ސަލްމާން ޚާންގެ "ޓައިގާ 3" އަށް 400 ކްރޯޑް ރުޕީޒް ލިބިއްޖެ

ހިންދީ ފިލްމީ ދުނިޔޭގެ އެންމެ ގަދަ ތަރިންގެ ތެރޭގައި ހިމެނޭ ސަލްމާން ޚާން އާއި ކެޓްރީނާ ކައިފް މުހިއްމު ބައެއް ކުޅެފައިވާ ފިލްމު "ޓައިގާ 3" ސިނަމާތަކުގައި ދައްކައިގެން 400 ކްރޯޑް ރުޕީސް ހޯދައިފިއެވެ.

އިންޑިއާގެ މީޑިއާތަކުން ބުނާ ގޮތުގައި މަނީޝް ޝަރްމާ ޑައިރެކްޓްކޮށްފައިވާ ފިލްމު "ޓައިގާ 3" ރިލީޒްކުރިތާ އެންމެ 10 ދުވަހުގެ ތެރޭގައި 400 ކްރޯޑަށް ވުރެ ގިނަ ރުފިޔާ ވަނީ ލިބިފައެވެ.

"ޓައިގާ 3" ހޯދަމުންދާ  މަތިވެރި ކާމިޔާބީއާ ގުޅިގެން އިންސްޓަގްރާމް އެކައުންޓުގައި ޔާޝް ރާޖް ފިލްމްސްގެ ޚާއްޞަ ޕޯސްޓެއްގައި ބުނެފައި ވަނީ "ޓައިގާ 3" އިން އިންޑިއާ ހިމެނޭ ގޮތަށް މުޅި ދުނިޔޭގެ ބެލުންތެރިންގެ ރުހުން ހޯދަމުންދާ" ކަމަށެވެ.

އެ ލިއުމުގައި އިތުރަށް ހާމަކޮށްފައި ވަނީ "ބެލުންތެރިންނަށް އެމީހުންގެ ގެއާ ކައިރީގައި ހުންނަ ސިނަމާތަކަށް ގޮސް ހިންދީ، ޓެލަގޫ އަދި ތަމަޅަ ބަހުން "ޓައިގާ 3" ބަލާލެވޭނެ" ކަމަށެވެ.

ފާހަގަކޮށްލަންޖެހޭ ކަމަކީ "ޓައިގާ 3" މި މަހު އިންޑިއާގެ ދިވާލީއާ ދިމާކޮށް ދައްކަން ފެށިއިރު، މި ފިލްމަށް ހިންދީ، ތަމަޅަ އަދި ޓެލަގޫ ބަހުން އަޑުއަޅާފައިވެއެވެ.

ފިލްމުގައި ސަލްމާން ޚާން އަދާކޮށްފައި ވަނީ ޖާސޫސީ އެޖެންޓެއްގެ ވަރުގަދަ ބައެވެ. ކެޓްރީނާ ކައިފް ވެސް ޒޯޔާ ކިޔާ އަންހެނެއްގެ ނަމުގައި ޖާސޫސެއްގެ ރޯލުން ފެނިގެން ދެއެވެ. ފިލްމުގައި ނުބައިބައި މީހެއްގެ ގޮތުގައި ފެނިގެން ދަނީ ޢިމްރާން ހާޝްމީ އެވެ.

"ޓައިގާ 3" ސިނަމާތަކުގައި އެޅުވި ދުވަހު 44.50 ކުރޯޑު ރުޕީސް ހޯދައިގެން ވަނީ ފުރަތަމަ ދުވަހު އެންމެ ގިނަ ރުފިޔާ ހޯދި ފިލްމުގެ ރެކޯޑު ގާއިމުކޮށްފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.