އިންޑިއާ ވައިގެ ސިފައިން ތަމްރީނު ކުރުމަށް ބޭނުންކުރާ މަތިންދާބޯޓެއް ހޯމަދުވަހު އެއާޕޯޓުން ނައްޓާލިތާ މާގިނައިރުތަކެއް ނުވެ ވެއްޓި އެއިން ދަތުރުކުރި ދެ މީހުން މަރުވެއްޖެއެވެ.
އިންޑިއާގެ މީޑިއާތަކުން ބުނާ ގޮތުގައި ހައިދަރުއާބާދުގައި ހުންނަ އިންޑިއަން އެއާފޯސް އެކަޑަމީން ތަމްރީނު ދަތުރެއްގައި ބޯޓު ފުރިތާ ކުޑައިރުކޮޅެއް ފަހުން ކޮންޓްރޯލް ޓަވަރާއި ބޯޓުގެ ގުޅުން ކެނޑުނެވެ.
ބޯޓާ ގުޅުން ކެނޑި ބޯޓު ގެއްލުނީކަމަށް ބަލައި ހޯދަން ކުރި މަސައްކަތުން ބޯޓުގެ ބައެއް ތަކެއްޗާއި ބޯޓު ފެނިފައި ވަނީ ފަޅު ސަރަހައްދަކުންނެވެ. ބޯޓު އޮތީ ވެއްޓި ހުޅުރޯވެ މުޅިން އަނދައި ހުލިވެފައެވެ.
ބޯޓު ހޯދައި ސަލާމަތްކުރަން އުޅުނު މީހުންނަށް އެސަރަހައްދަށް ދެވުނު އިރު ބޯޓުން ދަތުރުކުރި ދެމީހުން ވަނީ މަރުވެފައެވެ. އެ ދެމީހުން ވަގުތުން ޢަސްކަރީ ހޮސްޕިޓަލަކަށް ގެންދިޔައެވެ.
ބޯޓު ވެއްޓުނު ހާދިސާގައި މަރުވި ދެ މީހުންނަކީ ބޯޓުދުއްވަން ދަސްކޮށްދޭ މީހަކާއި ޕައިލެޓުކަން ދަސްކުރަން އުޅުނު މީހެކެވެ.
އިންޑިއާގެ ވައިގެ ސިފައިންގެ ތަރުޖަމާނަކު ބުނިގޮތުގައި ބޯޓު ވެއްޓެން މެދުވެރިވި ސަބަބު އޮޅުންފިލުވަން ތަހުގީގެއް ހިންގަން ކޮމިޓީއެއް އެކުލަވާލުމަށްފަހު ކަމާގުޅޭ މަސައްކަތް ވަނީ ފަށާފައެވެ.
އިންޑިއާގެ ވައިގެ ސިފައިންގެ އުދުހޭ ބޯޓު ތަފާތު ސަބަބުތަކާ ހެދި ވެއްޓުމަކީ ވަރަށް އާއްމު ކަމެކެވެ.