ބޮޑުވަޒީރަކަށް ވާނީ ކޮން ބޭފުޅެއް؟: ޕާކިސްތާނާއި ޢިމްރާން ޚާން ސިޔާސީ ޠޫފާނެއްގެ ތެރޭގައި

ޕާކިސްތާނުގައި ބުރާސްފަތި ދުވަހު (ފެބުރުއަރީ 8ގައި) ބޭއްވި އިންތިޚާބުން އެއްވެސް ޕާޓީއަކަށް އެކަނި ސަރުކާރެއް ހެދޭވަރުގެ އަޣުލަބިއްޔަތެއް ނުލިބުނެވެ. އެހެންވެ ސިޔާސީ ޕާޓީތަކުން މިހާރު ތެޅިފޮޅެމުން ދަނީ ގިނަ ޕާޓީތައް ގުޅިގެން މަސްހުނި ސަރުކާރެއް އުފެއްދުމަށެވެ. ގިނަ ޕާޓީތައް ގުޅިގެން ގިނަ ޕާޓީތަކުގެ ރުހުން ލިބޭ އެއް ޕާޓީއަކާ ވެރިކަން ކުރުމުގެ މަސްއޫލިއްޔަތު ހަވާލުކުރުމަށެވެ. އަދި މެންބަރުން ގަނެ ވިއްކުމުގެ މަސައްކަތް ވެސް ވަރަށް ފޯރީގައި ކުރިއަށް އެބަދެއެވެ.

އިންތިޚާބު ނިމުމުން "މޮޅުވެއްޖޭ ކާމިޔާބު ލިބިއްޖޭ" ވިދާޅުވެ އެންމެ ބޮޑަށް ވާހަކަފުޅު ދެއްކެވީ ކުރިން ތިން ފަހަރަށް ބޮޑުވަޒީރުކަން ކުރައްވާފައިވާ އަދި ކޮރަޕްޝަންގެ ބޮޑެތި އެތައް ތުހުމަތެއް ކުރެވިފައިވާ ނަވާޒު ޝަރީފެވެ.

ޕާކިސްތާނުގެ ސިޔާސީ މަސްރަހުގައި އިންތިހާއަށް ބާރާއި ނުފޫޒުގަދަ ސިފައިން ވެސް ތިބީ އަޑިއަޑިން ނަވާޒު ޝަރީފަށް ތާއިދުކޮށްގެންނެވެ. ހަމައެގޮތަށް ޕާކިސްތާން ޕީޕަލްސް ޕާޓީއަކީ ވެސް ސިފައިންގެ ރުހުން އޮތް ޖަމާއަތެކެވެ. ނަމަވެސް ރައްޔިތުން ނިކުމެ ވޯޓު ދިނީ ޖަލުގައި ބަންދުކޮށް، އުލުބައިންދާފައިވާ ކުރީގެ ބޮޑުވަޒީރު ޢިމްރާން ޚާންގެ ރުހުން ލިބިފައިވާ މިނިވަން ކެންޑިޑޭޓުންނަށެވެ. ޢިމްރާނަކީ ސިފައިންގެ އިސްވެރިންގެ ރުހުން ނެތް ބޭފުޅެކެވެ. އެކަމަކު ރައްޔިތުންގެ އުއްމީދުތައް ގުޅިފައި ވަނީ ޕާކިސްތާނަށް ދުނިޔޭގެ ކުރިކެޓް ޗެމްޕިއަންކަން ހޯދައިދިން ޓީމްގެ ކެޕްޓަން ޢިމްރާން ޚާނާއެވެ.

ނަވާޒު ޝަރީފު އާއިލާގެ ބޭފުޅުންނާއެކު: ބޮޑު ކާމިޔާބެއް ޕާޓީއަކަށް ނުލިބުނު

ޢިމްރާން ޚާން ވިދާޅުވާ ގޮތުގައި ޕާކިސްތާންގެ ރައްޔިތުންނަށް ދެފައިމައްޗަށް ކޮޅަށް ތެދުވެވޭނީ ޑިމޮކްރަސީގެ ނަމުގައި ޕާކިސްތާނުގައި ޒަމާންތަކެއް ވާނދެން "ރަސްކަން" ކުރަމުންދިޔަ ބުއްޓޫ އާއިލާއާއި ނަވާޒު ޝަރީފުގެ އާއިލާއާއި ސިފައިންގެ ބާރުން ރައްޔިތުން ސަލާމަތްވީ ދުވަހަކުންނެވެ.

ޕާކިސްތާން 1947 ވަނަ އަހަރު އުފެދި މިނިވަންވީ ފަހުން އެ ގައުމުގައި އެކިފަހަރުމަތިން 30 އަހަރަށްވުރެ ގިނަ ދުވަހު ޢަސްކަރީ ވެރިން ގައުމުގެ ވެރިކަން ކޮށްފައި ވެއެވެ.

ޢިމްރާން ޚާންގެ ސަރުކާރު އިތުބާރު ނެތްކަމުގެ ވޯޓަކުން މިދިޔައަހަރު ވައްޓާލީ ނަވާޒު ޝަރީފުގެ މުސްލިމް ލީގް ޕާޓީއާއި ބުއްޓޫ އާއިލާގެ ޕީޕީޕީއާއި ގުޅިގެން ހިންގި ޖަރީމާއެއްގައެވެ. އެކަމުގެ އަޑީގައި ސިފައިންނާއި އެމެރިކާ ވެސް ހިމެނޭކަމަށް ޢިމްރާން ޚާން އެތައް ފަހަރަކު ވިދާޅުވެފައިވެއެވެ. އެކަމުގައި އެމެރިކާއިން ބައިވެރިވީ ތުރުކީއާއި އީރާނާއި ރަޝިއާއާ ޢިމްރާން އާދަޔާ ޚިލާފަށް ގުޅުން ބަދަހި ކުރައްވަން ފެއްޓެވުމުންނެވެ. ސިފައިން ޢިމްރާނާ ދެކޮޅުވެރިވާން ޖެހުނީ ސިފައިންގެ ބާރު ސިޔާސީކަންތަކުން ކުޑަކުރަން ޢިމްރާން ފާޅުގައި މަސައްކަތް ކުރެއްވުމުންނެވެ.

އިންތިޚާބުގައި މަކަރު ހަދާފައިވާކަމަށް ބުނެ ޢިމްރާން ޕާޓީގެ މީހުން މުޒާހަރާ ކުރަނީ

އިންތިޚާބަށް ތައްޔާރުވަމުން ދިޔައިރު ޢިމްރާން ހުންނެވީ ޖަލުގައެވެ. އިންތިޚާބު ފެށެން ހަފުތާއަކަށް ވީއިރުވެސް ކޯޓުތަކުން ބަރިބަރިއަށް ޢިމްރާންގެ މައްޗަށް ހުކުމް ކުރަމުން ދިޔައެވެ. އޭނާއަށް އިންތިޚާބުގައި ވާދަކުރެއްވުމުގެ ހުއްދަ ލިބިވަޑައެއްނުގަތެވެ. ޢިމްރާން ޚާންގެ ޕާޓީގެ ލޯގޯ ބޭނުން ކުރުން މަނާ ކުރެވުނެވެ. ޕާޓީއަށް އިންތިޚާބުގައި ބައިވެރިވުން މަނާ ކުރެވުނެވެ. ޢިމްރާނަށް ތާއިދު ކުރާ ހިތްވަރުގަދަ ކެންޑިޑޭޓުން އިންތިޚާބަށް ނިކުތީ މިނިވަން ކެންޑިޑޭޓުންގެ ގޮތުގައެވެ. ޢިމްރާންގެ ބައެއް ބަލިކަށި ރައްޓެހިން ބަންދަށް ބިރުން ޕާޓީން ކެނޑުނެވެ. އަނެއްބަޔަކު ސިޔާސީ ކަންތައްތަކުން ދުރަށް ދިޔައެވެ. އަދި އަނެއްބަޔަކު ބަންދަށް ބިރުން އިންތިޚާބަށް ފުރަގަސް ދިނެވެ. އަދުލުއިންސާފުގެ ނަމުގައި ޢިމްރާންގެ ޕާޓީ ޕީޓީއައި ފުނޑާލެވުނެވެ. ޢަދުލުއިންސާފުގެ ނަމުގައި ޢިމްރާން ނޮޅައި އުލުބޭންދުނެވެ. ޢިމްރާނަށް ތާއިދުކުރާ އެތައް ހާސް ބަޔަކު ޖަލަށްލައި ބަންދު ކުރެވުނެވެ. އެކަމަކު ވިޔަފާރީގެ ނަމުގައި ވައްކަމާއި ޑިމޮކްރަސީގެ ނަމުގައި ރަސްކަމާއި ރައްޔިތުން އަޅުވެތިކުރި މީހުންނަށް ޕާކިސްތާނުގެ ރައްޔިތުން ތާއިދުނުކޮށް ޢިމްރާނަށާއި އޭނާއަށް ތާއިދު ކުރާ މީހުންނަށް ވޯޓުން އުއްމީދެއް ގެނެސް ދިނެވެ.

މިހާތަނަށް ފެންނަން ހުރި ނަތީޖާއަށް ބަލާއިރު   ޢިމްރާނަށް ތާއިދުކުރާ މިނިވަން ކެންޑިޑެޓުން ޕާލަމެންޓުގެ 93 ގޮޑި ހޯދާފައިވެއެވެ. ނަވާޒު ޝަރީފުގެ މުސްލިމް ލީގަށް ލިބުނީ 75 ގޮނޑިއެވެ. ޕާކިސްތާން ޕީޕަލްސް ޕާޓީއަށް 54 ގޮނޑި ލިބުނުއިރު އެމްކިއުއެމްއިން 17 ގޮޑި ހޯދާފައިވެއެވެ.

އިންތިޚާބުގެ ނަތީޖާއިން ސާފު އަޣުލަބިއްޔަތެއް އެއް ޕާޓީއަކަށް ނުލިބުމުން ޕާކިސްތާނަށް ހަމަޖެހުމެއް ނުލިބި، ދެމިގެންދާ މުސީބާތަކަށް ވާނެއެވެ. އިންތިޚާބުގެ ކުރިން އޮތީ ވޯޓު ގަނެވިއްކުމުގެ ވިޔަފާރިއެވެ. އިންތިޚާބަށް ފަހު މިހާރު ހިނގަމުން ދަނީ މެންބަރުން ގަނެ ވިއްކުމުގެ ބާޒާރެވެ.

އިންތިޚާބު ހިނގަމުން ދިޔައިރު ބޮޑު ހަނގުރާމައެއް ނުހިނގިކަމަށް ވިޔަސް ބޮން ގޮއްވުމާއި ބަޑި ޖެހުމާއި މީހުން މެރުމާއި ވޯޓުފޮށިތައް ފެޅުންފަދަ ކަންތައްތަކެއް ހިނގިއެވެ. އެކަމަކުވެސް އިލެކްޝަން ކޮމިޝަންގެ ވެރިންނާއި ސިފައިންގެ ވެރިޔާއާއި އެހެން ބައެއް މުއައްސިސާތަކުގެ ވެރިން ވިދާޅުވީ އިންތިޚާބުގެ ކަންތައް ކުރިއަށް ދިޔައީ ވަރަށް އަމާން އޮމާންކަމާއެކު އިންސާފުވެރި ގޮތެއްގައި ކަމަށެވެ. އެ ވާހަކަތައް ދެއްކެވި ބޭފުޅުން އެއްބަޔަކު އަނެއްބަޔަކަށް މަރުހަބާ ދަންނަވައި ޝުކުރު ދަންނަވައި ސަނާ ވިދާޅުވަމުން ގެންދެވިއެވެ.

އިންތިޚާބީ ތަމްސީލު ބަލަން ތިބި މީހުންނަށް ފެނުނީ ވޯޓުލަމުން ދިޔައިރު އަސާސީ ހައްގެއްކަމަށްވާ އިންޓަނެޓު ކަނޑާލާފައިވާ ހިތްދަތި މަންޒަރެވެ. ވޯޓުލުމުގެ ކަންތަކާއި ވޯޓު ގުނުމުގެ ކަންތައް އިންތިހާއަށް ދޯދިޔާކޮށް ދިޔަ މަންޒަރެވެ. ވޯޓުލައި ނިމުނުތާ ތިންދުވަސް ފާއިތުވެގެން ދިޔައިރު ވެސް ރަސްމީ އަދި ނުރަސްމީ ފުރިހަމަ ނަތީޖާއެއް ނުނެރެވުނެވެ.

އެމެރިކާ، އިނގިރޭސިވިލާތް އަދި ޔޫރަޕިއަން ޔުނިއަނުން ވަނީ ޕާކިސްތާނުގައި އިންތިޚާބީކަންތައްތައް ދިޔަގޮތާމެދު ކަންބޮޑުވުން ފާޅުކޮށް ޝަކުވާ އުފެދިފައިވާ ކަންތައް ތަހުގީގުކުރުމަށް އިލްތިމާސްކޮށް ގޮވާލާފައެވެ.

ޕާޓީތަކުގެ މީހުން ހައްޔަރުކުރުމާއި ނުފޫޒު ބޭނުން ކުރުމުގެ ތުހުމަތުތައް ފާހަގަކޮށް، އިންތިޚާބުގައި ހިނގާފައިވާ މަކަރާއި ހީލަތުގެ ކަންތައް ފުރިހަމައަށް ތަހުގީގު ކުރަން ޖެހޭ ކަމަށް ވެސް އެމެރިކާއާއި އިނގިރޭސިވިލާތާއި ޔޫރަޕިއަން ޔުނިއަނުން ބުނެފައިވެއެވެ.

ބިލާވަލް ބުއްޓޫ: ޕާލަމެންޓް އިންތިޚާބުން ޕީޕީޕީއަށް ލިބުނީ މަދު ގޮނޑިތަކެއް

ޕާކިސްތާނުގެ ވަގުތީ ސަރުކާރާއި ސިފައިންނާއި އިލެކްޝަން ކޮމިޝަނުން ބުނަމުން ދަނީ އިންތިޚާބުގެ ހުރިހާ ކަމެއް ދިޔައީ ގަވައިދާ އެއްގޮތަށް އަމާންކޮށް އޮމާންކޮށްކަމަށެވެ.

ޕީޓީއައިގެ ސަޕޯޓަރުން ގައުމުގައި ހުރި އިލެކްޝަން ކޮމިޝަންގެ ހުރިހާ އޮފީހެއްގެ ބޭރުގައި ވަނީ ނުރުހުން ފާޅުކޮށް އެއްވުންތައް ބާއްވާފައެވެ. ގިނަ އެއްވުންތައް ފުލުހުން ރޫޅާލީ މުގުރުން ތަޅައެވެ.

ޕީޓީއައި އާއި ޖަމާޢަތު އިސްލާމީއިން ވަނީ އިލެކްޝަން ކޮމިޝަނަރ ވަގުތުން އިސްތިއުފާ ދިނުމަށް ގޮވާލާފައެވެ.

ޖަލުގައި ހުންނެވި ކުރީގެ ބޮޑުވަޒީރު އިމްރާން ޚާންއަށް ވަފާތެރި މިނިވަން ކެންޑިޑޭޓުން ވަނީ ހައިރާންވާފަދަ ބޮޑު ކާމިޔާބެއް އިންތިޚާބުގައި ހޯއްދަވައި އުއްމީދުތައް އާކުރައްވާފައެވެ.

އިންތިޚާބުން އެންމެ ގިނަ ގޮނޑި ހޯއްދެވީ ޢިމްރާންގެ ރުހުން ލިބިވަޑައިގެން ތިއްބެވި މިނިވަން ކެންޑިޑޭޓުންނެވެ. ނަސީބު ދެރަކަމުން އެކަނި ސަރުކާރެއް އުފެއްދޭ ވަރުގެ އަޣުލަބިއްޔަތެއް ނުލިބުނެވެ.

އިންތިޚާބުގައި އެއްބަޔަކު އަނެއްބަޔަކަށް ހަޑިހުތުރުއެއްޗެތި ކިޔައި ހަނގުރާމަ ކުރި ދެ ހަތުރުން ކަމަށްވާ ނަވާޒު ޝަރީފުގެ ޕާޓީއާއި ބުއްޓޫ ޕާޓީން މިހާރު ދަނީ ގުޅިގެން މަސްހުނި ސަރުކާރެއް އުފެއްދުމަށް މަސައްކަތް ކުރަމުންނެވެ. އަދި މިނިވަން ކެންޑިޑޭޓުން ގަތުމުގެ މަސައްކަތް ކުރަމުން އެބަދެއެވެ.

ކިންގްސް ކޮލެޖް ލަންޑަންގެ ސީނިއާ ފެލޯ އައިޝަތު ސިއްދީގާ ވިދާޅުވި ގޮތުގައި ޕާކިސްތާނުގެ ސިފައިން އުއްމީދު ކުރަމުން އައީ ނަވާޒު ޝަރީފުގެ މުސްލިމް ލީގް ޕާޓީން އިންތިޚާބުގައި ބޮޑު ކާމިޔާބެއް ހޯދައި އެހެން ޕާޓީތަކާ ގުޅިގެން މަސްހުނި ސަރުކާރެއް އުފެއްދޭނޭ ކަމަށެވެ.

އެކަމަކު ވޯޓުގެ ނަތީޖާ ނިކުތީ ޕާކިސްތާނުގެ ސިޔާސަތު ދިރާސާ ކުރި މީހުންގެ ވިސްނުމާ ދިމާ އިދިކޮޅަށެވެ.

އިންތިޚާބަށް ފަހު މިހާރު އުފެދިފައިވާ ބޮޑު ސުވާލަކީ ސިޔާސީ ނުތަނަވަސްކަމާއި، އިގުތިސާދީ "ހަނަފަސްކަން" ކުރިމަތިވެ ބަނގުރޫޓު ވުމުގެ މަގުމަތީގައި އޮތް އަދި އެތެރޭގެ ސަލާމަތް އިންތިހާއަށް ނުރައްކަލުގެތެރޭގައި އޮތް 241 މިލިއަން މީހުން ދިރިއުޅޭ ނިއުކްލިއަރ ބާރެއްކަމުގައިވާ ޕާކިސްތާނުގައި ދެން ބޮޑުވަޒީރުކަން ކުރައްވާނީ ކޮންބޭފުޅެއް ބާވައެވެ! ތިންފަހަރަށް ބޮޑުވަޒީރުކަން ކުރައްވާފައިވާ ނަވާޒު ޝަރީފު ހެއްޔެވެ؟ ނޫންނަމަ އޭނާގެ ކޮއްކޮ ޝަހެބާޒު ޝަރީފު ހެއްޔެވެ؟ ނޫންނަމަ ބިލާވަލް ބުއްޓޫ ހެއްޔެވެ؟ ހަމަޔަގީނުންވެސް އިންތިޚާބުން ޕާލަމެންޓުގެ އެންމެ ގިނަ ގޮނޑި "ހޯއްދެވި" އަދި ރައްޔިތުންގެ އެންމެ ތާއިދު ބޮޑު ޢިމްރާނަށް ވެރިކަމަށް ވަޑައިގަތުމުގެ ފުރުސަތެއް ނެތެވެ. އޭނާ ހުންނެވީ ޖަލުބަންދުގައެވެ. އަދި އޭނާގެ ޕާޓީ ޕީޓީއައިއިން ނަވާޒު އާއިލާއާއި ބުއްޓޫ އާއިލާއާ ގުޅިގެން މަސްހުނި ސަރުކާރެއް އުފައްދާކަށް ވެސް ބޭނުމެއް ނޫނެވެ.

ޕާކިސްތާނުގެ އިންތިޚާބަށް ފަސްދުވަސް ވެގެން ދިޔައިރު ވެސް ޕާކިސްތާނުން ފެންނަނީ ހައްތާވެސް ގޮންޖެހުންތަކެވެ. ސަރުކާރެއް އުފެއްދުނަސް އުފެދޭނީ ބަލިކަށި ސަރުކާރެކެވެ. ދަރަނި ބޮޑު، ބަލިކަށި އިގުތިސާދެއް އޮތް، ތަކެތީގެ އަގު އިންތިހާއަށް ބޮޑު، ގައުމެއްގައި ބަލިކަށި ސަރުކާރެއް އުފެދުމުން ގައުމުގެ މައިބަދަ ބިންދައިގެން ދިއުމުގެ ބިރު ވަރަށް ބޮޑެވެ.

ޕާކިސްތާނުގެ ސިޔާސީ މަސްރަހު ދިރާސާ ކުރައްވާ ތަޖުރިބާ ކާރުން ވިދާޅުވާ ގޮތުގައި މި ދަނޑިވަޅު ޕާކިސްތާނުގައި ކޮންމެ ފަދަ ގޮތަކަށް ސަރުކާރެއް އުފެއްދިޔަސް އެ މަސްހުނި ސަރުކާރު ވެގެންދާނީ އާރެއްބާރެއް ނެތް، ބަލިކަށި ސަރުކާރަކަށެވެ. ގައުމަށް ހަމަޖެހުމެއް ގެނެވޭނީ އެއް ޕާޓީއަކަށް އަޣުލަބިއްޔަތު ލިބޭ ސަރުކާރެއް އުފެއްދިގެންނެވެ.

ޕާކިސްތާނުގެ އިންތިޚާބުން ހާމަވެގެން ދިޔައީ ޒަމާންތަކެއް ވާނދެން ޕާކިސްތާނުގައި ވެރިކަންކުރި ޕާކިސްތާން ޕީޕަލްސް ޕާޓީއަށާއި ތިން ފަހަރަށް ބޮޑުވަޒީރުކަން ކުރެއްވި ނަވާޒު ޝަރީފްގެ މުސްލިމް ލީގަށް ރައްޔިތުން އިތުބާރުނުކުރާކަމެވެ.

އެމެރިކާގެ އެހީއާއެކު މަޖިލީހުގެ މެންބަރުން ގަނެގެން ބޮޑުވަޒީރު ޢިމްރާން ޚާންގެ ސަރުކާރު ވައްޓާލިއިރު އޮތް ގުޅުމެއް ޕީޕަލްސް ޕާޓީއާއި މުސްލިމް ލީގުގައި މި ވަގުތު ނެތެވެ. ވެރިކަމުގެ ދަހިވެތިކަމުގައި އެ ދެ ޕާޓީވެސް ކޯޅެނީއެވެ. އެ ކޯޅުމުގައި ގައުމު ބަނގުރޫޓުވެ ރައްޔިތުން ހަނާހުނިވަމުން ދަނީއެވެ. އިންތިޚާބަށް ފަހުވެސް ރައްޔިތުންނަށް އުއްމީދެއް، ޔަގީންކަމެއް ނެތެވެ. ޕާކިސްތާނުގެ ސިޔާސީ އަދި އިގުތިސާދީ މައިދާނުން ފެންނަނީ ނިމުމެއް ނެތް ޠޫފާނެއްގެ އަސަރެވެ.

ޕާކިސްތާނުގެ ސިޔާސީ މަސްރަހު ދިރާސާކުރާ ތަޖުރިބާކާރުން ބުނާ ގޮތުގައި ޕާކިސްތާނަށް ކުރިމަތިވެފައިވާ މައްސަލަތައް އިންތިޚާބަށް ފަހު ވެސް ނިމުމަކަށް ނާންނާނެއެވެ. ޓެރަޒިމްއާއި އިގުތިސާދީ ދަތިތަކާއި ތަކެތީގެ އަގުބޮޑުވުމާއި ވަޒީފާގެ ދަތިތަކާއި ގައުމުގެ ދަރަނި ބޮޑުވުމާއި ސިޔާސީ ކޯޅުން ހުއްޓުމަކަށް އަންނާނޭކަމުގެ އަލާމާތެއް ގައުމުގެ އެއްވެސް ދިމާއަކުން ފެންނަމުން ނުދެއެވެ.

ޕާކިސްތާނަށް ދެން ވެދާނެ ގޮތެއް އެނގޭ ހަމައެކަކުވެސް ނެތެވެ. ގައުމު އޮތީ ހަތަރު އަނގޮޅިއެއްގެ މެދުގައެވެ.

ޕާކިސްތާނާއި ޢިމްރާން ޚާން ވަނީ ސިޔާސީ ޠޫފާނެއްގެ ތެރޭގައެވެ.

މުޙައްމަދު ސަޢީދު މޫސާ ވަޖުދީ
މުޙައްމަދު ސަޢީދު މޫސާ ވަޖުދީއަކީ ނޫސްވެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ތަޖުރިބާކާރު ނޫސްވެރިއެކެވެ. ގައުމީ އިނާމާއި އަދި އެހެނިހެން ޝަރަފުވެރި އިނާމު ހޯއްދަވައިފައިވާ ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.