ރޯދަމަޖާ: ކުށްވެރިޔާ

ބަސް ޓިކެޓް

ހަނދާންނެތުމަކީ ވަކި ފެންވަރެއްގެ ބައެއްގެ ތެރޭގައި އޮންނަ ކަމެއް ނޫނެވެ. ޢިލްމުވެރި މޮޅު މީހުންގެ ތެރޭގައިވެސް އޮންނަ ކަމެކެވެ. ބައެއް ފަހަރަށް ހަނދާން ނެތެނީ ކޮންމެވެސް އެހެން ޚިޔާލެއް ސިކުނޑީގައި އުފެދި މާ ބޮޑަށް ބާރުގަދަވެގެން ދިޔައީމާ ކަމަށްވެސް މާހިރުން ވިދާޅުވެއެވެ.

މި ދަންވައިލަނީ ކްރިސްޓިއަން ފާދިރީއަކު ހަނދާންނެތުނު ކަމެއްގެ ވާހަކައެވެ. މި ވާހަކަ ޝާއިއުކޮށްފައި ވަނީ އެމެރިކާގައި ނެރޭ މަޖައްލާއެއް ކަމުގައިވާ "ހާޕަރސް މަންތްލީ" ގައެވެ.

ފާދިރީ ދަތުރުކުރީ ބަހެއްގައެވެ. ދިގު ދަތުރުތަކުގައި ބައެއް ފަހަރު ބަހުގެ ކޮންޑަކްޓަރު ޓިކެޓް އޮތްތޯ ބަލައެވެ. އޭނާ އައިސް ފާދިރީ ގާތު ޓިކެޓް ދައްކާށޭ ބުނީމާ އޭނާ ފުރަތަމަ ބެލީ ޖީބެވެ. ޓިކެޓެއް ނެތެވެ. ދެން ދަބަސް ބަލައިފިއެވެ. ދަބަހުގައި ހުރި ފޮތްތަކުގެ ތެރެއިން ފޮތެއްގެ ތެރޭގައި އޮތްތޯވެސް ބަލައިފިއެވެ. ޓިކެޓެއް ނުފެނުނެވެ.

ފާދިރީ ބުންޏެވެ. "ވަރަށް ދެރައެވެ. އަހަރެން ބަހަށް އެރީ ޓިކެޓް ގަނެގެންކަން ޔަގީނާ ގާތަށް ހީވެއެވެ. އަހަރެން ދުވަހަކުވެސް ޓިކެޓަކާ ނުލައި ދަތުރެއް ނުކުރަމެވެ. ކުރާކަށް ނުވެސް އުޅެމެވެ. ހާދަހާ ދެރަ ކަމެކެވެ."

ޓިކެޓް ނުފެނިގެން ފާދިރީ ހާސްވެގެން އުޅެން ފެށީމާ ކޮންޑަކްޓަރު ބުނެފިއެވެ. "މާ ބޮޑަށް ތިޔަކަމާ ނުވިސްނަވާށެވެ. ޓިކެޓެއް ނެތިއްޔާ ހަދާނެ ގޮތްވެސް އޮވެއެވެ. ތިޔަ ވަޑައިގަންނަވާ ތަނެއް ވިދާޅުވީމާ އަޅުގަނޑު އާ ޓިކެޓެއް އަރުވަފާނަމެވެ. ފައިސާ ދެއްވާށެވެ."

ފާދިރީ ފިކުރު ބޮޑުވެފައި ބުންޏެވެ. "ދަރިޔާއެވެ. ތިޔަ ވާހަކަ ރަނގަޅެވެ. އެކަމަކު މައްސަލައެއް އެބައޮތެވެ. ޓިކެޓް ނުފެންނަނީސް އަހަރެން ދާންވާ ތަން އެނގޭނީ ކިހިނެއް ހެއްޔެވެ؟"

ކުށްވެރިޔާ

އެކްސިޑެންޓެއް ވެގެން ސައިކަލުދުއްވި މީހާ ފުލުހަށް ގެންގޮސް ސުވާލުކުރަނީއެވެ.

ފުލުސް އޮފްސަރު ބުންޏެވެ. "ހުރިހައި ކަމެއް ހުރީ ރަނގަޅަށްތޯ ބަލަން ޖެހޭނެއެވެ. ސައިކަލުގެ ހުރިހައި ކަމެއް ރަނގަޅަށް ހުރިއްޔާ ނޫނީ ކުށްވެރި ނުވެ ސަލާމަތެއް ނުވާނެއެވެ. އެކްސިޑެންޓްވީ ކާކުގެ ކުށަކުންތޯ ބަލާނީ ހުރިހައި ޝަރުތެއް ހަމަކޮށްފައި ހުރިތޯ ބަލައިފައެވެ."

ސައިކަލުގެ ވެރިމީހާ ބުންޏެވެ. "އަހަރެން ދުވަހަކުވެސް ޓްރާންސޕޯޓުުގެ ގަވައިދަކާ ޚިލާފެއް ނުވަމެވެ. ސައިކަލުގެ އެއްވެސް ކަމެއް ގަވާއިދާ ޚިލާފެއް ނުވާނެއެވެ."

ފުލުސް އޮފްސަރު އަހައިލިއެވެ. "އެންމެ ރަނގަޅެވެ. ކާރު އައިސް ޖެހުނީ ކަލޭގެ ސައިކަލުގެ ކޮން ތަނެއްގައި ހެއްޔެވެ؟"

ސައިކަލުގެ ވެރިމީހާ ބުންޏެވެ. "ޖެހުނީ ފަހަތުގައެވެ. ސައިކަލުގެ ނަންބަރު ޕުލޭޓު ހުރިނަމަ އެކީގައި ފުނޑުފުނޑުވީހެވެ."

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.