ޙަމާސްގެ ވަރުގަދަ ލީޑަރު ސިންވާރު: އިޒުރޭލުގެ މެއަށް ހެރިފައިވާ ތޫނު ކަނޑިއެއް

ޣައްޒާގައި ދިރިއުޅުއްވާ ޙަމާސްގެ އެންމެ އިސްވެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ޔަޙްޔާ އަލްސިންވާރަކީ ސިއްރުން ފުރިފައިވާ ޖެހިލުންކުޑަ ނުރައްކާތެރި ލީޑަރެކެވެ.

ޣައްޒާ ހަނގުރާމައިގައި އިޒުރޭލަށް މި ވަގުތަށް އެންމެ ބޮޑަށް ބޭނުން ވެފައި ވަނީ ހަނގުރާމައިގެ މޮޅު ލީޑަރެއްކަމުގައިވާ ސިންވާރެވެ.

ޣައްޒާއަށް އަރައި އިޒުރޭލު ސިފައިން ޣައްޒާގައި އަތްފުނާ އަޅަމުން ދިއުމުގެ އެންމެ މުހިއްމު އެއް ބޭނުމަކީ ސިންވާރުގެ ދުވަސް ދުއްވާލުމެވެ.

އިޒުރޭލުގެ ވަރަށް ގިނަ ބަޔަކު ދެކޭ ގޮތުގައި އޮކްޓޯބަރު ހަތް ވަނަ ދުވަހު ޙަމާސްއިން އިޒުރޭލަށް ދިން ނުރައްކާތެރި ރޮކެޓު ހަމަލާގެ މޭސްތިރިއަކީ ޔަޙުޔާ ޢަލްސިންވާރެވެ.

"އަހަރެންނަށް އޭނާ އޭނާގެ މަންމައަށްވުރެ ރަނގަޅަށް އެނގޭ."

ސިންވާރުގެ ޝަޚުޞިއްޔަތާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން އިޒުރޭލުގެ ސިފައިންގެ ކުރީގެ އިސް އޮފިސަރެއްކަމުގައިވާ މައިކަލް ކޯބީ ވިދާޅުވިއެވެ.

ސިންވާރާއި ފަލަސްޠީނުގެ އެންމެ އިސް ލީޑަރު އިސްމާޢީލު ހަނިއްޔާހަމ

ސީއެންއެންއަށް ދެއްވި ބަސްދީގަތުމެއްގައި  ކޯބީ ވިދާޅުވީ ތަހުގީގުގެ ތެރޭގައި އޭނާ  ސިންވާރާ އެކު ގާތްގަނޑަކަށް 180 ގަޑިއިރު ހޭދަކުރެއްވި ކަމަށެވެ.

"އަޅުގަނޑުގެ ހުރިހާ އެއްޗަކީ ޙަމާސް." ތަހުގީގުގައި ސިންވާރު މިހެން ވިދާޅުވިކަމަށް ކޯބީ ހާމަކުރެއްވިއެވެ.

"އަޅުގަނޑު އޭނާއަށް ދެންނެވިން މިހާރު ތިޔަބޭފުޅާގެ އުމުރުފުޅަކީ 28 ނޫންނަމަ 29 އަހަރު ނޫންތޯއޭ. އާއިލީ ދިރިއުޅުމެއްވެސް ފައްޓަވަން ވާނެ ނޫން ތޯއޭ. ކީއްވެގެންތޯއޭ ކައިވެނި ނުކުރައްވައިގެން ތިއުޅުއްވަނީ؟ އާއިލާއެއް ބޭނުމެއް ނޫންތޯއޭ؟"

ކޯބީ ވިދާޅުވީ އޭނާގެ ވާހަކަތަކުގެ ޖަވާބުގައި ސިންވާރު ވިދާޅުވީ "ޙަމާސްއަކީ  އޭނާގެ އަންހެނުންކަމަށާއި ދަރިން ކަމަށް. އޭނާގެ ހުރިހާ އެއްޗަކީ ޙަމާސްކަމަށް ސިންވާރު ވިދާޅުވި." ސިންވާރުގެ ވަރުގަދަ ޢަޒުމް ކޯބީ ހާމަކުރެއްވިއެވެ.

ދިރާސާ ކުރާ ފަރާތްތަކުން ބުނާ ގޮތުގައި 2021 ވަނަ އަހަރު އިޒުރޭލުން ސިންވާރު އަވަހާރަކޮށްލުމަށް ކުރި މަސައްކަތުން ސަލާމަތްވެވަޑައިގެންނެވި ސިންވާރަކީ ޣައްޒާގައި އިޒުރޭލު ސިފައިން ހިންގަމުން ގެންދާ ގަތުލުއާއްމުގައި ވެސް އިޒުރޭލު ސިފައިންގެ މައިގަނޑު އެއް އަމާޒެވެ.

"ސިންވާރަކީ އިޒުރޭލަށް ވެސް އަދި އެމެރިކާއަށް ވެސް ބިން ލާދިންއާ އެއްފަދަ ބޭފުޅެއް." ފައުންޑޭޝަން ފޯ ޑިފެންސް އޮފް ޑިމޮކްރަސީގެ މެމްބަރު ޙުސެއިން ޢަބްދުލް ޙުސެއިން ވިދާޅުވި އެވެ.

އޭނާ ވިދާޅުވިގޮތުގައި ބިންލާދިން ހޯދަން އޭނާގެ ފަހަތުން އެމެރިކާ ސިފައިން ދުވިހެން އިޒުރޭލު ސިފައިންވެސް ސިންވާރު ހޯދަން މެދުކެނޑުމެއްނެތި ދަނީ މަސައްކަތް ކުރަމުންނެވެ.

"އަޅުގަނޑަށް ޔަގީން ބިންލާދިން ހޯދަން އެމެރިކާއިން އުޅުނުހެން އިޒުރޭލުން ވެސް ދަނީ ސިންވާރު ހޯދަން މަސައްކަތް ކުރަމުންކަން. ސިންވާރު ހިފައި ހައްޔަރުކުރުމުގެ ކުރިން ޣައްޒާގެ ހަނގުރާމައެއް ނުހުއްޓޭނެ."

އޭނާ ވިދާޅުވިގޮތުގައި ސިންވާރާ ބެހޭ މައުލޫމާތެއް އިޒުރޭލަށް ދޭން މީހަކު އުޅޭނަމަ އެ މީހަކު އިޒުރޭލުގެ ސިފައިންނާ ހަމައަށް ދިއުމުގެ ކުރިން މަރާލާނެއެވެ.

އިޒުރޭލުގެ ސިފައިންގެ ދެ މީހުންނާއި ފަލަސްޠީނުގެ ހަތަރު މީހަކު މަރާލިކަމުގެ ތުހުމަތުގައި 1988 ވަނަ އަހަރުން ފެށިގެން 20 އަހަރަށްވުރެ ގިނަ ދުވަސް ވާނދެން

އިޒުރޭލުގެ ޖަލެއްގައި ސިންވާރު ބަންދުކޮށްފައި ބެހެއްޓިއެވެ.

ސިންވާރާއި ޖަލު ބަންދުގައި ތިބި ފަލަސްޠީނުގެ އިތުރު 1000 މީހުން  ޖަލުން މިނިވަން ކުރަން އިޒުރޭލަށް 2011 ވަނަ އަހަރު މަޖުބޫރުވީ ޙަމާސްއިން ރަހީނުކޮށްފައި ހުރި އިޒުރޭލުގެ ސިފައިންގެ މީހެއްކަމުގައިވާ ގިލާދު ޝާލިތުގެ ބަދަލުގައެވެ.

ޙަމާސްގެ އާދަޔާ ޚިލާފު ލީޑަރެއްގެ ގޮތުގައި ފާހަގަ ކުރެވިފައިވާ ޔަޙުޔާ ޢަލްސިންވާރު މިނިވަން ނުކުރެވުނު ނަމައޭ މުޅި އިޒުރޭލުގެ ހިތަށް މިއަދު އަރައެވެ.

ސިންވާރަކީ މިއަދު މުޅި އިޒުރޭލުގެ މެއަށް ހެރިފައިވާ ތޫނު ކަނޑިއެއްފަދަ ތޫނުފިލި ޝަޚުޞިއްޔަތެކެވެ.

މުޙައްމަދު ސަޢީދު މޫސާ ވަޖުދީ
މުޙައްމަދު ސަޢީދު މޫސާ ވަޖުދީއަކީ ނޫސްވެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ތަޖުރިބާކާރު ނޫސްވެރިއެކެވެ. ގައުމީ އިނާމާއި އަދި އެހެނިހެން ޝަރަފުވެރި އިނާމު ހޯއްދަވައިފައިވާ ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.