އިންސާނާ ދުނިޔޭގައި ދިރިއުޅުމުގައި ކުރާ ބޮޑެތި ފާފަތަކުގެ އަޒާބު، ދުނިޔެމަތީގައި ދައްކަވާނެކަމަށް ޢިލްމުވެރިން ވިދާޅު ވެއެވެ. އިސްރާއީލުގެ 16 ވަނަ ބޮޑުވަޒީރު އެރިއަލް ޝެރޯނަކީ، ފަލަސްތީނާއި އިސްރާއީލުގެ ތާރީޚުގައި، އަނިޔާވެރިކަން ހައްދުފަހަނަޅައިގޮސް، “ބުލްޑޯޒަރ”ގެ ނަމުން މުޚާތަބުކުރެވި، ޤާތިލެއްގެ ގޮތުގައި ކަނޑައެޅިގެންދިޔަ، އަނިޔާވެރި ވެރިއެކެވެ. މުސްލިމް އުއްމަތުގެ ރުޅިވެރިކަން އުތުރިއަރައި، ބަދު ދުޢާ ރައްދުވެ، ނުރުހުމުގެ ލޮލުން ބެލިގެންދިޔަ ޖައްބާރެކެވެ. ފަލަސްތީނުގެ ކުޑަކުދިންނާއި އަންހެނުން އަދި ދުވަސްވީ މީހުން ހިމެނޭގޮތަށް، ފަލަސްތީނުގެ އެތައްހާސް ރައްޔިތުންނެއްގެ މަރުގެ ޒިންމާ އެޅިފައިވާ މުޖުރިމެކެވެ. މިކަލޭގެ މަރުވުމަށްފަހު، އީސާގެފާނު ފައުޅުކުރައްވާނެކަމަށް، އިސްރާއީލުގެ އިސްފާދިރީން ބުނަމުންދިޔަ އަނިޔާވެރި ވެރިއެކެވެ. މަރުވެގެން ދިޔައީ، 8 އަހަރުވަންދެން މަރުއެނދުގައި، ކޯމާގައި އޮވެ، ފަހަރަކު ގުނަވަނެއްގެ ބޭނުން ކެނޑެމުންގޮސް، އެންމެ ފަހުން ހިތަށްލިބޭ ވޭންވެސް އިޙުސާސްނުވާ ޙާލުގައި އެތައްދުވަހަކު އޮތުމަށްފަހުގައެވެ.
އެރިއަލް ނުވަތަ”އެރިކް”ޝެރޯނަކީ، ޢުމުރުން 14 އަހަރުގައި، ފަލަސްތީނުގެ ބިމަށް ޔަހޫދީންގެ ހަންފަތުރައި، ފަލަސްތީނުގެ ރައްޔިތުންނާ ކުރިމަތިލައި އަމިޔާވެރި ޢަމަލުތައް ފަށާފައިވާ މީހެކެވެ. 1948 ގައި، ދައުލަތެއްގެ ގޮތުގައި އިސްރާއީލު އުފެދުނީއްސުރެ، ސަލާމަތީ ބާރުތަކުގެ އެކި މަޤާމްތައް ފުރަމުން އައިސް، އެގްރިކަލްޗަރާއި، ހައުސިން އަދި ޑިފެންސް މިނިސްޓްރީގެ ވަޒީރުކަމާ ހަމަޔަށް ދަތުރުކޮށް، 6 ފެބްރުއަރީ 2001 ގައި، އިސްރާއީލުގެ ބޮޑުވަޒީރުކަމުގެ މަޤާމަށް އިންތިޚާބު ކުރެވުނެވެ. ޖެނުއަރީ 2006 ގައި، ހާޓްއެޓޭކެއް ޖެހިގެން ހޮސްޕިޓަލުގައި އެނދުމަތި ކުރުމާ ހަމަޔަށް ބޮޑުވަޒީރު ކަމުގައި ދެމިހުއްޓެވެ. މަރުވީ، ޖެނުއަރީ 2006 ގައި ހޮސްޕިޓަލުގައި އެނދުމަތި ކުރީއްސުރެ، 8 އަހަރު ވަންދެން ކޯމާއެއްގައި އޮވެ، 11 ޖެނުއަރީ 2014 ގައެވެ.
ރޫސީވިލާތް ރޫޅި، މުޅިވިލާތުގެ އެތައް މިތާނގައި ދިރިއުޅެމުންދިޔަ ޔަހޫދީން، ދުނިޔޭގެ އެކިތަންތަނަށް ފެތުރިގެންދިޔަ ދުވަސްވަރު، ޝެރޯން ހުރީ ހައުސިން މިނިސްޓަރުކަމުގައެވެ. 1990 އިންފެށިގެން 1992 އާހަމަޔަށް، އެންމެ ދެއަހަރުދުވަހުގެ ތެރޭގައި، 144 ހާސް އެޕާޓްމަންޓް އަޅައި، އެމީހުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދީ، ޔަހޫދީ އާބާދީ، ފަލަސްތީނުގެ ބިމަށް ފަތުރާލިއެވެ. ރޫސީވިލާތުން އައި ޔަހޫދީންގެ އިތުރަށް، ސޫދާނުގެ އެހީހޯދައިގެން، އިތިއޯޕިއާއިންވެސް ޔަހޫދީންގެ އެތައްބަޔަކު ގެނެސް ފަލަސްތީނުގައި ވަޒަންވެރި ކުރުވިއެވެ.
ފަލަސްތީނުން ފައްސައި ގެދޮރުން ނެރެ، ގަދަކަމުން ބޭރުކޮށްލި އެތައްބަޔަކު، ލުބުނާނުގެ ބިމުގައި ފޭލިގެ ޖަހައިގެން ތިބީ، ޝެރޯންގެ ޑިފެންސް މިނިސްޓަރުކަމުގައެވެ. އެއީ 1982 އެވެ. ލުބުނާނަށް ޙަމަލާދީ، އެޤައުމުގެ ބިމުގެ ބައެއްވެސް ހިފައި، ޞަބްރާ އާއި ޝަތީލާގެ ޤަތުލުޢާންމު ހިންގީ، ޝެރޯނެވެ. އެ ޤަތުލުޢާންމުގައި، ބުލްޑޯޒަރ ބޭނުންކޮށްގެން، ފޭލިގެތައް ރޫޅައި ބިމާ ހަމަކޮށްލިއެވެ. ފަލަސްތީނުގެ ކުޑަކުދިންނާއި އަންހެނުން އަދި ދުވަސްވީ މީހުން ހިމެނޭގޮތަށް، 3،500 މީހުން މަރާފައި ވެއެވެ. ޝެރޯނަށް ބުލްޑޯޒަރގެ ނަމުން މުޚާތަބު ކުރެވި އެނަން މަޝްހޫރުވެގެންދިޔައީ އެދުވަސްވަރުއެވެ. އެޙާދިސާގައި، ފަލަސްތީނު ސަރުކާރުގެ އެއްވެސް ވަޒީރުކަމެއް، ޝެރޯނަށް ނުދެވޭނެކަމަށް ނިންމައި، ޑިފެންސް މިނިސްޓަރުކަމުންވެސް ވަކިކުރިއެވެ. އެހެންނަމަވެސް، ވަކިމަސްއޫލިއްޔަތެއް ކަނޑައެޅިފައިނުވާ ވަޒީރެއްގެ ގޮތުގައި ބެހެއްޓިއެވެ. ފަހުން ސިޔާސީ ޕާޓީއެއް އުފައްދައި އަލުން ސިޔާސީ ޙަރަކާތްތައް ފަށައި، ފަލަސްތީނާ ދެކޮޅަށް އަނިޔާވެރި ޢަމަލުތައް ހިންގާފައި ވެއެވެ.
ޝެރޯން މަރުވީ، ޞަބްރާ އަދި ޝަތީލާގެ ޤަތުލު ޢާންމުގައި އޭނާ ކޮށްފައިވާ ކުށަށް، ނުވަތަ ޤަތުލު ޢާންމަށް އަދަބެއް ނުލިބި އޮވެއެވެ. އިންސާނިއްޔަތާޚިލާފު ޢަމަލާއި، ހަނގުރާމައިގެ ކުށްވެރިއެއްގެ ގޮތުގައި ޝެރޯންގެ މައްޗަށް، ދުނިޔޭގެ ކޯޓުގައިވަނީ ދަޢުވާ އުފުލިފައެވެ. ޞަބްރާ އާއި ޝަތީލާގެ ޤަތުލުޢަންމާ ބެހޭގޮތުން، އިސްރާއީލުގެ ސަރުކާރުން ހިންގި ތަޙުޤީޤުގައިވެސް، ޝެރޯން އަމިއްލަގޮތުން އެކަމުގައި ޒިންމާވާކަމުގައި ބަޔާން ކޮށްފައި ވެއެވެ. ޑިފެންސް މިނިސްޓަރުކަމުން، ޝެރޯން ވަކިކޮށް، ވަކި ވުޒާރާއެއް ޙަވާލުނުކޮށް، ވަޒީރުކަމުގައި ބަހައްޓަން، ސަރުކާރަށް މަޖުބޫރުވީ އެކަމާ ގުޅިގެންނެވެ. އެދުވަސްވަރުވެސް، ފަލަސްތީނާ ދެކޮޅަށް ހިންގޭ ޙަރަކާތްތަކުގައި ޝެރޯން ބަސްކިޔަމުން ގެންދިޔައެވެ. އެހެނަސް، އޭގެ 32 އަހަރުފަހުން، އޭނާ މަރުވިއިރުވެސް، ޤަތުލުޢާންމުގައި މަރުވެގެން ދިޔަ ފަލަސްތީނުގެ ނިކަމެތި ރައްޔިތުންނަށް އިންސާފު ލިބިފައެއް ނުވެއެވެ. ދުނިޔޭގެ ކޯޓަށް، ޝެރޯނާބެހޭގޮތުންހުށަހެޅުނު ދަޢުވާއިން އޭނާ ދެމިގަތެވެ. އެމެރިކާގެ މަދަދާއި ވާތްގާ އެކުގައެވެ. އަދި ހިފާފައިވާ ފަލަސްތީނުގެ ބިމުގައި ޔަހޫދީން އާބާދު ކުރުމުގެ ކުށުން، އޭނާވަނީ ބަރީއަވެފައެވެ. އެއީވެސް އެމެރިކާގެ ވާތްގާލައިގެންނެވެ.
ދުނިޔޭގެ ކޯޓުން، ފަލަސްތީނުގެ ރައްޔިތުންނަށް އިންޞާފެއް ނުލިބުމުން، ބެލްޖިއަމްގެ”ޔުނިވާރސަލް ޖޫރިސްޑިކްޝަން ލޯ”ގެ ދަށުން، ޝެރޯނަށް ދަޢުވާކުރުމަށް، ފަލަސްތީނުން ހުށަހެޅިއެވެ. މިކަމާގުޅިގެން، ހުޅަނގުގެ ޤައުމުތަކުގެ ނުފޫޒާހުރެ، ބެލްޖިއަމްގެ ޕާލަމެންޓަށް ޖެހުނީ ޤާނޫނު ބަދަލުކުރާށެވެ. މިކަމާގުޅިގެން، ބެލްޖިއަމްގެ އެންމެ މަތީ ކޯޓުން، އެމައްސަލަ ނުބެލޭނެކަމަށް ނިންމަން މަޖުބޫރުވެ، ކޯޓުން ބޭރުކޮށްލިއެވެ.
ހިފާފައިވާ ބިމެއްގައި، މީހުން ވަޒަންވެރިކުރުވުމުގެ ބާރު، އެތަނެއް ހިފާފައިވާ ފަރާތަށް ލިބުމަކީ، ޖެނީވާ ކޮންވެންޝަނާ ދިމާއިދިކޮޅުކަމެކެވެ. އަދި އެއީ ހަނގުރާމައިގެ ކުށެކެވެ. އެހެން ނަމަވެސް، ޝެރޯންގެ ވެރިކަމުގައި ގޯލާންގެ އުސްބިންތަކަށް އަތްގަދަކޮށް ވަޒަންވެރި ވެގެން އުޅުނު ޔަހޫދީންގެ ޢަދަދު 488 ހާހުން 461 ހާހަށް އިތުރު ކުރިއެވެ. ހުޅަނގު އައްސޭރީގެ، އިސްރާއީލާއި ފަލަސްތީނު ވަކިކުރާ ރޮނގުވެސް ވަނީ ޝެރޯންގެ ވެރިކަމުގައި ބޮޑުކޮށް، ހުޅަނގު އައްސޭރީގެ ބޮޑުބައެއް އިސްރާއީލުގެ ސަރަޙައްދަށް ވައްދާފައެވެ. މިއީވެސް އިންސާނީ ޙައްޤުތަކާ ޚިލާފު ޢަމަލެކެވެ. އަދި ހަނގުރާމައިގެ ކުށެކެވެ. މިކަމާގުޅިގެން ފަލަސްތީނުގެ ވަރަށް ގިނަ ރައްޔިތުންނަށް އެތައް ތަކުލީފެއް އުފުއްލަންޖެހުނެވެ. ހަމަޖެހިލައިގެން، ހަމަނޭވާލައިގެން އުޅެވޭނެ ހުރިހައި މަގެއް ބަންދުވެގެން ދިޔައެވެ. ފަލަސްތީނުގެ ރައްޔިތުން، ކާންބޯން ކުރާ މަސައްކަތަށް ހުރަސް އަޅައި، މަގުމައްޗަށް ނުކުމެ އުޅުން ނުރައްކަލަކަށް ވެގެން ދިޔައެވެ. އަދި ބައެއް ގޭގެއިން، ބިރު ދައްކައިގެން ގަދަކަމުން ނެރެ، މަގުމަތި ކުރަމުން ގެންދިޔައެވެ.
އިސްރާއީލުގެ ސިފައިންގެ ލާއިންސާނީ ޢަމަލުތަކުގެ ޝިކާރައަށްވެ، ދުނިޔެ ދޫކޮށް ދިޔަ ޒުވާނުންނާއި އެތައް ކުޑަކުދިންނެއް ހިމެނެއެވެ. ލޫޓުވުމާއި، އަންހެންކުދިންގެ ޢިއްފަތް ނަގާލުމާއި، މިނޫންވެސް މިފަދަ އިންސާނިއްޔަތާ ޚިލާފު އެތައް ޢަމަލުތަކެއް ހުޅަނގު އައްސޭރީގައި އިސްރާއީލު ސިފައިން ހިންގަމުން ދިޔައެވެ. އިސްރާއީލު ސަރުކާރުން މިއިން އެއްވެސް ކަމަކަށް ހުރަސްއަޅައި، މައްސަލައެއް ބަލައި ހަދާފައެއް ނުވެއެވެ. އޭގެ ބަދަލުގައި އެފަދަ ކަންކަމަށް ދެމުންގެންދިޔައީ ހިތްވަރެވެ.
ކޮންމެއަކަސް، އަނިޔާވެރި ވެރިޔަކު ނިމިދާނެ އެންމެ ހިތްދަތި ޙާލުގައި، އެރިއަލް ޝެރޯން އެވަނީ މަރުވެފައެވެ. ހުޅުވިފައި އޮންނަ ލޮލަށް ފެންނަކަމެއް، ނުފެންނަކަމެއް ނޭނގި، ކަންފަތަށް އަޑުއިވޭކަމެއް އަދި ނުއިވޭކަމެއް ނޭނގި މަރުއެނދުގައި ހޮސްޕިޓަލުގައި 8 އަހަރު ވަންދެން ޙަރަކާތެއް ނެތި، މެޝިންތަކެއްގެ އެހީގައި އޮތުމަށްފަހުގައެވެ. ބުލްޑޯޒަރ އަދި ޖައްލާދު ފަދަ އަނިޔާވެރިކަން އިންތިހާއަށް ގޮސްފައިވާ ނަންނަމުން އޭނާއަށް މުޚާތަބު ކުރެވިފައި އޮވެއެވެ. ފަލަސްތީނުގެ ރައްޔިތުންނަށް އިންސާފެއް ނުލިބިއެވެ. ޔަހޫދީންނަށް އެއީ ބަތަލަކަށް ވެދާނެއެވެ. އެހެންނަމަވެސް، ފަލަސްތީނުގެ ރައްޔިތުންނަށް އެއީ ޖައްލާދެކެވެ.
ޔަހޫދީން ގެ ޢަދަދު 488 ހާ ހުން 461 ހާ ހަށް އިތުރު ކުރިކަމަށް ލިޔެފައި އޮތުން އެއީ ކުށެއް. ދަށް ޢަދަދަކުން ބޮޑު ޢަދަދަކަށް އަތުރެއް ނުވާނެ
ވަރަށްބޮޑަށް މަޢާފު. ޔަހޫދީން އިތުރުވިކަމަށް ލިޔެވިފައިވާ ޢަދަދަކީ ކުށެއް. ރަނގަޅު ޢަދަދަކީ 641 (ހަޔެއް ، ހަތަރެއް، އެކެއް) ހާސް. ބައެއްފަހަރު ، ވޯރޑް ފޯރމެޓްގެ ފައިލް ޓްރާންސްފަރ ކޮށް ފޯވަރޑް ކުރުމުގައި ހިސާބުއަކުރުތަކަށް ބަދަލުއައިސްފައިހުރޭ. އެހެންނަމަވެސް ، 461 (ހަތަރެއް ، ހަޔެއް ، އެކެއް) އެއީ ، ލިޔުމުގެކުށަކަށް ވެސްވެދާނެ.
kurin noohakun kee handhaanvey maribaleegai doctor unna eynage farasthun aadhaya hilaafu kanthah thakeh fenunu kamah. evaahakthah dhen liya habarehgga kiyan libeyne kamah ummeedhu kuran. shukuriiyya.
Mi liyun ehves varakah suruhee akaa nugulhey. Sheron kohfa huri aniyaaveri kan kan huree. Eyna maruge vaahaka inee 8 aharu endhuga oi vaahaka. Suruhee aa liyumaa gulhuvan dhas kurey. Kiyaameehun loluga andhun naalhuvaa. Eves vahkameh. Makareh. Olhuvaalumeh
Rrangalhu vaahakayeh . thikamah thaaeedh.