ކުޑަކުދިންގެ ބަހުރުވައަކީ ޚާއްސަ ބަހުރުވައެކެވެ. ކުޑަ ކުދިންނާ ވާހަކަ ދައްކަން ޖެހެނީވެސް ވަކި ބަހުރުވައަކުންނެވެ. ކުޑަކުދިންގެ ބަހުރުވައިގައި އެންމެ ބޮޑަށް ފާހަގަ ކުރެވޭ ކަމަކީ ދެ ކުއްޖެއްގެ ބަހުރުވަ އެއް ގޮތް ނުވާ ކަމެވެ. އެކި ކުދިން ބޭނުން ކުރަނީ އެކި ބަހުރުވައެވެ. ބަހުރުވަ އުފެދެނީ އެ ކުއްޖަކަށް ފެންނަ އެއްޗިއްސާއި އިވޭ އަޑު ތަކުންނެވެ. ގިނަ ފަހަރަށް ބައެއް ކުޑަކުދިން އެއްޗިއްސަށް ކިޔާ ނަންނަމަކީ އެ އެއްޗެއްގެ ޙަގީގީ ނަމަކާ މާ ބޮޑު ގުޅުމެއް ހުންނަ ނަމަކަށް ނުވެއެވެ. މިސާލަކަށް އަޅުގަނޑުގެ ދަރިފުޅު ކޭކަށް ކިޔަނީ އެއްޕޯއެވެ. މި ނަމާއި ކޭކާ އެއްވެސް ގުޅުމެއް އެބަހުރިތޯއެވެ؟
ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި ކުޑަކުދިންނާ ވާހަކަ ދައްކަން ޖެހެނީ ވަރަށް ބޮޑަށް ވިސްނައިގެންނެވެ. އެ ކުދިން ކުރާ ސުވާލުތަކަށް ޖަވާބު ދޭން ވާނެއެވެ. އެހެން ނޫނީ ސިކުނޑިއަށް އުނިކަން އަތުވެދާނެއެވެ. އަދި ފަހަރެއްގައި ކުޑަ ކުއްޖާ ވާހަކަ ދެއްކުން ހުއްޓާލުންވެސް އެކަށީގެން ވެއެވެ.
ކުޑަކުދިންގެ ސުވާލު ހުސް ނުވާ ވާހަކައަކީ ވަރަށް ގިނަ މީހުން ދައްކާ ވާހަކައެކެވެ. ސުވާލަކަށް ފަހު ސުވާލެއް ކުރުމަކީ ބައެއް ކުޑަކުދިންގެ އާދައެކެވެ. މާހިރުން ވިދާޅުވާ ގޮތުގައި އެހެން އެ ވަނީ ކުއްޖާގެ ސުވާލު ތަކަށް އެކަށީގެންވާ ޖަވާބެއް ދޭން ބޮޑެތި މީހުންނަށް ނޭގުނީމައެވެ. ހިތް ހަމަ ޖެހޭ ކަހަލަ ޖަވާބެއް ދެވިއްޖެ ނަމަ ކުޑަ ކުއްޖާ އިތުރު ސުވާލެއް ނުކުރާނެއެވެ. އެހެން ނޫނީ "އެއީ ކީއްވެގެން؟" އަކުން އަރައެއް ނުގަނެވޭނެއެވެ. ސުވާލަށް ޖަވާބު ދެވޭ ގޮތަކުން ނުކުންނަ ނަތީޖާގެ މިސާލެއް ދަންނަވައިލާނަމެވެ.
ޢަޒުރާ އާއި ނަޞީރަށް ދަރިއަކު ލިބުނީ ކާވެންޏަށް ދިހަ އަހަރުވީ ފަހުންނެވެ. ދަރިފުޅު ލިބުނުއިރު ދެ މީހުންގެ އުމުރުންވެސް ވަރަށް ދުވަސް ވެއްޖެއެވެ. ޢަޒުރާއަށް ބައްތިރީސް އަހަރެވެ. ނަޞީރަށް އޮނަސާޅީސް އަހަރު ވެއްޖެއެވެ. ދެ މީހުންގެ ސިފައަށްވެސް ވަނީ ބަދަލު ތަކެއް އައިސްފައެވެ. ނަޞީރު އިހަށް ހުންނަނީ ހިމަތޮޅިކޮށެވެ. އެހެން ނަމަވެސް މިހާރު ވަރަށް ފަލައެވެ. ބަނޑުވެސް ބަލިވެ އިނދެ ދުވަސް ފުރިފައިވާ އަންހެނެއްގެ ބަނޑުހައި ބޮޑެވެ. ބޮލުގައި އޮތް ބޯ އިސްތަށިގަނޑަށް ވަނީ އަލްވަދާޢު ކިޔައިފައެވެ. ބޯ ކޮށާ މީހާއަށް މިހާރު ޖެހެނީ އިސްތަށި ހޯދަހޯދައިގެން ކޮށާށެވެ.
މި ދެމަފިރިންގެ ދަރިފުޅު އެއްދުވަހަކު ފޮޓޯ އަލްބަމެއް ބަލަން އިނެވެ. ކުއްލިއަކަށް އޭނާގެ ލޮލުގައި އަޅައިގަތީ އޭނާގެ ބައްޕަގެ ޒުވާން ދުވަސްވަރުގެ ފޮޓޯއެކެވެ. އެ ފޮޓޯ ދައްކާފައި މަންމަޔާ ސުވާލު ކޮށްލިއެވެ.
"މަންމާ. މިއީ ކާކު؟"
ޢަޒުރާ އެ ފޮޓޯއަށް ބަލައިލާފައި ހިނިތުން ވެލިއެވެ. އޭނާގެ ހަނދާނަށްވެސް އައީ ޒުވާން ދުވަސްވަރެވެ. މާ ފޮޅުވަން އުޅުނު ގޮތެވެ. "ތިޔައީ ދަރިފުޅުގެ ބައްޕަ."
ދަރިފުޅުގެ މޫނުމައްޗަށް ވެރިވެގެން ދިޔައީ ހައިރާން ކަމުގެ ކުލަވަރެވެ. އިރުކޮޅެއް ވާންދެން ފޮޓޯއަށް ބަލަން ހުރެފައި އަހައިލިއެވެ.
"އެހެން ވެއްޖެއްޔާ މި ގޭގައި އެ އުޅޭ ބަނޑު ބޮޑު، ތަލަ މީހާއަކީ ކާކު؟"