އެމެރިކާއިން އިސްރާއީލަށްދޭ އަސްކަރީ އެހީ

ފަލަސްތީނުގެ ރައްޔިތުންނަށް އަމާޒުކުރެވިފައިވާ އިސްރާއީލުގެ ޓޭންކެއް

ދެވަނަ ބޮޑުހަނގުރާމަޔަށްފަހު، އެމެރިކާއިން އެންމެ ގިނައެހީދޭ ޤައުމަކީ އިސްރާއީލެވެ. ސަބަބުތަކެއްވެސް އޮވެގެންނެވެ.  އެމެރިކާގެ ޔަހޫދީ އާބާދީއަކީ، 6.9 މިލިއަނެވެ. އިސްރާއީލުގެ ޔަހޫދީ އާބާދީއަކީ، 6.7 މިލިއަނެވެ. ޔަހޫދީންގެ އާބާދީ އެންމެ ބޮޑު ޤައުމަކީ، އެމެރިކާއެވެ. ޔަހޫދީ އާބާދީއަކީ، އެމެރިކާގެ ސިޔާސީ މައިދާނުގައި ވަރަށް ނުފޫޒުގަދަ ބަޔެކެވެ. ޔަހޫދީ އާބާދީގެ ތާއީދުނެތި، އެމެރިކާގެ ވެރިކަމުގައި އެއްވެސް މީހަކަށް ނުހުރެވޭނެއެވެ. އިސްރާއީލު އުފެއްދީ އެމެރިކާއިންނެވެ.

އިސްރާއީލުގެ ޖަރީމާތައް ދުނިޔެއަށް ފޮރުވައިދެނީ އެމެރިކާއިންނެވެ. އދ ގައި، އިސްރާއީލާ ދެކޮޅަށް ފާސްކުރެވޭ ޤަރާރުތައް ވީޓޯ ކުރަނީ އެމެރިކާއިންނެވެ. އެހެންކަމުން، އިސްރާއީލު ދެމިއޮތުމަށްޓަކައި ކުރަންޖެހުނު ކޮންމެކަމެއް އެމެރިކާއިންނެވެ. ކުރަންޖެހުނު ކޮންމެ ހޭދައެއް ކުރާނެއެވެ. އެންމެ ދެރަވެގެން، އިސްރާއީލު ސަރުކާރުގެ އަހަރީ ބަޖެޓުގެ ބޮޑުބައެއް، އެމެރިކާއިން އެހީގެގޮތުގައި، ކޮންމެ އަހަރަކު ދެއެވެ. ފަލަސްތީނުގެ ބިންތައް ހިފައި، ފަލަސްތީނު ރައްޔިތުން އެމީހުންގެ ގެދޮރުން ނެރެ، މަރައި، އަނިޔާކޮށް، ހިންގާ ޖަރީމާތަކަށް ފައިސާދެނީ އެމެރިކާއިންނެވެ. މެދުއިރުމައްޗަކީ، ތެލުގެ މުއްސަނދިކަން ލިބިފައިވާ، ގިނަޤައުމުތަކެއް ހިމެނޭ ސަރަޙައްދެކެވެ. އެސަރަޙައްދުގައި އެމެރިކާގެ މަޞްލަޙަތު ދެމެހެއްޓުމަށްޓަކައި، އިސްރާއީލަކީ، ހަތިޔާރުގެ ގޮތުން އެސަރަޙައްދުގައި  އެންމެ ބާރުގަދަ ޤައުމަށް ހެދުމަކީވެސް އެމެރިކާގެ މަޤްޞަދެކެވެ. 1948 ގައި އިސްރާއީލު އުފެދުނީއްސުރެ މިހާތަނަށް 146 ބިލިއަން ޑޮލަރުގެ މިސައިލް ޑިފެންސް ސިސްޓަމަށާއި ސަލާމަތީ ކަންކަމަށް ހޭދަކޮށްފައި ވެއެވެ. މީގެ އިތުރަށް 1971 އިން 2007 ވަނައަހަރާހަމަޔަށް، އިސްރާއީލުގެ އިޤްތިޞާދު ކުރިއެރުވުމަށްޓަކައި، ގިނަޢަދަދެއްގެ އެހީދީފައި ވެއެވެ.

އެމެރިކާގެ ޢަޝްކަރީ އެހީދިނުމަށް، އެމެރިކާއާއި އިސްރާއީލުން، ކޮންމެ ދިހަ އަހަރަކުން އެއްފަހަރު އެމްއޯޔޫއެއްގައި ސޮއިކުރެއެވެ. މިފަދަ ތިންވަނަ އެމްއޯޔޫގައި ދެޤައުމުން ސޮއިކުރީ 2016 ވަނަ އަހަރުއެވެ. މިއެމްއޯޔޫ، 2028 އާހަމަޔަށް ދެމިގެންދާނެއެވެ. އެމްއޯޔޫގައިވާގޮތުން، މިމުއްދަތުގެ ތެރޭގައި، ޢަޝްކަރީ އެހީގެ ގޮތުގައި އެމެރިކާއިން 38 ބިލިއަން ޑޮލަރު އިސްރާއީލަށް ދޭނެއެވެ. އިސްރާއީލަކީ، އެމެރިކާގެ އުފެއްދުމެއްކަމުގައިވާ، އެފް-35 ޖޮއިންޓް ސްޓްރައިކް ފައިޓަރ ދިން ފުރަތަމަ ޤައުމެވެ. މިއީ އެމެރިކާގެ ޑިފެންސް ޑިޕާރޓްމަންޓްގެ ފިފްތު ޖެނެރޭޝަން އެއަރކްރާފްޓެވެ. މިހާތަނަށް ދުނިޔޭގައި އުފައްދާފައިވާ އެންމެ ޒަމާނީ އަދި އެންމެ ފުރިހަމަ ހަނގުރާމަމަތީ މަތިންދާބޯޓެވެ. މިހާތަނަށް ތަފާތު ތިން އެއްބަސްވުމެއްގެ ދަށުން، މީގެ 35 ބޯޓު، އެމެރިކާއިން އިސްރާއީލަށް ދީފައި ވެއެވެ.

ޔޫއޭއާއީއާއި ބަހުރޭނުން، މިދިޔަ އަހަރުވަނީ، އިސްރާއީލާއެކު ސިޔާސީ ގުޅުން އުފައްދާފައެވެ. މިކަމާގުޅިގެން، އެމެރިކާއިން އަންނަނީ، އިސްރާއީލަށް އިތުރު އެފް -35 އާއި އެބޯޓަށް ތެޔޮއަޅާ އަދި މީހުންނާއި ތަކެތިއުފުލާ އެންމެ ޒަމާނީ ހަނގުރާމަމަތީ މަތިންދާ ބޯޓު ވިއްކުމަށް މަސައްކަތްކުރަމުންނެވެ. އެމެރިކާގެ ޢަޝްކަރީއެހީގެދަށުން، އިސްރާއީލަކީ، ދުނިޔޭގެ އެންމެ ފަހުގެ ޓެކްނޮލޮޖީއާއި ޒަމާނީ ހަތިޔާރުން މުއްސަނދިވެ، ޢަޝްކަރީގޮތުން ފުރިހަމަވެގެންވާ އެއްޤައުމެވެ. އަދި އިސްރާއީލުގައި ޒަމާނީ، ޢަޝްކަރީ ހަތިޔާރު އުފައްދައި، ދުނިޔޭގެ އެހެން ޤައުމުތަކަށް ވިއްކުމުގެ ޤާބިލްކަން ވަނީ ހޯދާފައެވެ. ދުނިޔޭގެ އެހެން ޤައުމުތަކަށް، އެންމެ ގިނަ ޢަޝްކަރީ ހަތިޔާރު، ވިއްކާ ޤައުމުތަކުގެ ކުރީސަފުގައި އިސްރާއީލް ހިމެނެއެވެ. މިސައިލް ޑިފެންސް ސިސްޓަމާއި، މީހުންނާ ނުލައި މަތިންދުއްވާ ޖާސޫސީ އުޅަނދާއި، ސައިބަރސެކިއުރިޓީގެ އުފެއްދުންތަކާ އަދި މިސައިލް ޑިފެންސް ސިސްޓަމް، ރާޑަރު އަދި އިލެކްޓްރޮނިކް މުއާޞާލާތީ ވަޞީލަތްތައް އުފައްދައި، އިސްރާއީލުން އެކްސްޕޯރޓް ކުރެއެވެ. އިންޑިއާއަކީ، އިސްރާއީލުގެ ޢަޝްކަރީ ހަތިޔާރު އެންމެގިނައިން ގަންނަ ޤައުމެވެ. އަދި އެހެން ޤައުމުތަކަށްވުރެ އާދަޔާޚިލާފު ގުޅުންތަކެއް ޤާއިމްވެފައި އޮންނަ ދެޤައުމެވެ. އިސްރާއީލުން ހަތިޔާރު ގަންނަ އެހެން ޤައުމުތަކުގެ ތެރޭގައި، ދެކުނު ކޮރެއާއާއި ސިންގަޕޫރާ އަދި އޮސްޓްރޭލިއާއާއި ޖަރުމަނާ، އިޓަލީއާއި ގްރީކް އަދި ރަޝިޔާފަދަ ޤައުމުތައް ހިމެނެއެވެ. އެމެރިކާއާއި މެކްސިކޯގެ ބޯޑަރުގައި ލާފައިވާ ކަރަންޓް ފެންސަކީވެސް އިސްރާއީލުން އުފައްދައި އެކްސްޕޯރޓް ކޮށްފައިވާ އެއްޗެކެވެ.

އެމެރިކާއިން އިސްރާއީލަށްދޭ ޢަޝްކަރީ އެހީ ވިލަރެސްކުރެވިފައިވަނީ، އެސްރަޙައްދުގައި އިސްރާއީލަކީ އެންމެ ބާރުގަދަ ޤައުމުކަމުގައި ދެމިއޮތުން މަޤްޞަދަކަށް ބަލައިގެންނެވެ. އަދި ސަރަޙައްދުގައި އެމެރިކާއިން ބަލަހައްޓާ ޖާސޫސީ ޙަރަކާތްތަކަށް މަގުފަހިވާ ގޮތަށެވެ. މެދުއިރުމަތީގެ ހަތިޔާރުގެ ވާދަވެރިކަމެއް ނުއުފެދޭގޮތަށް، ސަރަޙައްދަށް އެމެރިކާއިން ވިއްކާ ހަތިޔާރު އެންމެ ފުރަތަމަ ދެނީ އިސްރާއީލަށެވެ. އިސްރާއީލަށް ނުދޭ އެއްވެސް ހަތިޔާރެއް، ސަރަޙައްދުގެ އެހެން ޤައުމަކަށް އެމެރިކާއަކުން ނުދޭނެއެވެ. އިސްރާއީލު ހިތްހަމަނުޖެހޭ ހަތިޔާރުގެ ބާވަތެއް އެހެންޤައުމަކަށް އެމެރިކާއިން ވިއްކާނީ، އިސްރާއީލުން މައްސަލައެއް ނެތިއްޖެ ޙާލަތެއްގައެވެ. އެހެން ޤައުމަކަށް ދޭން، އިސްރާއީލު ހިތްހަމަނުޖެހޭ އެއްވެސް ހަތިޔާރެއް އެހެން ޤައުމަކަށް އެމެރިކާއަކުން ނުދޭނެއެވެ.

އިސްރާއީލާއި އެމެރިކާއާ ދެމެދު، ކޮންމެ 10 އަހަރަކުން ސޮއިކުރެވޭ ހަތިޔާރާއި އެނޫންވެސް އެހީގެ އެމްއޯޔޫއަކީ، މުޢާހަދާ އަކާ އެއްގޮތަށް ޤާނޫނީގޮތުން ބާރުލިބިދޭ ލިޔުމެއްނޫނެވެ. ސެނެޓުން އެ އެމްއޯޔޫ ފާސްކުރާކަށްވެސް ނުޖެހެއެވެ. އެހީދޭނެ މިންވަރު އިތުރުކޮށް މަދުކޮށް، އެލިޔުމަށް ކޮންގްރެސް އިން ބަދަލު ގެނެވޭނެއެވެ. އެހެންނަމަވެސް، ވޭތުވެދިޔަތާނގައި، ކޮންގްރެސް އިން އެއްވެސް އެހީއަކަށް ބަދަލުގެނެސްފައެއް ނުވެއެވެ. ވަގުތުން ވަގުތުން ހުއްދަ ކުރެވެއެވެ.

2016 ވަނައަހަރުގެ ސެޕްޓެމްބަރ މަހުގެ 14 ވަނަދުވަހު، ސޮއިކުރެވުނު އެމްއޯޔޫގެ ދަށުން، 2019 އިން 2028 އަށް، 33 ބިލިއަން ޑޮލަރުގެޢަޝްކަރީ އެހީއާއި އިސްރާއީލުގެ މިސައިލް ޑިފެންސް ޕްރޮގްރާމަށް   3 ބިލިއަން ޑޮލަރު ދިނުމަށް ކަނޑައެޅިފައިވެއެވެ. އިސްރާއީލުގެ މިސައިލް ޑިފެންސް ޕްރޮގްރާމަށް ކޮންމެ އަހަރަކުވެސް 500 މިލިއަން ޑޮލަރު ދިނުމަށް ކަނޑައަޅާފައި ވެއެވެ. އިސްރާއީލުގެ ޑިފެންސް ބަޖެޓުގެ 20 އިންސައްތައަކީ އެމެރިކާއިން ދޭ އެހީއެވެ. ޖީޑީޕީގެ ނިސްބަތުން ދިފާޢީ ޚަރަދު އެންމެ ބޮޑު އެއްޤައުމަކީ އިސްރާއީލެވެ.

އެފް -35 ޖޮއިންޓް ސްޓްރައިކް ފައިޓަރ

އިސްރާއީލަކީ، އެފް 35 ޖޮއިންޓް ސްޓްރައިކް ފައިޓަރ އެންމެ ފުރަތަމަ ދުއްވި ޤައުމެވެ. އޭގެ 50 ބޯޓު އިސްރާއީލް ޢަޝްކަރިއްޔާގައި ގެންގުޅެއެވެ. އިސްރާއީލުގެ ދެކުނުގައި ޤާއިމްކޮށްފައިވާ ޢަޝްކަރީ ބޭހުގައި މީގެ 27 ބޯޓު  ބާއްވާފައި އޮވެއެވެ. އެހިސާބަކީ، އިތުރަށް ޖައްވުގައި ދުއްވަމުން ތެޔޮ އެޅުމަކައިނުލައި، ސޫރިއާ އާއި އުރުދުން އަދި ޢިރާޤާއި ސުޢޫދީ ޢަރަބިއްޔާއާއި ތުރުކީގެ އިތުރަށް، މިޞްރުގެ ބޮޑުބަޔަކަށް ޙަމަލާ ދެވޭނެއެވެ. އިސްރާއީލުން މިހާތަނަށް، އެފް 35 ގެ ހަނގުރާމަމަތީ ބޯޓު ބޭނުންކޮށްފައިވަނީ، ސޫރިޔާގެ އެތެރޭގެ ސަރަޙައްދުތަކަށް ޙަމަލާ ދިނުމަށް އެކަންޏެވެ. އެފް – 35 ގެ ފިޔަތައް އުފެއްދުމާއި، އެތެރޭގެ މުއާޞާލާތީ ވަޞީލަތާ އަދި ހެލްމެޓާ ކޮމްޕިއުޓަރ ފަދަ ތަކެތި އިސްރާއީލުގައި އުފައްދައެވެ. އަދި އެފް -35 ގައި ބޭނުންކުރާ ހަތިޔާރުވެސް އިސްރާއީލުން އަންނަނީ އުފައްދައި ބޯޓުގައި ބޭނުންކުރަމުންނެވެ. އެމެރިކާއާއި އިސްރާއީލުން އަންނަނީ، އެފް – 35 ގުޅިފައިވާ ތަމްރީނުތައް، ދޭތެރެ ދޭތެރެއިން ބާއްވަމުންނެވެ.

އިސްރާއީލުގެ ޢަޝްކަރީ ބޭސްތަކުގައި އެމެރިކާގެ ހަތިޔާރު ރައްކައުކޮށް ގުދަންކޮށްފައި ހުރެއެވެ. އެންމެ ފުރަތަމަ، މިގޮތަށް އެމެރިކާއިން ގުދަންކޮށްފައި ބަހައްޓާ ހަތިޔާރު ބޭނުންކުރުމަކީ، އިސްރާއީލަށް މަނާ ކުރެވިފައި އޮތްކަމެކެވެ. އެހެންނަމަވެސް، 1989 ގައި ޖޯޖު ޑަބްލިޔޫ ބުޝް ވަނީ، ކުއްލިޙާލަތުގައި އިސްރާއީލުން  އެފަދަ ހަތިޔާރުގެބޭނުން  ކުރުން ހުއްދަ ކުރައްވާފައެވެ. އެދުވަސްވަރަކީ، ހަނގުރާމައިގެ ތެރޭގައި ބޭނުންކުރެވޭ ޓޭންކްތަކެއް، ސުޢޫދީ ޢަރަބިއްޔާއަށް ވިއްކުމަށް އެމެރިކާއިން ނިންމާފައިވާ ދުވަސް ވަރެކެވެ. އެންމެފަހުން، މިޓޭންކްތައް އެމެރިކާއިން ސުޢޫދީ ޢަރަބިއްޔާއަށް ވިއްކީ އިސްރާއީލުގެ ރުހުމާއެކުގައެވެ.

ފަލަސްތީނުގެ އެކިޖަމާޢަތްތަކުން، ޚާއްޞަކޮށް ހަމާސް ޖަމާޢަތުން ބިންގަރާސްކޮނެ، ފަލަސްތީނަށް ވަގަށް ހަތިޔާރު އެތެރެކުރުމުގެ މައްސަލަޔަކީ، އެމެރިކާއާއި އިސްރާއީލަށް ވަރަށް ބޮޑުވެފައި އޮތް މައްސަލައެކެވެ. ސެންސަރު ބޭނުންކޮށްގެން އެފަދަ ޙަރަކާތްތައް ދެނެގަތުމުގެ ނިޒާމެއް، އެމެރިކާއާއި އިސްރާއީލުން ފައްޓާފައި ވެއެވެ. މިޕްރޮގްރާމަށް، އެމެރިކާއިން އެހީތެރިވެދީގެން، ޓެކްނޮލޮޖީގެ އެހީގައި ފުރިހަމަ ނިޒާމެއް އުފަންކޮށްފައި ވެއެވެ.

އެމެރިކާއިން އިސްރާއީލަށްދޭ ޢަޝްކަރީ އަދި ހަތިޔާރުގެ އެހީއަކީ، އެހެން ޤައުމުތަކެކޭ އެއްގޮތަށް، އެމެރިކާގެ ޤާނޫނާ އެއްގޮތަށް އިސްރާއީލުން ޢަމަލުކުރަންޖެހޭ އެއްޗެކެވެ. އެމެރިކާގެ ބައެއް ޖަމާޢަތްތަކުންނާއި ރައްޔިތުންގެ ފަރާތުން މިމައްސަލަ އަންނަނީ ކޮންގްރެސްގެ ސަމާލުކަމަށް ގެންނަމުންނެވެ. އެމެރިކާއިން ދޭ ހަތިޔާރުގެ ބޭނުންކޮށްގެން، އިންސާނިއްޔަތާ ޚިލާފު ޢަމަލުތައް ހިންގައިގެން ނުވާނެ ކަމަށާއި، އެމެރިކާގެ ޤާނޫނަށް އަދި ސިޔާސަތުތަކަށް ފުރިހަމަޔަށް ޢަމަލުކުރުމަށް އިސްރާއީލަށް ބާރުއެޅުމަށް ގޮވައިލުމުގެ އަޑުތައް މިހާރު އަންނަނީ ގަދަވަމުންނެވެ. ޚާއްޞަކޮށް، އިސްރާއީލުން ދޭތެރެ ދޭތެރެއިން، ފަލަސްތީނުގެ ރައްޔިތުންނާދެކޮޅަށް ހިންގާ ލާއިންސާނީ ޢަމަލުތަކާގުޅިގެން، އެމެރިކާގެ ޢާންމު ރައްޔިތުންގެ މެދުގައި އިސްރާއީލާ ދެކޮޅު ވިސްނުމާއި ފިކުރު އަންނަނީ އިތުރަށް އުފެދެމުންނެވެ. އެމެރިކާގެ ޢާންމު ރައްޔިތުންގެ އިތުރަށް، އެކިއެކި ޖަމާޢަތްތަކާއި، ކޮންގްރެސްގެ ބައެއް މެންބަރުންވެސް، އިސްރާއީލުގެ ލާއިންސާނީ ޢަމަލުތަކަށް ނުރުހުން ފައުޅުކޮށް، ކުށްވެރިކުރަމުން އެބަގެންދެއެވެ.

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.