އިސްރާއީލާއި ހަމާސް ހަމަލާ ބަދަލުކުރުން ހުއްޓާލަން އެއްބަސްވެއްޖެ

ފަލަސްޠީނު މީހުން ދަނީ ނަސްރުގެ އުފާފާޅުުކުރަމުން

ފަލަސްޠީނު އާއްމުން މަގުތަކަށް ނުކުމު ނަސްރުގެ އުފާ ފާޅުކުރަނީ

މިސްރުން ހުށަހެޅި ސުލްހައިގެ މަޝްރޫއު ގަބޫލުކޮށް، ފާއިތުވި 11 ދުވަހު ޣައްޒާއަށް ދެމުން އައި އުދުވާނީ ހަމަލާ ހުއްޓާލަން އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އެއްބަސްވެއްޖެއެވެ. އޭނާގެ އޮފީހުން ބުނި ގޮތުގައި މިކަމަށް އެއްބަސްވީ ރޭ ދަންވަރު އޮތް އިސްރާއީލުގެ ސަލާމަތީ ކެބިނެޓުގެ ޖަލްސާއަށް ފަހުގައެވެ.

އިސްރާއީލުގެ މި އިއުލާނާ ވިދިގެން ފަލަސްޠީނުގެ އިސްލާމިކް ރެސިސްޓެންސް މޫވްމަންޓް (ހަމާސް) އިން ވަނީ އެ ޖަމާއަތުންވެސް ހަމަލާ ބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމަށް އިހުތިރާމުކުރާނެ ކަމުގައެވެ.

ނަތަންޔާހޫގެ އޮފީހުން ބުނި ގޮތުގައި "އެއްވެސް ޝަރުޠަކާ ނުލައި، ދެފަރާތް އެއްވަސްވާ، ސުލްހައަކަށް" އެއްބަސްވުމަކަށް ތާއީދުކުރުމަށް ކެބިނެޓްގެ އިއްްތިފާގުން ވަނީ ފާސްކޮށްފައެވެ.

ޣައްޒާގެ ކަންކޮޅުތަކުގައްޔާއި ހުޅަނގު އައްސޭރީގެ ބައެއް އަވަށްތަކުގައި ފަލަސްޠީނުގެ އެތައް ހާސް ޒުވާނުން ދަނީ ރޭ ދަންވަރު 2 (ރާއްޖޭ ގަޑިން ފަތިހު 4) ޖެހީއްސުރު މަގުމައްޗަށް ނުކުމު ހަމާސްއަށް ލިބުނު ނަސްރުގެ އުފާފާޅުކުރަމުންނެވެ. މިސްރުން ބުނި ގޮތުގައި އިސްރާއީލާއި ހަމާސް ޖަމާއަތުން އެއްބަސްވެފައި ވަނީ ރޭ ދަންވަރު ފަލަސްޠީނު ގަޑިން 2 ޖަހާއިރު ހަަމަލާ ބަދަލުކުރުން ހުއްޓާލުމަށެެވެ.

ޙާމަސްއިން ބުނި ގޮތުގައި މިފަހަރުގެ ކުރިމަތިލުުމުގައި ފަލަސްޠީނު މުޖާހިދުން ވަނީ އެމީހުން ހޯދާފައިވާ ކުރިއެރުން އިސްރާއީލަށް ދައްކައިލާފައެވެ. އަދީ މިއީ އެމީހުން ދެކޭގޮތުގައި އެމީހުންނަށް އިސްރާއީލުގެ މައްޗަށް ހޯދުނު ނަސްރެކެެވެ.

އަނެއްކޮޅުން އިސްރާއީލުގެ ކަނާތުފިޔައިގެ ސިޔާސީ ޕާޓީތަކުން ދަނީ ހަމަލާތައް ހުއްޓާލަން އެއްބަސްވީތީ ބޮޑުވަޒީރު ނަތަންޔާހޫއަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ. އަދި އެއްވެސް ޝަރުޠަކާ ނުލައި "ލަދުވެތި" އެެއްބަސްވުމެއް ގަބޫލުކުރީތީ ނުރުހުން ފާޅުކުރަމުންނެެވެ.

"ރެލިޖަސް ޒަޔަނިޒަމް" ގެ ލީޑަރު ސިފަކުރި ގޮތުގައި ހަމާލަތައް ހުއްޓާލަން އެއްބަސްވުމަކީ "ދެކުނު ރައްޔިތުންގެ މޫނަށް ކުޅުޖެހުން" ފަަދަ ކަމެކެވެ. ހަމާސްގެ ރޮކެޓުތައް އެންމެ ބޮޑަަށް އަމާޒުވީ އިސްރާއީލުގެ ދެކުނަށެވެ.

އިސްރާއީލުގެ ރިޒާވް ފޯސްގެ ޖެނެރަލް ގީތާން ޑޮންގޯޓް ބުނީ އިސްރާއީލަށް އެ ހަނގުރާމައެއްގެ ތެރެއަށް ވަންނަން މަޖުބޫރުވި ހަނގުރާމައަކުން އެއްވެސް ކާމިޔާބީއެއް ހާސިލުނުކުރެވި ނުކުތުމަކީ ލިބުނު ނާކާމިޔާބީއެކެވެ.

އޭނާ ބުނިގޮތުގައި ޤުދްސާއި، އިސްރާއީލުގެ އެތެރޭގެ މައްސަލަތަކާއި، ޣައްޒާގެ މައްސަލަ ގުޅުވުމުގައި ހަމާސް ކާމިޔާބު ހޯދާފައިވާއިރު، މުސްތަގުބަލުގައި ޣައްޒާއާއި ހަމާސްއާއި މުއާމަލާތްކުރުމުގައި އިސްރާއީލުން އާ ގޮތްތަކެއް އިޚުތިޔާރުކުރަަން ޖެހޭނެއެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.