މުޒާހަރާކުރާ މީހުންގެ ގަޔަށް ބަޑިޖަހާނެ: ބީޖޭޕީގެ ލީޑަރ ދިލިޕް ގޯޝް

އިންޑިއާގެ ރައްވެހިކަމުގެ ގާނޫނަށް ގެނައި ބަދަލާ ދެކޮޅު ހަދައި މުޒާހަރާ ކުރާ މީހުންގެ ގަޔަށް ބަޑި ޖަހާނެ ކަމުގެ ނުވަތަ ހައްޔަރުކޮށް ޖަލަށް ލާނޭކަމުގ އިންޒާރު ބީޖޭޕީގެ ލީޑަރަކު ދެއްވައިފިއވެ.

އިންޑިއާގެ ޕާލަމެންޓުގެ މެންބަރު އަދި ބީޖޭޕީ ހުޅަނގު ބެންގޯލް ގޮފީގެ ރައީސް ދިލިޕް ގޯޝް މި އިންޒާރެއް ދެއްވީ ޕާޓީގެ މެންބަރުންނާ މުޚަތަބު ކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ. އެކަމަކު ޔޫނިއަން މިނިސްޓަރު ބާބުލް ސުޕްރިޔޯ ވަނީ ދިލިޕްގެ ވާހަކަފުޅާއި ޕާޓީއަކާ އެއްވެސް ގުޅުމެއް ނެތް ކަމަށް ވިދާޅުވެފައެވެ.

މިދިޔަ އަހަރުގެ ޑިސެންބަރު މަހުގެ ތެރޭގައި އިންޑިއާގެ ޕާާލަމެންޓން ފާސްކުޅަ ރަށްވެހިކަމުގެ ގާނޫނު ފާސްކުރީއްސުރެ އިންޑިއާގެ އެކި ސްޓޭޓްގައި ސަރުކާރާ ދެކޮޅަށް މުޒާހަރާ ކުރަމުން އެބަގެންދެއެވެ. މި ގާނޫނުގައި ވަނީ ޕާކިސްތާނާއި ބަނގްލާދޭޝާއި އަފްޣާނިސްތާނުން އިންޑިއަށް ހިޖުރާކުރާ ނުވަތަ ކޮށްފައިވާ މުސްލިމުން ނޫން މީސްމީހުންނަށް އިންޑިއާގެ ރައްވެހިކަން ފަސޭހައިން ލިބޭނޭ މަގު ތަނަވަސްކޮށް ދީފައެވެ.

މި ގާނޫނާ ދެކޮޅަށް ވާހަކަ ދައްކާ މީހުން ބުނާ ގޮތުގައި ގާނޫނުގެ ސަބަބުން އިންޑިއާގައި ދިރިއުޅޭ މުސްލިމުންނަށް އިންޑިއާ ދޫކޮށް ދާން ޖެހޭފަދަ ހާލަތެއް މެދުވެރިވެއެވެ. ގާނޫނާ ދެކޮޅަށް މުޒާހަރާ ކުރަނީ ނުވަތަ ވާހަކަ ދައްކަނީ ހަމައެކަނި މުސްލިމުންނެއް ނޫނެވެ. ބައެއް ހިންދޫންވެސް ގެންދަނީ މި ގާނޫނާ ދެކޮޅު ހަދަމުންނެވެ.

އިންޑިއާގައި ފަހަކަށް އައިސް ހިންދޫން ނޫން މީހުންނަށް އުޅޭން ދަތިވާފަދަ ހާލަތްތައް އަންނަނީ މެދުވެރި ކުރަމުންނެވެ.

ދިލިޕް ވާހަކަފުޅު ދައްކަވަމުން ވިދާޅުވިއެވެ. "އާސާމާއި އުއްތަރް ޕްރަދޭޝާއި ކަރްނާޓަކާ ދެކިބަލާށެވެ. އަހަރެމެންގެ ސަރުކާރުން (ބީޖޭޕީ ސަރުކާރުން) އެ ޝައިތާނުންގެ ގަޔަށް ބަޑިޖަހަމުން އެ ގެންދަނީ ކުއްތާއަށް ބަޑިޖަހާ ބީދައިންނެވެ. މިތަނަށް (އިންޑިއާއަށް) އައިސް އަހަރެމެންގެ ކާނާ ކައިކައި ތިބެގެން އަހަރެމެންގެ މުދަލަށް ގެއްލުން ދެނީ ހެއްޔެވެ؟ އަހަރެމެން ކަލޭމެންގެ ގައިގައި ތަޅައި ގަޔަށް ބަޑި ޖަހައި ޖަލަށް ލާނަމެވެ."

ޑިސެންބަރު މަހުގެ 11 ވަނަ ދުވަހު ރަށްވެރިކަމުގެ ގާނޫނު ފާސްކުރި ފަހުން މިހައި ތަނަށް ކުރި މުޒާހަރާތަކުގައި 23 މީހުން ވަނީ މަރުވެފައެވެ. އެންމެ ބޮޑެތި މުޒާހަރާތައް ކުރަމުން ގެންދަނީ އުއްތަރް ޕްރަދޭޝްގައްޔާއި ކަރްނާޓަކާގައްޔާއި އާސާމްގައެވެ.

މީގެ ކުރީން އުއްތަރް ޕްރަދޭޝްގެ ޗީފް މިނިސްޓަރު ޔޯގީ އަމަރްނާތު ވަނީ މުޒާހަރާކުރާ މީހުންގެ ކިބައިން ބަދަލު ހިއްޕަވާނޭ ކަމަށް ވިދާޅުވެފައެވެ. އޭނާ އެހެން ވިދާޅުވީ ފަހުން އެ ސްޓޭޓްގައި އެކަނި ސޯޅަ މުސްލިމުން ވަނީ މަރާލައިފައެވެ. އެކަމަކު އެކަމުގައި ސަރުކާރުގެ ހިއްސާއެއް އޮތް ކަމަށް ސަރުކާރަކުން ގަބޫލެއް ނުކުރެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.