މިފަހަރު އަނިޔާވެރިކަން ބޮޑުކުރި ނަމަވެސް ހަތިޔާރުބެހެއްޓީ އިސްރާއީލު

އިސްރާއީލުން ޣައްޒާއަށް ދިން ހަމަލާގެ ތެރެއިން

އިސްރާއީލުން އަނިޔާވެރި ގޮތުގައި ވެރިވެގަނެގެން އުޅޭ ފަލަސްޠީނުގެ ބިންތަކުގެ ތެރެއިން ޣައްޒާގެ ރައްޔިތުން މިއަހަރުގެ ބަރަކާތްތެރި ރަމަޟާން މަސް ފެށީ އިސްރާއީލުން އޮއްސަމުން ދިޔަ ރޮކެޓާއި މިސައިލުގެ ވާރެއާއެކުގައެވެ.
ޣައްޒާގެ ރައްޔިތުން ރަމަޟާން މަހަށް ހަނދުބެލިރޭ، މި މޭ މަހުގެ 4 ވަނަ ދުވަހުގެރޭ، އިސްރާއީލުގެ އަސްކަރީ މަތިންދާބޯޓުތަކުން ދިޔައީ ޣައްޒާއަށް ބޮން އަޅަމުންނެވެ. އެރޭ ފަތިސްވެ އިރު އެރިއިރު ފަލަސްޠީނުގެ 25 މީހުން ޝަހީދުވެ، 154 މީހުން ޒަޚަމްވެފައި ވެއެވެ. ޝަހީދުވީ މީހުންގެ ތެރޭގައި ކިރުބޯ ތުއްތު ދެ ކުދިންނާއި، މާބަނޑު އަންހެނަކުވެސް ހިމެނެއެވެ.
ޣައްޒާގައި ވެރިކަންކުރާ އިސްލާމިކް ރެސިސްޓެންސް މޫވްމަންޓް (ހަމާސް) އާއި އިސްލާމިކް ޖިހާދު ގުޅިގެން ދިން ރައްދު ހަމަލާގައި އިސްރާއީލުގެ 4 މީހުން މަރުވެ 131 މީހުން ޒަޚަމްވެފައި ވެއެވެ.
މިފަހަރުގެ ހަމަލާތަކަކީ 2014 ވަނަ އަހަރަށް ފަހު އިސްރާއީލުން ޣައްޒާއަށް ދިން އެންމެ ވަރުގަދަ ހަމަލާތަކެވެ. މި ހަމަލާތައް ދޭން ޖެހުނު ސަބަބު ކަމަށް ހުޅަނގުގެ ޚަބަރުފަތުރާ ވަސީލަތްތަކުން ބުނީ ހަމާސްއާއި އިސްލާމިކް ޖިހާދުން އިސްރާއީލުގެ ރަށްތަކަށް މިސައިލް ހަމަލާތަކެއް ދިނުމެވެ. އޭގެ ކުރިން ހިނގި ކަންކަމުގެ ވާހަކަ ހާމަކޮށްފައި ނުވެއެވެ. އެހެންކަމުން، އެ ޚަބަރުތަކުން ދޭހަވީ ގޮތުގައި އިސްވެ އަނިޔާވެރިވީ ފަލަސްޠީނު މީހުންނެވެ.
ޣައްޒާއާއި އިސްރާއީލާ ދެމެދު ގާތްގަނޑަކަށް އެއް މަސްދުވަހަށް ދެމިގެން ދިޔަ ހަމަހިމޭންކަން ނިމުމަކަށް އައީ އިސްރާއީލު ސިފައިން 3 މޭ ވީ ހުކުރު ދުވަހު ބަޑިޖަހައި އިސްރާއީލާ ދެކޮޅަށް މުޒާހަރާކުރަމުން ދިޔަ ފަލަސްޠީނުގެ 2 ޒުވާނަކު ޝަހީދުކޮށްލުމުންނެވެ. އޭގެ ރައްދުގައި އިސްލާމިކް ޖިހާދުގެ ހަނގުރާމަވެރިން ވަނީ ސަރަހައްދީ ރޮނގު ހުރަސްކޮށް ބަޑިޖަހައި އިސްރާއީލު ސިފައިންގެ ދެ މީހަކު މަރާލާފައެވެ.
ދެ ފަރާތުން ބަދަލުކުރެވުނު ބަޑީގެ ހަމަލާތަކަށް ފަހު ޣައްޒާގައި ދުއްވާފައި ދިޔަ ކާރަކަށް އަމާޒުކޮށް އިސްރާއީލުން ދިން ރޮކެޓު ހަމަލާއެއްގައި ހަމާސްގެ ދެ ހަނގުރާމަވެރިން ޝަހީދުވިއެވެ. އިސްރާއީލުން ބުނީ އެ ހަމަލާއަކީ 'ޓެރަރިސްޓަކު' ނައްތާލުމަށް ދިން ހަމަލާއެއް ކަމުގައެވެ. ދެކުނު އިސްރާއީލަށް ރޮކެޓް ހަމަލާ ފޮނުވާލީ އިސްރާއީލުން ދިން މި ހަމަލާގެ ރައްދުގައެވެ.

ޣައްޒާއިން އިސްރާއީލަށް މިސައިލް ހަމަލާ ދެނީ

ޙަމާސްއާއި އިސްލާމިކް ޖިހާދުގެ މިސައިލް ހަމަލާތަށް އިސްރާއީލުގެ ރަށްތަކަށް އަމާޒުވުމުން އިސްރާއީލުން އައި ރައްދު އަވަސްވެފައި އަނިޔާވެރިއެވެ. ވައިގެ ބާރާއި، ރޮކެޓް ލޯންޗާ ބޭނުންކޮށްގެން ފަލަސްޠީނުގެ އެތައް ބައެއް ޝަހީދުކޮށް އެތައް އިމާރާތެއް ބިމާ ހަމަކޮށްލިއެވެ. ޙަމާސްގެ ޖާސޫސީ އިދާރާގެ އިތުރަށް، ތުރުކީގެ އަނަޑޯލް ނިއުސް އެޖެންސީވެސް އެ ހަމަލާތަކުން ސަލާމަތްވެފައި ނުވެއެވެ.
ބުނެވޭ ގޮތުގައި، 2014 ވަނަ އަހަރަށް ފަހު އިސްރާއީލުން ޣައްޒާއަށް ދިން އެންމެ ވަރުގަދަ ހަމަލާގައި، ޣައްޒާއަށް އަރައިގަތުމަށްޓަކައި އިސްރާއީލުގެ އެއްގަމު ސިފައިންގެ ލަޝްކަރެއްވެސް ސަރަހައްދީ ރޮނގުގައި ރުކުރުވާލިއެވެ. ޚަބަރުފަތުރާ ބައެއް ވަސީލަތްތަކުން ބުނަމުން ދިޔައީ މި ފަހަރު ޣައްޒާއަށް އިސްރާއީލު ސިފައިން ވަދެގަތުން ވަރަށް ގާތް ކަމުގައެވެ.
އެހެންނަމަވެސް، ޖެހިގެން އައި ދުވަހު ފެނުނީ ކުއްލިއަކަށް ހަމަލާތައް ހުއްޓައިލިތަނެވެ. މަސްރަހު އަނެއްކާވެސް ހިމޭންވީއެވެ. މިފަހަރު ހަތިޔާރު ބެހެއްޓީ އިސްރާއީލެވެ. ފަލަސްޠީނުން ލިބޭ ޚަބަރުތައް ބުނާގޮތުގައި، ހަމަލާ ބަދަލުކުރުން ހުއްޓާލުމަށްޓަކައި މިސްރުގެ އެހީތެރިކަމަށް އެދުނީ އިސްރާއީލުންނެވެ. އިސްރާއީލުގެ އެދުމުގެ މަތިން މިސްރުގެ ވަފުދެއް އައިސް ދެފަރާތާއި ވާހަކަދައްކައިގެން ހަމަލާ ބަދަލުކުރުން ހުއްޓާލަން އެއްބަސްވީއެވެ.
ވީގޮތަކީ، ފަލަސްޠީނުގެ ޖަމާއަތްތަކުން ދިން ރައްދު ހަމަލާ މާ ވަރުގަދަ ވީއެވެ. އިސްރާއީލުން އުފައްދައި ފަޚުރުވެރިކަމާއެކު އޭގެ މޮޅުވާހަކަ ދައްކާ މިސައިލް ހުއްޓުވާ ނިޒާމު 'އަޔަން ޑޯމް' ގެ ބޭނުންތެރިކަމާ މެދު ބައެއް ޔަހޫދީ ފަރާތްތަކުން ސުވާލު އުފައްދާ ހިސާބަށް ދިޔައީއެވެ. ޙަމާސްއާއި އިސްލާމިކް ޖިހާދުން އިސްރާއީލުގެ ތެރެއަށް ފޮނުވާލި މިސައިލްތަކުގެ ތެރެއިން 'އަޔަން ޑޯމް' އަށް މައިތިރިކުރެވުނީ ގާތްގަނޑަކަށް ތިންބައިކުޅަ އެއްބައެވެ.

އިސްރާއީލުގެ އަޔަން ޑޯމް

"700 ރޮކެޓް، ހުރަސްއެޅުނީ 240 އަށް، އިސްރާއީލުގެ 4 މީހުން މަރު، އަޔަން ޑޯމް އެއްދުވަހުން އަނެއްދުވަހަށް ސަކަރާތްވަނީތަ؟" މިއީ ފަލަސްޠީނުގެ ނުވަތަ އަރަބި ގައުމެއްގެ ނޫހެއްގައި ޖަހާފައި އޮތް ސުރުޚީއެއް ނޫނެވެ. މިއީ 1917 ވަނަ އަހަރު އެފެދުނު ޔަހޫދީ ޚަބަރުފަތުރާ އިދާރާ، ޖުވިޝް ޓެލެގްރާފިކް އެޖެންސީގެ ވެބްސައިޓުގައި ޖަހާފައި އޮތް ސުރުޚީއެކެވެ. އެ ސައިޓުގައި ލިޔެފައިވާ ގޮތުގައި ހަމާސްއާއި އިސްރާއީލާ ދެމެދު އެންމެ ފަހުން ބަދަލުކުރެވުނު ހަމަލާތަކަށް ފަހު އިސްރާއީލުގެ ވައިގެ ދިފާއީ ނިޒާމާމެދު ރައްޔިތުންގެ ހިތްތަކުގައި މިހާރު ވަނީ ޝައްކު އުފެދިފައެވެ.
ހަމަލާތައް ބަދަލުކުރުން ހުއްޓުމަކަށް އިއިފަހުން އިސްލާމިކް ޖިހާދުގެ 'އަލްޤުދްސު ބްރިގޭޑްސް' އިން ބުނެފައި ވަނީ 'ބަދްރު-3' ގެ ނަން ދެވިފައިވާ އާ މިސައިލެއް މިހަމަލާތަކުގައި ބޭނުންކޮށްފައިވާ ކަމުގައެވެ.
އިސްރާއީލުން ކުއްލިއަކަށް ހަމަލާތައް ހުއްޓާލައި، ވަގުތީ ސުލްހައަކަށް އެއްބަސްވީ އެއް ސަބަބަކީ އިސްރާއީލުގެ ޓެލްއަވީވަށް ޣައްޒާއިން މިސައިލް ހަމަލާއެއް އައުމުގެ ބިރު އޮތުމެވެ. ފަލަސްޠީނުގެ އަލްއަޤްޞާ ޓީވީގައި ވާހަކަފުޅުދައްކަވަމުން ހަމާސްގެ ޕޮލިޓިކަލް ބިއުރޯގެ މެންބަރު ޚަލީލު އަލްޙައްޔާ ވިދާޅުވީ ފަލަސްޠީނު މީހުން އަތުގައި 40 ކިލޯމީޓަރަށް ފޮނުވާލެވޭ މިސައިލް ހުރިކަން އެނގުމާއެކު އިސްރާއީލުން ވަގުތީ ސުލްހައަކަށް ދާން މިސްރު މެދުވެރިކޮށް މަސައްކަތް ފެށިކަމުގައެވެ. އެ މިސައިލުތަކުން އިސްރާއީލުގެ މެދުތެރޭގެ ރަށްތަކަށް ހަމަލާ ދެވޭނެއެވެ.
އަނެއްކޮޅުން އިސްލާމިކް ޖިހާދު ޖަމާއަތުގެ އަމީނު އާއްމު ޒިޔާދު އައްނައްޚާލާ ވިދާޅުވީ ވަގުތީ ސުލްއަކަށް އެއްބަސްވި އިރު އިސްރާއީލުގެ ވެރިރަށް ޓެލްއަވީވަށް ހަމަލާ ދިނުމަށް އޮތީ މަދު ގަޑިތަކެއް ކަމުގައެވެ. ހަމަލާތައް އިތުރު ދުވަހަކަށް ދެމިގެން ދިޔަނަމަ ޣައްޒާއިން ޓެލްއަވީވަށް މިސައިލް ހަމަލާ ދިނީހެވެ.
2008 ވަނަ އަހަރުން ފެށިގެން އިސްރާއީލުން ވަނީ ޣައްޒާ ހިސާރުކޮށްފައެވެ. ބޭނުމަކި ދަތިހާލު ޖައްސައިގެން ފަލަސްޠީނު މީހުންގެ ހިތްވަރު ބަލިކޮށްލުމުވެ. އެހެންނަމަވެސް، 11 އަހަރުވީ މި ހިސާރުގެ މަގްސަދު އިސްރާއީލަށް ހާސިލުކުރެވިފައި ނުވެއެވެ. ފަލަސްޠީނު ރައްޔިތުންގެ އަޒުމު ދަނީ ވަރުގަދަވަމުންނެވެ.
ދެ ފަރާތުގެ ދެމެދުގައި މެދުވެރިއެއްގެ ބައި އަދާކުރި މިސްރުގެ ވަފުދާ ހަވާލާދީ ބައެއް އަރަބި ނޫސްތަކުން ބުނެފައިވާ ގޮތުގައި، މިފަހަރު ސުލްހަވުމަށް ފަލަސްޠީނުގެ ޖަމާއަތްތަކުން އެއްބަސްވެފައި ވަނީ އަންނަނިވި ޝަރުޠުތަކުގެ މަތީންނެވެ.
• ޣައްޒާގެ ސަރަހައްދީ ރޮނގު ކައިރީގައި ސިލްސިލާކޮށް ކުރިއަށްދާ 'ދަ ގްރޭޓް މާޗް އޮފް ރިޓާން' މުޒާހަރާތުގައި ބައިވެރިވާ މީހުންނަށް އަމާޒުކޮށް ބަޑިނުޖެހުން.
• ޣައްޒާގެ ހިސާރު ދޫކޮށްލުމަށް އިސްރާއީލުން ކުރިން އެއްބަސްވެފައިވާ ކަންކަމަށް އަމަލުކުރުން.
• 06 މޭ 2019 ދުވަހުގެ ފަތިހު 4:45 އިން ފެށިގެން ހަމަލާތައް ހުއްޓާލުން.
• ދެ ފަރާތުން ވެސް ހަމަލާ ބަދަލުކުރުން ހުއްޓާލުމަށް ފަހު، އިސްރާއީލުން އަލުން ހަމަލާ ނުދިނުން.
• މިފަހަރުގެ ހަމަލާތަކުގައި ގެއްލުން ލިބުނު އާއިލާތަކަށް އެހީވުމަށް ބައިނަލް އަގްވާމީ އިންސާނީ އެހީ ދޭ ފަރާތްތަކަށް ޣައްޒާއަށް ވަނުމުގެ ހުއްދަ ދިނުން.
• އިސްރާއީލުގެ އަސްކަރީ މަތިންދާބޯޓު ބޭނުންކޮށްގެން ފަލަސްޠީނުގެ ވަކި މީހަކު މަރަން ހަމަލާ ނުދިނުން.
• ޣައްޒާގެ މަސްވެރިންނަށް މަސްވެރިކަންކުރުމުގެ ހުއްދަދީފައިވާ ސަރަހައްދު 12 މޭލަށް ފުޅާކުރުން.
• ޣައްޒާގެ އިރުމަތީ ފަރާތުގައި ދަނޑުވެރިކަން ކުރާ ދަނޑުވެރިންނަށް ހަމަލާ ނުދިނުން.
މިއަދު (ހުކުރު ދުވަހު) ހެނދުނު ލިބުނު ޚަބަރުތަކުން އެނގޭ ގޮތުގައި އިސްރާއީލުން މިހާރުވަނީ ޣައްޒާގެ މަސްވެރިންނަށް މަސްވެރިކަންކުރުމަށް 12 މޭލު ބޭރަށް ނުކުތުމުގެ ހުއްދަ ދީފައެވެ. މިއީ ވަގުތީ ސުލްހައިގެ އެއް ޝަރުޠެވެ.

ޣައްޒާގެ މަސްވެރިން މަސްވެރިކަމަށް ނުކުމެ

ފަލަސްޠީނުގެ ޖަމާއަތްތަކުން ވަނީ މި އެއްބަސްވުމަށް އަމަލުކުރަން ފެށުމަށް އެއް ހަފުތާގެ މުހުލަތެއް ދީފައެވެ. އިސްރާއީލުގެ ހާއާރެޓްސް ނޫހުން ބުނެފައިވާ ގޮތުގައި ފަލަސްޠީނުގެ ޖަމާއަތްތަކުން ޝައްކުކުރި ނަމަވެސް އިސްރާއީލުން ވަނީ މި އެއްބަސްވުމަށް އަމަލުކުރުމަށް ވައުދުވެފައެވެ.
އެ ނޫހުން އިތުރަށް ބުނެފައިވާ ގޮތުގައި އިސްރާއީލުން ވަނީ ސަރަހައްދީ ރޮނގު ކައިރީގައި ކުރިއަށް ގެންދާ ސިލްސިލާ މުޒާހަރާތައް ހުއްޓާލަން އެދިފައެވެ. އެހެންނަމަވެސް، ފަލަސްޠީނުގެ ޖަމާއަތްތަކުން ބުނެފައިވަނީ "ސަރަހައްދުގައި ޖަހާފައިހުރި ނަރުދާތަކާ ދުރުވެވޭނީ ޣައްޒާގެ ހިސާރަށް އިސްރާއީލުން ލުއިދޭ މިންވަރަކުން" ކަމުގައެވެ.
ކޮންމެއަކަސް، މިހުރިހާ ކަމަކުން އެނިގެން މިދިޔައީ ކިތަންމެ ބޮޑު އަނިޔާވެރިކަމެއް ދެއްކި ނަމަވެސް މިފަހަރު ހަތިޔާރު ބެހެއްޓީ ހަމަ އިސްރާއީލުން ކަމެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.