އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނަށް 4 ވަނަ އިޞްލާޙް ގެނައުމުގެ ބިލް ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤު ކުރައްވައިފި

ޤާނޫނު ނަންބަރު 2008/11 (އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނު) އަށް 4 ވަނަ އިޞްލާޙު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ތަޞްދީޤު ކުރައްވައިފިއެވެ.

މިބިލަކީ، 2023 އޮކްޓޫބަރ 16 ވީ ހޯމަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ 2023 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 11 ވަނަ ޖަލްސާއިން ފާސްކުރި ބިލެކެވެ.

އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނަށް 4 ވަނަ އިޞްލާޙް ގެނައުމުގެ ބިލުން އެ ޤާނޫނަށް ގެނެސްފައިވާ އިސްލާޙުތަކުގެ ތެރެގައި، ޤާނޫނުގެ 65 ވަނަ މާއްދާއަށް، (ނ) ގޮތުގައި އަކުރެއް ވަނީ އިތުރުކޮށްފައެވެ. މި އަކުރުގައި ވަނީ އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނުގެ ދަށުން ހައިކޯޓަށް ހުށަހަޅައިގެން ނިންމާ ނިންމުންތައް އިސްތިޢުނާފުކުރުމަށް ސްޕްރީމް ކޯޓަށް ހުށަހަޅަންޖެހޭ މުއްދަތު ކަނޑައަޅާފައެވެ. އަދި ސްޕްރީމް ކޯޓުން އެ މައްސަލައަކާ މެދު ގޮތެއް ކަނޑައެޅުމަށް ލިބޭނެ އެންމެ ދިގު މުއްދަތުވެސް މި އަކުރުގައި ބަޔާންކޮށްފައިވެއެވެ.

މީގެ އިތުރުން، ޤާނޫނު ނަންބަރު 2008/11 (އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނު) ގެ 73 ވަނަ މާއްދާގެ (ހ) އަށް ގެނެސްފައިވާ އިސްލާޙުގައި، ކޮންމެ އިންތިޚާބަކަށްފަހު، އެ އިންތިޚާބެއްގައި ވާދަކުރި ކޮންމެ ކެންޑިޑޭޓެއް، ޤާނޫނުގައި ބަޔާންކޮށްފައިވާ މަޢުލޫމާތާއި ތަކެތި ހިމެނޭ މާލީ ބަޔާނެއް ތައްޔާރުކޮށް، އެ އިންތިޚާބެއް ބާއްވާ ތާރީޚުން ފެށިގެން 1 (އެކެއް) މަސްދުވަހުގެ ތެރޭގައި އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅަންވާނެކަމަށް ބަޔާންކޮށްފައިވެއެވެ. އަދި މިގޮތުން ހުށަހަޅާ މާލީ ބަޔާނަކީ ދައުލަތުގެ ކަމާބެހޭ އިދާރާއަކުން ހުއްދަދީފައިވާ ފަރާތަކުން އޮޑިޓްކޮށްފައިވާ މާލީ ބަޔާނަކަށްވާންވާނެކަމަށް ވެސް ބަޔާންކޮށްފައިވެއެވެއެ. މީގެ އިތުރުންވެސް އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނު އަށް 4 ވަނަ އިޞްލާޙް ގެނައުމުގެ ބިލުގައި (ޤާނޫނު ނަންބަރު 11/2008)ގެ އެކިއެކި މާއްދާތަކަށް އިސްލާޙް ހުށަހަޅާފައިވެއެވެ.

ޤާނޫނު ނަންބަރު 2008/11 (އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނު) އަށް 4 ވަނަ އިޞްލާޙު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤުކުރެއްވުމާއި ގުޅިގެން މި ޤާނޫނު މިއަދު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢު ކުރައްވާފައެވެ. މި ޤާނޫނަށް ޢަމަލުކުރަން ފެށުމަށް ހަމަޖެހިފައި ވަނީ މި ޤާނޫނު ތަޞްދީޤުކޮށް، ގެޒެޓުގައި ޝާއިޢުކުރައްވާ ދުވަހުން ފެށިގެންނެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.