ހަމާސްގެ ރޮކެޓްތައް އިސްރާއީލުގެ ޓެެލްއަވީވަށް، 3 މީހުން މަރުވެ ތަކެއްޗަށް ބޮޑެތި ގެއްލުންތަކެއް

ހަމާސްއިން ޓެލްއަވީވަށް ދިން ރޮކެޓް ހަމަލާގައި ކާރުތަކެއް އަނދާފައި

ޣައްޒާގައި ވެރިކަންކުރާ ފަލަސްޠީނުގެ ޖަމާއަތް، އިސްލާމިކް ރެސިސްޓެންސް މޫވްމަންޓް (ހަމާސް) އަސްކަރީ ގޮފި، އިއްޒުއްދީން ޤައްސާމް ބްރިގޭޑާއި އިސްލާމިކް ޖިހާދު ގުޅިގެން އިސްރާއީލުގެ އެންމެ ބޮޑު ރަށް އަދި ގިނަ ގަައުމުތަކަކުން އިސްރާއީލުގެ ވެރިރަށް ކަމުގައި ގަބޫލުކުރާ، ޓެލްއަވީވް (ތައްލުއަބީބް) އަށް ރޭ ދަންވަރު ވަރުގަދަ ރޮކެޓު ހަމަލާއެއް ދީފިއެވެ.

އިސްރާއީލަށް ދިން އެންމެ ވަރުގަދަ ރޮކެޓް ހަމަލާގެ ގޮތުގައި ހަމާސްއިން ސިފަކުރި މި ހަމަލާގައި ޓެލްއަވީވްގެ އެކި ތަންތަނަށް 130 އަށްވުރެ ގިނަ ރޮކެޓް ފޮނުވާފައި ވެއެވެ. ރޮކެޓް އަމާޒުކުރި ތަންތަނުގެ ތެރޭގައި ޓެލްއަވީވްގައި އޮންނަ ބެންގޫރިއަން އެއާޕޯޓުވެސް ހިމެނެއެވެ.

އިސްރާއީލުގެ އޮފިޝަލުން ހާމަކުރި ގޮތުގައި ރޮކެޓް ހަމަލާތަކުގެ ސަބަބުން 3 މީހުން މަރުވެެ، 26 މީހުން ޒަޚަމްވެފައި ވާއިރު، ތަކެއްޗަށް ބޮޑެތި ގެއްލުންވެފައިވާ މަންޒަރު އިސްރާއީލު ޓީވީން ދައްކާފައި ވެއެވެ.

މިއަދު ޓެލްއަވީވްގެ ހުރިހާ ސްކޫލެއްގެ ކިޔެވުން ބަންދުކޮށް، "ގައުމުގެ ވައިގެ ސަރަހައްދު އަމާންކުރެވެންދެން" ބެންގޫރިއަން އެއާޕޯޓު ބަންދުކޮށް އެއެއާޕޯޓަށް ޖައްސަން އައި ފްލައިޓުތައް ވަަނީ ގްރީސްއަށާއި ސައިޕްރަސްއަށް ފޮނުވާލާފައެވެ.

އިސްރާއީލުން ދިން ވައިގެ ހަމަލާގައި ޣައްޒާގެ ހަނާދީ ޓަވަރު ވެއްޓިފައި

ހަމާސްއިން ރޭ ޓެލްއަވީވަށް ހަަމަލާދީފައި ވަނީ ޣައްޒާގައި މީހުން ދިރިއުޅޭ އެޕާޓްމަންޓް އިމާރާތްތަކަށް ހަމަލާދީފިނަމަ، ޓެލްއަވީވަށް ވަރުގަދަ ހަމަލާއެއް ދޭނެކަމުގެ އިންޒާރު ހަމާސްއިން ކުރިން ދީފައި ވަނިކޮށް އިސްރާއީލުން ރޭ ޣައްޒާގައި ހުންނަ 13 ފަންގިފިލާގެ ހަނާދީ ޓަވަރަށް އިސްރާއީލުން ހަމަލާދީ އެއިމާރާތް ވައްޓާލުމުންނެވެ.

ރޭ ޣައްޒާއަށް ހަމަލާދިނުމުގައި ގިނަ އަދަދެއްގެ އަސްކަރީ މަތިންދާބޯޓުތައް ބައިވެރިއިރު، އެންމެ ވަރުގަަދަ ހަމަލާދީފައި ވަނީ ހަނާދީ ޓަވަރަށެވެ. އެ އިމާރާތަކީ ހަމާސްގެ ބައެއް އިސްވެރިންގެ އޮފީސްތައް ހުންނަ އިމާރާތެކެވެ. އެ އިމާރާތަށް ދިން ވަރުގަދަ ހަމަލާގެ ސަބަބުން އިިމާރާތް ވަނީ ވެއްޓިފައެވެ. އިމާރާތް ކުރިން ހުސްކޮށްފައި ވާތީ މި ހަމަލާގައި ބަޔަކު މަރުވެފައި ނުވެއެވެ. އެހެންނަމަވެސް، ޣައްޒާގެ އެކި ހިސާބުތަކަށް އިސްރާއީލުން ދިން ހަމަލާތަކުގައި މިހާތަނަށް 35 މީހުންގެ ފުރާނަގެއްލި 200 އަށްވުރެ ގިނަ މީހުން ވަނީ ޒަޚަމްވެފައެވެ.

ޣައްޒާގެ މީހުންނަށް ތަސައްވަރުވެސް ނުކުރެވޭ ވަރުގެ ވަރުގަދަ ހަމަލާތަކެއް ޣައްޒާއަށް ދޭނެކަމުގެ އިސްރާއީލުގެ ބޮޑުވަޒީރު ނަތަންޔާހޫ ދިން ނަމަވެސް، ހަމާސްއިން ބުނި ގޮތުގައި އިންޒާރުތައް ވަރުގަދި ވިވަަރަކަށް އިސްރާއީލާއި ކުރިމަތިލުމުގެ ހިތްވަރު ވާނީ ގަދައެވެ.

އިސްރާއީލުގެ ލާއިންސާނީ އުދުވާން ކުރިއަށް ދާއިރު ދުނިޔޭގެ ގައުމުތަކުން އެކަން ކުށްވެރިކޮށް، ދެފަރާތަށް ނަފުސު ކޮންޓުރޯލުކުރުމަށް ގޮވާލުން ފިޔަވައި އެހެން ކަމެއް ނުކުރެއެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.