ޙަމާސްއާ ކުރާ ހަނގުރާމައިން އިޒުރޭލުގެ  އިގުތިސާދު ފުނޑުފުނޑު ވެއްޖެ

ޙަމާސްއާ ދެކޮޅަށް އިޒުރޭލުން ކުރަމުންދާ ހަނގުރާމައިގެ ސަބުން ގައުމުގެ އިގުތިސާދު ފުނޑުފުނޑުވެ ނުކުޅެދޭ ހާލަތަކަށް ހިނގައްޖެކަމަށް އެ ގައުމުގެ އިސް ބޭފުޅުންތަކެއް  ވިދާޅުވެއްޖެއެވެ.

އދ. ގެ މަސައްކަތްތެރިންނާބެހޭ ޖަމްއިއްޔާއިން ބުނި ގޮތުގައި ޙަމާސްއާ ދެކޮޅަށް އިޒުރޭލުން ކުރަމުންދާ ހަނގުރާމައިގެ ސަބަބުން ވަރަށް ގިނަ ބައެއްގެ ވަޒީފާ ގެއްލި ވިޔަފާރިތައް ވަނީ ހުއްޓިފައެވެ. އަދި އެ ގެއްލުމުން އަރައިގަންނަން ކިތައް އަހަރު ނަގާނޭކަން ކަމާ ބެހޭ ފަރާތްތަކަށް ލަފާކޮށްލަން ވެސް ނޭނގެއެވެ.

ޣައްޒާއިންނާއި ޣައްޒާ ކައިރީގައި ދިރިއުޅެމުން ދިޔަ  އެތައް ލައްކަ ބަޔަކު ޣައްޒާގެ ހަނގުރާމަ ފެށުނު ފަހުން  ގެދޮރު ދޫކޮށް އެހެން ތަންތަނަށް ހިޖުރަ ކޮށްފިއެވެ.

ފަލަސްތީނު މީހުންނާ ނުލައި އިޒުރޭލުގެ އާބާދީ އަކީ 9 މިލިއަން މީހުންނެވެ. އޭގެ ތެރެއިން އެތައް ހާސް ބަޔަކު އިޒުރޭލަކީ ދިރިއުޅެން ރައްކާތެރި ތަނެއް ނޫންކަމަށް ބުނެ ވަނީ ގައުމު ދޫކޮށް ހިޖުރަކޮށްފައެވެ.  ޙަމާސްއާ ދެކޮޅަށް އިޒުރޭލުން ކުރަމުންދާ އަނިޔާވެރި ހަނގުރާމަ ދިގުދެމިގެންދާތީ އިޒުރޭލުގެ ރައްޔިތުން ތިބީ ހާސްވެ ކަންބޮޑުވެފައެވެ.

ހިފާފައިވާ ޤުދުސްގައި ރޮކެޓް ހަމަލާތަކުގެ ނުރައްކާ ކުރިމަތިވާ ކަމުގެ ރަނގަބީލުގެ އަޑު އިވުމުން ރައްޔިތުން ރައްކާތެރި ތަންތަނަށް ދުވުން ވަނީ އާންމުކަމަކަށް ވެފައެވެ. ފަލަސްތީނުގެ ބިމުގައި އިޒުރޭލު 1948 ވަނަ އަހަރު ގާއިމުކުރި ފަހުން އިޒުރޭލުގެ ރައްޔިތުންނަށް ކުރިމަތިވި އެންމެ ބޮޑު އެއް ބިރަކީ އޮކްޓޯބަރ 7ގައި ޙަމާސް ޖަމާޢަތުން އިޒުރޭލަށް ދިން ރޮކެޓުގެ ޠޫފާނީ ހަމަލާއެވެ. އެ ހަމަލާގެ ސަބަބުން އިޒުރޭލަށް ވަނީ ބިރުވެރިކަން ފެތުރިފައެވެ. އިޒުރޭލުގެ އެތައް މިލިއަން ބަޔަކު އެކި ސަރަހައްދުތަކަށް ބަދަލުވުމުން، ސިނާއީ އުފެއްދުންތަކަށް ވަރަށް ބޮޑަށް އަސަރުކޮށްފައި ވެއެވެ. ފަތުރުވެރިކަމާއި ދަނޑުވެރިކަމަށް ވަރަށް ބޮޑު ގެއްލުމެއް ވެރިވެފައި ވެއެވެ.

"ގައުމުގެ ހާލަތު އޮތް ގޮތުން ލިބިފައިވާ ގެއްލުން ހަގީގަތާ އެއްގޮތަށް މި ވަގުތު ބަޔާންކޮށް ނުދެވޭނެ." އިޒުރޭލުގެ އިގުތިސާދީ ކަންތައްތައް ދިރާސާ ކުރާ ބޭފުޅަކު ވިދާޅުވިއެވެ.

އިޒުރޭލު މިހާރު އޮތީ ހަނގުރާމައިގެ ހާލަތެއްގައެވެ. ކާބޯތަކެތި ހޯދަން ފަސޭހައެއް ނޫނެވެ. ތަކެތީގެ އަގު ވަނީ އުފުލިފައެވެ.

އިޒްރޭލުގެ ކަންތައްތައް ދިރާސާކުރާ  ޓޮބް ސެންޓަރުގެ އިގުތިސާދީ މާހިރެއް ކަމަށްވާ  ބެންޓެމިން ބެންޓެލް ވިދާޅުވި ވޭތުވެދިޔަ އަހަރުތަކުގައި އިޒުރޭލުގައި ހިންގާފައި ވަނީ މިހާރު ހިނގަމުންދާ ހަނގުރާމައާ އަޅާބަލާއިރު ނިސްބަތުން ކުދިކުދި ކަންތައްތަކެކެވެ.

"ބައެއް ސިނާއަތްތަކަށް މި ހަނގުރާމައިގެ އަސަރު އެހެން ސިނާއަތްތަކަށް ވުރެ ބޮޑަށް އެބަ ކުރޭ" އޭނާ ވިދާޅުވިއެވެ.

އިޒުރޭލުގެ އިގުތިސާދީ ތަރައްގީގައި ފަލަސްތީނުގެ މަސައްކަތްތެރިން މުހިއްމު ދައުރެއް އަދާކުރެއެވެ. ނަމަވެސް ޙަމާސްއާ ދެކޮޅަށް ހަނގުރާމަ ފެށިފަހުން ކުރިން އިޒުރޭލުގައި ދަތުރުކުރުމުގެ ހުއްދަ ދީފައިވާ މީސްމީހުންގެ ހުއްދަތައް ވެސް ވަނީ ބާތިލުކޮށްފައެވެ. ފަލަސްތީނުގެ މަސައްކަތްތެރީންނަށް ދަތުރުފަތުރުކުރުން ވަނީ މަނާކުރެވިފައެވެ.

ޣައްޒާ ކައިރީގައި ދިރިއުޅެމުން ދިޔަ އިޒުރޭލުގެ އެތައް ހާސް ބަޔަކު ރައްކާތެރިކަން ހޯދަން އެހެން ސަރަހައްދުތަކަށް ދިޔައިރު ލުބުނާން ސަރަހައްދާ ކައިރީގައި އުޅެމުން ދާ އިޒުރޭލު މީހުންނަށް ޙިޒްބުﷲގެ ބިރާ ވަނީ ކުރިމަތިލާން ޖެހިފައެވެ.

ޙަމާސްއާ ދެކޮޅަށް އިޒުރޭލުން ކުރަމުންދާ އަނިޔާވެރި ހަނގުރާމައިގެ ސަބަބުން ގައުމުގެ އިގުތިސާދަށް ބޮޑެތި ނޭދެވޭ އަސަރުތަކެއްކޮށް އިގުތިސާދު ފުނޑުފުނޑު ވަމުން ދާތީ މުޅިން އައު ބައްޓަމަކަށް އިޒުރޭލު ބިނާކުރަން ވަނީ ޖެހިފައެވެ.

މުޙައްމަދު ސަޢީދު މޫސާ ވަޖުދީ
މުޙައްމަދު ސަޢީދު މޫސާ ވަޖުދީއަކީ ނޫސްވެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ތަޖުރިބާކާރު ނޫސްވެރިއެކެވެ. ގައުމީ އިނާމާއި އަދި އެހެނިހެން ޝަރަފުވެރި އިނާމު ހޯއްދަވައިފައިވާ ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.