އިޒުރޭލު ސިފައިން ބޭނުން ކުރާ އިމާރާތެއް ޙަމާސްއިން ގޮއްވާލައިފި

އިޒުރޭލު ސިފައިން ތިބުމަށް ޣައްޒާގެ ޚާން ޔޫނުސްގައި ބޭނުންކުރާ އިމާރާތެއް  ޙަމާސްގެ އަލްޤައްސާމް ބްރިގޭޑްސްއިން ގޮއްވާލައި އިޒުރޭލު ސިފައިންނަށް ބޮޑު ބިރުވެރިކަމެއް ކުރިމަތިކޮށްފިއެވެ.

ޣައްޒާގައި އިޒުރޭލު ސިފައިން، ކުށެއް ނެތް  ފަލަސްތީނުގެ މީހުންނާ ދެކޮޅަށް ހިންގާ ޖަރީމާތަކަށް ދެ މަހަށް ވުރެ ގިނަ ދުވަސް ފާއިތުވެގެން ދިޔަކަމަށް ވިޔަސް އަދި އެ ހަމަލާތައް ހުއްޓާލުމަށް އދ. ގެ ސަލާމަތީ މަޖިލީހުންނާއި ދުނިޔޭގެ ގިނަ ގައުމުތަކުން  ގޮވަމުން ދިޔަކަމަށް ވިޔަސް އިޒުރޭލުގެ އަނިޔާވެރިކަން ހުއްޓާލާނެ ކަމުގެ އެއްވެސް އަލާމާތެއް ނުފެނެއެވެ.

ޣައްޒާއަށް އިޒުރޭލުން ވަރަށް ބޮޑު އިންސާނީ ކާރިސާއެއް ކުރިމަތިކޮށްފައި ވަނިކޮށް ނިރުބަވެރި އިޒުރޭލާ ދެކޮޅަށް ކާމިޔާބު ހަމަލާއެއް ދިން ޚަބަރުން ޙަމާސްގެ މުޖާހިދުންގެ ހިތްވަރުގަދަކަމާއި ކުޅަދާނަކަން އަނެއްކާ ވެސް ހާމަވެގެން ހިނގައްޖެއެވެ.

ޙަމާސް ޖަމާއަތުގެ ޢަސްކަރީ ހަރަކާތްތައް ހިންގާ ޢިއްޒުއްދީން އަލް ޤައްސާމް ބްރިގޭޑްސް އިން، އިޒުރޭލުގެ ސިފައިން ޚާން ޔޫނުސްގައި ޖާގަޖަހައިގެން ތިބި ގެއެއް ގޮއްވާލާފައިވާ ކަމަށް ބުނިކަމަށް ވިޔަސް އިޒުރޭލު ސިފައިންނަށް ލިބުނު ގެއްލުން ހާމަކޮށްފައެއް ނުވެއެވެ. މީގެ ކުރިން ވެސް ޙަމާސްގެ ހިތްވަރުގަދަ މުޖާހިދުން އިޒުރޭލުގެ އަނިޔާވެރި ސިފައިންނަށް  ވަރުގަދަ ހަމަލާތައްދީ ބޮޑެތި ގެއްލުން ދީފައިވެއެވެ.

އިޒުރޭލުން ޣައްޒާއަށް ދޭ ބޮމުގެ ހަމަލާތައް ހުއްޓުމެއް ނެތި ކުރިއަށް އެބަގެންދެއެވެ. އިޒުރޭލުގެ ނިރުބަވެރި ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ ވިދާޅުވި ގޮތުގައި ޙަމާސްއާ ދެކޮޅަށް އިޒުރޭލުން މިހާރު ކުރަމުންދާ ހަނގުރާމައަކީ ޙަމާސްއިން ރަހީނުކޮށްފައިވާ 128 މީހުން މިނިވަން ކުރުމަށް ކުރަމުންދާ ހަނގުރާމައެކެވެ. އެ ހަނގުރާމަ ހުއްޓުމެއްނެތި ކުރިއަށް ދާނެއެވެ. ހިތާމައަކީ އެ އަނިޔާވެރި ހަމަލާތަކުގައި ފަލަސްތީނުގެ އެތައްހާސް ބަޔަކު ޝަހީދުވެ ޣައްޒާ ފަނާވެގެން ދިއުމެވެ.

އިޒުރޭލުގެ ހަމަލާތަކުގައި ޝަހީދުވި ކުށެއްނެތް މީހުންގެ އަދަދު މިއަދާހަމައަށް 18700 އަށްވުރެ ގިނައެވެ. އޭގެތެރޭގައި 7700 އަށްވުރެ ގިނަ ކުޑަކުދީންނާއި 5100 އަށްވުރެ ގިނަ އަންހެނުން ހިމެނެއެވެ. ޒަޚަމްވީ މީހުންގެ އަދަދު 50 ހާހަށްވުރެ ގިނައެވެ. އަދި ކުށެއްނެތް 4500 އަށްވުރެ ގިނަ މީހުން ހައްޔަރުކޮށްފައި ވެއެވެ.

އިޒުރޭލުން ޣައްޒާގެ އުތުރާއި ދެކުނުގެ ބައެއް ސަރަހައްދުތަކަށް ބޮން އަޅަމުން ދިއުމުގެ ސަބަބުން ޣައްޒާގެ މުވާސަލާތީ ނެޓްވޯކްތަކާއި އިންޓަނެޓްގެ ޚިދުމަތް ވަނީ މުޅިން ކެނޑިފައެވެ. ޣައްޒާ އޮތީ ބަނޑަށް ޖެހިފައެވެ. ޣައްޒާއަށް ވަނީ ސިއްހީ ނުރައްކަލުގެ ބޮޑު ކާރިސާއެއް ކުރިމަތިވެފައެވެ.

އަލްޤައްސާމް ބްރިގޭޑްސް އިން ބުނީ ތިން ދުވަހުގެ ތެރޭގައި އިޒުރޭލުގެ 36 ސިފައިން މަރާލާފައިވާ ކަމަށެވެ. ޣައްޒާ ހަނގުރާމައިގައި މިހާތަނަށް އިޒުރޭލުގެ 1139 ސިފައިން މަރުވެފައިވެއެވެ.

މުޙައްމަދު ސަޢީދު މޫސާ ވަޖުދީ
މުޙައްމަދު ސަޢީދު މޫސާ ވަޖުދީއަކީ ނޫސްވެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ތަޖުރިބާކާރު ނޫސްވެރިއެކެވެ. ގައުމީ އިނާމާއި އަދި އެހެނިހެން ޝަރަފުވެރި އިނާމު ހޯއްދަވައިފައިވާ ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.