އިންޑިއާގެ އަޔޯދްޔާ ސިޓީގެ ބާބްރީ މިސްކިތް ތަޅާލުމަށްފަހު، މިސްކިތް ހުރި ތަނުގައި ހައްދުފަހަނަޅާފައިވާ ހިންދޫން އިސްނަގައިގެން އެޅި ޒަމާނީ ފައްޅި، ރާމް މަންދިރު، ހުޅުވުމުގެ ރަސްމިއްޔާތު ހިންދޫންގެ ބައެއް ފާދިރީންނާއިި ކޮންގްރެސް ޕާޓީން ބޮއިކޮޓް ކުރާނެ ކަމަށް ބުނެފިއެވެ.
އިންޑިއާގެ މީޑިއާތަކުން ބުނާ ގޮތުގައި މުސްލިމުންގެ ތާރީހީ ބާބްރީ މަސްޖިދުގެ ބަދަލުގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ވެރިކަންކުރާ ހިންދޫ ހަރުކަށި ޕާޓީ ބީޖޭޕީން ބިނާކުރި މައްސަލަ ބޮޑު ފައްޅި ހުޅުވުމުގެ ރަސްމިއްޔާތުގައި ހިންދޫންގެ ވަރަށް އިސް 4 ލީޑަރުން ބައިވެރި ނުވާނެކަމަށް ވަނީ އިއުލާން ކޮށްފައެވެ.
ހިންދޫންގެ ދީނީ ލީޑަރުން ބުނި ގޮތުގައި ބޮޑު ވަޒީރު މޯދީގެ ސަރުކާރުން އިންތިޒާމު ކުރަނީ ދީނީ ހަރަކާތެއް ނޫނެވެ. އެއީ ސިޔާސީ ހަރަކާތެކެވެ.
އިންޑިއާގެ އިދިކޮޅު އެންމެ ބޮޑު ޕާޓީ، ކޮންގްރެސް އިން ވެސް ވަނީ ފައްޅި ހުޅުވުމުގެ ރަސްމިއްޔާުގައި ބައިވެރި ނުވާނެކަމަށް ބުނެ، ފައްޅި ހުޅުވުމުގެ ރަސްމިއްޔާތަކީ ބަހުސް ބޮޑު ކަމެއް ކަމަށް ބުނެފަ އެވެ.
މުސްލިމުން ބިނާކޮށްފައިވާ ޒަމާންވީ ބާބްރީ މަސްޖިދު ތަޅާލައި އޭގެ ބަދަލުގައި އެތަނުގައި ފައްޅިއެއް އެޅުމުގެ ކެމްޕޭނުގައި އެންމެ އިސްކޮށް ހަރަކާތްތެރިވެ ވަޑައިގަތީ އިންޑިއާގެ މިހާރުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އެވެ.
އިންޑިއާގެ މުސްލިމުންގެ ތާރީޚީ ބާބްރީ މަސްޖިދު ތަޅައި އެތަނަށް ހައްދުފަހަނަޅާފައިވާ ހިންދޫން ވެރިވެގަތީ 1992 ވަނަ އަހަރު ގައެވެ. މިސްކިތް ތަޅާލުމާ ދެކޮޅަށް މުޒާހަރާއަށް ނިކުތް މުސްލިމުންގެ ތެރެއިން އެތައް ހާސް މުސްލިމުން ވެސް ވަނީ ހިންދޫންގެ ހަމަލާތަކުގައި ޝަހީދުވެފައެވެ.
އަޔޯދްޔާގައި ބިނާކުރި ފައްޅި ނަރެންދުރަ މޯދީ ހުޅުއްވައި ދެއްވާނީ މި ޖެނުއަރީ މަހުގެ މަހުގެ 22 ވަނަ ދުވަހު އެވެ. އެ ރަސްމިއްޔާތުގައި ބައިވެރިވުމަށް އިންޑިއާގެ ފިލްމީ ތަރިންނާއި ސިޔާސީ މީހުންނަށާއި އެކި ދާއިރާތަކުގެ މަޝްހޫރު ފަރާތްތަކަށް ވަނީ ދައުވަތު ދީފައެވެ.