ސައްކެޔޮ ނުވަތަ އާރތޮކާޕަސް ހެޓެރޮފައިލަސް ލަމް އަކީ އޭޝިއާ އާއި އެފްރިކާ، އަދި ސައުތުއެމެރިކާ ފަދަ ޤައުމުތަކުގައި ހެދޭ ގަހެއްގައި އަޅާ މޭވާއެކެވެ. މަދުންނަމަވެސް ރާއްޖޭގެ ބައެއް ހިސާބުތަކުގައިވެސް ސައްކެޔޮ ހެދެއެވެ.
ސައްކެޔޮ ގަހުގައި ގިނަޢަދަދަކަށް މޭވާ އަޅައެވެ. ގާތްގަނޑަކަށް 10-200 ސައްކެޔޮ، މިގަހުގައި އަޅައެވެ. ސައްކޭލަކީ އޭގައި ވަރަށް ގިނަގުނަ ފައިދާހުރި މާއްދާތަކެއް އެކުލެވިގެންވާ މޭވާއެކެވެ. އޭގައި ކާބޯހައިޑްރޭޓްސް، މިނަރަލްސް، ފައިތޯކެމިކަލްސް، ޕްރޮޓީންސް އަދި ވިޓަމިންސް އެކުލެވިގެންވެއެވެ. ދިރާސާތަކުން ދައްކާގޮތުގައި އާފަލު، ދޮންކެޔޮ، އެވޮކާޑޯ އަދި އެޕްރިކޮޓް އަކަށް ވުރެވެސް ގިނަ މިނަރަލްސް ދޮންވެފައިވާ ސައްކޭލެއްގައި އެކުލެވިގެންވެއެވެ. މި މޭވާގެ 100 ގުރާމުގައި 94 ކެލޮރީސް އެކުލެވިގެންވެއެވެ. ސައްކޭލެއްގައި ގާތްގަނޑަކަށް 5.3-6.8 އިންސައްތައާ ދެމެދުގެ ޕްރޮޓީންސް އެކުލެވިގެންވެއެވެ. މީގެއިތުރުން މި މޭވާ ދޮންވާވަރަކަށް އޭގައި އެކުލެވިގެންވާ ފައިބަރުގެ އަދަދު އިތުރުވެއެވެ.
ސައްކޭލަކީ ވަރަށް މަދުން ނޫނީ ނުފެންނަ ބީ ކޮމްޕްލެކްސް ގުރޫޕުގެ ވިޓަމިންސް އެކުލެވިގެންވާ މޭވާއެކެވެ. މި ގުރޫޕުގައި ވިޓަމިން ބީ ސިކްސް، ނިއޭސިން، ރައިބޮފްލެވިން އަދި ފޮލިކްއެސިޑް ހިމެނެއެވެ. ބީ ކޮމްޕްލެކްސް ވިޓަމިންސްއަކީ އިންސާނާގެ ހަށިގަނޑަށް ލުއިކަން ގެނެސްދޭ، ޕްރެޝާރ ދަށްކޮށްދޭން އެހީވެދޭ އެއް މާއްދާއެވެ. މިމާއްދާއިން ޑިޕްރެޝަން ފަދަ ބަލިތައް ހުންނަ މީހުންނަށް ރަނގަޅުވުމަށް އިތުރު އެހީއެއް ވެދެއެވެ.
މުޅިދުނިޔޭގައިވާ ހުރިހާ މޭވާއަކަށް ބަލައިލާއިރުވެސް ސައްކޭލަކީ ގިނަ ގޮތްގޮތަށް ހަދައިގެން ކެއުމަށް ބޭނުންކުރެވޭ އެންމެ ބޮޑު މޭވާއެވެ. މިގޮތުން އޭގެ އޮށާއި ކެޔޮގަނޑަކީ ރިހަކެއްކުމަށް ބޭނުން ކުރާއެއްޗެކެވެ. ހަމައެފަދައިން އޭގެ އޮށަކީ ފިހެގެންނާއި ފެނު ކައްކައިގެންވެސް ކައި އުޅޭ އެއްޗެކެވެ. މީގެ އިތުރުން ސައްކޭލަކީ ކުރީޒަމާނުގައި ބޭސްވެރިކަން ކުރުމަށްވެސް ބޭނުންކޮށްފައިވާ މޭވާއެކެވެ. މި ގޮތުން ލޭގައި ހުންނަ ގޯސް ކޮލެސްޓްރޯލް އެއް ކަމަށްވާ އެލްޑީއެލް މަދުކުރުމަގައި ސައްކޭލުގައި ހިމެނޭ މާއްދާތައް އެހީވެދެއެވެ. އެލްޑީއެލް އަކީ ލޭގައި އިތުރުވެއްޖެނަމަ ހިތުގެ ބަލިތައް ޖެހުމަށްމަގުފަހިކޮށްދޭ މައިގަނޑު މާއްދާއެކެވެ. މީގެ އިތުރުން ސައްކެޔޮ ކެޔުމުގެ ސަބަބުން މަސްތައް އަދި ނާރުގެ ނިޒާމުވެސް ރަނގަޅުކޮށްދެއެވެ. ހަމައެފަދައިން ކެންސަރުޖެހުމުން ދުރުކޮށްދެއެވެ.
ޒަމާނުއްސުރެ އަޅުގަނޑުމެންގެ ތެރޭގައި ސައްކެޔޮ ކަނީ ހަމައެކަނި ހުހަށް އެހުރިގޮތަށެވެ. ނަމަވެސް ސައްކޭލަކީ އެކި ބާވަތްބާވަތުގެ ޖޭމާއި ޖެލީއާއި އަސާރަފަދަ ތަކެތި ވެސް ހެދޭނެ މޭވާއެކެވެ. މި ތަކެތި އުފެއްދުމުގައި ބޭކާރުވެގެންދާ ތަކެތިން ގަސްކާނާ ހެދިދާނެއެވެ. މިފަދަ ބޮޑެތި ފައިދާތަކެއް ސައްކޭލުން ލިއްބައިދޭ އިރު މީގެ މުހިއްމުކަން އާއްމުންނަށް އަންގައި ދިނުމަކީ ވަރަށް މުހިއްމު ކަމެކެވެ.
ރެފަރެންސް:
Ranasinghe, R. A. S. N., Maduwanthi, S. D. T., & Marapana, R. A. U. J. (2019). Nutritional and Health Benefits of Jackfruit (Artocarpus heterophyllus Lam.): A Review. International journal of food science, 2019.
ފޮޓޯ: https://keepfitkingdom.com/top-5-health-benefits-of-jackfruit/
ލިޔުނީ ބެޗްލާރ އޮފް ސައިންސްގެ ދަރިވަރު ޖުމާނާ ޚަލީލް