ޕާކިސްތާނުގެ ބަލިކަށި ކޯލިޝަން: ސަރުކާރަށް ކުރިމަތިވެފައިވާ ގޮންޖެހުންތައް

ޕާކިސްތާނުގެ އައު ބޮޑުވަޒީރު ޝަހެބާޒު ޝަރީފަށް ސަރުކާރެއް އެކުލަވައިލެއްވުމުގެ ފުރުސަތު ލިބިވަޑައިގަތީ ސިޔާސީ ހަ ޕާޓީ މަސްހުނިކޮށްގެން އުފެއްދި "ކޯޅިޝަން"އެއްގެ ތެރެއިންނެވެ.

ޕާކިސްތާނު އަލުންބަލުން ބިނާކުރަން  މަސްހުނި ސަރުކާރަށް ކުރަން ޖެހިފައިވާ މަސައްކަތްތައް ގިނަގުނައެވެ.

އައު ސަރުކާރުން ވަނީ ގައުމުގެ ހާލަތު ރަނގަޅު ކުރުމަށް ވަރުގަދަ އަޒުމެއް ކަނޑައަޅާފައެވެ.

ޝެހެބާޒް ޝަރީފް ދެވަނަ ފަހަރަށް ވެރިކަމަށް ވަޑައިގެންނެވީ ބޮޑުވަޒީރުކަމުގެ ފުރަތަމަ ދައުރު ނިމުނުތާ ހަތަރުފަސް މަސްދުވަސް ފަހުންނެވެ.

މި ފަހަރު ބޮޑުވަޒީރު ޝެހެބާޒުގެ ބަލިކަށި މަސްހުނި ސަރުކާރަށް ކުރިމަތިވެފައިވާ މައްސަލަތަކާއި ގޮންޖެހުންތައް ކުރިއަށްވުރެ ބޮޑެވެ. ކަންބޮޑުވުންތައް ގިނަގުނައެވެ. އެމަނިކުފާނުގެ ފުރަތަމަ ދައުރުގައި މާބޮޑު ކާމިޔާބީއެއް ލިބިވަޑައިނުގެންނެވި ގޮތަށް، އެމަނިކުފާނުގެ އައު ސަރުކާރަށް ވެސް ކުރިމަތިވެފައި ވަނީ ހަލަބޮލި އަދި ދަތި އުނދަގޫ ހާލަތެއް ކަމަށް ދިރާސާކުރާ ފަރާތްތަކުން ދަނީ ބުނަމުންނެވެ.

އާ ސަރުކާރަށް ރަނގަޅު ނިޝާނެއް ނޫން

ބޮޑުވަޒީރަކު ހޮވުމަށް ބޭއްވި ގައުމީ މަޖިލީހުގެ ޖަލްސާގެ ތަޅުމުން ފެނުނު ހަލަބޮލިކަމަކީ ޕާކިސްތާނުގެ ސިޔާސީ ބައިބައިވުން އިތުރަށް ގޯސްވަމުންދާކަމުގެ އިޝާރާތެކެވެ. މި ބައިބައިވުމުގެ ސަބަބުން، މިދަނޑިވަޅު ޕާކިސްތާނަށް އިންތިހާއަށް ބޭނުންވެފައިވާ ސިޔާސީ ހަމަޖެހުން ގާއިމު ކުރުމަކީ ވަރަށް ދަތިކަމެއްކަން ހާމަވެގެން ދިޔައެވެ.

އިންތިޚާބުގެ ކުރިން ވެސް އަދި ފަހުން ވެސް ޕާކިސްތާނުން ފެންނަމުން ދަނީ ސިޔާސީ ހަމަނުޖެހުމާއި ހަލަބޮލިކަމެވެ. އެތައް ސަތޭކަ ސިޔާސީ ގައިދީން ޕާކިސްތާނުގެ ޖަލުތަކުގައި އިންސާފެއް ނެތް ދުވަސްތައް ގުނަމުންދާއިރު އޭގެތެރޭގައި ގިނައަދަދަކަށް އަންހެނުން ވެސް ހިމެނެއެވެ.

ސިޔާސީ ސުލްހަވެރި މާހައުލެއް ގާއިމުކުރުމަށް ބޮޑުވަޒީރު ޝަހެބާޒް ޝަރީފް ގޮވާލެއްވިޔަސް އެތައް ސަތޭކަ ސިޔާސީ ގައިދީން ޝަރީއަތެއް ނެތި ޖަލުގައި ތިބުމުން، އިދިކޮޅު ފަރާތްތަކުން ދެކެނީ ސިޔާސީ ސުލްހައެއް ގާއިމުކުރަން ސަރުކާރުން ބޭނުންނުވާކަމަށެވެ.

އިލެކްޝަންސް ކޮމިޝަނުން ދާދި ފަހުން ނިންމި ނިންމުމުގެ ސަބަބުން،  ޕާކިސްތާން ތަޙްރީކް އިންސާފް (ޕީޓީއައި) ގެ ތާއީދު އޮންނަ ސުންނީ އިއްތިހާދު ކައުންސިލަށް ގައުމީ މަޖިލީހުގެ ރިޒާވް ގޮނޑިތައް ގެއްލި، ސިޔާސީ މާހައުލު އިތުރަށް ވަނީ ގޯސްވެފައެވެ.

ކުރީގެ ބޮޑުވަޒީރު އަދި ޕީޓީއައިގެ ބާނީ ޢިމްރާން: ޖަލު ބަންދުގައި

ބޮޑުވަޒީރަށް އަދި ފުރިހަމަ ކެބިނެޓެއް އެކުލަވައިލެއްވިފައި ނުވާއިރު ކެބިނެޓް އެކުލަވައި ލެއްވުމާ ގުޅޭ ގޮތުން ވެސް އިވެމުން ދަނީ ޝައްކާއި ވަހުމްގެ އަޑުތަކެވެ. ގުޅިފައިވާ މަސްހުނި ސަރުކާރު ސިޔާސީ ގޮތުން އަދި އެއްގަލަކަށް އެރިފައި ނުވާއިރު "ކޯޅިޝަން"ގެ ހަ ޕާޓީ އެއްވަގުތެއްގައި، އެއްފަހަރާ އުފަލުގައި ބޭތިއްބުމަކީ ބޮޑުވަޒީރު ޝަހެބާޒް ޝަރީފަށް  އުނދަގޫފުޅު ކަމަކަށް ވަނީ ވެފައެވެ. އޭގެ އިތުރަށް މާޒީގައި ހަޑިހާއްވަވާފައިވާ މުސްކުޅި މޫނުތައް އައު ސަރުކާރުގައި ބައިވެރިކޮށްގެން، ގައުމަށް  ދިމާވެފައިވާ މި ހިތްދަތި ދަނޑިވަޅުގައި ސަރުކާރަށް ޚިދުމަތް ކޮށްދެވޭނެ ކަމުގެ މާބޮޑު އުންމީދެއް ނެތެވެ. ހަމަގައިމުވެސް އެންމެ ފަހުގެ ނިންމުން އޮތީ ބޮޑުވަޒީރުގެ ބޮޑުބޭބެފުޅު ނަވާޒް ޝަރީފްގެ އަތްޕުޅުގައެވެ.

ޕާކިސްތާނުގެ އެތައް މިލިއަން ރައްޔިތުން ގަބޫލުކުރާގޮތުގައި ތިންފަހަރަށް ބޮޑުވަޒީރުކަން ކުރައްވާފައިވާ ނަވާޒް ޝަރީފަކީ ޚުދުމުޚުތާރު، އަދި ކޮރޮޕްޓް ބޭފުޅެކެވެ. ގައުމަށް އޭނާއަށް ކޮށްދެއްވޭނެ ފައިދާ ހުރި އައު ކަމެއް ނެތެވެ.

މިހާރު އުފެދިފައިވާ އެންމެ މުހިއްމު ސުވާލަކީ ގައުމުގެ ބަލިކަށި އިގުތިސާދު ހިންގާނީ ކޮންބައެއް ތޯއެވެ؟

"އިގުތިސާދީ ގުރޫ"ގެ ގޮތުގައި އިސްޙާޤު ދާރު އެނބުރި ވަޑައިގަތުމަކީ ގާތް ކަމެއް ނޫން ނަމަވެސް، އޭނާ ރޭހުން މުޅިން ބާކީ ނުކުރެވޭނެ އެވެ. ފިނޭންސް މިނިސްޓަރު ކަމަށް އޭނާ އެނބުރި ވަޑައިގަތުމަކީ ގައުމުގެ  އިގުތިސާދީ މުސްތަގުބަލަށް ނުބައި ޚަބަރަކަށް ވާނެ އެވެ.

ޕާކިސްތާނުގެ އައު ސަރުކާރަށް  ކުރިމަތިވާނެ އެންމެ ބޮޑު ގޮންޖެހުމަކަށް ވާނީ ދައުލަތުގެ ވިޔަފާރިތައް ޕްރައިވެޓައިޒް ކުރުމުގެ މަސައްކަތް ގިނަ ދުވަސްތަކެއް ވާނދެން ކުރިއަށް ގެންދިއުމެވެ. އެ މުއައްސަސާތަކުން އިގުތިސާދަށް ވަރަށް ބޮޑަށް ގެއްލުން ލިބެމުން އެބަދެއެވެ. އެ މައްސަލަ ހައްލުކުރަން ޕާކިސްތާން ޕީޕަލްސް ޕާޓީ (ޕީޕީޕީ)ގެ ތެރޭގައި ވަރުގަދަ ރޫހެއް އޮތްކަމަށް ވިޔަސް "ކޯޅިޝަން"ގެ އެހެން ޕާޓީތަކުން ގައުމުގެ އިގުތިސާދު ހަމައަކަށް އަޅުވަން ރަނގަޅު އެޖެންޑާއަކާއެކު މައިދާނަށް ނުކުމެފައެއް ނުވެއެވެ.

ޕާކިސްތާނުގައި ޕްރައިވެޓައިޒޭޝަންގެ މައްސަލަ ބެލެވެނީ ސިޔާސީ މައްސަލައެއްގެ ގޮތުގައެވެ. އެތައް ޕާޓީއެއްގެ މައްޗަށް ބިނާވެފައިވާ އަޣުލަބިއްޔަތު ނެތް، ބަލިކަށި ސަރުކާރަކަށް، ޕީއައިއޭ އާއި ޕާކިސްތާން ސްޓީލް މިލްސް ހިމެނޭ ގޮތަށް ދައުލަތުގެ އެހެން ވިޔަފާރިތައް ވިއްކަން ނިންމުމަކީ ފަސޭހަ ކަމެއް ނޫނެވެ. ފާހަގަކޮށްލަންޖެހޭ ކަމަކީ މި މުއައްސަސާތަކުން އާންމު ޚަޒާނާއަށް އަހަރަކު އެތައް ބިލިއަން ރުފިޔާއެއް ގެއްލުންދެމުންދާ ކަމެވެ.

އިގުތިސާދީ ފަރާތްތަކުން ކުރާ އެންމެ މުހިއްމު އެއް ސުވާލަކީ ޕާކިސްތާނުގެ ދަރަނީގެ އެންމެ ގޯސް ހާލަތުގައި އައު ސަރުކާރުން ކަންތައް ކުރާ ގޮތެކެވެ.

ގައުމީ މަޖިލީހުގައި ދެއްވި ފުރަތަމަ ތަގުރީރުގައި ބޮޑުވަޒީރު ޝެހްބާޒް ޝަރީފް ވަނީ މުޅި ފެޑެރަލް ސަރުކާރުގެ ހަރަދުތައް ދަރަންޏަށް ނަގާ ފައިސާއިން ފުއްދައިދޭތީ ހިތާމަ ފާޅުކުރައްވާފައެވެ. އޭނާ ވިދާޅުވީ ސްޓޭޓު ސަރުކާރުތަކަށް ބޭނުންވާ ފައިސާ ދިނުމަށްފަހު މައި ސަރުކާރުގެ ބޭނުންތަކަށް ބާކީ ވަނީ ވަރަށް މަދު  ފައިސާކޮޅެއް ކަމަށެވެ. އެއީ ހަމަ ޔަގީނުންވެސް ގައުމަށް މާލީ ގޮތުން ދަތިތަކެއް ކުރިމަތިވާ އެންމެ ބޮޑު އެއް ސަބަބެވެ.

ޝަހެބާޒް ޝަރީފް ވަނީ ދަރަނީގެ ބުރަ ބޮޑުވުމާ ކުރިމަތިލުމަށް ނޭޝަނަލް ފައިނޭންސް ކޮމިޝަން (އެންއެފްސީ) ގެ ދައުރު މުރާޖައާ ކުރުމަށް އިޝާރާތް ކުރައްވައިފައެވެ. އެކަމަކު އެންއެފްސީ އިސްލާހު ކުރުމަށް ހުރިހާ ސްޓޭޓެއްގެ ރުހުން ބޭނުންވެ އެވެ. ގައުމުގެ ހާލަތު މިހާރުގެ އޮތްގޮތަށް ބަލާއިރު އެކަން ކުރަން ހުރިހާ އެންމެންގެ ރުހުން ހޯދުމަކީ ކުރެވޭނެ ކަމެއްކަމަށް ގަބޫލެއް ނުކުރެވެއެވެ. އެކި ސްޓޭޓުތަކުގެ ވެރިކަން ހިންގަނީ އެކި ސިޔާސީ ޕާޓީތަކުންނެވެ.

ޚައިބަރު ޕަޚްތުންޚްވާގައި ވެރިކަން ކުރަމުން ދަނީ ކުރީގެ ބޮޑުވަޒީރު ޢިމްރާން ޚާންގެ ޕީޓީއައި އިންނެވެ. ސަރުކާރުން ކުރާ ކަންތައްތަކަށް ޢިމްރާންގެ ޕީޓީއައިއިން އެއްބާރުލުން ދޭނޭކަމަށް ގަބޫލެއް ނުކުރެވެއެވެ.

ޚައިބަރު ޕަޚްތުންޚްވާގެ އިސްވެރިން: ސަރުކާރަށް ޕްރެޝަރަކަށް ވާނެ

އިގުތިސާދު ހަމަ މަގަށް އެޅުވުން

ޝަހެބާޒްގެ ސަރުކާރަށް އޮތް އަނެއް ބޮޑު ގޮންޖެހުމަކީ އިގުތިސާދު ހަމައަކަށް އެޅުވުމަށް ބޭނުންވާ ހަ ބިލިއަން ޑޮލަރު ހޯދުމަށް އައިއެމްއެފްއާ އެކު މަޝްވަރާ ކޮށް އެފައިސާ ހޯދުމެވެ.

އައު ޕެކޭޖެއް ހޯދުމަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑާ އެކު މަޝްވަރާތައް ވަރަށް އަވަހަށް ފަށައި ގޮތެއް ހޯދުމަކީ ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދޭ އެއްކަމެވެ. އައިއެމްއެފްގެ ޝަރުޠުތައް މިހާރު ހުށަހަޅާފައިވާއިރު، އައު އެއްބަސްވުމެއްގެ ކުރިން ސަރުކާރުން އެ ޝަރުޠުތައް ތަންފީޒު ކުރަން ޖެހެއެވެ.

އޭގެތެރެއިން ބައެއް ޝަރުޠުތަކަކީ މިހާރުވެސް ނުތަނަވަސްކަން ކުރިމަތިވެފައިވާ  ސަރުކާރު އިތުރަށް ޕްރެޝަރަށް ވެއްޓި ސަރުކާރުގެ މަގުބޫލުކަން ކުޑަވެ، ސިޔާސީ ގޮތުން ބޮޑެތި ގެއްލުންތަކެއް ލިބޭ ފަދަ ޝަރުޠުތަކެކެވެ.

ޝެހެބާޒް ޝަރީފްގެ ކުރީގެ ސަރުކާރުގައި ފިނޭންސް މިނިސްޓަރުގެ މަގާމު އަދާކުރެއްވި  އިސްޙާޤު ދާރު ހިމެނިގެން އައިއެމްއެފްއާ އެކު ބޭއްވި މަޝްވަރާތަކުގައި ގިނަ މައްސަލަތަކެއް ކުރިމަތިވި އެވެ. ނަމަވެސް އެންމެ ފަހު ވަގުތު އައިއެމްއެފްގެ ބެއިލްއައުޓް ޕެކޭޖުގެ ސަބަބުން ޕާކިސްތާނު ބަނގުރޫޓު ވުމުން ސަލާމަތްވިއެވެ.

ބޮޑުވަޒީރުކަން ލިބިވަޑައިގަތުމުގެ ކުރިން އަދި އޭގެ ފަހުން ވެސް ޝަހެބާޒް ޝަރީފް ވަނީ އައިއެމްއެފްއާ އެކު ޕާކިސްތާނުން ކުރިއަށް ގެންދާ މަޝްވަރާތަކުގައި އޭނާ އަމިއްލަފުޅު ހައިސިއްޔަތުން ވެސް ބައިވެރިވެވަޑައިގަންނަވާނޭކަމުގެ އިޝާރާތްތައް ދެއްވާފައެވެ.

ޕާކިސްތާނުގެ ހަ ޕާޓީއެއް ގުޅިގެން އުފައްދާފައިވާ ސަރުކާރާ ދެކޮޅަށް އަޑުއުފުލަމުންދާ އިދިކޮޅު ޕާޓީތަކުގެ އަޑު ޚާއްޞަކޮށް ޕީޓީއައިގެ އަޑު ޕާލަމެންޓާއި މުޅިގައުމުގައި ވެސް ވަރަށް ގަދައެވެ. ޕާލަމެންޓުގެ ގިނަ ގޮޑިތައް ލިބުނީ ޕީޓީއައިއަށް ތާއިދުކުރާ މީހުންނަށް ކަމަށް ވިޔަސް ސަރުކާރު އުފެއްދީ ޢިމްރާން ޚާން ވިދާޅުވިގޮތުންނަމަ ހުރިހާ ވަގުންތައް ގުޅިގެންނެވެ. ސަރުކާރުގެ މަގާމުތައް ވަނީ ވަގުންނަށް ބޭނުންވީ ގޮތަށް ބަހައި ހުސްކޮށްލާފައެވެ. އިންތިޚާބެއް ބޭއްވިޔަސް ގައުމުގައި ސިޔާސީ ހަމަޖެހުމެއް ނެތެވެ. އިގުތިސާދީ ހަމަޖެހުމެއް ގައުމުގައި ނެތެވެ. ރައްޔިތުން ދަނީ ހަނާހުނިވަމުންނެވެ. ކަން މިހެން އޮތުމުން ޕާކިސްތާންގެ ބަލިކަށި ކޯލިޝަން ސަރުކާރަށް ކުރިމަތިވެފައިވާ ގޮންޖެހުންތައް ގިނަގުނައެވެ. އެކަންތައްތަކުން ސަލާމަތް ނުކުރެވިއްޖެނަމަ ގައު ކުރިމަތި ލާންޖެހޭނީ އަނެއްކާ ވެސް އައު އިންތިޚާބަކާއެވެ.

މުޙައްމަދު ސަޢީދު މޫސާ ވަޖުދީ
މުޙައްމަދު ސަޢީދު މޫސާ ވަޖުދީއަކީ ނޫސްވެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ތަޖުރިބާކާރު ނޫސްވެރިއެކެވެ. ގައުމީ އިނާމާއި އަދި އެހެނިހެން ޝަރަފުވެރި އިނާމު ހޯއްދަވައިފައިވާ ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.