އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީއަށް ފާޑުކިޔައި ލިއުނު ނޫސްވެރިއެއްކަމުގައިވާ ސަންޖޭ ރާވަތު (ފޮޓޯ)ގެ މައްޗަށް ފިތުނަ އުފައްދައި ބަޣާވާތް ކުރިކަމުގެ ކުށުގެ ދައުވާ ސަރުކާރުން ކޮށްފިއެވެ.
އިންޑިއާގެ މިނިވަން ނޫސްވެރިންނާއި ނޫސްވެރިންގެ ހައްގުގައި މަސައްކަތް ކުރާ ދުނިޔޭގެ އެކި ކަންކޮޅުތަކުގެ މީހުން ސިފަކުރީ މިއީ ނޫސްވެރިކަމުގެ މިނިވަންކަމަށް ބޮޑު ވަޒީރު މޯދީ ސަރުކާރުން ދިން އިތުރު ހަމަލާއެއްގެ ގޮތުގައެވެ.
އިންޑިއާގެ ނޫސް "ސަމާނާ"ގެ އެގްޒެކެޓިވް އެޑިޓަރު ސަންޖޭ ރާވަތުގެ މައްޗަށް ފުލުހުން ވަނީ މޯދީއާ ދެކޮޅު ޚަބަރެއް ޝާއިޢު ކުރި ކަމަށް ބުނެ އެ މައްސަލަ ތަހުގީގުކޮށް ދައުވާގެ ކަންތައް ކުރިއަށް ގެންދިއުމަށް ނިންމާފައެވެ.
ސަންޖޭ ރާވަތު މޯދީ ސަރުކާރުގެ ސިޔާސަތަށް ފާޑުކިޔައި ލިއެފައި ވަނީ އިލެކްޓްރޯނިކް ވޯޓިން މެޝިން މެދުވެރިކޮށް މޯދީ ސަރުކާރުން އިންތިޚާބުގެ މަރުހަލާގައި ޝައްކު ކުރެވޭ ކަންތައްތަކެއް ހިންގާފައިވާ ކަމަށެވެ.
ސަންޖޭ ރާވަތު ލިއެފައި ވަނީ 2018 ވަނަ އަހަރުގެ މަދްޔަ ޕްރަދޭޝްގެ އިންތިޚާބު ބީޖޭޕީން ކާމިޔާބު ކުރީ އެލެކްޓްރޯނިކު ވޯޓިން މެޝިން މެދުވެރިކޮށް ވޯޓު އޮޅުވާލައިގެންކަމަށެވެ.
އިންޑިއާގެ ގާނޫނުލް އުގޫބާތުގެ 153 އޭ، އަދި 124 އޭ ގެ ދަށުން ސަންޖޭއާ ދެކޮޅަށް މަހާރާޝްތުރާ ޕޮލިސް ސްޓޭޝަނުން ކުރިއަށް ގެންދާ ދައުވާގައި އޭނާގެ މައްޗަށް ބޮޑު އަދަބެއް އަންނާނެކަމަށް ބެލެވެއެވެ.
ބޮޑު ވަޒީރު މޯދީގެ ސަރުކާރުން ހިންގާފައިވާ ޖަރީމާތައް މީޑިއާތަކުން ދަނީ ފަހަކަށް އައިސް މެދު ނުކެނޑި ފަޅާއަރުވަމުންނެވެ.
މި ހަފުތާގައި އެމެރިކާގެ "ވޮޝިންޓަން ޕޯސްޓު"ން ވަނީ މޯދީ ސަރުކާރުގެ އަމިއްލަ ޕަބްލިސިޓީއަށް ސިއްރު އޮޕަރޭޝަންތައް ހިންގާ ޖަމިއްޔާތައް ވެސް ފަޅާއަރުވާލާފައެވެ.
ޖެނުއަރީ 2023 ގައި އެލޮން މަސްކު ވަނީ މޯދީ ސަރުކާރުން ޓްވިޓާއަށް ޕްރެޝަރު ކޮށްގެން މޯދީއާ ދެކޮޅު ޓްވީޓްތައް ނައްތާލުމަށް މަސައްކަތް ކުރަމުންދާކަމަށް ބުނެފައެވެ. އަދި 2023 ވަނަ އަހަރުގެ ފެބްރުއަރީ މަހު އިންޑިއާގައި ހުންނަ ބީބީސީގެ އޮފީސްތަކަށް ވަދެ މޯދީއާ ދެކޮޅު ޑޮކިއުމެންޓްރީއެއް ދައްކާފައިވާ ކަމަށް ބުނެ ބީބީސީއާ ދެކޮޅަށް ވެސް މޯދީގެ ސަރުކާރުން ފިޔަވަޅު އަޅާފައިވެއެވެ.
މިއަހަރުގެ މާޗް މަހު ކޮންގްރެސް ލީޑަރު ރާހުލް ގާނދީ ވެސް ވަނީ މޯދީއަށް ފާޑު ވިދާޅުވާތީ ރައްޔިތުންގެ މަޖިލީހުން ވަކިކޮށްފައެވެ.
އަންނަ އަހަރު އިންޑިއާގައި ބާއްވާ އިންތިޚާބު ކާމިޔާބު ކުރުމަށް ބޮޑު ވަޒީރު މޯދީ ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގައި މިނިވަން ނޫސްވެރިކަމަށް ވަރަށް ބޮޑަށް ހުރަސް އަޅުއްވަމުން ގެންދަވާކަން ވަރަށް ބޮޑަށް ފާހަގަ ކުރެވެމުން އެބަދެއެވެ.