ފަލަސްޠީނާއި އިޒްރޭލާ ދެމެދު އޮތް ހަމަނުޖެހުން ވަރަށް އަވަހަށް ހައްލު ވެގެން ހނގައިދާނޭ ކަމަށް އެމެރިކާއިން ބުނި ނަމަވެސް އިޒްރޭލުން ޣައްޒާގެ ސަރަހައްދަށް ސިފައިން ޖަމާކުރަން ފަށައިފިއެވެ.
އަނެއްކޮޅުން ޙަމާސް އިން ބުނެފައިވާ ގޮތުގައި އިޒްރޭލުގެ ޢުދުވާނުގައި ޝަހީދުވީ ފަލަޞްޠީނީންގެ އަދަދު 83 އަށް އަރައިފިއެވެ. އޭގެ ތެރޭގައި 17 ކުޑަކލުދިން ހިމެނެއެވެ. ހޯމަދުވަހުން ފެށިގެން ހިނގަމުންދާ ޢުދުވާނުގައި 487 މީހުން ވަނީ ޒަޚަމް ވެފައެވެ.
ބުރާސްފަތިވިލޭރޭ ފަލަޞްޠީނީން ޢިދު ނަމާދަށް ތައްޔާރު ވަމުން ދަނިކޮށް އިޒްރޭލުން ވަނީ ވައިގެް މަގުން ޣައްޒާއަށް ހަމ،ަލާ ދީފައެވެ. މި ހަމަލާގައި ހަބުރީގެ އިމާރާތެއް ވެއްޓުނެވެ.
އިއްޔެ ތަލްއަވީވަށް ޙަމާސް އިން ރޮކެޓު ހަމަލާތަކުގައި އިޒްރޭލުގެ ދިފާއީ ނިޒާމެއް ވަނީ މުޅިން ހަލާކު ވެފައެވެ. އެހެންނަމަވެސް އިޒްރޭލުން ބުނާ ގޮތުގައި ޙަމާސް އިން ފޮނުވާ ރިކެޓުގެ 90 އިންސައްތަ ވެއްޓެނީ ޣައްޒާގެ ސަރަހައްދަށެވެ.
ޣައްޒާއިން ލިބޭ ޚަބަރުތަކުގައިވާ ގޮތުގައި މިއީ 2014 ވަނަ އަހަރުގެ ފަހުން ފަލަސްޠީނުގެ ރައްޔިތުންނަށް މެދުވެރިވީ އެންމެ ނުރައްކާތެރި އަދި އެންމެ ބިރުވެރި ދުވަސްކޮޅެވެ.
ޣައްޒާގެ ހަސްފަތާލުތަކުން ބުނާ ގޮތުގައި އިއްޔެ މަރުވެގެން ގެނައި މީހުން ޓެސްޓުކޮށް ބެލިބެލުމުން ވިހަގޭސް ބޮވިގެން މަރުވެފައިވާ ބަޔަކު ކަމަށް ބެލެވެއެވެ.
އެމެރިކާގެ ރައީސް ޖޯ ބައިޑަން ވިދާޅުވެފައި ވަނީ މައްސަލަ ވަރަށް އަވަހަށް ހައްލު ވެގެން ހިނގައިދާނޭ ކަމުގައެވެ. އެޔާއެކު އެމެރިކާގެ ވެރިން އަބަދުވެސް ތަކުރާރު ކުރައްވާ ވާހަކަފުޅު ތަކުރާރު ކުރެއްވިއެވެ. އެއީ އިޒްރޭލަށް ދިފާއު ވުމުގެ ހައްގު އޮންނާނޭ ކަމުގައެވެ.
ހަމަޖެހިދާނޭ ކަމަށް ބައިޑަން ވިދާޅުވީ ކޮން ކަމެއްގެ މައްޗަށް ބިނާ ކުރައްވައިގެން ކަމެއް ނޭނގެއެވެ. އިޒްރޭލުގެ ބޮޑޫވަޒީރުގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި ޙަމާސް އާއި ޣައްޒާގައި މަސައްކަތްކުރާ އެހެން ނިރުބަވެރިންގެ ޖަގަހަތައް ހަލާކު ކޮށްލެވެންދެން އިޒްރޭލުގެ ހަމަލާތައް ކުރިއަށް ގެންދާނެއެވެ.
އިޒްރޭލުން ވަނީ ފާއިތުވީ ދެ ދުވަހުގެ ތެރޭގައި ފަލަސްޠީނަށް 1000 އަށްވުރެ ގިނަ ރޮކެޓު ހަމަލާ ދީފައެވެ.
ދުނިޔޭގެ ބޮޑެތި ބާރުތަކުން ގެންދަނީ އިޒްރޭލުގެ ހަމަލާތައް ހުއްޓައިލާން ގޮވައިލަމުންނެވެ. އެކަމަކު އެ އަޑެއް އިޒްރޭލަށް އިވޭ ކަމަކަށް ނުވެއެވެ.