ރަސްގެތީމު ތަރައްޤީގެ ބައެއް މަޝްރޫޢުތަކުގެ ނިމުން ރައީސް ފާހަގަކޮށްދެއްވައިފި

ރައީސުލްޖުމްހޫރިއްޔާ، އިބްރާހީމް މުޙައްމަދު ޞާލިޙް، ރ. ރަސްގެތީމު ތަރައްޤީގެ ބައެއް މަޝްރޫޢުތަކުގެ ނިމުން ފާހަގަކޮށްދެއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މި މަޝްރޫޢުތަކުގެ ނިމުން ފާހަގަކޮށްދެއްވީ އެމަނިކުފާނު މިއަދު އެ ރަށަށް ވަޑައިގެންނެވެ.

ރައީސުލްޖުމްހޫރިއްޔާ މިއަދު ރަސްގެތީމަށް ވަޑައިގެން އެމަނިކުފާނު ވަނީ އެރަށު ބަނދަރާއި ފެނަކަ އޮފީސް ހުޅުއްވައިދެއްވައި އެރަށުގައި ފެނާއި ނަރުދަމާ ނިޒާމު ޤާއިމުކުރުމުގެ މަޝްރޫޢުގެ ނިމުން ފާހަގަކޮށްދެއްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ މިއަދު ހުޅުއްވައިދެއްވި ރަސްގެތީމު ޖެޓީ އަދި ބަނދަރު އަޕްގްރޭޑްކުރުމުގެ މަޝްރޫޢުގެ މަސައްކަތް ކޮށްފައި ވަނީ ހެވީ ފޯސް ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްގެންނެވެ. ރަސްގެތީމު ބަނދަރު އަޕްގްރޭޑްކުރުމުގެ މަޝްރޫޢުގެ ދަށުން، ބަނދަރާއި ނެރު ފުންކުރުމާއި ބޮޑު ހިލަ ބޭނުންކޮށްގެން 359 މީޓަރުގެ ތޮށި ޖެހުމާއި، 140 މީޓަރުގެ ރިވެޓްމަންޓް ޖެހުމާއި 272 މީޓަރުގެ އެއްގަމުން ތޮށި ލުމާ އަދި ބަނދަރާ ގުޅޭ އިތުރު މަސައްކަތްތައް ކޮށްފައިވެއެވެ.

ރަސްގެތީމުގައި ފެނާއި ނަރުދަމާ ނިޒާމު ޤާއިމުކުރުމުގެ މަޝްރޫޢުގެ މަސައްކަތްކޮށްފައި ވަނީ މޯހަން މުތާ އެކްސްޕޯޓްސް ޕްރައިވެޓް ލިމިޓެޑާއި ތްރީ ޕްރައިވެޓް ލިމިޓެޑްގެ ޖޮއިންޓް ވެންޗަރއާ ހަވާލުކޮށްގެންނެވެ. ރައީސުލްޖުމްހޫރިއްޔާ މިއަދު ހުޅުއްވައިދެއްވި ރަސްގެތީމު ފެނަކަ އޮފީސް އިމާރާތަކީ ކުރިޔަށްވުރެ ޖާގަ ތަނަވަސް އަދި ބޭނުންވާ އިތުރު ވަޞީލަތްތަކާއެކު އިމާރާތްކޮށްފައިވާ ތަނެކެވެ.

އަތޮޅުތަކުގެ ރަށްރަށުގައި އަސާސީ ޚިދުމަތްތައް ޤާއިމްކޮށް، ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށްޓަކައި، ސަރުކާރުން ވަނީ، އަތޮޅުތަކުގެ ރަށްރަށުގައި ޢުމުރާނީ ތަރައްޤީގެ ވަރަށް ގިނަ މަޝްރޫޢުތައް ހިންގާފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.