ޕާކިސްތާނުގެ އެންމެ ބޮޑު އިދިކޮޅު ޕާޓީ "ކުށްވެރިއެއް" ކަމަށް ހެދުމަށްފަހު ބާއްވާ އިންތިޚާބު އިންސާފުވެރިއެއް ނުވާނެ

ފެބްރުއަރީ 8 (ބުރާސްފަތި ދުވަހު) ޕާކިސްތާނުގައި ބާއްވާ އާންމު އިންތިޚާބު ހާމަކަން ބޮޑުގޮތެއްގައި އިންސާފުވެރިކަމާއެކު ކުރިއަށް ގެންދެވިދާނެ ކަމާމެދު އެމެރިކާގެ ކޮންގްރެސް މެންބަރު އިލްހާން ޢަބްދުﷲ ޢުމަރު ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

މީސްމީޑިއާގެ "އެކްސް"ގައި އިލްހާން ލިއުއްވި ބަޔާނެއްގައި ވިދާޅުވީ އިދިކޮޅު ޕާޓީތަކުގެ ތެރެއިން އެއް ޕާޓީއަކީ "ކުށްވެރިއެއް" ކަމަށް ކަނޑައަޅާފައި އޮއްވާ ޕާކިސްތާނުގައި މިނިވަން އިންސާފުވެރި އިންތިހާބެއް ނުބޭއްވޭނެ ކަމަށެވެ.

އިލްހާނާއި އޭނާގެ އެކުވެރިންތަކެއް ވަނީ  ޕާކިސްތާނުގައި އިންސާނީ ހައްގުތައް ހުރިގޮތާމެދު ވެސް ކަންބޮޑުވުން ފާޅުކުރައްވައި ނޮވެމްބަރު މަހު ވާހަކަފުޅު ދައްކަވާފައެވެ.

އެކަމަނާ ވަނީ ޕާކިސްތާނުގެ "އިންސާނީ ހައްގުތަކުގެ ހާލަތު ގޯސް" ކަމަށް ވިދާޅުވެ އެކަމާ ގުޅޭ ގޮތުން ވެސް ވާހަކަފުޅުދައްކަވާފައެވެ.

މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އެމެރިކާގެ ކޮންގްރެސްގެ 11 މެންބަރަކު އެމެރިކާގެ ޚާރިޖީ ވަޒީރު އެންތޮނީ ބްލެންކެންއަށް ލިޔުއްވި ސިޓީއެއްގައި ރައީސް ބައިޑަންގެ ވެރިކަމުގައި ޕާކިސްތާނުގައި ދުސްތޫރީ ހަމަޖެހުން އަލުން ގާއިމު ކުރެވެންދެން ކުރިއަށް އޮތްތަނުގައި އެމެރިކާއިން ދޭ އެހީ މެދުކަނޑާލުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

ރަނގަޅު ދުސްތޫރީ ވެރިކަމެއް ނުހިނގާ ގައުމެއްގެ ސަރުކާރަކަށް މިނިވަން އިންސާފުވެރި އިންތިޚާބެއް ނުބޭއްވޭނެ ކަމަށް ގަބޫލުކުރަން ޖެހެއެވެ.

އިލްހާން: އިންސާފުވެރި އިންތިޚާބެއް ބޭއްވިދާނެކަމަށް ގަބޫލެއް ނުކުރައްވާ.

ޕާކިސްތާނަށް އެމެރިކާއިން ދީފައިވާ ސަލާމަތީ އެހީތެރިކަމުން އިންސާނީ ހައްގުތަކާ ހިލާފުވުމަށް މަގުފަހިވޭތޯ ކަނޑައެޅުމަށް ގާނޫނީ ގޮތުން ސްޓޭޓް ޑިޕާޓްމަންޓުގައި އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުންތަކެއް ވަނީ އެދިފަ އެވެ.

ޕާކިސްތާނާ ބެހޭ ގޮތުން އެމެރިކަން ކޮމިޝަން އޮން އިންޓަނޭޝަނަލް ރިލިޖިއަސް ފްރީޑަމް އިން ނެރުނު އެންމެ ފަހުގެ ރިޕޯޓުގައި ލިޔެފައި ވަނީ ޕާކިސްތާނުގައި ބައިމަދު ދީނީ  މީހުންގެ މިނިވަންކަމާ ހިލާފު މައްސަލަތައް ގިނަ ކަމަށެވެ.

އެ ރިޕޯޓުގައި ޕާކިސްތާނުގެ ސަރުކާރުން ކުރީގެ ބޮޑުވަޒީރު ޢިމްރާން ޚާނާއި އެމަނިކުފާނުގެ ކެބިނެޓް މެންބަރުންނާ ދެކޮޅަށް ގާނޫނާ ޚިލާފު ފިޔަވަޅުތައް އަޅާފައިވާކަމަށް ވެސް ބަޔާންކޮށްފައި ވެއެވެ.

ދިގު މުއްދަތެއްގެ އެކުވެރިއެއްގެ ގޮތުގައި ޕާކިސްތާނުގެ މުހިންމުކަން އެމެރިކާއިން ފާހަގަކުރިއަސް، އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުން ވަނީ ޕާކިސްތާނުގައި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމާއި ދީނީ ހުރަސްތަކާއި، ގަދަކަމުން މީހުން ގެއްލުވާލުމާއި، އަސްކަރީ ކޯޓުތަކާއި، ސިޔާސީ އިދިކޮޅު ފަރާތްތަކާއި އިންސާނީ ހައްގުތައް ދިފާއުކުރާ މީހުންނަށް އުނދަގޫކޮށް ހައްޔަރުކުރުން ފަދަ މައްސަލަތައް ހައްލުކުރަން ޖެހޭ ކަން ވެސް ފާހަގަ ކުރައްވާފައެވެ.

އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ ބައެއް މެމްބަރުން ވަނީ ޕީޓީއައިގެ ޗެއާމަން އަދި ޕާކިސްތާނުގެ އެންމެ މަގުބޫލު ސިޔާސީ ލީޑަރު، ޢިމްރާން ޚާންގެ މައްސަލަތައް ވެސް ފާހަގަކުރައްވައި ޢިމްރާން ޚާން ބަންދުކޮށް އޭނާއާ ދެކޮޅަށް ކުރަމުންދާ ޝަރީޢަތްތަކާ މެދު ވެސް ފާޑުވިދާޅުވެފައެވެ.

ޕާކިސްތާނުގައި ވެރިކަން ކުރާނެ އައު ސަރުކާރެއް ހޮވަން ބުރާސްފަތިދުވަހު ގައުމުގެ އެތައް މިލިއަން ބަޔަކު ވޯޓުލަމުންދާއިރު ވޯޓުގައި ބައިވެރިވާ އެތައް ބަޔަކު ތިބީ، ވޯޓު ލުމުގެ ކުރިން ވެސް  އިންތިޚާބު އިންސާފުވެރި ނުވާނެކަމަށް ގަބޫލުކޮށްގެންނެވެ. ކަން އެހެން އޮތުމުން އިންތިޚާބަށްފަހު ވެސް ޕާކިސްތާނަށް ސިޔާސީ ހަމަޖެހުމެއް އަންނާނޭކަމަށް ގަބޫލެއް ނުކުރެވެއެވެ.

މުޙައްމަދު ސަޢީދު މޫސާ ވަޖުދީ
މުޙައްމަދު ސަޢީދު މޫސާ ވަޖުދީއަކީ ނޫސްވެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ތަޖުރިބާކާރު ނޫސްވެރިއެކެވެ. ގައުމީ އިނާމާއި އަދި އެހެނިހެން ޝަރަފުވެރި އިނާމު ހޯއްދަވައިފައިވާ ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.