މިސްކިތުން ފައިވާން ގެއްލުމަކީ ރާއްޖޭގައި ވަރަށް ޢާންމު ކަމެކެވެ. މިއީ ހިތާމަ ކުރަން ޖެހޭ ކަމެއް ކަމުގައި ވިޔަސް ކަންތައްތައް އޮތީ މިހެންނެވެ. ފައިވާން ގެއްލުމަކީ ފަރުވާއެއް ހޯދަން ޖެހިފައި އޮތް ބައްޔެކެވެ.
ފައިވާން ގެއްލޭތީ އެކި މީހުން އަޅަނީ އެކި ފިޔަވަޅެވެ. ބައެއް މީހުން ފައިވާނުގައި ނަން ޖަހައިގެން ގެންގުޅެއެވެ. އެއީ ވައްކަން ކުރުން ހުއްޓުވޭނޭ ކަމެއް ނޫނެވެ. ނަން ޖަހާފައި އޮތަސް ވަގަށް ނަގާ މީހަކު ބަލައެއް ނުލައެވެ. އެއް ނަން ކިޔާ ކިތައް މީހުން ރާއްޖޭގައި އުޅޭތޯއެވެ؟ އެހެންވީމާ ނަން ޖަހައިގެން ގެންގުޅުމަކީ ހައްލެއް ނޫނެވެ. ބައެއް މީހުން ހަދާ ގޮތަކީ ކޮތަޅަކަށް ފައިވާން ލައިގެން އެ ހިފައިގެން މިސްކިތަށް އަރަނީއެވެ. ނަމާދަށް ހުއްޓާ އެ ކޮތަޅު ހިފައިގެން މީހަކު ދާއިރުވެސް ނަމާދު ދޫކޮށްލާކަށް ނުކެރެއެވެ. އެއީ ފާފައަކަށް ވެދާނެތީއެވެ. (އެފަދަ ހާލަތެއްގައި ނަމާދު ދޫކޮށްލަން ޖެހޭނެތޯ ނުވަތަ ނޫންތޯ ވިދާޅުވުމަކީ ދީނީ ޢިލްމުވެރިންގެ ކަމެކެވެ.) މި މައްސަލަ ހައްލު ކުރުމުގެ ގޮތުން ބައެއް މީހުން ފައިވާން ކޮތަޅު ހަށިގަނޑުގެ ކޮންމެވެސް ތަނެއްގައި އައްސައިގެން ގެންގުޅެއެވެ. މިއީވެސް ދާއިމީ ހައްލަކަށް ނުވެއެވެ. ވަގުކަލޭގެ އައިސް ކޮތަޅު މޮހައިލައިގެން ގެންދަނީއެވެ.
އެއް ދުވަހަކު އަޅުގަނޑުގެ ބައްޕަ ބާޒާރަށް ދުރުވެ ވަރަށް ރީތި ހަން ފައިވާނެއް ބައްލަވައިގެންފިއެވެ. އެއީ އެ ދުވަސްވަރު އަލަށް ބާޒާރަށް ނެރުނު ވަރަށް މޮޅު ފައިވާނެކެވެ. ލިބެން ހުރީވެސް މާލޭގެ އެންމެ ފިހާރައަކުންނެވެ. އަގުވެސް އެހައި ބޮޑެވެ. (މިހާރު އެ ވައްތަރުގެ ފައިވާން މާލޭގެ ވަރަށް ގިނަ ފިހާރަތަކުން، ވަރަށް އަގު ހެޔޮކޮށް ލިބޭން އެބަ ހުއްޓެވެ.)
ފައިވާން ބައްލަވައިގަތް ދުވަހު ފިހާރައިގެ ސޭޓު އެ ފައިވާނުގެ މޮޅު ކަމުގެ ވާހަކަ ވަރަށް ދެއްކިއެވެ. މޮޅު ކަމުގެ ތެރޭގައި ހިމެނޭ އެއް ކަމަކީ ކިތަންމެ ހޫނު ގަދަ ތަނެއްގައި ބެހެއްޓިޔަސް އެ ފައިވާނަށް ހޫނު ނުވުމެވެ. މިއީ ހަމަ ސޭޓު ބުނި ގޮތެވެ. އެ ފައިވާނަށް އަރައިގެން ހުންނަ އިރު ފަޔަށް ހޫނު ނުވާނޭ ވާހަކައެއް ނޫނެވެ. ފައިވާނަށް ހޫނުގެ އަސަރު ނުކުރާ ވާހަކައެވެ. މޮޅު ފައިވާނެއް ދޮގެއްތޯއެވެ؟
މިހައި މޮޅު ފައިވާނަކަށް އެންމެ ފަހުން ވީ ކިހިނެއް ކަމަށްތޯއެވެ؟ ބައްޕަ ފައިވާން ބައްލަވައިގަތް ދުވަހުގެރޭ އިސްލާމީ މަރުކަޒުގެ މިސްކިތަށް ޢިޝާ ނަމާދަށް ދުރުވެފައި ގެއަށް ދުރުވީ ހުސް ފަޔާއެވެ. ފައިވާން ވަގަށް ގެެންދިޔައީއެވެ. ބައްޕަ ގެއަށް ދުރުވެ ބުނުއްވިއެވެ. "ހޫނު ނުވާ ފައިވާން ހަދާ ބަޔަކު ވަގަށް ނުގެންދެވޭ ކަހަލަ ފައިވާންވެސް ހަދާ ނަމަ ކިހައި ރަނގަޅު-"
އަޅުގަނޑު ނަންގަނެލީމެވެ. "އެ ކަހަލަ ފައިވާނެއް ހަދާނީ ކިހިނެއްތޯ-؟ ބައްޕަގެ ފައިވާން އާ ވީމާ ވަގަށް ގެންދިޔައީ- ބައު ފައިވާނެއް ނަމަ ނުގެންދިޔައީސް-"
ބައްޕަ އަޅުގަނޑާ ދިމާއަށް ބައްލަވައިލައްވައިފައި ބުނުއްވިއެވެ. "ދަރިފުޅާ- ދެރަ ކަމަކީ ތިޔައީތާ- ފައިވާނެއް ގަންނާން ވެގެން ބައްޕަ ބާޒާރުގައި ވަރަށް ހިނގިން- އެކަމަކު ބައު ފައިވާން ވިއްކާ އެންމެ ފިހާރައެއްވެސް ހަމަ ނުފެނުނީ-"