(2 މާރިޗު 2018 ގައި ޝާއިއުކުރި ބަޔާ ގުޅޭ)
ޙަޤީޤީ ރަސްވަންތަ ފަރާތަކީ މާތް اللّه އެވެ.
އިންސާނާއަކީ އިޖުތިމާޢިއްޔަތަށް ލޯބިކުރާ މަޚްލޫޤެކެވެ. އެހެން ހުރިހާ ފަރާތްތަކަކާ ވަކިވެގެން އެކަނިމާއެކަނި ދިރިއުޅުމަކީ އޭނާގެ ފިޠުރަތާ ޚިލާފު ކަމެކެވެ. އިންސާނާ އުޅޭން ބޭނުންވަނީ މުޖުތަމަޢުގެ ޙިއްޞާއެއްގެ ގޮތުގައެވެ. ހަމައެފަދައިން މުޖުތަމަޢަކީ އޭނާގެ އަސާސީ ބޭނުމެއްވެސް މެއެވެ. އޭނާގެ ޙަޔާތުގެ ބޭނުންތައް އޭނާއަށް މަޖުބޫރުކުރަނީ އިޖުތިމާޢީ ދިރިއުޅުމެއް އުޅުމެވެ. އޭނާއަށް އޭނާގެ ޙަޔާތުގެ ބޭނުންތައް ފުރިހަމަކުރެވޭނީ އެހެންމީހުންގެ އެހީތެރިކަމާއި އެއްބާރުލުން ލިބިގެންނެވެ. މުޖުތަމަޢުގެ މެންބަރެއްގެ ޙައިޘިއްޔަތުން އޭނާއަށް ބައެއް ޙައްޤުތައް ލިބޭއިރު އޭނާގެ ކޮނޑުގައި މަސްއޫލިއްޔަތުތަކެއްވެސް އެޅެއެވެ. އޭނާއަށް ލިބެންވާ ޙައްޤުތައް އޭނާއަށް ދިނުމަށް ތަހުޒީބީ ކޮންމެ މުޖުތަމަޢަކަށް ލާޒިމުކުރެއެވެ. ހަމައެފަދައިން މުޖުތަމަޢުގެ ފަރާތުން އޭނާއަށް ލާޒިމުކުރާ ޒިންމާތައް އަދާކުރުމަކީ އޭނާވެސް ކުރަންޖެހޭ ކަމެކެވެ. މިދެންނެވި ޙައްޤުތަކާއި ވާޖިބުތަކަކީ ފަރުދުންގެވެސް މަސްއޫލިއްޔަތެކެވެ. ޢާއިލާތަކާއި މުޖުތަމަޢާއި ޤަބީލާވެސް ޙިއްޞާވާ ކަމެކެވެ. ސަރުކާރުންވެސް މިކަމުގައި ސަރުކާރުގެ ދައުރު އަދާކުރުން ލާޒިމެވެ.
މިދެންނެވި ޙައްޤުތަކާއި ވާޖިބުތައް ކަނޑައަޅައި ޢައްޔަންކުރާނީ ކޮން ފަރާތަކުން ބާވައެވެ؟ އަފްރާދުން އަމިއްލަ އަމިއްލައަށް ހެއްޔެވެ؟ ނުވަތަ އެ ބާރު ލިބޭނީ ކޮންމެވެސް އެހެން މީހަކަށް ހެއްޔެވެ؟ ނުވަތަ އެކަން ކުރާނީ ޖަމާޢަތުގެ އާދަކާދަ ހެއްޔެވެ؟ ނުވަތަ އެކަމުގައި ގޮތެއް ނިންމާނީ ސަރުކާރުން ހެއްޔެވެ؟ ނުވަތަ މިއިން ކޮންމެ ފަރާތެއްގެ ދައުރު ތަފާތު ހެއްޔެވެ؟ ނުވަތަ އެކަން ކުރާނީ ހުރިހާ ފަރާތްތަކެއް ގުޅިގެން ހެއްޔެވެ؟ މި ސުވާލުތަކަށް އިސްލާމްދީން ދޭ ޖަވާބުގައިވާ ގޮތުން މިކަން ކުރެއްވުމުގެ ޙައްޤު ލިބިވޮޑިގެންވަނީ ހަމައެކަނި اللّه سبحانه وتعالى އަށެވެ. ޤާނޫނު ހައްދަވާ ފަރާތަކީ އެކަލާނގެއެވެ. އިންސާނާއަށް ޤާނޫނެއް ދެއްވުމުގެ ޙައްޤު ލިބިވޮޑިގެންވަނީ ހަމައެކަނި އޭނާގެ ރަސްވަންތަ اللّه ގެ ރަސްކަންފުޅަށެވެ. އެކި މީހުންގެ ޙައްޤު ވަކިވަކިން ކަނޑައަޅުއްވަނީ އެކަލާނގެއެވެ. އެކި މީސްމީހުންގެ ވާޖިބުތައްވެސް ބަޔާންކުރައްވަނީ އެކަލާނގެއެވެ. ފަރުދުންނާއި ޖަމާޢަތާއި ދައުލަތާއި މިހުރިހާ ފަރާތްތަކެއްވެސް އެކަލާނގެ ރަސްކަންފުޅަށް ބޯލަނބަން ޖެހެއެވެ. އެކަލާނގެ އެއްވެސް ފަރުދަކަށް ޤާނޫނު ހެދުމުގެ ޙައްޤެއް ނުދެއްވައެވެ. އެއްވެސް ދީނީ ލީޑަރަކަށްވެސް ދީނީ އިދާރާއަކަށްވެސް މެއެވެ. މުޖުތަމަޢަކަށްވެސް އަދި ދައުލަތަކަށްވެސް މެއެވެ. ބައެއް ފަހަރަށް އިންސާނުން ހަދާ ޤާނޫނަށް ދީނީ ތަޤައްދުސުގެ ދަރަޖަ ދެވޭތީ ފެނެއެވެ. އިސްލާމްދީން ބުނަނީ އެއީ ކުށެއް ކަމަށެވެ. ބާޠިލް ކަމެއް ކަމުގައެވެ.
އެވޭލާ ޒަމާނުގައި ޢަރަބީން ވަނީ އަމިއްލައަށް ބައެއް އެއްޗެހި ޙަލާލުކޮށް ބައެއް އެއްޗެހި ޙަރާމްކޮށްފައެވެ. އެކަންކަމަށް އިލާހީ ޤާނޫނުގެ ޙައިޘިއްޔަތު ދީފައެވެ. ކީރިތި ޤުރްއާނުގައި ވަނީ އެކަމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އެއްވެސް އެއްޗެއް ޙަރާމްކުރެއްވޭނީ ނުވަތަ ޙަލާލުކުރެއްވޭނީ ހަމައެކަނި މާތް اللّه އަށްކަން ބަޔާންކޮށްދެއްވައިފައެވެ. އެއްވެސް މީހަކު އަމިއްލައަށް އެކަން ކުރުމަށްފަހު اللّه އަށް އެކަން ނިސްބަތްކުރުމަކީ އެކަލާނގެ ޙަޟްރަތުގައި އެމީހަކު ހަދާ ދޮގެކެވެ. އެކަން ކުރި މީހަކަށް ދުނިޔޭގައިވެސް އާޚިރަތުގައިވެސް ފަލާޙެއް ކާމިޔާބެއް ނުލިބޭނެއެވެ.
މާތް اللّه ވަޙީކުރައްވައިފައިވެއެވެ.
وَلَا تَقُولُوا لِمَا تَصِفُ أَلْسِنَتُكُمُ الْكَذِبَ هَذَا حَلَالٌ وَهَذَا حَرَامٌ لِتَفْتَرُوا عَلَى اللَّهِ الْكَذِبَ إِنَّ الَّذِينَ يَفْتَرُونَ عَلَى اللَّهِ الْكَذِبَ لَا يُفْلِحُونَ (النّحل: ١١٦)
މާނައީ: "اللّه އާމެދު، ތިޔަބައިމީހުން ދޮގުހެދުމަށްޓަކައި، ތިޔަބައިމީހުންގެ ދޫތަކުން ދޮގުތައް ހަދައި، ސިފަކޮށް އުޅޭ ކަންތަކަށް، މިއީ حلال ކަމެކޭ، އަދި މިއީ حرام ކަމެކޭ ތިޔަބައިމީހުން ނުބުނާށެވެ! ހަމަކަށަވަރުން، اللّه އާމެދު، ދޮގުހަދާ މީހުން ނުދިނޭހުށްޓެވެ."
ޔަހޫދީންނާއި ނަޞާރާއިން ވަނީ އެއުރެންގެ ޢިލްމުވެރީންނަށާއި ފަޤީހުންނަށާއި ޝައިޚުންނަށް އެހެން އެއްވެސް ފަރާތަކަށް ރިޢާޔަތްކުރުމަކާ ނުލައި އަމިއްލަ ޚިޔާލަށް ފެންނަ ގޮތަކަށް ޤާނޫނު ހެދުމުގެ ހުއްދަ ދީފައެވެ. ހުއްދަ ނުހުއްދައާއި ޙަލާލު ޙަރާމުގެ ނިޔާކަނޑައަޅަނީ އެބައިމީހުން އަމިއްލައަށެވެ. އިލާހީ އިރުޝާދަކަށް ބެލުމެއްނެތިއެވެ. އެބައިމީހުން ހުއްދަކޮށްފި އެއްޗެއް ހުއްދަވެއެވެ. ހުއްދަނޫންކަމުގެ ފަތްތޫރަ ހިންގައިފި އެއްޗެއް މަނާވެދެއެވެ. ކީރިތި ޤުރްއާނުގައި ވަނީ އެކަމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. ޢާލިމަކަށް ވިޔަސް، ފަޤީހަކަށް ވިޔަސް، ދީންވެރިވެގެން އުޅޭ މީހަކަށް ވިޔަސް، ޝާޢިރަކަށް ވިޔަސް، ޤާނޫނު ހަދާ މީހަކަށް ވެގަތުމުގެ ޙައްޤެއް ނެތްކަން އަންގަވައިފައިވެއެވެ. އަޅުތަކުންނަށް ޝަރީޢަތެއް ދެއްވޭނީ ހަމައެކަނި މާތް اللّه އަށްކަން އަންގަވައިފައެވެ. ކީރިތި ޤުރްއާނުގައި ވަޙީކުރައްވައިފައިވެއެވެ.
اتَّخَذُوا أَحْبَارَهُمْ وَرُهْبَانَهُمْ أَرْبَابًا مِنْ دُونِ اللَّهِ وَالْمَسِيحَ ابْنَ مَرْيَمَ وَمَا أُمِرُوا إِلَّا لِيَعْبُدُوا إِلَهًا وَاحِدًا لَا إِلَهَ إِلَّا هُوَ سُبْحَانَهُ عَمَّا يُشْرِكُونَ (التّوبة: ٣١)
މާނައީ: "އެއުރެންގެ علم ވެރީންނާއި، ފާދިރީންނާއި، مريم ގެފާނުގެ ދަރިކަލުން المسيح (عيسى ގެފާނު) އަކީ، اللّه ފިޔަވައި إله ން ކަމުގައި އެއުރެން ހެދޫއެވެ. (ނަމަވެސް) އެއްކައުވަންތަ إله އަށް، އަޅުކަން ކުޅައުމަށް މެނުވީ އެއުރެންނަށް أمر ކުރައްވައިފައި ނުވެތެވެ. އެކަލާނގެ މެނުވީ إله އަކު ނުވެތެވެ. އެއުރެން އެ شريك ކުރާ ތަކެތިން، އެކަލާނގެ ހުސް طاهر ވެވޮޑިގެންވެތެވެ."
އަރަހުށި މާތް اللّه އަހްލުކިތާބީންނަށް ތައުރާތު ދެއްވިއެވެ. އެފޮތުގެ ހިދާޔަތުގެ އަލީގައި ދިރިއުޅެމުން ގެންދިޔުމަށް އަމުރުކުރެއްވިއެވެ. އެބައިމީހުންގެ މުޢާމަލާތަކުގައި އެފޮތާ އެއްގޮތަށް ނިޔާކަނޑައަޅަން އެންގެވިއެވެ. އެފޮތް ލިބުނު މީހުންގެ ކުރީގެ ޖީލުތައް އެގޮތަށް ޢަމަލުކުރިއެވެ. އެފޮތަށް ފުރިހަމައަށް ތަބާވިއެވެ. ދުނިޔޭގެ ކުރިމަތީގައި އެފޮތުގެ ހެކިވެރީން ކަމުގައި ވިއެވެ. ނަމަވެސް އެބައިމީހުންގެ ތެރެއަށް ބާޠިލް ގޮތްތައް އައުމުން، މާތް اللّه ގެ ފޮތް ފުރަގަހަށް އެއްލައިލެވުނެވެ. ޢާލިމުންނާއި ފަޤީހުންނާއި ޝުޔޫޚުންގެ އަމިއްލަ ނިޔާތަކަށް މާތް اللّه ގެ ފޮތުގެ ޙައިޘިއްޔަތު ދެވުނެވެ. އެބައިމީހުންގެ ކުފުރާއި މަގުފުރެދުން ފެށިގެން އައީ އެހައިތަނުންނެވެ.
إِنَّا أَنْزَلْنَا التَّوْرَاةَ فِيهَا هُدًى وَنُورٌ يَحْكُمُ بِهَا النَّبِيُّونَ الَّذِينَ أَسْلَمُوا لِلَّذِينَ هَادُوا وَالرَّبَّانِيُّونَ وَالْأَحْبَارُ بِمَا اسْتُحْفِظُوا مِنْ كِتَابِ اللَّهِ وَكَانُوا عَلَيْهِ شُهَدَاءَ فَلَا تَخْشَوُا النَّاسَ وَاخْشَوْنِ وَلَا تَشْتَرُوا بِآَيَاتِي ثَمَنًا قَلِيلًا وَمَنْ لَمْ يَحْكُمْ بِمَا أَنْزَلَ اللَّهُ فَأُولَئِكَ هُمُ الْكَافِرُونَ (المائدة: ٤٤)
މާނައީ: "ހަމަކަށަވަރުން، ތިމަންރަސްކަލާނގެ توراة ބާވައިލެއްވީމެވެ. އޭގައި ތެދުމަގާއި އަލިކަންވެއެވެ. ކިޔަމަންތެރިވެގެން ތިއްބެވި ނަބިއްޔުންނާއި ربّانى ން (އެބަހީ: يهودى ންގެ އަޅުވެރީން) ނާއި يهودى ންގެ علم ވެރީން، އެފޮތުން يهودى ންގެ މައްޗަށް حكم ކުރައްވަތެވެ. (އެއީ) اللّه ގެ ފޮތް ރައްކާތެރިކުރުމުގެ أمانة އެއުރެންނާ މަތިކުރައްވައިފައިވުމުގެ ސަބަބުންނެވެ. އަދި އެއުރެންނީ، އެފޮތުގެ މައްޗަށް ތިބި ހެކިވެރީންނެވެ. ފަހެ، ތިޔަބައިމީހުން މީސްތަކުން ދެކެ ބިރުނުގަންނާށެވެ! ތިމަންރަސްކަލާނގެއަށް ބިރުގަންނާށެވެ! އަދި ތިމަންރަސްކަލާނގެ آية ތަކަށް ކުޑަ އަގެއް ތިޔަބައިމީހުން ނުގަންނާށެވެ! اللّه ބާވައިލެއްވި حكم ން حكم ނުކުރާމީހާ (ދަންނާށެވެ!) ފަހެ، އެއުރެން އެއީ ހަމަ كافر ންނެވެ."
އާދެ، މި އިލާހީ ހިދާޔަތު ވަނީ ވަކިމީހެއްގެ އިމެއްނެތް މަތިވެރިކަމާއި އެއްވެސް ބަނދެވުމެއްނެތް ވެރިކަމުގެ ބާރުގެ ތަޞައްވުރު ނިމުމަކަށް ގެނެސްފައެވެ. އަރަހުށި މާތް اللّه އެއްވެސް މީހަކަށް އަނެކުންގެ ޙައްޤުތައް އެކަށައަޅާކަށެއް ނާންގަވައެވެ. ވާޖިބުތައް އަންގައިދީ ހެދުމުގެ އިޚްތިޔާރެއް ނުދެއްވައެވެ. އިންސާނަކަށް ޚުދު އޭނާ އަމިއްލަޔަކަށްވެސް އޭނާގެ ޙައްޤުތަކާއި ވާޖިބުތަކެއް އެކަށައެއް ނޭޅޭނެއެވެ. މި މައްސަލައިގައި އެންމެންވެސް ޖެހޭނީ މާތް اللّه ދެއްވައިފައިވާ ޤާނޫނަށް ރުޖޫޢަވާށެވެ.
އިޖުތިހާދުކުރުމުގެ ޙައްޤު ވަނީ ލިބިފައެވެ.
މިތާނގައި އަޅުގަނޑު ބަޔާންކޮށްފައި މިވަނީ މާތް اللّه ކަނޑައަޅުއްވައިފައިވާ އިމުގެ ތެރޭގައި ތިބެ އެދުވަސްވަރަކަށް ބޭނުންވާ ޢާންމު ޤާނޫނުތައް ހެދުމުގެ ވާހަކައެއް ނޫނެވެ. އެކަމަކީ ޚުދު މާތް اللّه އެކަމުގެ ހުއްދަ ދެއްވައިފައިވާ ކަމެކެވެ. އެކަމަށް ދެވިފައިވާ ނަމަކީ ތަފައްޤުހާއި އިޖުތިހާދެވެ. އެކަމުގެ ދާއިރާ ނުހަނު ތަނަވަހެވެ. މިއީ ތާއަބަދަށް ދެމިއޮންނަ ދިރުންހުރި ޝަރީޢަތަކަށް ކޮންމެހެން ބޭނުންކަމެއްވެސް މެއެވެ. އެހެންނޫނީ ބަދަލުވަމުން އަންނަ ޒަމާނާ ފައިހަމަކުރަމުން ކުރިޔަކަށް ނުހިނގޭނެއެވެ.
މުނާފިޤުންނާ ބެހޭގޮތުން ބަޔާންކުރައްވައިފައިވެއެވެ. އެބައިމީހުންނަށް އަމާންކަމުގެ ތެރެއިން ނުވަތަ ބިރުވެރިކަމުގެ ތެރެއިން ކަމެއްގެ ޚަބަރު ލިބިއްޖެނަމަ އެ ޚަބަރު ފަތުރައިލައެވެ. އެ ޚަބަރެއްގެ ދޮގުތެދު ބެލުމެއްނެތިއެވެ. ޤައުމުގެ އަމަންއަމާންކަމަށް ނުރައްކާވާ ގޮތަށެވެ. އެކަން ކުރަންވީ ރަނގަޅު ގޮތް ބަޔާންކޮށްދެއްވައިފައިވަނީ އަންނަނިވި ޢިބާރާތުންނެވެ.
وَإِذَا جَاءَهُمْ أَمْرٌ مِنَ الْأَمْنِ أَوِ الْخَوْفِ أَذَاعُوا بِهِ وَلَوْ رَدُّوهُ إِلَى الرَّسُولِ وَإِلَى أُولِي الْأَمْرِ مِنْهُمْ لَعَلِمَهُ الَّذِينَ يَسْتَنْبِطُونَهُ مِنْهُمْ وَلَوْلَا فَضْلُ اللَّهِ عَلَيْكُمْ وَرَحْمَتُهُ لَاتَّبَعْتُمُ الشَّيْطَانَ إِلَّا قَلِيلًا (النّساء: ٨٣)
މާނައީ: "އަދި، އެއުރެންގެ ގާތަށް أمان ކަމުގެ ތެރެއިން، ނުވަތަ ބިރުވެރިކަމުގެ ތެރެއިން ކަމެއް އަތުވެއްޖެނަމަ (އެބަހީ: ހަނގުރާމައިގައި نصر ލިބުން ނުވަތަ ބަލިވުންފަދަ خبر އެއް އެއުރެންނަށް ލިބިއްޖެނަމަ) އެކަމެއް (އެންމެންގެ ތެރެޔަށް) ފަތުރާލައެވެ. އަދި، رسول އާގެ އަރިހަށާއި އެއުރެންގެ ތެރެއިން أمر ވެރީންގެ ގާތަށް އެކަމެއް ރައްދުކުޅަނަމަ، އޭގެތެރެއިން، އެފަދަ ކަންތަކުގެ حقيقة ތައް ހޯދައިގަންނަ މީހުންނަށް، އެކަމެއް އެނގުނީސްކަން ކަށަވަރެވެ. اللّه ގެ فضل ވަންތަކަމާއި، އެކަލާނގެ رحمة ނުވާނަމަ، ތިޔަބައިމީހުންގެ ތެރެއިން މަދުބަޔަކު މެނުވީ شيطان އާއަށް تبع ވެއްޖައީހެވެ."
މި އާޔަތުގައި ނުހަނު ޞަރީޙުކޮށް އިރުޝާދު ދެއްވައިފައި މިވަނީ ދައުލަތުގެ ކަންކަމާ ބެހޭ ނާޒުކު މުޢާމަލާތަކުގައި ހީޔަކަށް ނުވަތަ ލަފަޔަކަށް ކަންތައް ނުކުރުމަށެވެ. ޔޯލަވާހަކަތަކާއި ދޮގުވާހަކަ ފެތުރުމުގެ ބަދަލުގައި މާތް اللّه ގެ ރަސޫލާގެ އަރިހަށާއި މުޢާމަލާތުގެ އަޑިޔާ ހަމަޔަށް ވިސްނުން ފޯރުވޭފަދަ ދައުލަތުގެ ޒިންމާދާރުވެރީންގެ އަރިހަށް އެކަމެއް ހުށަހެޅުމަށެވެ. رسول اللّه صلّى اللّه عليه وسلّم ގެ ޙަޔާތްޕުޅުގައި އެކަލޭގެފާނުގެ އަރިހަށާއި ދައުލަތުގެ އިސްވެރީންގެ އަރިހަށް މައްސަލަ ގެންދިޔުމަށެވެ. އިތުރު ސާހިބާއަށްފަހު އެކަލޭގެފާނުގެ އިރުޝާދުތަކަށާއި ވަލިއްޔުލްއަމުރުންގެ އަރިހަށް ރުޖޫޢަވުމަށެވެ. އުންމަތަށް ރަނގަޅުގޮތް އަންގަވައިދެއްވުމަކީ އެފަރާތްތަކުގެ ކަމެކެވެ. އަމީރުންނާއި ފުރަދާނައިންނާއެކު މިބައިގެ ތެރޭގައި ޢިލްމުވެރީންނާއި ފިޤުހުވެރީންވެސް ހިމެނިވަޑައިގަންނަވައެވެ. އެހެނީ ދީނީ މުޢާމަލާތްތަކުގައި މައްސަލަތައް އިސްތިންބާޠުކުރެއްވޭނީ އެބޭކަލުންނަށެވެ.
މިއީ ނާޒުކު ޙާލަތްތަކުގައި އިސްތިންބާޠުކުރުމާއި މައްސަލަތަކާމެދު އިޖުތިހާދުކުރުމަށް އޮތް ޞަރީޙު އަމުރުފުޅެކެވެ. އެ އަމުރުފުޅު ތާއަބަދަށް ދެމިގެންދާނެއެވެ. އިޖުތިހާދުކުރުމާއި އިސްތިންބާޠުކުރުމަކީ ނުހަނު ނާޒުކު އިންތަކަކާއި ޝަރުޠުތަކެއް އޮންނަ ކަމެކެވެ. މިއީ އެކަންކަމާ ބަޙްޘުކުރުމުގެ ދަނޑިވަޅެއް ނޫނެވެ. އެކަންކަން އޮޅުންފިލުވުމަށްޓަކައި ރުޖޫޢަވާން ޖެހެނީ އެ ފަންނުގެ ފޮތްތަކަށެވެ.
އަޚްލާޤާއި ޤާނޫނާ ހުރި ގުޅުން
އިންސާނާގެ ކިބައިގައި ވަނީ އަޚްލާޤީ ޙިއްސެއް ލައްވައިފައެވެ. ރީތި އަޚްލާޤު ދެކެ ލޯބިވުމާއި، އަޚްލާޤު ނުބައިކަމަށް ފޫހިވެ ނަފުރަތުވުމަކީ އޭނާގެ ފިޠުރަތުގައި ހިމެނޭ ކަމެކެވެ. އެހެންކަމުން އަޚްލާޤީ ގޮތުން އެންމެ ބޮޑަށް ބަނގުރޫޓްވެފައި ހުންނަ އެންމެ ދޯދިޔާ މީހާވެސް ރީތި ޚުލުޤުތަކާ ފިކުރާވެއެވެ. ޚުލުޤު ނުބައިކަމަށް ނަފުރަތުކުރެއެވެ. އެފަދަ މީހުންގެވެސް އަޚްލާޤީ ޙިއްސު ހޭލައިފިނަމަ އަދި އެ ޙިއްސަށް އޭގެ ދުޅަހެޔޮކަން ލިބިއްޖެނަމަ އެމީހަކު ތަހުޒީބާއި މާތްކަމުގެ ނަމޫނާއަކަށް ވެދެއެވެ. އޭރުން އެކަކުވެސް އަނެކަކާ ޝަކުވާއެއް ނުކުރާނެއެވެ.
އިސްލާމްދީން އިންސާނާގެ އަޚްލާޤީ ޖަޒުބާތު ދިރުވައި އާލާކުރެއެވެ. އެ ޖަޒުބާތުގެ ބުންވަރު ގަދަކޮށްދެއެވެ. ހަކަތަ އިތުރުކޮށްދެއެވެ. އިސްލާމްދީން ހަމައެކަނި އިންސާނާގެ ޙައްޤުތަކުގެ ފިހުރިސްތެއް ތައްޔާރުކޮށްދިނީއެއް ނޫނެވެ. އަދި ކީއްތޯއެވެ. އަޚްލާޤާއި އެ ޙައްޤުތަކާ ގުޅުވައިދިނެވެ. އިސްލާމްދީން ވަނީ ވަރަށްގިނަ ޤާނޫނީ ޙައްޤުތަކެއް ރީތި ޚުލްޤުގެ ސިފައިގައިވެސް ހުށަހަޅައިފައެވެ. އެކަންކަން އަދާކުރުމަށް ޝައުޤުވެރި ކުރުވައިފައެވެ. އެކަންކަމުގެ ދަރުމައާއި ޘަވާބު ބަޔާންކޮށްދީފައެވެ. އެކަންކަމާ ޚިލާފުވާ މީހުންނަށް ގަދަފަދަ ޢަޛާބުގެ ބިރުވެރިކަމުގެ ޚަބަރު ދީފައެވެ. އިސްލާމްދީން ވަނީ އިންސާނީ ޙައްޤުތަކާމެދު ފަރުދުންގެ ޟަމީރު ހޭލައްވައިފައެވެ. މުޖުތަމަޢުގައި އެ ޙައްޤުތަކަށް އިޙްތިރާމްކުރުމުގެ ޖައްވެއް ތައްޔާރުކޮށްދީފައެވެ. އެއްވެސް ނަފުސެއް ޤަތުލުކުރުމާއި، ދަރީން މެރުމާއި، ވައްކަންކުރުމާއި، ބަދުއަޚްލާޤީ ޢަމަލުތައް ހިންގުމާއި، އަނިޔާވެރިވުންފަދަ ވިޔާނުދާ ހަޑިހުތުރު ކަންތަކަށް އެ ދީން ނަންދީފައިވަނީ ފާސިޤުކަމާއި ފާޖިރުކަމުގެ ނަމުންނެވެ. އެކަންކަމަށް ވަނީ ވަރަށް ވަރުގަދަ ވަޢީދުތަކުގެ ޚަބަރު ދީފައެވެ. އެއާ ޚިލާފަށް ކޮންމެގޮތަކުންވެސް އިންސާނިއްޔަތަށް ކުރެވޭ އިޙްތިރާމަށް އެ ދީން ސާބަސް ރައްދުކުރެއެވެ. ތާރީފުތައް އަމުނައެވެ. އެކަންކަމަށް ހުރި ދަރުމައާއި ޘަވާބުގެ ޚަބަރު ދެއެވެ. މިގޮތުން ބަލާއިރު އިންސާނީ ޙައްޤުތަކަކީ އެ ދީނުގެ ނަޒަރުގައި ހަމައެކަނި ޤާނޫނީ ޙައިޘިއްޔަތުގެ ކަމެއް ނޫނެވެ. އަދި ކީއްތޯއެވެ. އިންސާނީ ރީތި އަޚްލާޤުގެ ތެރޭގައި ހިމެނޭ ކަންތައްތަކެއްވެސް މެއެވެ.
މާތް اللّه ގެ ޙަޟްރަތުގައި ޖަވާބުދާރީވާން ޖެހުމުގެ އިޙްސާސް
އިސްލާމްދީން އިންސާނީ ޙައްޤުތަކަށް ވަނީ ޤާނޫނީ އަދި އަޚްލާޤީ ޙިމާޔަތް ހޯދައިދީފައެވެ. ހަމައެއާއެކު އެކަމަށް އިޙްތިރާމްކުރުމުގެ ޖަޒުބާތު ހޭލައްވައިފައެވެ. އިސްލާމްދީން ދެކޭގޮތުގައި އިންސާނީ ޙައްޤުތަކަކީ މާތް اللّه ދެއްވައިފައިވާ ޤާނޫނީ ޙައްޤެކެވެ. އެކަލާނގެ ބަޔާންކުރައްވައިފައިވާ ޙުކުމްފުޅުތަކެކެވެ. އެކަލާނގެ ޤާއިމުކުރައްވައިފައިވާ ޙުދޫދުތަކާ އެކަމާ ގުޅުމެއްވެއެވެ. އިންސާނީ ޙައްޤުތަކަށް ޙުރުމަތްތެރިކޮށްހިތުމަކީ ހުރިހާ ޙާލަތެއްގައިވެސް އެ ދީން ލާޒިމުކުރާ ކަމެކެވެ. އެ ޙައްޤުތައް އަދާކޮށްފި މީހަކީ މާދަމާ ޤިޔާމަތް ދުވަހުން މާތް اللّه ގެ އިނާމާއި ދީލަތިވަންތަކަން ޙައްޤު ކަމުގައި ކަނޑައަޅުއްވާނެ މީހެކެވެ. އެކަންކަމާ ޚިލާފުވެއްޖެ މީހަކީ އަރަހުށި މާތް اللّه ގެ ޙަޟްރަތުގައި ޖަވާބުދާރީވާން ޖެހޭނެ މީހެކެވެ. ބިރުވެރި ޢަޛާބަށް ހުށަހެޅޭނެ މީހެކެވެ.
އަރަހުށި މާތް اللّه އެކަލާނގެ ހެޔޮލަފާ އަޅުންގެ އެއްސިފައެއް ކަމުގައި ބަޔާންކުރައްވައިފައިވަނީ އެކަލާނގެ ކަނޑައަޅުއްވައިފައިވާ އިންތަކަށް ތަބާވުމެވެ. (އައްތައުބާ: 112) އެކަލާނގެ ކަނޑައަޅުއްވައިފައިވާ އިންތަކަށް ރައްކާތެރިވުމަކީ އެ އިންތައް ހުރަސް ނުކުރުމެވެ. ހުރަސްވެވުނަ ނުދިނުމެވެ. އޭގެ ބައެއް މިސާލުތައް މި ޞަފުޙާތަކުގައި މިވަނީ ބަޔާންކުރެވިފައެވެ.
ވާރުތަމުދަލުގައި، ގާތްތިމާގެ މީހުންގެ ޙައްޤުތައް ބަޔާންކުރެއްވުމާ ވިދިގެން ވަޙީކުރައްވައިފައިވެއެވެ.
تِلْكَ حُدُودُ اللَّهِ وَمَنْ يُطِعِ اللَّهَ وَرَسُولَهُ يُدْخِلْهُ جَنَّاتٍ تَجْرِي مِنْ تَحْتِهَا الْأَنْهَارُ خَالِدِينَ فِيهَا وَذَلِكَ الْفَوْزُ الْعَظِيمُ * وَمَنْ يَعْصِ اللَّهَ وَرَسُولَهُ وَيَتَعَدَّ حُدُودَهُ يُدْخِلْهُ نَارًا خَالِدًا فِيهَا وَلَهُ عَذَابٌ مُهِينٌ (النّساء: ١٣ – ١٤)
މާނައީ: "އެއީ، اللّه ކަނޑައަޅުއްވައި އަންގަވައިފައިވާ އިންތަކެވެ. اللّه އަށާއި، އެކަލާނގެ رسول އާއަށް ކިޔަމަންތެރިވާ މީހާ، އެތާނގެ ދަށުން ފެންއާރުތައް ހިނގަހިނގާ ހުންނަ ސުވަރުގެތަކަށް ވައްދަވާނެތެވެ. އެތާނގައި، އެއުރެން ދެމިތިބެނިވި ގޮތުގައެވެ. ބޮޑުވެގެންވާ نصيب ލިބުމަކީ އެއީއެވެ. އަދި، اللّه އަށާއި އެކަލާނގެ رسول އާއަށް އުރެދި، އެކަލާނގެ ކަނޑައަޅުއްވައިފައިވާ އިންތައް ފަހަނަޅައިދާ މީހަކު، ނަރަކަޔަށް ވައްދަވާނެތެވެ. އެތާނގައި އެމީހަކު ދެމިހުންނަނިވި ގޮތުގައެވެ. އަދި، އެމީހަކަށް އިހާނަތްތެރިކަންދެނިވި عذاب ހުށްޓެވެ."
އަރަހުށި މާތް اللّه ކީރިތި ޤުރްއާނުގައި ވަނީ އެ ޙައްޤުތަކަށް ތަބާވުމާ ޤިޔާމަތުގެ ޢަޤީދާއާ ގުޅުއްވައިފައެވެ. އެ ޙައްޤުތަކަށް ފައިން އެރުން ހުއްޓައިލުމަށާއި، އެ ޙައްޤުތަކަށް އިޙްތިރާމްކުރަން އެ ޢަޤީދާ މަޖުބޫރުކުރުވައެވެ. މިސާލެއްގެ ގޮތުން ޙައްޤަކާ ނުލައި މީހަކު މެރުމަކީ އިސްލާމްދީނުގައިވާ ގޮތުން ހަމައެކަނި ޤާނޫނީ ކުށެއް ނޫނެވެ. ބޮޑު ފާފައެއްވެސް މެއެވެ. ކީރިތި ޤުރްއާނުގައި އަރަހުށި މާތް اللّه އަންގަވައިފައިވެއެވެ. އީމާންކަމުގެ އަހުލުވެރީން ޝަރީކުކުރުމާއި ނަފުސު ޤަތުލުކުރުމާއި ޢިއްފަތްތެރިކަން ފޭރުމުގެ ކުށަށް އަރައެއް ނުގަންނާނެއެވެ. އެއާ ވިދިގެން ވަޙީކުރައްވައިފައިވެއެވެ.
وَالَّذِينَ لَا يَدْعُونَ مَعَ اللَّهِ إِلَهًا آَخَرَ وَلَا يَقْتُلُونَ النَّفْسَ الَّتِي حَرَّمَ اللَّهُ إِلَّا بِالْحَقِّ وَلَا يَزْنُونَ وَمَنْ يَفْعَلْ ذَلِكَ يَلْقَ أَثَامًا * يُضَاعَفْ لَهُ الْعَذَابُ يَوْمَ الْقِيَامَةِ وَيَخْلُدْ فِيهِ مُهَانًا * إِلَّا مَنْ تَابَ وَآَمَنَ وَعَمِلَ عَمَلًا صَالِحًا فَأُولَئِكَ يُبَدِّلُ اللَّهُ سَيِّئَاتِهِمْ حَسَنَاتٍ وَكَانَ اللَّهُ غَفُورًا رَحِيمًا (الفرقان: ٦٨ – ٧٠)
"އެއިން ކަމެއް ކޮށްފިމީހާ (އެކަމުގެ) عقوبات އާ ބައްދަލުކުރާނެތެވެ. އެމީހަކަށް قيامة ދުވަހުން عذاب ގިނަގުނަކުރައްވާހުށްޓެވެ. އަދި އިހާނެތިކަން ލިބިގެންވާ حال އެ عذاب ގެ ތެރޭގައި، އެމީހަކު ދެމިހުންނާނެތެވެ. توبة ވެ، إيمان ވެ، ގިނަގިނައިން صالح عمل ކުޅަ މީހަކު މެނުވީއެވެ. ފަހެ، އެއުރެންނާމެދު (ދަންނާށެވެ!) اللّه، އެއުރެންގެ ނުބައިކަންތައް، ހެޔޮކަންތަކަށް ބަދަލުކުރައްވާނެތެވެ. ގިނަގިނައިން ފާފަފުއްސަވާ، رحيم ވަންތަ ކަލަކު ކަމުގައި اللّه ވޮޑިގެންވެއެވެ."
ޖާހިލިއްޔަ ޒަމާނުގައި އަންހެންކުދީން ދިރިތިއްބައި ވަޅުލައެވެ. ކީރިތި ޤުރްއާނުގައި މި ހުތުރު ފާފަޔަށް ތަންޤީދުކުރައްވައިފައިވަނީ އަންނަނިވި ލަފުޒުންނެވެ.
وَإِذَا الْمَوْءُودَةُ سُئِلَتْ * بِأَيِّ ذَنْبٍ قُتِلَتْ (التّكوير: ٨ - ٩)
"އަދި ދިރިއޮއްވައި ވަޅުލި އަންހެންދަރިޔާއާ سؤال ކުރައްވާ ހިނދެވެ. އޭނާ މަރައިލީ ކޮން ކުށެއްގެ ސަބަބުން ހެއްޔެވެ؟"
ޔަތީމުންގެ މުދަލަށް ނާޖާއިޒު ގޮތްގޮތުން ވެރިވުން މަނާކުރެއްވުމަށްފަހު އިރުޝާދު ދެއްވައިފައިވެއެވެ.
إِنَّ الَّذِينَ يَأْكُلُونَ أَمْوَالَ الْيَتَامَى ظُلْمًا إِنَّمَا يَأْكُلُونَ فِي بُطُونِهِمْ نَارًا وَسَيَصْلَوْنَ سَعِيرًا (النّساء: ١٠)
މާނައީ: "ހަމަކަށަވަރުން، އަނިޔާވެރިކަމުގެ ގޮތުން يتيم ންގެ މުދާ ކައިއުޅޭ މީހުން (ދަންނާށެވެ!) އެއުރެން ކައިއުޅޭކަން ކަށަވަރީ (ނަރަކައިގެ) އަލިފާނެވެ. އަދި، އަނދައަނދާ ހުންނަ ނަރަކަޔަށް އެއުރެން ނިކަންހުރެ ވަންނާނެތެވެ."
އަމާނަތްތައް އަދާކުރުމަށް މާތް اللّه ވަނީ އަމުރުކުރައްވައިފައެވެ. އޭގެ ތެރޭގައި ފައިސާއާއި މުދަލުގެ އަމާނާތާއި މަޤާމުގެ މަސްއޫލިއްޔަތުގެ އަމާނާތްވެސް ހިމެނެއެވެ. އެއަށްފަހު އަންގަވައިފައިވެއެވެ.
إِنَّ اللَّهَ يَأْمُرُكُمْ أَنْ تُؤَدُّوا الْأَمَانَاتِ إِلَى أَهْلِهَا وَإِذَا حَكَمْتُمْ بَيْنَ النَّاسِ أَنْ تَحْكُمُوا بِالْعَدْلِ إِنَّ اللَّهَ نِعِمَّا يَعِظُكُمْ بِهِ إِنَّ اللَّهَ كَانَ سَمِيعًا بَصِيرًا (النّساء: ٥٨)
މާނައީ: "ހަމަކަށަވަރުން، أمانة ތައް، އޭގެ أهل ވެރީންނަށް އަދާކުރުމަށް، اللّه ތިޔަބައިމީހުންނަށް أمر ކުރައްވަތެވެ. އަދި، މީސްތަކުންގެ މެދުގައި ތިޔަބައިމީހުން حكم ކުރާނަމަ، عدل އަށް حكم ކުރުމަށްވެސް، أمر ކުރައްވަތެވެ. ހަމަކަށަވަރުން، اللّه އެކަމަކާމެދު، ތިޔަބައިމީހުންނަށް وعظ އިއްވަވާ ކަމެއްގެ މޮޅުކަމާއެވެ! ހަމަކަށަވަރުން، اللّه އީ، މޮޅަށް އައްސަވާވޮޑިގެންވާ، މޮޅަށް ބައްލަވާވޮޑިގެންވާ ކަލަކު ކަމުގައިވެއެވެ."
ޤިޔާމަތްދުވަހު ޙިސާބު ބެއްލެވުމާއި ޖަވާބުދާރީވާން ޖެހޭނެކަމުގެ އިޙްސާސް އުފެދިއްޖެނަމަ އިންސާނީ ޙައްޤުތަކަށް އަރައިގަނެވުމަކީ ވަރަށް ދުރު ކަމެކެވެ. އިންސާނީ ޙައްޤުތައް އަދާކުރުމަށް އެންމެ ބޮޑަށް ހުރަސްއަޅާ ކަމަކީ އާޚިރަތްދުވަސް ޤަބޫލު ނުކުރުމެވެ. ނުވަތަ އާޚިރަތްދުވަހުން ޖަވާބުދާރީވާން ޖެހޭނެކަމުގެ އިޙްސާސް ކުޑަވުމެވެ.
(މިހައިތަނަށް މި މަޒުމޫނު ނިމުނީއެވެ. މިއީ މި މަޒުމޫނުގެ ތިން ވަނަ އަދި އެންމެ ފަހު ބައެވެ. އަންނަ ހުކުރު ދުވަހު އިރާދަކުރެއްވިއްޔާ ފަށާނީ "އިންސާނީ ޙައްޤުތަކުގެ ފާރަވެރިޔާ" މި ސިލްސިލާގެ އެހެން މަޒުމޫނެކެވެ.)