ރާއްޖޭގެ މިނިވަންކަން ދިފާއު ކުރުމަށް އިދިކޮޅު ކޯލިޝަނުގެ ބަދަހި ޓީމް އޮތީ ނުކުމެ: މުއިއްޒު

ރާއްޖޭގެ މިނިވަންކަން ދިފާއު ކުރުމަށް އިދިކޮޅު ކޯލިޝަނުގެ ބަދަހި ޓީމް އޮތީ ނުކުމެ ކަމަށް ޕީއެންސީ، ޕީޕީއެމް ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މާފަންނު ހުޅަނގު ދާއިރާގެ އޮފީސް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ ކިތަންމެ ވަރަކަށް ރައްޔިތުންނަށް އޮޅުވާލަން މި ސަރުކާރުން މަސައްކަތްކުރިޔަސް އެއީ ނުވާނެ ކަމެއް ކަމަށެވެ.

މިގައުމުގެ ރައްޔިތުންނަކީ ކިޔަވައިގެން ތިބި ތަންދޮރު ފިލާ އަދި ހޭލާތިބި ބައެއް ކަމަށާއި ގައުމުދެކެ ލޯބިވާ ރައްޔިތުން ގައުމު ސަލާމަތްކުރަން ނުކުންނާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އަދި ފުރަތަމަބުރުގައި ޚިޔާލު ތަފާތުވި ބޭފުޅުންނަށް ވެސް މިހާރު ސާފު މަންޒަރު ފެނިގެންދާނެ ކަމަށާއި އެބޭފުޅުން ވެސް ޕީޕީއެމް ޕީއެންސީއާއެކު އަތްގުޅާލާ މަސައްކަތް ކުރުމަށް މުއިއްޒު ވަނީ ގޮވާލައްވާފައެވެ.

މުއިއްޒު ވިދާޅުވީ ރާއްޖޭގެ މިނިވަންކަން ދިފާއުކުރުމަށްޓަކައި އިދިކޮޅު ކޯލިޝަނުގެ ބަދަހި ޓީމް އޮތީ ނުކުމެ ކަމަށާއި ޚާާރިޖީ ގުޅުންތައް އެހެން ގައުމުތަކާއެކު ބަދަހި ކުރިނަމަވެސް އިސްކަންދޭނީ ގައުމުގެ މިނިވަންކަމަށް ކަމުގައި މުއިއްޒު ވަނީ ވިދާޅުވެފައެވެ.

ފުރަތަމަ ބުރުގައި ލިބުނު ކާމިޔާބާއި އަޅާބަލާއިރު، ދެވަނަ ބުރުގައި މާ ބޮޑުތަނުން ކުރި ހޯދާނެ ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.