ބަންގްލާދޭޝްއިން "އިންޑިއާ އައުޓް"  ކެމްޕެއިނެއް ފަށައިފި

ބަންގްލަދޭޝްގައި އިންޑިއާއާ ދެކޮޅު ކެމްޕޭނެއް ވަރަށް ވަރުގަދައަށް ހިންގަމުން އެބަދެއެވެ.

ބަންގްލަދޭޝްއިން އިންޑިއާއާ ދެކޮޅު ހަރާކާތެއް ފެށީ  އިންޑިއާއިން ބަންގްލާދޭޝްގެ ދާޚިލީ ކަންތައްތަކުގެ ތެރެއަށް ވަނުމާ ގުޅިގެން އެކަމާ ދެކޮޅުހެދުމުގެ ގޮތުންނެވެ.

ބަންގްލަދޭޝްގައި "އިންޑިއާ އައުޓް" ގެ ނަމުގައި ހިންގާ ކެމްޕެއިންގެ ސަބަބުން ބަންގްލަދޭޝާއި އިންޑިއާގެ ސަރުކާރަށް ވަރަށް ބޮޑު ކަންބޮޑުވުމަކާއި ހާސްކަމެއް ކުރިމަތިވެފައި ވެއެވެ.

މި ޖެނުއަރީމަހުގެ 7 ވަނަ ދުވަހު ބަންގްލަދޭޝްގައި ބޭއްވި އިންސާފެއް ނެތް އިންތިޚާބަށް މުޅިދުނިޔެއިން ވެސް ތާއީދުކޮށް ބަހެއް ބުނީ ހަމައެކަނި އިންޑިއާއިންނެވެ. އެ އިންތިޚާބުގައި ބޮޑު ވަޒީރު ޝައިޚް ޙަސީނާގެ ސަރުކާރުން ކަންތައް ކުރި ގޮތުން ގައުމުގެ އެތައް މިލިއަން ބަޔަކު ވަނީ ބޭއްވި އިންތިޚާބަކީ އިންސާފެއް ހަމައެއް ލަމައެއް ނެތް އިންތިޚާބެއް ކަމަށް ބުނެ ފާޑުކިޔައި ނުރުހުން ފާޅުކޮށް އިންތިޚާބުގެ ނަތީޖާ ގަބޫލު ނުކުރާނެކަމަށް ބުނެ އަޑު އުފުލާފައެވެ.

ބަންގްލަދޭޝްގެ ރައްޔިތުން ޝެއިޚް ޙަސީނާ ހޯއްދެވި މައްސަލަ ބޮޑު ކާމިޔާބީގެ ޒިންމާ އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ ސަރުކާރުގެ ބޮލުގައި އަޅުވައި، ވަރުގަދައަށް ނުރުހުން ފާޅުކުރިއެވެ.

ބަންގްލާދޭޝްގެ އިންތިޚާބުގެ ކަންތައް ކުރިޔައަށް ދިޔައީ އޮޅުވާލުމާއި ނަޒާހަތްތެރިކަން އިންތިހާއަށް ކުޑަގޮތަކަށް ކަމަށް ބުނެ ބަންގްލަދޭޝްގައި ހާމަކަން ބޮޑު އިންތިހާބެއް ބޭއްވުމަށް އެމެރިކާއިން ވެސް ބާރުއެޅިއެވެ.

މީގެ ކުރިން ވެސް ބޮޑު ވަޒީރު ޙަސީނާ އާއި ރައްޔިތުންގެ މެދުގައި ދެބަސްވާ ކޮންމެ ފަހަރަކު ބޮޑު ވަޒީރު  މޯދީ ޙަސީނާއަށް ތާއީދު ކުރައްވާތީ ބަންގްލަދޭޝްގެ އެތައް މިލިއަން ބަޔަކު ތިބެނީ އިންޑިއާ ދެކެ ވަރަށް ބޮޑަށް ހިތްހަމަ ނުޖެހިފައެވެ.

ބަންގްލަދޭޝްގައި އިންޑިއާ ބޮއިކޮޓް ކުރުމާއި  "އިންޑިއާ އައުޓް" ފަދަ ކެމްޕޭނަށް ރައްޔިތުންގެ މެދުގައި ބޮޑު މަގުބޫލުކަމެއް ދަނީ ލިބެމުންނެވެ.

އިންޑިއާ ބޮއިކޮޓްކޮށް "އިންޑިއާ އައުޓް" ކެމްޕޭނުގެ ނަތީޖާއެއްގެ ގޮތުން ބަންގްލަދޭޝްގެ ރައްޔިތުން އިންޑިއާގެ މުދާ އެތެރެކުރުމާ ދެކޮޅު ހަދަމުން ދާތީ ދެ ގައުމުގެ ވިޔަފާރީގެ ގުޅުމަށް ވަރަށް ބޮޑަށް އަސަރު ކުރަމުން އެބަދެއެވެ.

ބަންގްލަދޭޝްގެ ސިޔާސީ ޕާޓީތަކާއި ދިރިއުޅުމުގެ އެހެން ދާއިރާތަކުގެ މަޝްހޫރު ފަރާތްތައް ވެސް ދަނީ "އިންޑިއާ ބޮއިކޮޓް" ކެމްޕޭނުގައި ހީވާގިކަމާއެކު ބައިވެރިވަމުންނެވެ.

ބަންގްލަދޭޝްގެ ރައްޔިތުންގެ އެދުމަކީ  މޯދީ ސަރުކާރުން ބަންގްލަދޭޝްގެ ދާޚިލީ މައްސަލަތަކަށް ބަސްބުނެ އަތް ނުބޭނުމެވެ.

ބަންގްލަދޭޝްގެ ދިރާސާ ކުރާ ފަރާތްތަކުން ބުނާ ގޮތުގައި އިންޑިއާ އަކީ އަބަދުވެސް ޑިމޮކްރަސީއަށް މަލާމާތްކޮށް، އިންތިޚާބު އޮޅުވާލާ ގައުމެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.