދަނީ ހަނިވަމުންނެވެ. ދީނީ ހަމަތަކާއި އަޚްލާޤީ އަގުތައް އަށަގަންނުވައި އެކަންކަން ހާމަކުރުމުގެ ފުރުޞަތު ދަނީ ކުޑަވަމުންނެވެ. ފަހަރެއްގައި އެއިން ކަމެއް ކުރެވޭނެ ގޮތް ހޯދުނު ކަމުގައި ވިޔަސް އެކަމަކަށް ތަފާތު ގޮތްގޮތުން ހުރަސްއެޅެއެވެ. ޚަބަރުފަތުރާ ވަސީލަތްތައް މެދުވެރިކޮށް އެކަމާ ދެކޮޅަށް މަސްރަޙު ތައްޔާރުކުރެވެއެވެ. އެކަމެއްގެ ސިފަ ހުތުރުކޮށް ދައްކައިދެއެވެ. ބޯދާކަމުގެ ނުވަތަ ފަންޑަމެންޓަލްކަމުގެ އިލްޒާމު އެޅުވުމަށްފަހު އެކަމަކީ ޤަބޫލު ނުކުރެވޭނެފަދަ ކަމަކަށް ހަދައިލައެވެ. ފުރުޞަތެއް ލިބިއްޖެނަމަ ބާރުގެ ބޭނުންކޮށްގެން އެކަމެއް ހުއްޓުވައިލުމަށްވެސް އެންމެ ނުލަފާ ތަދުބީރުތައް ކުރެވެމުންދެއެވެ. އެހައިތަނަށް ދާއިރު ޚިޔާލުގެ މިނިވަންކަމުގެ ހުރިހާ ދަޢުވާތަކެއް އާތްވަށްވެގެން ވައިގެ ތެރެއަށް ފޭދިގެން ހިނގައިދެއެވެ.

ޝައްކެއްނެތެވެ. މިހާރަކަށް އައިސް ހުރިހާ ފަރާތަކުންވެސް އިންސާނީ ޙައްޤުތަކުގެ އަޑުއަރުވަމުން ގެންދެއެވެ. މިރޮނގުން ވަރަށް ތާރީފު ޙައްޤު ރަނގަޅު މަސައްކަތްތަކެއްވެސް ކުރެވެމުން އެބަދެއެވެ. އަނެއްކޮޅުން ކޮންމެ ދުވަހަކުވެސް އިންސާނީ ޙައްޤުތަކާ ކަނޑައެޅިގެން ޚިލާފުވަމުންދާކަމީވެސް ޙަޤީޤަތެކެވެ. އެކަން ހުއްޓުވުމުގެ އެއްވެސް ތަދުބީރެއް ކާމިޔާބުވަމުންނެއް ނުދެއެވެ.

އިސްލާމްދީނަކީ މާތް اللّه ބާވައިލެއްވީ ދީނެކެވެ. އެ ދީނަކީ އިންސާނާގެ ދުނިޔެއާއި އާޚިރަތުގެ ބާއްޖަވެރިކަމުގެ ޖާމިނެވެ. އެ ދީން އަޅުގަނޑުމެންގެ ކުރިމައްޗަށް އަންނަނީ އިންސާނީ ޙައްޤުތަކުގެ ފާރަވެރިޔަކަށް ވެގެންނެވެ. އިންސާނާގެ ޙައްޤުތައް ނިގުޅައިގަތުން ހުއްޓުވުމަށްޓަކައި އެ ދީން ވަރަށް ފުރިހަމަ ތަދުބީރުތަކެއް އިޚްތިޔާރުކުރެއެވެ. މިއީ ހަމައެކަނި ޢަޤީދާގެ ސަބަބުން ނުވަތަ ދީނީ ލޯތްބާއި ޖަޒުބާތީ ގުޅުމުގެ ސަބަބުން ދައްކާ ވާހަކައެއް ނޫނެވެ. އަދި ކީއްތޯއެވެ؟ މިއީ ވަރަށް ބޮޑު ޙަޤީޤަތެކެވެ. ތެދުތެދަށް ދަންނަވާނަމަ، އިސްލާމްދީން އިންސާނީ ޙައްޤުތަކާ ބެހޭ ހުރިހާ ދާއިރާތަކަކަށް އަލިއަޅުވައިލައިފައިވާ ތަނަވަސްކަމާއި ފުންކަމާއި ވިސްނުންތެރިކަމާއި ހަރުދަނާކަމުގެ މިސާލެއްވެސް ދުނިޔޭގެ އެހެން އެއްވެސް ނިޒާމަކުންވެސް އިންސާނީ ޗާޓަރަކުންވެސް ފެނިފައެއް ނެތެވެ. އެހެން އެތައް ކަމެއްގައިވެސް ދުނިޔެ އިސްލާމްދީނުގެ ދީލަތިކަމުގެ ފައިދާ ލިބިގެންފައިވާ ފަދައިން މި މައްސަލައިގައިވެސް ވަނީ އިސްލާމްދީނުގެ މުއްސަނދި ބަގީޗާއިން ވަނދު ހޮވައިފައެވެ. އެކަމަށް އިޢުތިރާފުވުމުގެ ހިތްވަރު ދުނިޔޭގައި ނެތްކަމީ މުޅީން ތަފާތު މައްސަލައެކެވެ. އިސްލާމީ ފިކުރަށް ފުރިހަމައަށް ތަބާނުވުމުގެ ސަބަބުން މިޒަމާނުގެ އެއްބަޔެއްގެ ވިސްނުން ދީލިކަޑަވެފައިވާއިރު އަނެއްބަޔެއްގެ ފިކުރު ވަނީ ނެގިމަޑުވެފައެވެ. އެހެންކަމުން މިޒަމާނުގެ ދުނިޔެއަށް ބޭނުންވަނީ މި މައްސަލައިގައި އިސްލާމީ ފިކުރުގައި ހިމެނޭ މެދުމިންކަމާއި ތިލަފަތްހަމަކަން ހާމަކޮށްދިނުމަށެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.