ދަނޑުވެރިންގެ ހުށަހެޅުންތައް ފުރިހަމަ ނުވުމާގުޅިގެން މަރާޝްޓްރާ ސްޓޭޓްގެ 50 ހާސް ދަނޑުވެރިން މަގުމައްޗަށް ނިކުމެއްޖެއެވެ.
އިންޑިއާގެ ދަނޑުވެރިންގެ އެންމެ ބޮޑު ޖަމާއަތުން ބުނި ގޮތުގައި ސްޓޭޓްގެ ދަނޑުވެރިން މިއަދު ވަނީ މުމްބައީއަށް ދިއުމަށް ދިގު ހިނގުމެއް ފަށާފައެވެ.
ދަނޑުވެރިންގެ 50 ހާސް މީހުންގެ ގާފިލާ މުމްބައީއަށް ދިއުމަށް ހިނގައިގަތީ މަހާރާޝްޓްރާގެ ނާސިކުންނެވެ. ދަނޑުވެރިންގެ އެދުމަކީ އެމީހުންގެ ދަރަނި ކުޑަކުރުމެވެ. އޭގެ އިތުރަށް ދަނޑުތަކަށް ފެންލިބޭނެ ނިޒާމެއް ހަމަޖެއްސުމަށާއި އެ މީހުންނަށް ޕެންޝަން ލިބޭނޭގޮތް ހަދައި ދިނުމަށް ވެސް އެ މީހުން ދަނީ އެދެމުންނެވެ. އަދި ދަނޑުވެރިން ބުރަމަސައްކަތާއި ބޮޑު ހޭދައެއްކޮށްގެން ހައްދާ ތަރުކާރީއާއި މޭވާއަށް ހަމައަގު ނުލިބުމުގެ ޝަކުވާ އިންޑިއާގެ ދަނޑުވެރިން ކުރަމުންދާތާ އެތައް އަހަރެއް ވެއްޖެއެވެ.
ދަނޑުވެރިންގެ އެއްވެސް އެދުމެއް ސަރުކާރުން އަދި މިހާތަނަށް ފުއްދާދީފައެއްނުވެއެވެ.
ނާސިކުން މުމްބައީއަށް ދަތުރަށް ފެށި ދަނޑުވެރިންގެ 50 ހާސް މީހުންގެ ގާފިލާއަށް މުމްބައީއަށް ދެވޭނީ މި މަހު 27 ވަނަ ދުވަހުގައެވެ.
ބޮޑުވަޒީރު ނަރެންދުރަ މޯދީ ވެރިކަމަށް ވަޑައިގަތީ ދަނޑުވެރިންގެ ހައްގުގައި ގިނަ ކަންތައްތަކެއް ކޮށްދެއްވާނެ ކަމުގެ ވައުދުތަކެއް ކުރައްވައި އެތައް މިލިއަން ދަނޑުވެރިންގެ ވޯޓާއެކުގައެވެ. އެކަމަކު ވެރިކަމުގެ 5 އަހަރު ނިމިގެންދާއިރު މޯދީގެ ވައުދުތައް ވަނީ ހގީގަތަކަށް ނުވި ހުވަފެންތަކަކަށްވެފައެވެ.