އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާ ދެކޮޅު އެކަމަކު ރައްޔިތުންގެ މެދުގައި ވަރަށް މަގުބޫލު ލީޑަރެއްކަމުގައިވާ ވެރިރަށް ނިއު ދިއްލީގެ ޗީފް މިނިސްޓަރ ކެޖްރިވާލް ހައްޔަރުކޮށް ސަލާމަތީކަންތައްތައް އިންތިހާއަށް ވަރުގަދަ ޖަލަކަށް ލައިފިއެވެ. ދިއްލީ ސަރަހައްދުގައި އިންތިހާއަށް މަގުބޫލު އާންމު އާދުމީ ޕާޓީގެ ލީޑަރު ކެޖްރިވާލް ހައްޔަރުކުރީ އިންތިޚާބު ބޯމަތިވެފައިވަނިކޮށް ކޮރަޕްޝަންގެ ތުހުމަތުގައެވެ. އެ ޕާޓީގެ އިސް އެހެން ބައެއް ބޭފުޅުން ވެސް ތިއްބެވީ ޖަލުބަންދުގައެވެ.
ކެޖްރިވާލަކީ ބޮޑުވަޒީރު މޯދީއާ ދެކޮޅުވެރި ވާދަވެރިއަކަށް ވުމުން އިންޑިއާގެ އެތައް މިލިއަން ބަޔަކު ބުނަމުން ދަނީ ކޮރަޕްޝަންގެ ތުހުމަތުގައި އޭނާ ހައްޔަރުކުރީ މޯދީއާ ދެކޮޅު މީހުން އިންތިޚާބުގެ ކުރިން ބަންދުކުރުމަށް ސަރުކާރުން ރާވާފައިވާ ހީލަތްތެރި ރޭވުމެއްގެ ދަށުންކަމަށެވެ.
އިދިކޮޅު ލީޑަރު ހައްޔަރުކޮށްފައި ވަނީ މިދިޔަ މަހު އެވެ. އެޕްރީލް މަހުގެ 14 ވަނަ ދުވަހަހާ ހަމައަށް އޭނާ ޖަލުގައި ބަންދުގައި ހުންނަވާއިރު، ލޯކް ސަބާގެ ފުރަތަމަ ފިޔަވަހީގެ އިންތިހާބު ފެށޭނީ އޭޕްރީލް މަހުގެ 19 ވަނަ ދުވަހުގައެވެ.
އާންމުކޮށް އިންޑިއާގެ އިތުރަށް އެހެން ގައުމުތަކުން ވެސް ބުނަމުން ދަނީ އިދިކޮޅު ޕާޓީތަކުގެ އެންމެ މުހިންމު އަދި މަގުބޫލު ލީޑަރު ހައްޔަރުކުރީ ސިޔާސީ ގޮތުން އުފެދިފައިވާ މައްސަލަތަކެއްގައި ކަމަށާއި، އެއީ އިންތިޚާބުގެ ކުރިން އިދިކޮޅު ޕާޓީތައް ނިކަމެތިކޮށް، ވޯޓު ބޭންކާއި ކުޅެ އިންތިޚާބުގެ ކެމްޕޭން ހަލާކުކޮށްލުމަށް ސަރުކާރުން އަޑީގައި އޮވެގެން ކުރާ ކަމެއް ކަމަށެވެ.
ހައްޔަރުކޮށްފައިވާ އުމުރުން 55 އަހަރުގެ އިދިކޮޅު ލީޑަރު ކެޖްރިވާލް ވަނީ އޭނާ ޖަލުގައި ހުންނަވައިގެން ސަރުކާރު ހިންގުމުގެ ހުއްދަ ދިނުމަށް ވަރަށް ބޮޑަށް ބާރުއަޅުއްވާފައެވެ. ނަމަވެސް ކަމާބެހޭ ފަރާތްތަކުން އެ ހުއްދަ ނުދިނެވެ.
މާޗް މަހުގެ 21 ވަނަ ދުވަހު ކެޖްރިވާލް ހައްޔަރުކުރީ އިންޑިއާގެ ސެންޓްރަލް ފައިނޭންޝަލް ކްރައިމްސް ކޮމިޝަނުންނެވެ. ކޯޓުން ވަނީ އޭނާ 14 ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމުގެ ހުއްދަ ދީފައެވެ.
އާންމު އާދުމީ ޕާޓީގެ ގާނޫނޫނީކަންތައްތަކާ ބެހޭ ވެރިޔާ ވިދާޅުވީ ކެޖްރިވާލް ހައްޔަރުކޮށް ޖަލުގައި ބަންދުކުރީ މޯދީ ސަރުކާރުގެ އެންގުމަށް ކަމަށެވެ.
އިންޑިއާގެ އިންތިޚާބު ބޯމަތިވަމުންދާއިރު ސަރުކާރުން އިދިކޮޅު ޕާޓީތަކަށް ނުފޮރުއްޕާންކޮށް ދަތިކުރަމުންދާ ކަމުގެ ވާހަކަތައް ވަނީ އާންމުވެފައެވެ. އަދި މޯދީގެ ސަރުކާރުން މުއްސަނދި ވިޔަފާރިވެރިންއަތުން އެތައް ބިލިއަން ރުފިޔާ ހޯދައި ޕާޓީގެ މާލީ ހާލަތު ވަރުގަދަކުރަމުންދާ ކަމުގެ އަޑުތައް ވެސް ވަނީ ފެތުރި ސަރުކާރު ހިންގާ ޕާޓީއަށް ފާޑުކިޔުންތައް އަމާޒުވެފައެވެ.
އިންޑިއާގެ ސިޔާސީ ލީޑަރުންގެތެރެއިން ކޮރަޕްޝަނާ އެންމެ ބޮޑަށް ދެކޮޅުކަމަށް އަޑުފެތުރިފައިވާ ލީޑަރު ކެޖްރިވާލް ހަމަ ކުއްލިއަކަށް ހައްޔަރުކުރުން އިދިކޮޅު އިތުރު އެހެން ލީޑަރުން ވެސް ހައްޔަރުކޮށްފާނެކަމުގެ ބިރުވެރިކަން ވަނީ އިންޑިއާގައި ފެތުރިފައެވެ.
އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުގެ ތަރުޖަމާނު މެތިއު މިލާ ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވީ ކެޖްރިވާލްގެ މައްޗަށް ދައުވާ ކުރުމާއި އިދިކޮޅު ކޮންގްރެސް ޕާޓީގެ ބޭންކް އެކައުންޓްތައް ފްރީޒް ކުރުން ފަދަ ކަންތައްތައް އިންޑިއާއިން ހިންގަމުންދާ ގޮތް ބައިޑެންގެ ސަރުކާރުން ވަރަށް ގާތުން ބަލަމުންދާ ކަމަށެވެ.
ދިއްލީގެ ޗީފް މިނިސްޓަރ ހައްޔަރުކުރުމާ ގުޅިގެން އެމެރިކާއިން ދެއްކި ވާހަކަތަކަށް މޯދީގެ ސަރުކާރުން ވަނީ ވަރަށް ބޮޑަށް ނުރުހުން ފާޅުކޮށް ހޫނު ރައްދެއް ދީފައެވެ.
އިންޑިއާގެ މިނިސްޓްރީ އޮފް އެކްސްޓަރނަލް އެފެއާޒުން ބުނީ އެ ގައުމުގެ ދާޚިލީ ކަންކަމުގެ ތެރެއަށް ފާޅުކަން ބޮޑު ގޮތެއްގައި އެމެރިކާއިން ވަދެފައިވާ ކަމަށެވެ.
އެމެރިކާއިން ބޭނުން ވަނީ އިންސާފުވެރި، ހާމަކަން ބޮޑު، ގޮތަކަށް އަދި އަވަހަށް ކެޖެރުވާލުގެ ކަންތައް ކޮޅެއްގައި ޖެއްސުމަށެވެ.
ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ޗައިނާގެ ނުފޫޒު ބޮޑުވަމުންދާތީ އެކަމާ ދެކޮޅަށް ކުރާ މަސައްކަތުގައި އިންޑިއާއަކީ އެމެރިކާގެ މުހިންމު ސްޓްރެޓެޖިކް ބައިވެރިއެއްކަމަށް ވިޔަސް މޯދީ ސަރުކާރުން ކުރަމުންދާ ކަންތައްތަކަށް އެމެރިކާއިން ފާޅުގައި ފާޑުކިޔަމުން ގެންދެއެވެ.
ބޮޑުވަޒީރު މޯދީއަށް އެންމެ ނުރައްކާތެރި ލީޑަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ކެޖްރިވާލް ހައްޔަރުކޮށްފައި ވަނީ އެމަނިކުފާނުގެ ސަރުކާރުން ހިންގާ އެކި މަޝްރޫޢުތަކުން ނާޖާއިޒު ފައިދާ ނަންގަވާ ކަމަށް ތުހުމަތު ކުރެވިގެންނެވެ.
މޯދީ ދެކެވަޑައިގަންނަވަނީ ކެޖްރިވާލް އަކީ އޭނާއަށް ނުރައްކާތެރި އިދިކޮޅު ލީޑަރެއްގެ ގޮތުގައެވެ.
ކެޖްރިވާލް އޭނާގެ މައްޗަށް ތުހުމަތުކުރެވޭ ކަންތައްތަކާ ދެކޮޅު ހައްދަވާއިރު، އަނެއްކޮޅުން ނަރެންދުރަ މޯދީ ވަނީ ހަ ހަފްތާގެ ދިގު ކެމްޕޭނެއް ފައްޓަވާފައެވެ. ސިޔާސީ ވާދަވެރިން ޖަލުގައި ބަންދުކޮށް ސިޔާސީ ޕާޓީތަކަށް ގެއްލުންދެމުން ގެންދާތީ މޯދީއަށާއި އޭނާގެ ޕާޓީއަށް ވަރަށް ގިނަ ފާޑުކިއުންތައް ވަނީ އަމާޒުވެފައެވެ.
ހަތް ފިޔަވައްސަކަށް ބަހާލައިގެން އިންޑިއާގައި ކުރިއަށް ގެންދާ ލޮކްސަބާ އިންތިޚާބުގެ ފުރަތަމަ ފިޔަވަހި ފެށޭނީ އޭޕްރީލް މަހުގެ 19 ވަނަ ދުވަހުގައެވެ.
އިންޑިއާގެ އިންތިޚާބު ބޯމަތިވަމުންދާއިރު އިދިކޮޅުފަރާތްތަކަށް ވަނީ ބިރުވެރިކަން ފެތުރިފައެވެ. އިންތިޚާބު ކާމިޔާބުކުރަން ހަރުކަށި ހިންދޫންގެ ބީޖޭޕީން ކޮންމެ ފަދަ ކަމެއް ވެސް ކޮށްފާނެކަމުގެ ހެކި ތާރީޚުން ފެންނަން އެބަހުއްޓެވެ.