މޯލްޑިވްސް ނޭޝަނަލް ޔުނިވަސިޓީން ބާއްވާ ފޮތް މައުރަޒު މިއަދު ހުޅުވާނެއެވެ. ޚަބަރު ލިބިފައިވާ ގޮތުގައި މައުރަޒު ހުޅުއްވައިދެއްވާނީ ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމެވެ. މައުރަޒު ހުޅުވާފައި ހުންނާނީ ބުދަ ދުވަހާއި ބުރާސްފަތި ދުވަހު މެންދުރުފަހު 2 އިން ފެށިގެން ރޭގަނޑު 10 އަށާއި ހުކުރު ދުވަހު މެންދުރުފަހު 4 އިން ފެށިގެން ރޭގަނޑު 10 އަށެވެ.
މި މައުރަޒުގައި ދިވެހިރާއްޖޭގެ ލިޔުންތެރިން ލިޔުއްވައިފައިވާ ވަރަށް ގިން ފޮތް ބައިވެރިކުރާނޭ ކަމަށް ވަނީ އެނގިފައެވެ. ބައިވެރިންގެ ތެރޭގައި ދިވެހިބަހުގެ އެކަޑެމީއާއި ލިޔުންތެރިންގެ ގުޅުމާއި އަދިވެސް ބައެއް އަމިއްލަ ފަރާތްތައް ހިމެނެއެވެ.
މައުރަޒުގައި އަލަށް ނެރޭ ފޮތްތަކުގެ ތެރޭގައި ފަސް ފޮތެއް ފާހަގަ ކުރެވެއެވެ.
- މަދީނާގެ އިސްލާމީ ދައުލަތް
ފޮތް ލިޔުއްވީ: ޢަބްދުﷲ ފާރޫޤް ޙަސަން
މި ފޮތަކީ ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް މަދީނާގައި ގާއިމު ކުރެއްވި އިސްލާމީ ދައުލަތުގެ މައްޗަށް ލިޔުއްވައިފައިވާ ވަރަށް އަގުހުރި ފޮތެކެވެ.
- އެ ޒަމާން ހިނގައްޖެ ފަސްދީ
ފޮތް ލިޔުއްވީ: ޙަސަން ޝާކިރު މުޙައްމަދު
މިއީ ޙަސަން ޝާކިރު މުޙައްމަދު އޭނާގެ ހަނދާންތަކުގެ މައްޗަށް ލިޔުއްވައިފައިވާ މަޒުމޫނުތަކެއްގެ މައްޗަށް އެކުލަވައިލާފައި ފޮތެކެވެ.
- އަޅުގަނޑުމެންގެ ތެރެއިން ބައެއް ވާހަކަ
ފޮތް ލިޔުއްވީ: ޙުސައިން ޝާކިރު
މިއީ ރާއްޖޭގައި ހިނގައިފައިވާ އަދި ހިނގައިފައިވާ ކަމަށް ބުނެވެމުންދާ ބައެއް ވާހަކަތަކުގެ މައްޗަށް ލިޔުއްވައިފައިވާ ފޮތެކެވެ.
- ކުދިން ތަރުބިއްޔަތުކުރުމަށް ފަހި މަގެއް
ފޮތް ލިޔުއްވީ: އަޙްމަދު ފަޔާޟް ޙަސަން
މިއީ ދަރިން ހެޔޮ ގޮތުގައި ތަރުއްބިއްޔަތު ކުރާނޭ ގޮތާއި ތަރުބިއްޔަތުކުރުމުގައި ދިމާވާ ބައެއް މައްސަލަތަކާއި ހައްލުތަކުގެ މައްޗަށް ލިޔުއްވައިފައިވާ ފޮތެކެވެ.
- ކުޑަކުދިންނަށްޓަކައި ރަނގަޅު ތެދު ވާހަކަ
ފޮތް ލިޔުއްވީ: ޢަބްދުﷲ ނަޢީމު އިބްރާހީމް (ތަރުޖަމާއެއް)
މިއީ އިސްލާމީ ތާރީޚުން ހޮވައިލެވިފައިވާ ރީތި ޢިބުރަތްތެރި ވާހަކަތަކެއްގެ މައްޗަށް ލިޔުއްވައިފައިވާ ފޮތެކެވެ.
މި ފޮތްތަކުގެ ތެރެއިން އަޙްމަދު ފަޔާޟް ޙަސަންގެ ފޮތް ފިޔަވައި އެހެން ފޮތްތައް މައުރަޒުގައި ވިއްކާނީ ލިޔުންތެރިންގެ ގުޅުމުގެ މޭޒުންނެވެ. އަޙްމަދު ފަޔާޟް ޙަސަންގެ ފޮތް ވިއްކަން ހުންނާނީ އޭނާގެ މޭޒުންނެވެ.