ޙަމާސް- އިޒުރޭލް ހަނގުރާމަ: ޙަމާސްގެ އިސް 4 ކޮމާންޑަރުން ޝަހީދުވެއްޖެ

އިޒުރޭލާ ދެކޮޅަށް ޣައްޒާގައި ޙަމާސްއިން ކުރަމުންދާ ހަނގުރާމައިގައި އެ ޖަމާއަތުގެ އިސް 4 ކޮމާންޑަރުން ޝަހީދުވެއްޖެއެވެ.

ޢިއްޒުއްދީން އަލްޤައްސާމް ބްރިގޭޑްސްގެ ރަސްމީ ޗެނަލްގައި ޝާއިޢުކޮށްފައިވާ ބަޔާނެއްގައި ބުނެފައިވަނީ އަލްޤައްސާމް ބްރިގޭޑްސްގެ ލީޑަރުންގެ ބަޔަކު ޝަހީދު ވެފައި ވާކަމަށާއި ޝަހީދުވި ކޮމާންޑަރުންގެ ތެރޭގައި ހިމެނެނީ ޢަސްކަރީ ފިޔައިގެ މެމްބަރެއް ކަމަށްވާ އަބޫ އަނަސް އަޙްމަދު އަލް ޣަންދޫރާއި އުތުރުގެ ބްރިގޭޑްތަކުގެ ކޮމާންޑަރު ވާއިލް ރަޖަބް އާއި ކޮމާންޑަރު ރިފާތު ސަލްމާނާއި ކޮމާންޑަރު އައިމަން އަލްސަޔަމްއެވެ.

ހަނގުރާމައިގައި ޝަހީދުވި އެންމެ ފާހަގަކޮށްލެވޭ ލީޑަރު އަލްޣަންދޫރަކީ އުތުރު ޣައްޒާއާ ހަވާލުވެވަޑައިގެން ހުންނެވި އަދި ޙަމާސްގެ އެންމެ މަތީ އަސްކަރީ ކައުންސިލްގެ މެންބަރެކެވެ.

އިޒުރޭލު ސިފައިން މި މުހިންމު އަސްކަރީ ލީޑަރަށް އަމާޒުކޮށް ހަމަލާދީފައިވާކަން  އިއުލާންކޮށްފައި ވަނީ މީގެ ހަފްތާއެއްހާ ދުވަސް ކުރިންނެވެ.

އަލްޤައްސާމުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޣައްޒާގެ އުތުރުގެ ބްރިގޭޑްތަކުގެ ކޮމާންޑަރު އަޙްމަދު އަލްޣަންދޫރު ޝަހީދުވުމުން ހިތާމަ ކުރަމުންދާ ކަމަށެވެ.

އަލްޤަސާމް ބުނެފައި ވަނީ "ހަމައެއާއެކު އަޅުގަނޑުމެންގެ އެހެން އަސްކަރީ ކޮމާންޑަރުން ކަމަށްވާ ވާއިލް ރަޖަބް، ރަފާތު ސުލައިމާން އަދި އައިމަން ސިޔަމް ޝަހީދު ވުމުން ވެސް ހިތާމަކުރާ" ކަމަށެވެ.

އަޙުމަދު އަލްޣަންދޫރަކީ ޣައްޒާ ހަނގުރާމައިގައި މިހާތަނަށް ޝަހީދުވި އެންމެ ފާހަގަކޮށްލެވޭ އިސް ލީޑަރެވެ.

އަޙުމަދު އަލްޣަންދޫރު: ޙަމާސްގެ ހަނގުރާމައިގައި ވަރަށް އިސް ލީޑަރެއް

އުމުރުން 56 އަހަރުގެ އަޙުމަދު އަލްޣަންދޫރު އަވަހާރަކޮށްލުމަށް މީގެ ކުރިން ވެސް އިޒުރޭލުން ވަނީ އެތައް ފަހަރެއްގެ މަތިން ހަމަލާ ދީފައެވެ. އެއިން ކޮންމެ ފަހަރަކު އޭނާ ސަލާމަތްވެވަޑައިގަތެވެ.

އިޒުރޭލުން ގަބޫލުކުރާ ގޮތުގައި އެ ގައުމުގެ  ސިފައިންގެ މީހެއްކަމަށްވާ  ގިލާދު ޝާލިތު އަތުލައިގަތުމަށް ބޯޑަރު ހުރަސްކޮށް ދިން ހަމަލާ 2006 ވަނަ އަހަރު ރޭވުމުގައި އެހީތެރިވެދެއްވީ އަޙުމަދު އަލްޣަންދޫރެވެ. ގިލާދު ޝާލިތު 5 އަހަރަށް ޙަމާސްއިން ބަންދުކޮށްގެން ގެންގުޅުނެވެ. އޭނާ 2011 ވަނަ އަހަރު އެއްބަސްވުމެއްގެ ދަށުން ދޫކޮށްލުމުގެ ބަދަލުގައި އިޒުރޭލުގެ ޖަލުން ފަލަސްޠީނުގެ 1000 އަށްވުރެ ގިނަ މީހުން  ދޫކޮށްލިއެވެ.

އިޒުރޭލުން ޝަހީދުކޮށްލި ޙަމާސްގެ 4 ލީޑަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އައިމަން ސިޔަމަކީ ވެސް ވަރަށް މުހިއްމު ލީޑަރެކެވެ. އިޒުރޭލުން ބުނާ ގޮތުގައި ޙަމާސްގެ ރޮކެޓް ލޯންޗިން ޔުނިޓާ ހަވާލުވެ ހުންނެވީ އައިމަންއެވެ.

ނޮވެމްބަރު މަހުގެ 16 ވަނަ ދުވަހު އިޒުރޭލުގެ ޢަސްކަރިއްޔާއިން ވަނީ ޙަމާސްގެ ލީޑަރުން އުޅުއްވަނީ ބިންގަރާހެއްގައި ކަމަށް ބުނެފައެވެ.

އެކްސްގައި އިޒުރޭލުގެ ޢަސްކަރިއްޔާގެ ތަރުޖަމާނު އޮއިޗައި އަދްރައި ވިދާޅުވީ، ބިމުގެ އަޑީގެ ތަފާތު ދެ ތަނަކަށް ބާރުގަދަ ދެ ހަމަލާއެއް ދީފައިވާ ކަމަށެވެ. ފުރަތަމަ ތަނުގައި އަޙްމަދު އަލްޣަންދޫރާއި އައިމަން ސިޔަމްގެ އިތުރުން މުހިއްމު އެހެން ލީޑަރުން ވެސް ތިއްބެވިއެވެ. އެޖެންސް ފްރާންސް-ޕްރެސް އިން ބުނި ގޮތުގައި 2017 ވަނަ އަހަރު އެމެރިކާއިން ވަނީ އަލްޣަންދޫރުގެ ނަން "ޓެރަރިސްޓް" ލިސްޓަށް އިތުރުކޮށް، އޭނާގެ މައްޗަށް އިގުތިސާދީ ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފައެވެ.

އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން އެދުވަސްވަރު ބުނެފައި ވަނީ އަލްޣަންދޫރަކީ ޙަމާސްގެ ޝޫރާ ކައުންސިލްގެ މެންބަރެއްކަމަށެވެ. އަދި ޓެރަރިސްޓް ބައެއް ހަމަލާތަކުގައި އޭނާ ބައިވެރިވެ ވަޑައިގެންނެވި ކަމަށް ތުހުމަތު ކޮށްފައިވެއެވެ.

އަލްޣަންދޫރަކީ 2006 ވަނަ އަހަރު ކެރެމް ޝަލޮމް ސަރަހައްދު ހުރަސްކުރާ އިޒުރޭލުގެ ޢަސްކަރީ ޕޮއިންޓަކަށް ހަމަލާ ދިނުމުގައި އިސްކޮށް އުޅުއްވި ބޭފުޅެއްކަމަށް ވެސް ބެލެވެއެވެ. މި ހަމަލާގައި ސިފައިންގެ ދެ މީހަކު މަރުވެ ހަތަރު މީހަކު ޒަޚަމްވެފައި ވެއެވެ.

ޙަމާސްގެ ވަރަށް އިސް ލީޑަރެއްކަމުގައިވާ ސިންވާރާއި އަލްޣަންދޫރު

އިޒުރޭލުގެ ޢަސްކަރިއްޔާއިން ބުނި ގޮތުގައި ޙަމާސްއާ ދެކޮޅަށް އިޒުރޭލުން އޮކްޓޫބަރު 7 ގައި ފަށައި ކުރިއަށް ގެންދާ ހަނގުރާމައިގައި ޙަމާސްގެ އެތައް ހާސް ހަނގުރާމަވެރިން ވަނީ ޝަހީދުކޮށްލާފައެވެ. އޭގެ ތެރޭގައި ޙަމާސްގެ މެދު ފަންތީގެ ބައެއް ލީޑަރުން ވެސް ހިމެނޭކަމަށް އިޒުރޭލުން ބުނެފައިވެއެވެ. ނަމަވެސް އެ ލީޑަރުންގެ ނަން އިޒުރޭލުން ހާމަކޮށްފައެއް ނުވެއެވެ.

ޣައްޒާގެ ކަމާ ބެހޭ ފަރާތްތަކުން ހާމަކުރާ ގޮތުގައި އިޒުރޭލުން ޣައްޒާއަށް ދެމުންދާ އަނިޔާވެރި ހަމަލާތަކުގައި މިހާތަނަށް ފަލަސްޠީނުގެ 14 ހާހަށްވުރެ ގިނަ މީހުން ޝަހީދުވެފައިވެއެވެ. އޭގެތެރޭގައި ގިނައީ ކުޑަ ކުދީންނާއި އަންހެނުންނެވެ.

މުޙައްމަދު ސަޢީދު މޫސާ ވަޖުދީ
މުޙައްމަދު ސަޢީދު މޫސާ ވަޖުދީއަކީ ނޫސްވެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ތަޖުރިބާކާރު ނޫސްވެރިއެކެވެ. ގައުމީ އިނާމާއި އަދި އެހެނިހެން ޝަރަފުވެރި އިނާމު ހޯއްދަވައިފައިވާ ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.