އަހަރެން ޖަލުގައި ބައިންދާ! އެކަމަކު އެހެން ލީޑަރުން ޖަލުން ދޫކޮށްލާ!: ޢިމްރާން ޚާން

ޕާކިސްތާނުގެ އެންމެ މަގުބޫލު ސިޔާސީ ލީޑަރު ޢިމްރާން ޚާން މި ވަގުތު ހުންނެވީ ޖަލު ބަންދުގައެވެ. ހަމަ އެގޮތަށް ޢިމްރާން ޚާންގެ ސިޔާސީ ޕާޓީ ތަޙްރީކް އިންސާފް ޕާޓީ (ޕީޓީއައި)ގެ އެތައް ލީޑަރުން ވެސް ޖަލު ބަންދުގައި އެބަ ތިއްބެވިއެވެ.

މި ހަފުތާގައި ޢިމްރާން ގޮވާލައްވާފައި ވަނީ އޭނާ ޖަލުން މިނިވަން ނުކުރައްވައި ޖަލުގައި ބެހެއްޓެވިކަމަށް ވިޔަސް ޕީޓީއައިގެ އެހެން ލީޑަރުން ޖަލުން ދޫކޮށްލެއްވުމަށެވެ.

އަޑިއަލާ ޖަލުގައި މީޑިއާއާ ވާހަކަ ދައްކަވަމުން ޢިމްރާން ވިދާޅުވީ މެއި މަހުގެ 9 ވަނަ ދުވަހު ޕާކިސްތާނުގައި ހިނގި ހަމަނުޖެހުންތަކުގެ ފުރިހަމަ ތަހުގީގެއް ޝަރުޢީ ދާއިރާއިން ކުރަންޖެހޭ ކަމަށެވެ. އެކަން ކުރުމަށް ޕީޓީއައިއިން ދަނީ ތަކުރާރުކޮށް ގޮވާލަމުންނެވެ.

އުއްތަމަ ފަނޑިޔާރު ޤާޒީ ފާއިޒް ޢީސާ ވަނީ ޕީޓީއައިއިން އެދުނު ގޮތަށް 9 މެއިގެ ހާދިސާގެ ސީސީޓީވީ ފޫޓޭޖްތައް ހޯދުމަށް، އަމުރުކުރައްވާފައެވެ.

ޢިމްރާން ވިދާޅުވިގޮތުގައި ޕާކިސްތާނުގައި މިދިޔަ އަހަރު މެއި މަހުގެ 9 ވަނަ ދުވަހު ބަޔަކު ހިންގި ހަމަނުޖެހުމަކީ ޕީޓީއައިއިން ރާވައިގެން ހިންގި  ހަމަނުޖެހުމެއް ކަމަށް ބަލައި ޢިމްރާނާއި ޕާޓީގެ އެތައް ސަތޭކަ ބަޔަކު ހައްޔަރުކޮށް އެ މީހުންނަށް ފުލުހުން ވަރަށް ބޮޑަށް އަނިޔާކޮށްފައި ވެއެވެ. އަދި ހައްޔަރުކޮށް ޖަލަށްލީ މީހުންނާއި ޕީޓީއައި ނައްތާލަން ސަރުކާރުން ވަރަށް ބޮޑަށް މަސައްކަތްކޮށްފައި ވެއެވެ.

ޢިމްރާން ވިދާޅުވާ ގޮތުގައި ޕާކިސްތާނުގެ ވަގުންގެ ޕާޓީތައް ގުޅިގެން ފުރަތަމަ ކުރި މަސައްކަތަކީ ޕާލަމެންޓުގެ މެންބަރުންނަށް ރިޝްވަތު ދީގެން ސަރުކާރު ވައްޓާލުމެވެ. އޭގެ ފަހުން ޢިމްރާނާއި އޭނާގެ ޕާޓީގެ އެތައް ސަތޭކަ ބަޔަކު ޖަލަށް ލައި އެމީހުންގެ ސިޔާސީ ހަޔާތް ކަތިލާފައި ވެއެވެ. މިހާރު ވަގުން މަސައްކަތް ކުރަމުން ދަނީ އެމީހުން ހިންގާފައިވާކަމަށް ލިޔެކިއުންތަކުން ދައްކާ ހުރިހާ ލިއުމެއް ނައްތާލުމެވެ.

ޕީޓީއައިގެ ބާނީ ވިދާޅުވީ ފެބްރުއަރީ 8 ގައި ބޭއްވި ޕާކިސްތާނުގެ ރިޔާސީ އިންތިޚާބުގެ ފުރިހަމަ ތަހުގީގެއް ވެސް ޢަދުލު އިންސާފުގެ ދާއިރާއިން ކުރަން ޖެހޭ ކަމަށެވެ. އަދި މެޖޯރިޓީ މައިނޮރޮޓީއަކަށް ބަދަލުވީ ކިހިނެއްތޯ ވެސް ބަލަންޖެހޭ ކަމަށެވެ.

ޕާކިސްތާނުގެ އިންތިޚާބުގެ ނަތީޖާ އިން ދެއްކީ އިންތިޚާބު ކާމިޔާބު ކުރީ ޢިމްރާން ޚާންގެ ޕީޓީއައިއިން ކަމަށް ވިޔަސް ނަތީޖާ އޮޅުވާލައި ވޯޓުން ވައްކަން ކޮށްފައިވާކަމަށް ޕާކިސްތާނުގެ އެތައް މިލިއަން ބަޔަކު ގަބޫލު ކުރެއެވެ.

ޢިމްރާންގެ މައްޗަށް ފަސް ދުވަހުގެ ތެރޭގައި މަތިމައްޗަށް ތިން ދައުވާއެއްގެ ޙުކުމް އިއްވާފައިވެއެވެ.

ޢިމްރާން ވިދާޅުވިގޮތުގައި އޭނާ ބޭނުންފުޅު ވަނީ އޭނާއާއި ޕީޓީއައިގެ އެހެން ބޭފުޅުންގެ މައްޗަށް ކުރެވޭ ޝަރީޢަތް ހާމަކަންބޮޑު ގޮތެއްގައި ޝަރުޢީ މަޖިލިސް ޓީވީއިން ވަގުތުން ދެއްކުމަށެވެ.

މުޙައްމަދު ސަޢީދު މޫސާ ވަޖުދީ
މުޙައްމަދު ސަޢީދު މޫސާ ވަޖުދީއަކީ ނޫސްވެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ތަޖުރިބާކާރު ނޫސްވެރިއެކެވެ. ގައުމީ އިނާމާއި އަދި އެހެނިހެން ޝަރަފުވެރި އިނާމު ހޯއްދަވައިފައިވާ ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.