ޙަމާސް ހަނގުރާމަ: އިޒުރޭލުގެ އެންމެ ބޮޑު މަގުސަދަކީ ޙަމާސްގެ ލީޑަރު ޔަޙުޔާ ހިފައި ހައްޔަރުކުރުން

ޙަމާސް ހަނގުރާމަވެރިންގެ އެންމެ ވަރުގަދަ ކޮމާންޑަރު ޔަޙްޔާ އަލް ސިންވާރު ކޮންމެ ތަނެއްގައި ހުންނެވިޔަސް، އޭނާ ދިރިހުންނަވަނިކޮށް ނޫންނަމަ އަވަހާރަކޮށްލައިގެން ނަމަވެސް ހައްޔަރުކުރުމަކީ  ޙަމާސް ހަނގުރާމައިގައި މިހާރު އިޒުރޭލުގެ އެންމެ މުހިއްމު މަގުސަދުކަމުގައި އިޒުރޭލުން ބުނެފިއެވެ.

އިޒުރޭލުގެ ރައީސް އައިސާކް ހަރްޒޮގް ވިދާޅުވި ގޮތުގައި ޙަމާސް ހަރަކާތުގެ ލީޑަރު ޔަޙްޔާ އަލް ސިންވާރު "އަވަހާރަވެފައި ވަނިކޮށް ނުވަތަ ދިރިހުންނަވަނިކޮށް" އޭނާ ހިފައި ހައްޔަރުކުރަން ޖެހެއެވެ.

"ޔަޙްޔާ ނިންމާނުލައި ޙަމާސް ހަނގުރާމައިގައި އިޒުރޭލަށް ކާމިޔާބީއެއް ނެތް" ކަމަށް އިޒުރޭލުގެ ޢަސްކަރީ އެންމެން ގަބޫލުކުރެއެވެ.

"ހުރިހާ ކަމެއް ފެށެނީ އަދި ނިމޭނީ އަލް ސިންވާރުއާ ހިސާބުން." އިޒުރޭލުގެ ހަރުކަށި ރައީސް ވިދާޅުވިއެވެ.

ހަރުކަށި ސިޔާސަތެއް ގެންގުޅުއްވާ އިޒުރޭލުގެ ރައީސް ހަރުޒޮގް

ޖެރޫސަލަމް ޕޯސްޓް ނޫހުގެ ރިޕޯޓެއްގައި ވާ ގޮތުން ސިންވާރާ ބެހޭ ގޮތުން އިޒުރޭލުގެ ރައީސް ވާހަކަފުޅުދެއްކެވީ ޤުދުސްގައި ތައުލީމީ މަރުކަޒެއް ހުޅުވުމުގެ ރަސްމިއްޔާތުގައި އަންގާރަ ދުވަހު ދެއްކެވި ވާހަކަފުޅެއްގައެވެ.

އަލްސިންވާރަކީ އޮކްޓޯބަރު މަހު ހަމަލާދޭން ނިންމި ލީޑަރުކަމަށާއި އޭނާ މަސައްކަތް ކުރައްވަނީ ސަރަހައްދީ ހާލަތު އިތުރަށް ގޯސްކޮށް އިޒުރޭލާއި ދުނިޔޭގެ އެހެން ގައުމުތަކާ ދެމެދު އޮތް ޚިޔާލު ތަފާތުވުންތަކަށް ތެޔޮ ޖަހަން ކަމަށް ވެސް އިޒުރޭލުގެ ރައީސް ވިދާޅުވިއެވެ.

"މުޅި ދުނިޔެއަށާއި އަޅުގަނޑުމެންގެ ސަރަހައްދަށް އެނގެން ޖެހެނީ ޒިންމާ އޮތީ ހަމައެކަނި އަލް ސިންވާރުގެ  އިސްތަށިފުޅުގައިކަން." އޭނާ ވިދާޅުވިއެވެ.

"ޙަމާސްގެ ރޭވުން ކާމިޔާބެއް ނުވާނެ. އަޅުގަނޑުމެން އެކަމަށް ފުރުސަތެއް ނުދޭނަން."

އިޒުރޭލުން ގަބޫލުކުރާ ގޮތުގައި ޙަމާސްގެ ސިޔާސަތާ ދެކޮޅަށް ހަނގުރާމަ ނޫން އެހެން އެއްވެސް ގޮތެއް ނެތެވެ.

އިޒުރޭލުން 7 އޮކްޓޫބަރު 2023ގައި ޣައްޒާއަށް ހަމަލާ ދޭން ފެށިފަހުން މިހާތަނަށް އިޒުރޭލުގެ ޙަމަލާތަކުގައި ފަލަސްޠީނުގެ 32623 އަށްވުރެ ގިނަ މީހުން ޝަހީދުވެފައި ވެއެވެ. އަދި 75 ހާހަށްވުރެ ގިނަ މީހުން ޒަޚަމްވެފައި ވެއެވެ.

ރައީސް ހަރްޒޮގް ވިދާޅުވިގޮތުގައި ޙަމާސްއާ ދެކޮޅަށް އިޒުރޭލުން ހަނގުރާމަ ކުރަމުން ގެންދަން ޖެހޭނެއެވެ. އަދި އަވަހާރަވެފައި އޮންނެވިޔަސް ނޫންނަމަ ދިރިހުންނަވަނިކޮށް ނަމަވެސް އަލް ސިންވާރާ ހަމައަށް ވާސިލުވާން ޖެހޭނެއެވެ. އެއީ ޙަމާސްގެ ބެލުމުގެ ދަށުގައިވާ ހުރިހާ ގައިދީން މިނިވަން ކުރުމަށެވެ.

އިޒުރޭލާއި އެމެރިކާގެ އޮފިޝަލުން އެއްބަސްވާ ގޮތުގައި ޔަޙްޔާ އަލް ސިންވާރު އަދިވެސް ފިއްލަވައިގެން އުޅުއްވަނީ ޣައްޒާގެ ދެކުނުގައި އޮންނަ ޚާން ޔޫނިސްގެ ބިންގަރާސްތަކުގެ ތެރެއިން ބިންގަރާހެއްގައެވެ.

ވޮޝިންޓަން ޕޯސްޓުގެ ރިޕޯޓްތައް ބުނާގޮތުން އަލް ސިންވާރު އުޅުއްވަނީ ޙަމާސްއިން ހައްޔަރުކޮށްފައިވާ އިޒުރޭލުގެ ގައިދީންގެ މެދުގައެވެ. ގައިދީން ބޭނުން ކުރަމުން ދަނީ އިންސާނީ އައްޑަނަތަކެއްގެ ގޮތުގައެވެ.

އަލް ސިންވަރު ހުންނެވި ތަނެއް ހޯދަން ޣައްޒާގެ ހުރިހާ ސަރަހައްދެއްގައި އިޒުރޭލުން ދަނީ އަތްފުނާ އަޅަމުންނެވެ.

އިޒުރޭލާއި އިޒުރޭލަށް އެހީތެރިވަމުންދާ އެމެރިކާއަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ބޮޑު މައްސަލައަކީ ޙަމާސްގެ ބަންދުގައި ތިބި ގައިދީންނަށް ނުރައްކަލެއް ނެތް ގޮތަކަށް ސިންވާރު އަވަހާރަކޮށްލަން ނުވަތަ ދިރިހުންނަވަނިކޮށް ހައްޔަރުކުރަން އޮޕަރޭޝަނެއް ހިންގުމެވެ.

މުޙައްމަދު ސަޢީދު މޫސާ ވަޖުދީ
މުޙައްމަދު ސަޢީދު މޫސާ ވަޖުދީއަކީ ނޫސްވެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ތަޖުރިބާކާރު ނޫސްވެރިއެކެވެ. ގައުމީ އިނާމާއި އަދި އެހެނިހެން ޝަރަފުވެރި އިނާމު ހޯއްދަވައިފައިވާ ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.