ގޭންގުތަކުގެ އިންޒާރަށް ބިރުން ސަލްމާން ޚާންގެ އާއިލާގެ ސަލާމަތީކަންތައްތައް ވަރުގަދަކޮށްފި

ނުރައްކާތެރި ގޭންގްސްޓާ ލޯރެންސް ބިޝްނޯއީގެ އިންޒާރުތައް މެދުކެނޑުމެއްނެތި ލިބެމުންދާތީ، ހިންދީ ފިލްމީ ދުނިޔޭގެ މަޝްހޫރު ތަރި ސަލްމާން ޚާންގެ އާއިލާގެ ސަލާމަތީކަންތައްތައް ވެސް އިތުރަށް ވަރުގަދަކޮށްފިއެވެ.

ލޯރެންސް ބިޝްނޯއީގެ ފަރާތުން މަރުގެ އިންޒާރު ލިބުމުން 2022 ވަނަ އަހަރު ސަލްމާން ޚާނުގެ ސަލާމަތީކަންތައްތައް ޚާއްޞަ ސަމާލުކަމެއް ދީގެން ބަލަހައްޓަން ފެށިއެވެ. އަދި 2023 ވަނަ އަހަރުގެ ފަހުކޮޅު ލިބުނު އިންޒާރުތަކަށް ފަހު އޭނާގެ ސަލާމަތީކަންތައްތައް އިތުރަށް ވަރުގަދަކޮށްފައި ވެއެވެ.

އިންޑިއާގެ މީޑިއާތަކުން ބުނާގޮތުގައި މިހާރު ސަލްމާން ޚާންގެ އިތުރުން އޭނާގެ އާއިލާގެ ސަލާމަތީކަންތައްތައް ވެސް ބެލެހެއްޓުމަށް ޚާއްޞަ ސަމާލުކަމެއް ވަނީ ދީފައެވެ. އޭގެ ތެރޭގައި އޭނާގެ ޅިޔަނު އާޔޫޝް ޝަރްމާގެ ސަލާމަތީކަންތައްތައް  ވެސް ވަނީ ވަރުގަދަކޮށްފައެވެ.

ދުވަސްކޮޅެއް ކުރިން ސަލްމާން ޚާންގެ ދަނޑުހައްދާ ބިމުގެ ސަރަހައްދަށް ވަގަށް ވަންނަން  އުޅުނު ބަޔަކު ހައްޔަރުކޮށްފައިވެއެވެ.

އިންޑިއާގައި މަރުގެ އިންޒާރު ސަލްމާނަށް ދިނުމުން، ދުބާއީއަށް ކުރާ ދަތުރުތަކުގައި ވެސް ސަލްމާން ޚާނަށް ވަރަށް ބޮޑަށް ރައްކާތެރިކަން ދެމުންގެންދެއެވެ. އަދި މުމްބާއީ ޕޮލިހުން ވެސް ސަލްމާނާއި އޭނާގެ އާއިލާއަށް ރައްކާތެރިކަމާއި ހިމާޔަތް ދެމުން ގެންދެއެވެ.

ސަލްމާންގެ ސަލާމަތީކަންތައްތައް ވަރުގަދަކުރުމުގެ ގޮތުން ދާދިފަހުން ސަލަމާން ވަނީ ވަޒަން ނުވަންނަ ފަދަ ޖީޕެއްވެސް ގަނެ އެއިން ދަތުރުކުރަން ފަށާފައެވެ.

އިންޑިއާގެ މީޑިއާތަކުން ބުނާ ގޮތުގައި ސަލްމާން ޚާންގެ ޅިޔަނު އާޔޫޝް ޝަރްމާ ކުޅެފައިވާ ތަޅާފޮޅުން ގިނަ ފިލްމު "ރުސްލާން" އިޝްތިހާރު ކުރަން އުޅުނުއިރު، އާޔޫޝްއާއެކު ފުލުހުން ވެސް އުޅުނެވެ. ސަލްމާން ޚާން ވެސް "ރުސްލާން" އިޝްތިހާރު ކުރުމުގެ ހަރަކާތްތަކުގައި ބައިވެރިވެފައިވެއެވެ. ސަލާމަތީ ސަބަބުތަކަށްޓަކައި އެމީހުން  ދަތުރުކުރަނީ ބަޑީގެ ވަޒަން ނުވަންނަ އުޅަނދެއްގައެވެ.

އަމިއްލަ ދިފާއުގައި ބޭނުންކުރަން ސަލްމާން ޚާނަށް ހަތިޔާރު ގެންގުޅުމުގެ ހުއްދަ ވަނީ ދީފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.