ރަޝިޔާގެ އިދިކޮޅު ލީޑަރު ނަވަލްނީ: ދިރިހުންނެވިއަސް އަވަހާރަވިޔަސް ރައީސް ޕުޓިންއަށް ސަލާމަތެއް ނެތް

ފާއިތުވި ދިހަ އަހަރުގެ ތެރޭގައި ރަޝިޔާގެ އެންމެ އިސް، އިދިކޮޅު ލީޑަރުގެ ގޮތުގައި ފާހަގަކުރެވުނު އެލެކްސީ ނަވަލްނީ ހުކުރު ދުވަހު ވީނުވީއެއް ނޭނގި ކުއްލިއަކަށް އަވަހާރަވީ ޚަބަރު ލިބުމުން މުޅި ދުނިޔެއަށް ކުއްލި ސިހުމެއް ލިބިގެންދިޔައެވެ.

އެމެރިކާގެ ރައީސް ޖޯ ބައިޑެން އެއްވެސް ތަހުގީގެއް ކުރެއްވުމެއްނެތި ވިދާޅުވީ ނަވަލްނީ އަވަހާރަވުމުގެ ޒިންމާ ނަންގަވަން ޖެހިވަޑައިގަންނަވާނީ ރަޝިއާގެ ރައީސް ޕުޓިން ކަމަށެވެ.

އެލެކްސީ ނަވަލްނީ އަކީ ރައީސް ވްލަޑިމިއާ ޕުޓިންއާ ފާޅުގައި އެންމެ ވަރުގަދައަށް ދިމާކުރެއްވި ދެކޮޅުވެރިއާއެވެ. އަވަހާރަވީ 19 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރައްވަން ޖަލުގައި ހުންނަވަނިކޮށް އުމުރުން 47 އަހަރުގައެވެ.

ފާޑުކިޔާ ފަރާތްތަކުން ދެކޭ ގޮތުގައި ނަވަލްނީގެ މައްޗަށް ކޮށްފައި ވަނީ ސިޔާސީ މައްސަލައެއްގައި ސިޔާސީ ހުކުމެކެވެ.

ފާއިތުވި 2023ގައި ނަވަލްނީ ވަނީ އާކްޓިކް ސާކަލް ޖަލަށް ބަދަލުކޮށްފަ އެވެ. އެއީ ރަޝިޔާގައި އެންމެ ހަރުކަށި އަދަބުދޭކަމަށް  އަޑުފެތުރިފައިވާ އެންމެ މަޝްހޫރު އެއް ޖަލެވެ.

ޔަމަލޯ-ނެނެޓްސް ޑިސްޓްރިކްޓް ޕްރިޒަން ސާވިސްގެ އޮފިޝަލުން ބުނީ ހުކުރު ދުވަހު ކަސްރަތަށް ހިންގަވަން ނިކުމެ އުޅުއްވަނިކޮށް ނަވަލްނީއަށް އާލާސްކަންފުޅުގެ އިހުސާސެއް ވެވަޑައިގެންނެވިއެވެ. އަދި ކުއްލިއަކަށް އޭނާގެ ހޭފުޅު ނެތިފައި ވާކަމަށް ޕްރިޒަން ޑިޕާޓްމަންޓުން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.

އެމަޖެންސީ މެޑިކަލް ޓީމަށް ވަގުތުން ގުޅައި އޭނާއަށް އަވަސް ފަރުވާދީ ރަނގަޅު ކުރަން  މެޑިކަލް ޓީމުން ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކުރި ނަމަވެސް އެކަން ކާމިޔާބެއް ނުވިއެވެ.

ނަވަލްނީ މުޒާހަރާއެއްގައި: ގިނަ ބައެއްގެ ލޯބި ހޯއްދެވި

ގާނޫނީ ވަކީލެއްކަމުގައިވާ ނަވަލްނީ ރަޝިޔާގެ ރައީސާ ދެކޮޅަށް ކުރައްވަމުން ގެންދެވި "ހަނގުރާމަ"އިގެ ސަބަބުން އޭނާ ވަނީ ޕުޓިންއާ ދެކޮޅު އެތައް މިލިއަން ބައެއްގެ ބަޠަލަކަށް ވެފައެވެ.

ނަވަލްނީ ވަނީ ޕުޓިންއާއި ކްރެމްލިންގެ ބާރުގަދަ ވެރިން ރައްޔިތުންގެ ލޭ ބޯކަމަށް ވިދާޅުވެފައެވެ. ރަޝިއާގައި ވައްކަމާއި ފަސާދަ ހިންގަނީ ވެރިންކަމަށް ފާޅުގައި އޭނާ ވިދާޅުވެއެވެ.

ރަޝިޔާގެ ނޫސް އެޖެންސީ "ޓާސް"އިން ބުނި ގޮތުގައި އެލެކްސީ ނަވަލްނީ އަވަހާރަވީ  ސަބަބެއް އޮޅުން ފިލުވަން ދަނީ ތަހުގީގެއް ކުރަމުންނެވެ.

ނަވަލްނީގެ ވަކީލު ލިއޮނިޑް ސޮލޮވިއޯވް، ނަވަލްނީގެ ކުއްލި އަވަހާރަވުމާ ގުޅިގެން މީޑިއާއަށް އެއްވެސް އެއްޗެއް ވިދާޅުވާން ވަނީ ދެކޮޅުހައްދަވާފައެވެ.

މީގެ ކުރިން ވެސް ރަޝިއާގެ ރައީސާ ދެކޮޅުފަރާތްތައް ވީނުވީއެއް ނޭނގި މަރުވެފައިވެއެވެ. ސިއްރުން ފުރިފައިވާ އެ މަރުތަކުގެ ހަގީގަތް ހޯދިފައެއް ނުވެއެވެ. ކޮންމެ ފަހަރަކުވެސް ތުންތުންމަތިން ބުނާއަޑު އިވެނީ މަރުތަކުގެ ފަހަތުގައި ރަޝިއާގެ ސިއްރު ފުލުހުންގެ އަތެއްވާކަމަށެވެ. އެކަން ކުރަނީ ރައީސް ޕުޓިންގެ އަމުރުފުޅަށް ކަމަށެވެ.

ޕްރިގޯޒިން: މަރުވީ ބޯޓެއް ވެއްޓިގެން

ރަޝިޔާގެ ކަމާބެހޭ ފަރާތްތަކުން ބުނާ ގޮތުގައި ހަތިޔާރު އެޅި ބާރުގަދަ ޖަމާއަތް، ވެގްނާރގެ ބާނީ ޕްރިގޯޒިން މަރުވި ކަމަށް ބުނާ ހާދިސާ ހިނގާފައި ވަނީ މޮސްކޯގެ އިރުއުތުރު ފަރާތުން އުދުހިފައި ދިޔަ އުދުހޭ ބޯޓެއް ވެއްޓުމުގެ ސަބަބުންނެވެ. ނަމަވެސް އެ ވައިގެ ހިތާމަވެރި އަދި ނުރައްކާތެރި ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް ހޯދިފައެއް ނުވެއެވެ. އެނގޭހައިވެސް އެއްޗަކީ އެ ހާދިސާގައި މަރުވި މީހާއަކީ ރައީސް ޕުޓިންއާ ދެކޮޅު ހަނގުރާމަވެރިއެއްކަމެވެ.

މީގެ އެންމެ ދެތިން މަހެއްހާ ދުވަސްކުރިން  ރައީސް ޕުޓިންގެ އާރާއިބާރަށް އެންމެ ބޮޑު ގޮންޖެހުމެއް ކުރިމަތިކުރުވި ޕްރިގޯޒިންގެ ސިއްރު މަރާ ގުޅިގެން  ޝައްކާއި ވަހުމުގެ ގިނަ ސުއާލުތަކެއް އުފެދުނެވެ. އޭގެ ޖަވާބެއް މިހާތަނަށް ލިބިފައެއް ނުވެއެވެ.

އެމެރިކާ، ފްރާންސް އަދި އިނގިރޭސިވިލާތުން އެ ހާދިސާގެ ފަހަތުގައި ރަޝިޔާގެ ކަމާބެހޭ ފަރާތްތަކެއް ވާކަމަށް ތުހުމަތުކޮށް ވާހަކަދައްކާފައި ވެއެވެ. އެއީ ހޮލީވުޑްގެ ފިލްމެއްގެ މޮޅު މަންޒަރެއްހެން ހިނގާފައިވާ ހާދިސާއެކެވެ.

މީގެ ކުރިން ވެސް ރައީސް ޕުޓިންއާ ދެކޮޅުވެރިންނާއި ފާޑުކިޔާ ބައެއް މީހުން ސިއްރު ހާލަތްތަކެއްގައި މަރުވެފައިވެއެވެ.

މަރުވުމުގެ ދުވަސްކޮޅެއް ކުރިން ޕްރިގޯޒިން އަކީ ރަޝިޔާގެ ރައީސާ ގާތް ގުޅުމެއް އޮންނަ އަދި ސިއްރުވެރިއެއްގެ ގޮތުގައި ބެލެވުނު މީހެކެވެ. ނަމަވެސް ޚިޔާލު ތަފާތުވުމުން އޭނާ ގެންބިގެން ދިޔައީ ސިއްރު މަރަކަށެވެ.

ރަޝިއާގައި ބެލެވެނީ ޕުޓިންގެ ސިޔާސަތާ  ދެކޮޅު ކޮންމެ މީހަކީ ރަޝިއާގެ ބުރަކަށްޓަށް ވަޅިހަރާ މީހެއްގެ ގޮތުގައެވެ. ގައުމަށް ޣައްދާރުވާ މީހެއްގެ ގޮތުގައެވެ. އެފަދަ މީހުންނަށް ކުރިމަތިވަނީ ސިއްރު މަރެކެވެ.

ބޮރިސް ނެމޮޓްސޮވް

ކުރީގެ ބޮޑުވަޒީރު ނައިބު ބޮރިސް ނެމްޓްސޮވް ވަނީ 2015 ވަނަ އަހަރު މޮސްކޯގައި ބަޑިޖަހައި އަވަހާރަކޮށްލާފައެވެ. އެއީ ވެސް ޕުޓިންއާ ދެކޮޅު ބޭފުޅެކެވެ.  އިދިކޮޅު ފަރާތްތަކާ ގުޅިވަޑައިގެން އުޅުއްވި ބޭފުޅެކެވެ.

ރައީސް ޕުޓިންގެ ވެރިކަމުގައި ރަޝިއާއި ރަޝިއާއިން ބޭރުގައި އުޅޭ "ޚިޔާނާތްތެރިން"ނަށް ވެސް ވަނީ މަރުގެ ވޭނާ ކުރިމަތިލާން ޖެހިފައެވެ. އެގޮތުން ވިއްސަށްވުރެ ގިނަ މީހުން މާރާލާފައިވާކަމަށް ވާހަކަދެކެވެއެވެ.

ނޫސްވެރިއެއްގެ މަރު

ރަޝިޔާގެ ނޫސް "ނޮވާޔާ ގެޒެޓާ"ގެ ނޫސްވެރިއެއް ކަމަށްވާ އަނާ ޕޮލިޓްކޯވްސްކާޔާ 2006 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހު މަރާލާފައިވެއެވެ. އޭނާގެ ކުށެއްކަމަށް ބެލެވެނީ ޗެޗްނިއާގައި ރަޝިޔާގެ ސިފައިން އިންސާނީ ހައްގުތަކާ ޚިލާފު އަމަލުތައް ކުރަމުންދާ ކަމަށް ބުނެ އެކަން ކުށްވެރިކޮށް ތަފާތު ލިއުންތައް ލިއުމެވެ.

ރައީސް ޕުޓިންއަށް ފާޑުކިޔައި ދެކޮޅުވެރިވާ ފަރާތްތަކަށް މަރުގެ ނުރައްކަލާ ކުރިމަތިވުމަކީ އައު ކަމެއް ނޫނެވެ. އަދި އެއީ ހައިރާންވާންޖެހޭ ވަރުގެ ކަމެއްވެސް ނޫނެވެ.

ނަވަލްނީ ގެ ކުއްލި އަވަހާރަވުމާ ގުޅިގެން ރަޝިއާގައި މުޒާހަރާކޮށް ހުޅުޖަހައި ހަމަނުޖެހުންތައް ހިންގަމުން އެބަދެއެވެ.

ނަވަލްނީ އަވަހާރަވުމާ ގުޅިގެން އެމެރިކާއާއި ހުޅަނގުގެ ގައުމުތަކުންނާއި އެކިއެކި ޖަމާޢަތްތަކުން ޕުޓިންއަށް ފާޑުކިޔަމުން އެބަދެއެވެ. ނަމަވެސް އެކަމުން ރަޝިއާގެ ބާރުގަދަ ރައީސް ޕުޓިންއަށް ގުޑުމެއް އަންނާނެ ކަމަކަށް ނުބެލެވެއެވެ.

ނަވަލްނީގެ ސިއްރުން ފުރިފައިވާ ކުއްލި އަވަހާރަވުމާ ގުޅިގެން ރައީސް ޕުޓިންގެ ޒާތީ އަދި ސިޔާސީ ހަޔާތްޕުޅަށް މިދުވަސްކޮޅު ބަލިކަށިކަމެއް ކުރިމަތިވާނެއެވެ. ނަމަވެސް ޕުޓިންއަށް ބޮޑަށް ފަސޭހަފުޅު ވާނީ ނަވަލްނީ އަވަހަށް އަވަހާރަވުމުންނެވެ. ނޫންނަމަ އަވަހަށް އަވަހާރަކޮށްލުމުންނެވެ. އޭރުން އޭނާގެ ވިހަ ކަށި ޖެހުމުން ޕުޓިންއަށް ދާއިމީ ގޮތެއްގައި ރައްކާތެރި ވެވޭނެއެވެ.

ނަމަވެސް މިހާރު ރަޝިއާއިން ފެންނަމުންދާ މަންޒަރުތަކުން ދޭހަވަނީ ނަވަލްނީ  ދިރިހުންނެވިއަސް އަދި އަވަހާރަވިޔަސް ރައީސް ޕުޓިންއަށް ސަލާމަތެއް ނެތްކަމެވެ.

މުޙައްމަދު ސަޢީދު މޫސާ ވަޖުދީ
މުޙައްމަދު ސަޢީދު މޫސާ ވަޖުދީއަކީ ނޫސްވެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ތަޖުރިބާކާރު ނޫސްވެރިއެކެވެ. ގައުމީ އިނާމާއި އަދި އެހެނިހެން ޝަރަފުވެރި އިނާމު ހޯއްދަވައިފައިވާ ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.