"ސާރކް" ގައުމުތަކާގުޅިގެން ސަރަހައްދީ ގައުމުތަކުގެ މެދުގައި ބަދަހި ގުޅުމެއް ބާއްވަން މަސައްކަތް ކުރާނަން: ކޮންގްރެސް ޕާޓީ

ސައުތު އޭޝިއަން އެސޯސިއޭޝަން ފޯރ ރީޖަނަލް ކޯޕަރޭޝަން (ސާރކް) ގެ ގައުމުތަކާގުޅިގެން ސަރަހައްދީ ގައުމުތަކުގެ މެދުގައި ބަދަހި ގުޅުމެއް ބާއްވަން މަސައްކަތް ކުރާނޭ ކަމުގައި އިންޑިއާގެ ކޮންގްރެސް ޕާޓީން ބުނެފިއެވެ.

މިމަހު އިންޑިއާގައި ބާއްވާ އިންތިޚާބަށް ކޮންގްރެސް ޕާޓީން އެކުލަވާލި މެނިފެސްޓޯގައި ވާގޮތުގައި ސާރކްގެ ގައުމުތަކުގެ ގުޅުން ބަދަހިކުރުމުގެ އިތުރަށް އާސިޔާންގެ ގައުމުތަކާ ގުޅިގެން ވިޔަފާރިއާއި އިންވެސްޓު ކުރުމާއި ފަތުރުވެރިކަމާއި ސަގާފަތް ކުރިއެރުވުމަށް ވެސް މަސައްކަތްކުރާނެއެވެ.

ސާރކް، 8 ޑިސެމްބަރ 1985 ގައި އުފެދުނުފަހުން އެ ޖަމާއަތަށް އެންމެ ބޮޑު ހީނަރުކަމެއް ކުރިމަތިވެ ދޭދޭ ގައުމުތަކުގެ ގުޅުން އެންމެ ބޮޑަށް ބަލިކަށިވެގެން ގޮސްފައި ވަނީ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ވެރިކަމުގެ ފަސް އަހަރުގެ ތެރޭގައެވެ.

ނަވާރަ ވަނަ ސާރކް ސަމިޓު ބޭއްވުމަށް ހަމަޖެހިފައި އޮތީ 2016 ވަނަ އަހަރުގެ ނޮވެމްބަރ 15-16 އަށް ޕާކިސްތާނުގެ އިސްލާމްއާބާދުގައެވެ. ނަމަވެސް އިންޑިއާ އާއި ޕާކިސްތާނާ ދެމެދު އެދުވަސްވަރު އުފެދުނު ހަމަނުޖެހުމަކާ ގުޅިގެން އެ ބައްދަލުވުމުގައި އިންޑިއާއިން ބައިވެރިވާކަށް ބޭނުމެއްނުވިއެވެ. އިންޑިއާގެ ބަހަށްް އަފްޣާނިސްތާން، ބޫޓާން،  ސްރީލަންކާ،  ބަންގްލަދޭޝް އަދި ދިވެހިރާއްޖެއިން ވެސް ސަމިޓުގައި ބައިވެރިވާކަށް ބޭނުމެއްނުވިއެވެ. އެންމެ ފަހުން ޕާކިސްތާނަށް ޖެހުނީ ސަމިޓު ފަސްކުރާށެވެ. އެ ސަމިޓު ބޭއްވޭނެ ދުވަހެއް ތާރީޚެއް ލަފާކުރާކަށް ވެސް ނޭގެއެވެ.

އިންޑިއާގެ އެންމެ ބޮޑު އިދިކޮޅުޕާޓީ، ކޮންގްރެސް އިންް އިންތިޚާބަށް ނެރުނު މެނިފެސްޓޯގައި ސާރކް މެދުވެރިކޮށް ޕާކިސްތާނާއި ގުޅުން ރަނގަޅު ކުރުމުގެ އިތުރަށް ކަޝްމީރުގެ މައްސަލަ ހައްލުކުރުމަށް މުހިއްމު ފިޔަވަޅުތަކެއް އަޅާނޭކަމުގައި ވެސް ބުނެފިއެވެ.

މުޙައްމަދު ސަޢީދު މޫސާ ވަޖުދީ
މުޙައްމަދު ސަޢީދު މޫސާ ވަޖުދީއަކީ ނޫސްވެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ތަޖުރިބާކާރު ނޫސްވެރިއެކެވެ. ގައުމީ އިނާމާއި އަދި އެހެނިހެން ޝަރަފުވެރި އިނާމު ހޯއްދަވައިފައިވާ ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.