އިސްރާއީލުން ޣައްޒާއަށް ދެމުންދާ ހަމަލާތައް ހުއްޓާލައި މަސްރަހު ފިނިކުރުމާމެދު އިސްރާއީލާކު އެއްބަަސްވުމަކަށް އާދެވިފައިވާ ކަމުގައި ޣައްޒާގައި ވެރިކަން ކުރާ އިސްލާމިކް ރެސިސްޓެންސް މޫވްމަންޓް (ޙަމާސް) އިން ބުނެފިއެވެ.
"މަސްރަހު ހޫނުކުރުން ހުއްޓާލައި އަހަރުމެންގެ ރައްޔިތުންނާ ދެކޮޅަށް ކުރިއަށްދާ ޞަހްޔޫނީ (ޒަޔަނިސްޓް) އުދުވާން ހުއްޓާލުމާމެދު އަހަރުމެން ވަނީ އެއްބަސްވުމަކަށް އައިސްފައި." ޤަޠަރުގެ މަންދޫބު މުޙައްމަދު އަލްޢިމާދީއާއެކު ބޭއްވުނު މަޝްވަރާތަކަށް ފަހު ޙަމާސްގެ ރައީސު ޔަޙްޔާ ސިންވާރުގެ އޮފީހުން ނެރުނު ބަޔާނެއްގައި ވެއެވެ. މި އެއްބަސްވުން ހަގީގަތަކަށް ހެދުމުގައި މެދުވެރިއެއްގެ ބައި އަދާކޮށްފައި ވަނީ ޤަޠަރެވެ.
މި ބަޔާނާ ބެހޭގޮތުން އިސްރާއީލުން ވަކި އެއްޗެއް ބުނެފައި ނުވެއެވެ.
މި އޮގަސްޓު މަހުގެ 6 ވަނަ ދުވަހުއްސުރެ ކޮންމެ ދުވަހަކުހެން އިސްރާއީލުން ދަނީ ޣައްޒާއަށް ހަމަލާދެމުންނެވެ. ޣައްޒާއިން އިސްރާއީލަށް ކޮންމެ ދުވަހަކުހެން ފޮނުވާ އަލިފާން ފުއްޕާހަމާއި، ދޭތެރެެ ދޭތެރެއިން ފޮނުވާ ރޮކެޓުތަކަށް ރައްދުދިނުމަށް ކަމަށް ބުނެއެވެ.
"މަސްރަހު ހޫނުކުރުމުގެ ކުރިން ހާލަތު އޮތް ގޮތަށް އެނބުރި ދިއުމުގެ އިތުރަށް ޣައްޒާގައި ތިބި އަހަރުމެންގެ ރައްޔިތުންނަށް ފައިދާކުރާނެ މަޝްރޫޢުތަކެއްގެ އިޢުލާން ކުރެވިގެންދާނެ." ޤަޠަރަށް ޝުކުރުއަދާކޮށްފައިވާ އެ ބަޔާނުގައި އިތުރަށް ބުނެފައި ވެއެވެ.
ތިން ހަފުތާއަށް ދެމިގެން ދިޔަ އުދުވާނަށް ފަހު އިސްރާއީލުން ވަނީ ޣައްޒާއާ ދެކޮޅަށް ދަތިކުރުމުގެ ބައެއް ފިޔަވަޅުވެސް އަޅާފައެވެ. އޭގެ ތެރޭގައި ޣައްޒާއަށް ތެލާއި، ބައެއް މުދާ އެތެރުކުރުން މަނާކުރުމާއި، ފަލަސްޠީނުގެ މަސްވެރިން މަހަށް ނުކުތުން މަނާކުރުން ހިމެނެއެވެ. ތެޔޮ އެތެރެކުުރުން މަނާކުރުމުގެ ސަބަބުން ޣައްޒާގެ މައި އިންޖީނުގެ ވެސް ވަނީ ހުއްޓުމަކަށް އައިސްފައެެވެ.
ޙަމާސްއިން ބުނި ގޮތުގައި މި އެއްބަސްވުމުގެ ދަށުން ޣައްޒާއިން އިސްރާއީލުގެ ތެރެއަށް އަލިފާން ފުއްޕާހަން ފޮނުވުން ހުއްޓާލެވޭނެއެެވެ. އަދި އިމުގައި އިސްރާއީލުން ޖަހާފައިވާ ދާ ހުރަސްކޮށް އިސްރާއީލުގެ ތެރެއަށް ގޮވާތަކެތި އެއްލުން ހުއްޓާލެވޭނެއެވެ. މީގެ ބަދަލުގައި އިސްލާއީލުން މަސްރަހު ހޫނުކުރުމުގެ ކުރިން އޮތް ހާލަަތަށް އެނބުރި ދާނެއެވެ. މި ގޮތުން ހަމަލާދިނުން ހުއްޓާލައި، ތެލާއި މުދާ އެތެރެކުރުމުގެ ހުއްދަ ދޭނެއެވެ.