ވާގްނާ ކުލީ ސިފައިން މޮސްކޯއަށް ނޭރީ "ލޭއޮހޮރުވުމެއް ބޭނުންނުވާތީ"

ވާގްނާ ކުލީ ސިފައިން ރޮސްޓޯވް-އޮން-ޑޮން ގައި ހަރަކާތްތެރިވަނީ

ރަޝިޔާ ސިފައިންގެ އިސް ކޮމާންޑަރުންނާ މެދު ހިތްހަމަނުޖެހިގެން އެމީހުންނާ ދެކޮޅަށް "ބަޣާވާތް" އިއުލާންކޮށް ވެރިރަށް މޮސްކޯއާ ދިމާއަށް ދަތުރުކުރަމުން ދިޔަ ވާގްނާ ކުލީ ސިފައިންގެ މިސްރާބު ބަދަލުކޮށް އަނބުރާލުމަށް އެ ލަޝްކަރުގެ ވެރިޔާ ޔެވްގޭނީ ޕްރިގޯޒިން އަންގައިފިއެވެ. މިއާއެކު ރައީސު ވްލާޑިމީރް ޕުޓިންގެ 23 އަހަރުވީ ވެރިކަމުގައި އޭނާއަށް ކުރިމަތިވީ އެންމެ ބޮޑު ނުރައްކާ ވަނީ ފިލައިގެން ގޮސްފައެވެ.

ވާގްނާ ކުލީ ސިފަންގެ ބާނީ، އަދި ރައީސު ޕުޓިންގެ ކުރީގެ އެންމެ އަރިސް މީހުންގެ ތެރޭގައި ހިމެނުނު ޕްރިގޯޒިން ބުނި ގޮތުގައި އޭނާ ކުލީ ސިފައިން ވަނީ މޮސްކޯއާ 200 ކިލޯމީޓަރު ކައިރިއަށް ދަތުރުކޮށްފައެވެ. އެ ލަޝްކަރު މޮސްކޯއާ ދިމާއަށް ދަތުރުކުރަމުން ދާތީ އެރަށުގެ ވެރިން ވަނީ ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށް، ރަށުގައި ދިރިއުޅޭ މީހުން ބޭރަށް ނުނުކުތުމަށް އިލްތިމާސްކޮށްފައެވެ.

އާއްމުވެފައިވާ ވީޑިޔޯތަކުން ފެންނަ ގޮތުގައި، މޮސްކޯއާ ދިމާއަށް ކުރި ދަތުރުގައި ވާގްނާ ކުލީ ސިފައިން ވަނީ މޮސްކޯގެ ދެކުނަށް އޮންނަ ރޮސްޓޯވް ސިޓީއަށް އަރައި، އެރަށުގައި ހުންނަ ރަޝިޔާ ސިފައިންގެ މައި މަރުކަޒު ހިފައި، އެރަށް އެމީހުންގެ ބާރުގެ ދަށަށް ގެނެސްފައެވެ. އަދި ޓޭންކާ، އަސްކަރީ އުޅަނދުތަކާ، ބަރު ހަތިޔާރާއެކު ކުރި ދަތުރުގައި ސިފައިންގެ ބެރިކޭޑްތައް ފުނޑުފުނޑުކޮށްލައި ކުރިއަށް ގޮސްފައެވެ.

އެމީހުންގެ ކޮމާންޑަރުގެ އަމުރަށް ވާގްނާ ކުލީ ސިފައިން ވަނީ ރޭގެ ވަގުތެއްގައި ރަޝިޔާ ސިފައިންގެ މައި މަރުކަޒުން ނުކުމެ އެރަށުން ފައިބާފައެވެ.

"24 ގަޑިއިރުގެ ތެރޭގައި އަހަރުމެން ވަނީ މޮސްކޯއާ 200 ކިލޯމީޓަރު ކައިރިއަށް ދަތުރުކޮށްފައި. މި ދަތުރުގައި އަހަރުމެންގެ ހަނގުރާމަވެރިންގެ އެންމެ ލޭތިއްކެއްވެސް އޮހޮރާފައި ނުވޭ." ޕްރިގޯޒިންގެ ވީޑިއޯ މެސެޖެއްގައި ބުނެފައި ވެއެވެ.

"ކޮންމެ ފަރާތަކުންވެސް އޮހޮރިގެން ދާނީ ރަޝިޔާ މީހުންގެ ލޭކަން ދަނެ އަހަރުމެން ވަނީ ސިފައިންގެ ސަފުތަކުގެ މިސްރާބު ބަދަލުކޮށް، ސިފައިންގެ ކޭންޕުތަކަށް އަނބުރާދާން ނިންމާފައި." އޭނާ ބުނެފައި ވެއެވެ.

ބެލާރޫސްގެ ރައީސު އެލެކްސާންޑަރް ލުކަޝެންކޯގެ އޮފީހުން ބުނިގޮތުގައި އޭނާ ވަނީ ވާގްނާގެ ލީޑަރު ޕްރިގޯޒިންއާ މަޝްވަރާކޮށް، މަސްރަހު ފިނިކުރުމަށް މަސައްކަތްކޮށްފައެވެ. އަދި މިމަޝްވަރާތައް ކޮށްފައި ވަނީ ރައީސު ޕުޓިންގެ ރުހުމާއެކުގައެވެ.

ޔުކްރޭން ބަޚްމޫތުގެ ކޮންޓްރޯލް ހޯދުމަށް ކުރި ލޭއޮހޮރުން ބޮޑު ހަނގުރާމައިގައި ވާގްނާ ކުލީ ސިފައިންގެ ގިނަ އަދަދެއްގެ ބަޔަކު މަރުވުމާ ގުޅިގެން ރަޝިޔާ އަސްކަރިއްޔާގެ އިސް ކޮމާންޑަރުންނަށް ޕްރިގޮޒީން ދަނީ ރުޅިވެރިކަން އަމާޒުކޮށް، އެމީހުން މަގާމުން ދުރަށް ދިއުމަށް ގޮވާލަމުންނެވެ. އޭނާގެ "އިންސާފުގެ ދަތުރު" ފެށީ މި މަގުސަދުގައެވެ. އެހެންނަމަވެސް، ކުއްލިއަކަށް އޭނާގެ މިސްރާބު ބަދަލުކޮށްފައެވެ. މި ނިންމުން އޭނާ ނިންމީ ރައީސު ޕުޓިންގެ ކޮން ހުށަހެޅުމަކާ ގުޅިގެން ކަމެއް އަދި ސާފުނުވެއެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

1 ޚިޔާލު

  1. ހުޅަނގުގެ ހުރިހާ ނޫހަކުންވެސް ވެގްނާ ކޮޅަށް ބުރަވެ ޕޫޓިން ސައިޒްވެއްޖެކަމަށް ބުނީ. ރާއްޖޭގެ ގިނަ ނޫސްތައްވެސް ހުރީ އެގޮތަށް ރިޕޯޓް ކޮށްފަ. ނަމަވެސް ޖަވާދުގެ ލިޔުން ތަފާތު. ޖަވާދުގެ ލިޔުން ކިޔާލީމާ އޮއްޔެ އެނގިއްޖެ ވަކިކޮޅަކަށް ބުރަނުވެ ސާފު ޚަބަރު ގެނެސްދިނީ ސަން އެމްވީ އިން ކަމުގަ. އަހަންނަކީ ޖަވާދުއާ އެކު 2005ކުން 2009އާ ޖެހެންދެން މަސައްކަތްކުރިމީހެއް. އަހަރެންވެސް ރަޝިއާގަތިބި އަހަރެންގެ 3 ރައްޓެހިން (ރަޝިއާ ރައްޔިތުން)ގެ ފަރާތުން ޚަބަރު ހޯދަމުން ދިޔައީ. އެމީހުން ބުނިގޮތުގަ ވެގްނާއިން ޕުޓިންއާ ހަނގުރާމައެއް ކުރުމަކީ ނުވާނެކަމެއް. އެމީހުން ދަންނަ އެމީހުނާ އެކީ މިލިޓަރީގަ މަސައްކަތްކުރި މީހަކުވެސް ވެގްނާ ގުރޫޕާއެކީ 5000ޑޮލަރުގެ މުސާރައަށް މަސައްކަތްކުރޭ. ވެގްނާއާ މައްސަލަ ޖެހުނީ ރަޝިއާއިން ޔުކްރޭނުހަނގުރާމައިގަ ހުންނެވި ފޯސްގެ ކޮމާންޑަރާ.
    ދިވެހި ގިނަ ނޫސްތަކުން ބީބީސީ ސީއެންއެން ރޮއިޓާސް އަދި ގަތަރުން ފަންޑުކުރާ ހުޅަނގުގެ ތާއީދު އޮންނަ އަލްޖަޒީރާ އިން ގެނެސްދޭ ޚަބަރުތަކަށް ބަރޯސާވިޔަސް، އާފަތިސް ނޫހާއި ސަން ގެ ޚަބަރުތައް (މުޙައްމަދު ޢަބްދުﷲ އާއި ޖަވާދު ޔޫސުފް) ތަފާތުވާނެ. މިވަގުތު ރާއްޖޭގަ ތިބި ބޭރުދުނިޔޭގެ ޚަބަރުތައް ދިރާސާކުރާ އެންމެ ފުންނާބުއުސް ދެނޫސްވެރިންވެސް ބުރަވަނީ ޕޫޓިންގެ ކުޅަދާނަކަމުން، ޕޫޓިންގެ މައްޗަށް ވެގްނާއަކުންވެސް އަދިޔުކްރޭނަކަށްވެސް އަދި ކިއެއްތަ ނޭޓޯއަކަށްވެސް ކާމިޔާބު ލިބުމަށްވުރެނުލިބުން ގާތްކަމަށް.
    މިއަދު ސަންގެ މި ޚަބަރު ކިޔާލީމާ އެނގިގެންދިޔައީ ރަޝިއާގަ ތިބި އަހަރެންގެ އެކުވެރިންވެސް މައުލޫމާތުދޭފަދައިންކަން ކަންތައް މިދަނީ. ހުޅަނގުގެ މީޑިއާތަކުން ކަންތައްގަނޑު އެތައްގުނައެއް ބޮޑުކުރިކަން. އެ "ގޭސްގަނޑުގަ" ސަން އާއާފަތިސް ނުޖެހުނަސް، ދިވެހި އެހެން ހުރިހާ ނޫހެއް ޖެހިއްޖެކަން.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.