ރޯދަ މަޖާ: އަޑެއް ނީވޭ

ތަގުރީރު

ކުންފުންޏެއްގެ އަހަރީ ޖަލްސާ ބާއްވަން ވެގެން ކުންފުނީގެ ވެރިޔާގެ ތަގުރީރެއް ލިޔަން ޖެހިއްޖެއެވެ. ތަގުރީރު ކުރަން ހަމަޖެހިފައި އޮތީ ވިހި މިނިޓަށެވެ.

ވެރިޔާ ސެކްރެޓަރީ ގާތު ބުނުއްވިއެވެ. "ބަރާބަރު ވިހި މިނިޓަށް ފެތޭވަރުގެ ތަގުރީރެއް ލިޔެގެން ގެނެސްދީ."

އަހަރީ ޖަލްސާ ފެށިއްޖެއެވެ. ވެރިޔާ ތަގުރީރު ނިންމަވާފައި އިސްޓޭޖުން ފޭބެންނެވީ ވަރަށް ބޮޑަށް ރުޅިދުރުވެފައި ހުންނަވައިގެންނެވެ.

ވެރިޔާ ސެކްރެޓަރީއާ ދިމާއަށް ބުނުއްވިއެވެ. "ކަލޭ ގާތު އަހަރެން ބުނީ ވިހި މިނިޓަށް ފެތޭވަރުގެ ތަގުރީރެއް ލިޔެދޭށޭ. ކަލޭ ލިޔެފައި އޮތީ އެއް ގަޑިއިރުގެ ތަގުރީރެއް. އަޑުއަހަން ތިބި މީހުން އެންމެ ފަހުން ފޫހިވެގެން ނުކުމެގެން ދާން ފެށިތަން ނުދެކެންތަ؟"

ސެކްރެޓަރީ ނަންގަތެވެ. "އަޅުގަނޑު ދުށިން. އަޅުގަނޑު ލިޔުނީ ވިހި މިނިޓުގެ ތަގުރީރެއް. ވެރިޔާ އަތަށް އެރުވީ އެ ތަގުރީރުގެ ތިން ކޮޕީ."

އަޑެއް ނީވޭ

ސިނަމާއެއްގައި ފިލްމު ބަލަން އިން މީހެކެވެ. އޭނާގެ ކުރިމަތީގައި ހުރި ދެ ގޮނޑީގައި ތިބި ދެ އަންހެނުން އަނގަތަޅާ ވަރުން އޭނާއަކަށް ފިލްމުގައި ދައްކާ ވާހަކަ އެއްގޮތަކަށްވެސް އަޑެއް ނީވެއެވެ.

އިރުކޮޅެއް ވާންދެން އަޅާނުލައި އިނުމަށް ފަހު އެންމެ ފަހުން ކެތް ނުކުރެވިގެން އެތަނުން އެކަކުގެ ކޮނޑުގައި ކޮއްޓައިލިއެވެ. އެ އަންހެންމީހާ އެނބުރި ބަލައިލީމާ މަޑުމަޑުން ބުނެފިއެވެ. "މާފު ކުރައްވާ. އަޅުގަނޑަކަށް އެއްގޮތަކަށްވެސް އަޑެއް ނީވޭ."

އެ އަންހެންމީހާ ކުޑަކޮށް ނުރުހިފައި ބުނެލިއެވެ. "ވަރަށް ރަނގަޅު. އަޅުގަނޑުމެން މި ދައްކަނީ އަމިއްލަ ވާހަކައެއް."

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.