އެމެރިކާގައި އުޅޭ ސިކުންގެ އިސް މީހަކު މަރަން އިންޑިއާއިން ރޭވި ރޭވުން ތޮޅިއަށް

އެމެރިކާގައި ދިރިއުޅެމުން ދިޔަ ސިކުންގެ އިސް މީހެއް ކަމަށްވާ ގުރްޕަތޫނަތު ސިންގް ޕަންނޫ މަރާލުމުގެ ރޭވުމުގައި ބައިވެރިވި އިންޑިއާގެ ޖާސޫސީ އިދާރާއެއްގެ "ސީނިއާ ފީލްޑް އޮފިސަރެއް" ކަމަށް ބުނާ މީހެއްގެ މައްޗަށް އެމެރިކާގެ ފެޑެރަލް ޕްރޮސެކިއުޓަރުން ދައުވާ އުފުލައިފިއެވެ.

މެންހަޓަންގައި ބޭއްވި އަޑުއެހުމުގައި ފެޑެރަލް ޕްރޮސެކިއުޓަރު ވިދާޅުވީ ސިކުންގެ ލީޑަރު ގުރްޕަތޫނަތު ސިންގް މަރާލުމުގެ މަސައްކަތް އިންޑިއާ ސަރުކާރުގެ އޮފިޝަލަކު ނިކިލް ގުޕްތާ ކިޔާ މީހަކާ ހަވާލުކޮށްފައި ވާކަމަށާއި އޭގެ ފަހުން އޭނާ މަރާލުމުގެ ކަންތައް ރާވައި އެކަން ކުރިއަށް ގެންދިއުމުގެ މަސައްކަތް ކޮށްފައި ވާކަމަށެވެ.

ޕީޖީން ބުނި ގޮތުގައި ސިކުންގެ ލީޑަރަށް ހަމަލާ ދޭން ރޭވުމާއި އިންޓެލިޖެންސް ރިޕޯޓެއްގެ އަލީގައި މިއަހަރުގެ ޖޫން މަހު ފުލުހުން ވަނީ ޗެކް ރިޕަބްލިކުން ނިކިލް ގުޕްތާ ހައްޔަރުކޮށް ސުވާލުކޮށްފައެވެ. ތަހުގީގުގައި އޭނާ ވަނީ އެ ރޭވުން ރޭވި ކަމަށް އިއުތިރާފުވެ ކަމާ ގުޅޭ ވަރަށް ގިނަ މައުލޫމާތު ތަހުގީގަށް ހާމަކޮށްދީފައެވެ.

ޗެކް ރިޕަބްލިކްގައި އުޅެނިކޮށް ހައްޔަރުކޮށްފައިވާ އުމުރުން 52 އަހަރުގެ ގުޕްތާގެ މައްޗަށް އުފުލާފައި ވަނީ މީހަކު މަރާލަން ރޭވުމާއި  މަކަރާއި ހީލަތުގެ ދައުވާ އެވެ.

އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓުގެ ތުހުމަތުތަކަށް ވޮޝިންޓަންގައި ހުންނަ އިންޑިއާގެ އެމްބަސީން ވަގުތުން ޖަވާބެއް ނުދެއެވެ.

މިދިޔަ ހަފުތާގައި އެމެރިކާގެ ނޭޝަނަލް ސެކިއުރިޓީ ކައުންސިލްގެ އިސްބޭފުޅަކު ވިދާޅުވީ އެމެރިކާގެ ކަމާބެހޭ ފަރާތްތަކުން އެމެރިކާގައި ސިކުން ވަކިވެގަތުމުގެ ލީޑަރަކު އަވަހާރަކޮށްލުމުގެ ރޭވުން ނާކާމިޔާބުކޮށްފައިވާ ކަމަށާއި އިންޑިއާ ސަރުކާރުން އެކަމުގައި ބައިވެރިވެފައިވާތީ އެ ކަމާ ގުޅިގެން ނިއުދިއްލީއަށް އިންޒާރު ދީފައިވާ ކަމަށެވެ.

އިންޑިއާއިން މަރަން ރޭވި ސިކް ލީޑަރު: ރޭވުން ނާކާމިޔާބު ކޮށްލީ އެމެރިކާއިން

އިންޑިއާގެ ޕަންޖާބުގައި "ޚާލިސްތާން"ގެ ނަމުގައި ވަކިގައުމެއް އުފައްދަން ސިކުން ގެންދަނީ އިންޑިއާއާއި އިންޑިއާއިން ބޭރުގައި ވަރުގަދަ މަސައްކަތްތަކެއް ކުރަމުންނެވެ. އެ މަސައްކަތް އެންމެ ފުޅާ ދާއިރާއެއްގައި ކުރަމުން ދަނީ ކެނެޑާއާއި އޮސްޓްރޭލިއާގައެވެ.

ޚާލިސްތާން އުފައްދަން ކެނެޑާގައި މަސައްކަތް ކުރަމުންދާ ސިކުންގެ އިސް ދެ މީހަކު މި އަހަރުގެ ތެރޭގައި ކެނެޑާގައި މަރާލާފައި ވެއެވެ. ކެނެޑާ ސަރުކާރުން ބުނިގޮތުގައި އެކަން ކުރުމުގައި އިންޑިއާ ސަރުކާރުގެ ބައިވެރިވުމެއް އޮތްކަމުގެ ފުރިހަމަ ހެކި ކެނެޑާއަށް ވަނީ ލިބިފައެވެ.

ޚާލިސްތާންގެ ހަރަކާތްތައް ކެނެޑާއާއި އެމެރިކާގައި ހިންގާކަމަށް ބަލައި އެ ދެ ގައުމުގައި ދިރިއުޅެމުން ދިޔަ ބަޔަކު މަރާލުމުގައި އިންޑިއާ ސަރުކާރުގެ އަތެއް ވާކަމަށް ކެނެޑާއާއި އެމެރިކާއިން ބުނުމާ ގުޅިގެން ބައިނަލް އަގުވާމީ ފެންވަރުގައި އިންޑިއާގެ އަގު ވަނީ ވަރަށް ބޮޑަށް ވެއްޓި ބޭޒާރު ވެފައެވެ.

ސިކުންގެ ބަޔަކު އެމެރިކާގެ ނިއުޔޯކުގައި މުޒާހަރާކުރަމުން ދަނީ

ގުރުޕަތޫނަތު ސިންގް ބުނި ގޮތުގައި އިންޑިއާ ސަރުކާރުން އޭނާ މަރާލަން ބޭނުން ވަނީ އޭނާ ބޮޑު ވަޒީރު މޯދީއަށާއި މޯދީގެ ސަރުކާރަށް ފާޑުކިއުމުގެ އިތުރަށް ސިކުންގެ ވަކިގައުމެއް އިންޑިއާގައި އުފެއްދުމަށް ބާރުއަޅައި ވާހަކަ ދައްކަމުންދާތީއެވ.ެ

އެމެރިކާ ސަރުކާރުގެ އިސް އޮފިޝަލަކު ވިދާޅުވީ އިންޑިއާއަށް އުފަންވިޔަސް މިހާރު އެމެރިކާގެ ރައްޔިތެއްކަމުގައިވާ ގުރްޕަތޫނަތު ސިންގް ޕަންނޫ މަރާލުމަށް އެމެރިކާގެ ފަސްގަނޑުގައި ކުރާ މަސައްކަތް އެމެރިކާއަށް ބަރުދާސްތު ނުކުރެވޭނެކަމަށެވެ.

ފެޑެރަލް ޕްރޮސެކިއުޓަރުން ހާމަކުރި ގޮތުގައި އިންޑިއާގެ އޮފިޝަލުން ގުޕްތާއާ ތަކުރާރުކޮށް ގުޅައި ސިކުންގެ ލީޑަރު މަރާލުމާ ގުޅޭ ގޮތުން ވާހަކަ ދައްކާފައި ވެއެވެ. އަދި ސިކުންގެ ސިޔާސީ ލީޑަރު މަރާލުމުގެ އަގަކަށް  100،000 ޑޮލަރު ކަނޑައަޅައި އޭގެތެރެއިން 15000 ޑޮލަރު ދީފައިވެއެވެ.

ސިކުންގެ ލީޑަރު މަރާލުމަށް އިންޑިއާއިން ރޭވި ރޭވުން ފަޅާއެރީ ކަމާ ނުގުޅޭ މީހަކަށް ފޯނުކޮށް އެ ވާހަކަ ދެއްކުމުގެ ސަބަބުންނެވެ.

މިއީ އަންނަ އަހަރުގެ އިންތިޚާބަށް ތައްޔާރުވެވަޑައިގަންނަވަމުން ގެންދަވާ ބޮޑު ވަޒީރު ނަރެންދުރަ މޯދީއަށް ކުރިމަތިވެވަޑައިގެންނެވި ސިޔާސީ ބޮޑު ގޮންޖެހުމެކެވެ. އެމެރިކާއާއި އިންޑިއާއާ ދެމެދު ގާތް ގުޅުމެއް އޮތްކަމަށް ވިޔަސް މި މައްސަލައިގައި ފިޔަވަޅެއް ނާޅައި އެމެރިކާއަށް ދޫކޮށް ލެވޭކަށް ނެތެވެ. އެހެނީ އިންޑިއާއިން މަރާލަން ރޭވި ސިކުންގެ މީހާއަކީ މިހާރު އެމެރިކާގެ ރައްޔިތެކެވެ.

މުޙައްމަދު ސަޢީދު މޫސާ ވަޖުދީ
މުޙައްމަދު ސަޢީދު މޫސާ ވަޖުދީއަކީ ނޫސްވެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ތަޖުރިބާކާރު ނޫސްވެރިއެކެވެ. ގައުމީ އިނާމާއި އަދި އެހެނިހެން ޝަރަފުވެރި އިނާމު ހޯއްދަވައިފައިވާ ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.