ސިކުންގެ ލީޑަރެއްގެ މައްސަލަ: އެމެރިކާއާއި އިންޑިއާގެ ގުޅުމުގައި "ކުނި"

ސިކުން މުޒާހަރާގައި: ބޭނުން ވަނީ ޕަންޖާބުގައި އަމިއްލަ ވެރިކަމެއް

މިއީ އެމެރިކާ އާއި އިންޑިއާއާ ދެމެދު އޮތް ފިތުނަ އިތުރުވެ ދެ ގައުމުގެ ގުޅުމަށް ނޭދެވޭ އަސަރުތަކެއް ކުރަމުންދާ ދުވަސްވަރެކެވެ. އެންމެ ބޮޑު ސަބަބަކީ އިންޑިއާއަށް އުފަން، ނަމަވެސް މިހާރު އެމެރިކާގައި ދިރިއުޅޭ، އެމެރިކާގެ ރައްޔިތެއްކަމުގައިވާ ސިކުންގެ އިސްމީހަކު މަރާލުމަށް އިންޑިއާއިން ރާވާފައިވާ ރޭވުން ފަޅާއެރުމެވެ.

ބައެއް ނޫސް އެޖެންސީއަކުން ބުނާ ގޮތުގައި ސިކުން އެބައި މީހުންގެ އިސް ލީޑަރެއް ކަމަށް ގަބޫލުކޮށްގެން ތިބި ގުރްޕަތުވަންތު ސިންގް ޕަންނުން، މަރާލަން ރާވާފައިވާ  ރޭވުން ފަޅައިއެރުމުން އެމެރިކާއާ ގުޅުން ގޯސްވެފައިވާ ކަމަށް އިންޑިއާ ސަރުކާރުން އެއްބަސްވެފައިވާއިރު، އެމެރިކާގެ ރައީސް ޖޯ ބައިޑަން ވެސް ވަނީ އިންޑިއާގެ ޖުމްހޫރީ ދުވަހުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެން ދެއްވުމަށް އިންޑިއާއިން އެރުވި މުހިންމު ދައުވަތު ގަބޫލު ނުކުރައްވައި ރައްދުކުރައްވާފައެވެ.

އެމެރިކާގެ ރައީސް ޖޯ ބައިޑަން އިންޑިއާގެ ވެރިރަށް ނިއުދިއްލީއަށް ވަޑައިގަތުމަށް މި މަހު ދެކޮޅު ހެއްދެވުމުން ބޮޑުވަޒީރު މޯދީގެ ސަރުކާރުން ވަނީ ކުއަޑް ގްރޫޕްގެ ބައްދަލުވުން ފަސްކޮށްފައެވެ. އެއީ ބައިޑެންގެ ނިންމެވުމާ މެދު އިންޑިއާއިން ހިތްހަމަނުޖެހޭކަން ހާމަކުރުމަށް އެޅި "ހަރު" ފިޔަވަޅެކެވެ.

ސިކުން މުޒާހަރާގައި: ބޭނުން ވަނީ ޕަންޖާބުގައި އަމިއްލަ ވެރިކަމެއް

އެމެރިކަން އިންސްޓިޓިއުޓް ފޯ ރިލީޖިއަސް ފްރީޑަމް އިން ވެސް ވަނީ އިންޑިއާއަކީ އެމެރިކާއިން ކަންބޮޑުވެ ސަމާލުކަން ދޭންޖެހޭ  ގައުމެއްގެ ގޮތުގައި ލިސްޓު ކުރުމަށް ވަރަށް ބޮޑަށް އެދިފައެވެ.

ގުރްޕަތުވަންތު: އޭނާ މަރާލުމަށް އިންޑިއާއިން ރޭވިކަން ވަނީ ފަޅައިއަރާފައި

ޚަބަރުލިބިފައިވާ ގޮތުގައި އެމެރިކާ އާއި އިންޑިއާއާ ދެމެދު ޓެކްނޮލޮޖީ ޓްރާންސްފާ އާއި ދިފާއީ ގޮތުން ކުރަން ވާހަކަ ދެކެވިފައިވާ އެއްބަސްވުންތައް ކުރިއަށް ނުގެންގޮސް ވަނީ މަޑުޖެހިފައެވެ.

ކެނެޑާގައި ދިރިއުޅެމުން ދިޔަ އިންޑިއާއަށް އުފަން ނަމަވެސް މިހާރު ކެނެޑާގެ ރައްޔިތެއްކަމަށްވާ އިންޑިއާގެ ސިކުންގެ ލީޑަރު ހަރްދީޕް ސިންގް ނަގަރު މިދިޔަ އަހަރުގެ ޖޫން މަހު ވަނީ މަރާލާފައެވެ. ކެނެޑާގެ ބޮޑު ވަޒީރު ވިދާޅުވީ ހަރުދީޕް ސިންގް މަރާލީ އިންޑިއާ ސަރުކާރުން ރާވައިގެން ކަމަށެވެ. ހަމައެގޮތަށް އެމެރިކާގައި ދިރިއުޅެމުންދާ ސިކުން ލީޑަރު ގުރްޕަތުވަންތު ސިންގް ޕަންނުން މަރާލުމަށް އިންޑިއާއިން ރޭވި ރޭވުން އެމެރިކާއިން ވަނީ ދާދިފަހުން ފަޅާއަރުވައި އެކަން ނާކާމިޔާބުކޮށްލާފައެވެ. އެކަމުގެ ސަބަބުން އިންޑިއާ އާއި އެމެރިކާގެ ގުޅުމުގައި ވަނީ ވަރަށް ބޮޑަށް "ކުނި" ޖެހިފައެވެ. އެކަން ހައްލުކޮށް ސާފުކުރުމަށް ދެ ގައުމުން މަސައްކަތްކުރަމުން ދިޔަކަމަށް ވިޔަސް އެކަން ކުރެވޭނެ ދުވަހެއް އަދި ނޭނގެއެވެ.

އިންޑިއާގެ ސިކުން ގެންދަނީ ޕަންޖާބުގައި ސިކުންގެ މިނިވަން ގައުމެއް އުފެއްދުމަށް މަސައްކަތް ކުރަމުންނެވެ.

 

 

މުޙައްމަދު ސަޢީދު މޫސާ ވަޖުދީ
މުޙައްމަދު ސަޢީދު މޫސާ ވަޖުދީއަކީ ނޫސްވެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ތަޖުރިބާކާރު ނޫސްވެރިއެކެވެ. ގައުމީ އިނާމާއި އަދި އެހެނިހެން ޝަރަފުވެރި އިނާމު ހޯއްދަވައިފައިވާ ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.