މުސްލިމުން ބޭނުންކުރަމުންދާތާ 700 އަހަރު ވެފައިވާ ޒިޔާރަތެއް ތަޅާލައި އެތަނުގައި ފައްޅިއެއް އަޅާނެ ކަމަށް މަހާރާޝްޓްރާގެ ޗީފް މިނިސްޓަރު ވިދާޅުވެއްޖެއެވެ.
ޗީފް މިނިސްޓަރު އެކްނާތު ޝިންޑޭ އިންތިޚާބަށް ކެމްޕޭން ކުރެއްވުމަށް ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ މުމްބާއީގެ ތާރީޚީ ޙާޖީ ޢަބްދުއްރަޙްމާން މަލަންގް ޒިޔާރަތް ހުރިތަނުގައި ޒިޔާރަތުގެ ބަދަލުގައި ފައްޅިއެއް އަޅުއްވާނެ ކަމަށެވެ. އޭނާ އިންޒާރުގެ ބަހުރުވައިން ވާހަކަދައްކަވަމުން ވިދާޅުވީ އެ ޒިޔާރަތް އެޅީ ފައްޅިއެއް ތަޅާލުމަށްފަހު އެތަނުގައި ކަމަށެވެ.
ބީބީސީން ބުނީ ޝިވްސޭނާގެ ލީޑަރު އަނަންދު ޑެގޭ ވެސް 1980ގެ އަހަރުތަކުގައި ކެމްޕޭން ކުރެއްވީ ޙާޖީ މަލަންގް ޒިޔާރަތް ހުރިތާނގައި ފައްޅިއެއް އެޅުއްވުމަށް ކަމަށެވެ. އޭގެ ފަހުން 1996ގެ އަހަރުތަކުގައި ހިންދޫންގެ 20،000 މީހުން އެ ޒިޔާރަތުގައި އަޅުކަން ކޮށްފައި ވެއެވެ.
އާނަންދު ޑެގޭ މަސައްކަތް ކުރެއްވި ގޮތަށް މަހާރާޝްޓްރާގެ ޗީފް މިނިސްޓަރަކަށް މިހާރު ހުންނެވި ޝިންޑޭ ވެސް ބޭނުންފުޅު ވަނީ ޒިޔާރަތް ހުރި ތަނުގައި ފައްޅިއެއް އެޅުއްވުމަށެވެ.
މުމްބާއީގެ ފަރުބަދައެއްގެ މަތީގައި ހުންނަ ޙާޖީ ޢަބްދުއްރަޙްމާން މަލަންގް ޒިޔާރަތަށް ދިއުމަށްޓަކައި ހިލައިން ހަދާފައިވާ 1500 ހަރުފަތުން އަރަން ޖެހެއެވެ.
އެ ޒިޔާރަތާ ބެހޭގޮތުން ދެކެވޭ ވާހަތަކުން އެނގެނީ ޙާޖީ ޢަބްދުއްރަޙްމާނަކީ މީގެ 700 އަހަރު ކުރިން އަރަބި ގައުމަކުން އިންޑިއާއަށް ޒިޔާރަތްކުރެއްވި ސޫފީއެއް ކަމެވެ. އަދި އޭނާ އެތަނުގައި ޒިޔާރަތް ހައްދަވައިގެން އަޅުކަން ކުރައްވަން މަޑުކުރައްވައިގެން ހުންނެވިކަމެވެ.
އެ ޒިޔާރަތް ބިނާކުރުމާ ބެހޭ މާގިނަ މައުލޫމާތެއް ލިބިފައި ނުވި ނަމަވެސް އެ ޒިޔާރަތަކީ މުސްލިމުންނާއި ހިންދޫންގެ މެދުގައި މަގުބޫލުކަން ލިބިފައިވާ ތަނެކެވެ. ލަފާކުރެވެނީ އެ ސަރަހައްދުގައި އުޅުއްވީ ސުލްހަވެރިކަމާއި ލޯތްބާއި އަޚްލާޤުގެ މާތް ސިފަތައް ލިބިވަޑައިގެން ތިއްބެވި ނިކަމެތީންނަށް ހެއުފުޅު ބޭފުޅުންތަކެއް ކަމެވެ.
އެ ޒިޔާރަތުގެ އެންމެ ޚާއްޞަ ކަމަކީ މުސްލިމުންނާއި ހިންދޫންވެސް އެތަނަށް ޒިޔާރަތްކޮށް ހަމަނުޖެހުމެއް ނުހިންގައި ސުލްހަވެރިކަމާއެކު އަޅުކަން ކުރަމުން ދިއުމެވެ.
އެ ޒިޔާރަތް ފަހަކަށް އައިސް ހިންގާފައި ވަނީ މުސްލިމުންނާއި ހިންދޫން ގުޅިގެންނެވެ. އެތަން ބެލެހެއްޓުމުގައި އިސްކޮށް އުޅެނީ ދެ މުސްލިމުންނާއި ހިންދޫ އެކެވެ. އަދި އެ ޒިޔާރަތުގެ ވަށައިގެން ޤަދީމީ އެތައް ފައްޅިއެއް ހުރެއެވެ.
ބީބީސީގެ ރިޕޯޓެއްގައި ބުނެފައި ވަނީ ތާރީޚީ ބާބްރީ މިސްކިތް ތަޅާލައި އެތަނުގައި ރާމް ފައްޅި އެޅުމަށް ފަހު ހައްދުފަހަނަޅާފައިވާ މީހުންގެ ލޯ މިހާރު އަމާޒުވެފައި ވަނީ ޙާޖީ ޢަބްދުއްރަޙްމާން ޒިޔާރަތް ހުރި ސަރަހައްދުގައި ފައްޅިތައް އެޅުމަށްކަމަށެވެ.
ކަމާގުޅޭ އިތުރު މައުލޫމާތު ހޯދުމަށް މަހާރާޝްޓްރާގެ ޗީފް މިނިސްޓަރު ޝިންޑޭއަށް ބީބީސީން ގުޅި ނަމަވެސް އޭނާ ވަނީ އެކަމާގުޅޭ ގޮތުން އެއްޗެއް ވިދާޅުވާން ދެކޮޅު ހައްދަވާފައެވެ.