އިސްރާއީލުގެ ހަމަލާއެއްގައި ހަމާސްގެ ޓީވީ ސްޓޭޝަން ގޮއްވާލައިފި

އިސްރާއީލުގެ ހަމަލާގައި 'އަލްއަޤްޞާ' ޓީވީ ސްޓޭޝަން ގޮއްވާލަނީ

އިސްރާއީލުން ސިފައިން ޣައްޒާގެ އެކި ހިސާބުތަކަށް އިއްޔެ ދޭން ފެށި ވައިގެ ހަމަލާތަކުގެ ތެރެއިން ހަމަލާއެެއްގައި ހަމާސްގެ 'އަލްއަޤްޞާ' ޓީވީ ސްޓޭޝަން ގޮއްވާލައިފިއެވެ. ހަމާސްއިން މިހަމަލާއަށް ހަރުކަށި ރައްދެއް ދޭނެކަމަށް ބެލެވެއެވެ.
އެނަޑޯލޫ ނިއުސް އެޖެންސީގެ ރިޕޯޓަރަކު ބުނިގޮތުގައި އިސްރާއީލުގެ އަސްކަރީ މަތިންދާބޯޓުތަކުން ޓީވީ ސްޓޭޝަންގެ އިމާރާތަށް 10 މިސައިލް ފޮނުވާލާފައި ވެއެވެ. އަދި ވަރުގަަދަ ހަމަލާގެ ސަބަބުން އިމާރާތް ވަނީ މުޅިން ފުނޑުފުނޑުވެފައެވެ. އަދި އެ އިމާރާތު ކައިރީގައި ހުރި ގިނަ ގެތަކަކަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.
އިސްރާއީލުގެ ހަމަލާގައި ޓީވީ ސްޓޭޝަން ހަލާކުކޮށްލާފައިވާކަން ހަމާސްއިން ކަށަވަރުކޮށްދީފައި ވާއިރު، އިސްލާމިކް ޖިހާދުން ވަނީ ރައްދުދޭނެ ކަމުގެ އިންޒާރުދީފައެވެ.
ހަމަލާގެ ކުރިން އިންޒާރު ދިނުމަށް ބަޑީގެ ހަމަލާ ދިނުމުން ތަނުގެ މުވައްޒަފުން ތަން ދޫކޮށް ގޮސްފައިވާތީ އެއްވެސް މީހަކަށް ގެއްލުންވެފައި ނުވެއެވެ.
ހަމަލާގެ ސަބަބުން ޓީވީ ސްޓޭޝަންގެ ޕްރޮގްރާމްތައް އިރުކޮޅަކަށް މެދުކެނޑުނު ނަމަވެސް، ފަހުން ވަނީ ޕްރޮގްރާމްތައް ފޮނުވަން ފަށާފައެވެ. އެހެނަސް، މިހާރު ޕްރޮގްރާމްތައް ފޮނުވަނީ ކޮންތާނކުން ކަމެއް ނޭނގެއެވެ.
ޓީވީ ސްޓޭޝަންގެ އިމާރާތަށް ހަމަލާދިންކަން އިސްރާއީލުންވެސް ވަނީ ކަށަވަރުކޮށްދީފައެވެ. "އެތަނުން ހަމާސްގެ އަސްކަރީ ހަރަކާތްތަކުގައި ބައިވެރިވޭ. އޭގެ ތެރޭގައި ހަމަލާތައް ކުރިއަށް ގެންދަންވީ ގޮތުގެ މެސެޖުތައް ހަނގުރާމަވެރިންނަށް ދިނުމާއި، އިސްރާއީލާ ދެކޮޅަށް ޓެރަރިސްޓް ހަރަކާތްތައް ހިންގުމަށް ފާޅުގައި ގޮވާލުމާއި، އަދި އެފަދަ ޓެރަރިސްޓް ހަރަކާތްތައް ހިންގާނެ ގޮތުގެ އިރުޝާދު ދިނުން ހިމެނޭ." އިސްރާއީލުގެ އަސްކަރިއްޔާގެ ބަޔާނެއްގައި ވެއެެވެ.
އިސްރާއީލުގެ އުދުވާނީ ސިފައިން ޣައްޒާއަށް އިއްޔެ ދޭން ފަށާފައިވާ ހަމަލާތަކުގެ މާއްދީ ބޮޑެތި ގެއްލުން ދެމުންދާއިރު، ފަލަސްޠީނުގެ ތިން މީހުން މަރުވެ 9 މީހުން ޒަޚަމްވެފައި ވެއެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.