ޕުޓިންގެ ރެކޯޑެއް: ފަސް ވަނަ މޮޅު

ރަޝިޔާގެ ރައީސް ވްލަޑިމިއާ ޕުޓިން، ރިޔާސީ އިންތިޚާބު ފަސް ވަނަ ފަހަރަށް ކާމިޔާބުކުރައްވައި ވެރިކަމުގައި ދިގު މުއްދަތަކަށް ހުންނެވުމުގެ ރެކޯޑު ގާއިމު ކުރައްވައިފިއެވެ. ޕުޓިންގެ ކާމިޔާބީއަކީ ޔޫރަޕާއި އެމެރިކާ ބައްރުން އޭނާއާ ދެކޮޅަށް ހިންގަމުންދާ ޒަމާންވީ ނުބައި ނުލަފާ ޕްރޮޕެގެންޑާއަށް ކުރިމަތިވި ވަރަށް ބޮޑު ނާކާމިޔާބީއެކެވެ. ރަޝިއާގެ ރިޔާސީ އިންތިޚާބުން ދުނިޔެއަށް ހާމަވެގެން ދިޔައީ ޕުޓިންއާ ދެކޮޅު ބަޔަކު ރަޝިއާގައި އުފައްދަން އެމެރިކާއާއި ޔޫރަޕްގެ ގައުމުތަކުން ހިންގި ވަރުގަދަ މަޝްރޫޢުތައް ފުނޑުފުނޑުވެގެން ދިޔަ ގޮތެވެ. އަދި ރަޝިއާގެ އާންމުންގެ މައްޗަށާއި ވެރިކަމުގެ ބާރުތަކުގެ މައްޗަށް ޕުޓިން އަތްގަދަކުރައްވާފައިވާ މިންވަރެވެ.

އުމުރުން 71 އަހަރުގެ ޕުޓިން ވަނީ  ރަޝިއާގެ ސިއްރުފުލުހުންގެ ތެރޭގައި އިސްދައުރެއް އަދާކުރައްވާފައެވެ.

އެމެރިކާއިން ވަނީ ރަޝިޔާގެ ރިޔާސީ އިންތިހާބަށް ފާޑުކިޔައި، އިންތިޚާބު މިނިވަން ނޫން ކަމަށް ބުނެފައެވެ.

ބޭރުގެ ނޫސް އެޖެންސީއަކުން ބުނި ގޮތުގައި ރަޝިޔާގައި ބޭއްވި ރިޔާސީ އިންތިޚާބުގައި ވޯޓުލީ މީހުންގެ ނިސްބަތަކީ 67 ޕަސެންޓެވެ. ރަޝިއާގެ ރިޔާސީ އިންތިޚާބުން ހާމަވެގެން ދިޔައީ ރައްޔިތުންނަށް ސަރުކާރުގެ ފިއްތުންތަކެއް ކުރިމަތިވިޔަސް

ވްލަޑިމިއާ ޕޫޓިންއަކީ ރަޝިޔާގެ އެންމެ މަގުބޫލު ލީޑަރު ކަމެވެ.

ތިން ދުވަހުގެ މުއްދަތަށް ރަޝިއާގައި ކުރިއަށް ގެންދިޔަ އިންތިޚާބުގައި ރައީސް ޕޫޓިންއާ ދެކޮޅަށް ހަތަރު ކެންޑިޑޭޓުން ވާދަކުރެއްވިއިރު، އޭގެ ތެރެއިން އެއްވެސް ފޭބުޅަކަށް އެކަށީގެންވާ އަދަދަކަށް ވޯޓުލިބިވަޑައެއް ނުގަންނަވައެވެ.

ޕުޓިން ވޯޓު ދެއްވީ މޮސްކޯގައި ހުންނަވައި އޮންލައިންކޮށެވެ.

ފާހަގަކޮށްލަންޖެހޭ ކަމަކީ ނިމިދިޔަ އިންތިޚާބުގައި ޕޫޓިންއަށް %87 ގެ ވޯޓު ލިބިވަޑައިގެންނެވި ކަމެވެ. އޭނާ ވެފައި ވަނީ ރަޝިޔާގެ ތާރީޚުގައި އެންމެ ގިނަ ވޯޓު ލިބިވަޑައިގެންނެވި ރަޝިޔާގެ ލީޑަރަށެވެ. އަދި ޕުޓިން ވެފައި ވަނީ ޖޯސެފް ސްޓާލިންގެ ފަހުން ރަޝިޔާގެ 200 އަހަރުގެ ތާރީޚުގައި އެންމެ ގިނަ ދުވަހު ވެރިކަން ކުރެއްވި ލީޑަރަށެވެ.

މުޙައްމަދު ސަޢީދު މޫސާ ވަޖުދީ
މުޙައްމަދު ސަޢީދު މޫސާ ވަޖުދީއަކީ ނޫސްވެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ތަޖުރިބާކާރު ނޫސްވެރިއެކެވެ. ގައުމީ އިނާމާއި އަދި އެހެނިހެން ޝަރަފުވެރި އިނާމު ހޯއްދަވައިފައިވާ ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.