ޣައްޒާގައި އިސްރާއީލުން ހިންގި އިންސާނިއްޔަތާ ޚިލާފު ޖަރީމާތައް ތަހުގީގުކުރަން އދ.ން ނިންމައިފި

ޔޫއެންއެޗްސީއާރްގެ ބައްދަލުވުމެއް ކުރިއަށް ދަނީ

އިސްރާއީލުން ފަލަސްޠީނުގެ ޣައްޒާއާ ދެކޮޅަށް ކުރިއަށް ގެންދިޔަ 11 ދުވަހުގެ އުދުވާނުގައި ހިންގާފައިވާ އިންސާނިއްޔަތާ ޚިލާފު ޖަރީމާތަކާ ބެހޭ ބައިނަލްއަގުވާމީ ތަހުގީގެއް ހިންގަން އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލް، ޔުނައިޓެޑް ނޭޝަންސް ހިއުމަން ރައިޓްސް ކައުންސިލް (ޔޫއެންއެޗްއާރްސީ) އިން ނިންމައިފިއެވެ.

ހިފާފައިވާ ފަލަސްޠީނުގެ ބިން ތަކުގައި އޮތް "އިންސާނީ ހައްގުތަކުގެ ސީރިޔަސް ހާލަތު" ގެ ކަންކަމާ މެދު މަޝްވަރާކުރުމަށް ޔޫއެންއެޗްެއާރުސީން ބޭއްވި ބައްދަލުވުނުން ނިމުނީ އެބައްދަލުވުމަށް ފަލަސްޠީނުން އަދި އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ގޭ ކޯޑިނޭޓަރުގެ ހައިސިއްޔަތުން ޕާކިސްތާނުން ހުށަހެޅި ގަރާރު ބަލައިގަންނަން ފާސްެކުރުމަށްފަހުއެވެ.

ހިއުމަން ރައިޓްސް ކައުންސިލްގެ މެންބަރު 47 ގައުމުގެ ތެރެއިން 24 ގައުމުން ގަރާރަށް ތާއީދުކޮށް ވޯޓުލީއިރު ދެކޮޅަށް ވޯޓުލީ 9 ގައުމުންނެވެ. 14 ގައުމަކުން ވޯޓުގައި ބައިވެރިނުވެއެވެ.

ގަރާރުގައި ވަނީ ތަހުގީގު ހިންގުމަށް ދާއިމީ ތަހުގީގު ކޮމިޓީއެެއް އުފެއްދުމަށް ނިންމާފައެވެ. މިއީ، އެ ކައުންސިލަށް ލިބިދޭ ބާރުގެ ތެރޭން އުފެއްދެން އޮތް އެންމެ ބާރުގަދަ ކޮމިޓީއެވެ. މިކޮމިޓީގެ މަސައްކަތަކަށް ވާނީ އިސްރާއީލުން ޣައްޒާއާއި، ހުޅަނގު އައްސޭރިއާއީ، އިރުަމަތީ ޤުދްސުގައި ހިންގާފައިވާ އިންސާނިއްޔަތާ ޚިލާފު ޖަރީމާތައް ބަލައި ތަހުގީގުކުރުމެވެ.

ގަރާރުގައި އިތުރަށް ބަޔާންކޮށްފައިވާ ގޮތުގައި އެ ސަރަހައްދުތަކުގައި "ހަމަނުޖެހުންތައް މެދުކެނޑުމަށް ފަހު އަލުން ފެށެން ދިމާާވާ ހަގީގީ ސަބަބުތައް ހޯދުންވެސް" އެ ކޮމިޓީގެ މަސައްކަތުގެ ތެރޭގައި ހިމެނެއެވެ. ކޮމިޓީން ހިންގާ ތަހުގީގުން އެންމެ ބޮޑަށް ސަމާލުކަން ދޭނީ ހަގީގަތް ހޯދައި، ގާނޫނީ ފިޔަވަޅު އެޅޭ ވަރަށް ހެކިހޯދައި، ޖަރީމާތައް ހިންގި ފަރާތްތައް ޒިއްމާ އުފުލަން ޖެހޭ މިންވަރަށް އެ ފަރާތްތައް ދެނެެގަތުމަށެވެ.

އިސްރާއީލުން ވަނީ މި ތަހުގީގަށް އެއްބާރުލުން ނުދޭނެކަމަށް ބުނެފައެެވެ.

"އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލުން މިއަދު ނިންމި ލަދުވެތި ނިންމުމަކީ އެ ކައުންސިލުން ފާޅުގައި އިސްރާއީލާ ދެކޮޅަށް ޖެހިފައިވާކަމުގެ މިސާލެއް." އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ބުނެފައި ވެއެވެ.

އަބަދުވެސް އިސްރާއީލުގެ ހިމާޔަތުގައި އޮންނަ އެމެރިކާއިން ވެސް ވަނީ އދ.ގެ ކައުންސިލްގެ ނިންމުމާ މެދު ހިތާމަކުރާކަމަށް ބުނެފައެެވެ.

"މިހާރު ހޯދިފައިވާ ކުރިއެރުންތަކަށް މިއަދުގެ ފިޔަވަޅުން ނުރައްކާވާނެ." އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ނެރުނު ބަޔާނެއްގައި ވެއެެވެ.

ފަލަސްޠީނުގެ ސަރުކާރުންނާއި ހަމާސްއިން ވަނީ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލްގެ ނިންމުމަށް މަރުހަބާކިޔާފައެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.