ކޮވިޑާ ގުޅިގެން އެކިދާރާތަކަށް ކޮށްފައިވާ އަސަރުތައް ދެނެގަތުމަށް މޯލްޑިވްސް ނެޝެނަލް ޔުނިވަރސިޓީ (އެމްއެންޔޫ) އިން ގިނަ ދިރާސާތަކެއް ކުރައްވަމުންދާކަމަށް އެޔުނިވަރސިޓީން ހާމަކޮށްފިއެވެ.
އެންއީއޯސީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމްއެންޔޫގެ ރިސާޗް ޑިޕާޓްމަންޓުގެ ޑީން ޑރ. ރަޙީމާ ޢަބްދުލް ރަޙީމް ވިދާޅުވީ އެޔުނިވަރސިޓީން ކުރައްވަމުންދާ ދިރާސާ ތަކަކީ އެޗްޕީއޭގެ ބޭނުމަށާއި އަދި އެނޫންވެސް ބައެއް މުއައްސާތަކުގެ އެދިވަޑައިގެންނެވުމަށް ކުރައްވަމުން ގެންދަވާ ދިރާސާ ތަކެއް ކަމަށެވެ. މިވަތު އެންމެ އިސްކަން ދެއްވައިގެން ކުރައްވަމުން ގެންދަވާ އެއް ދިރާސާއަކީ ލޮކްޑައުންގެ ޕޮލިސީތަކަށް ބަދަލު ގެނައުމާ ގުޅިގެން ބަލި ފެތުރެމުންދާވަރު ދެނަގަތުމަށް ކުރައްވަމުން ގެންދަވާ ދިރާސާކަމަށް ވިދާޅުވިއެވެ. މިދިރާސާގައި ނަގައިފައިވަނީ ހައިރިސްކް ގްރޫޕްތަކަކާއި ފަސޭހައިން ބައްޔަށް ހުށަހެޅޭ ގްރޫޕްތަކެއް ކަމަށް ވިދާޅުވިއެވެ. ބަލި ފަސޭހައިން ބަލި އެރުމުގެ ފުރުޞަތު އޮތް ގްރޫޕްގައި ކުރީސަފުގައި މަސައްކަތްކުރާ މީހުންނާއި ވެމްކޯ ފަދަ ތަންތަނުގައި މަސައްކަތްކުރާ މީހުންގެ ގްރޫޕްތައްވެސް ހިމެނެއެވެ.
އެމްއެންޔޫގެ ދިރާސާތަކުގެ ތެރޭގައި އެންއީއޯސީގެ މަސައްކަތް ފެށުނު ހިސާބުން ވަނީ ކޮންޓެކްޓް ޓްރޭސިންނާއި މޮޑެލިންގެ ދިރާސާތަކެއް ކޮށްފައެވެ. މިހާރު ކުރެވެމުންދާ ދިރާސާ ތަކުގެ ތެރޭގައި ކޮވިޑާ ގުޅިގެން ސޯސިއޯ އިކޮނޮމިކް ހެލްތް ނުވަތަ އިޖްތިމާއީ އަދި އިޤްތިޞާދީގޮތުން އަންނަ ބަދަލުތަކާއި މެންޓަލް ހެލްތަށް އަންނަ ބަދަލިތަކާ ބެހޭ ދިރާސާތަކެއް ވެސް ހިމެނޭ ކަމަށް ޑރ. ރަޙީމާ ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ އެދި ވަޑައިގެންނެވުމަށް ކޮވިޑާ ގުޅިގެން ޓޫރިޒަމް ދާއިރާއަށް ކޮށްފައިވާ ނޭދެވޭ އަސަރުތަކާއި އެކަންކަން ފޫބައްދަން ކުރެވޭނެ ކަންތައްތައް ބެލުމަށްދިރާސާ އެއް ކުރަމުން ދާކަމަށް ވެސް ޑރ. ރަޙީމާ ވިދާޅުވިއެވެ. މީގެ އުތުރުން ސަރުކާރުގެ އެކި ވުޒާރާތަކުން ޙަވާލުކޮށް ގެން ކުރައްވަމުން ގެންދަވާ ދިރާސާ ތަކުގެ ތެރޭގައި މަތީ ތަޢުލީމަށް ކުރާ އަސަރު ދެނެގަތުމުގެ ދިރާސާއަކާއި ޢިމާރާތް ކުރުމާއި ހައުސިން ނުވަތަ ގެދޮރުވެރިކަމަށް ކުރާ ނޭދެވޭ އަސަރު ދެނެގަތުމުގެ ދިރާސާއެއް ހިމެނެއެވެ.
ކޮވިޑާ ގުޅިގެން އެންއީއޯސީއިން ކުރަމުންދާ މަސައްކަތް ތަކުގައި އެމްއެންޔޫގެ މުވައްޒަފުންނާއި ދަރިވަރުނާއެކު 15 ސަތޭކައަށް ވުރެ ގިނަ މީހުން ބައިވެރިވެފައިވާނެކަމަށްޑރ. ރަޙީމާ ވިދާޅުވިއެވެ. އެއީ 12 ސަތޭކަ ދަރިވަރުންނާއި 300 މުވައްޒަފުންނެވެ. އެގޮތުން ރެޕިޑް ރެސްޕޮންސް ޓީމްތަކާއި ސާމްޕަލް ނެގުމާއި ކޮންޓެކްޓް ޓެރޭސިންނާއި ކޮވިޑަށް ތައްޔާރުވުމުގެ ޓްރޭނިން ދިނުމާއި ތަފާތު ޓާސްކް ފޯސް ތަކުގައި އެމްއެންޔޫގެ މުވައްޒަފުންނާއި ދަރިވަރުން ވަނީ ބައިވެރި ވެފައިކަމަށް ޑރ ރަޙީމާ ވިދާޅުވިއެވެ