ރައީސްގެ ރިޔާސީ ބަޔާނަކީ އެއްވެސް އުންމީދެއްނެތް ތާފަނާ ބަޔާނެއް: އާދަމް ޝަރީފް

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހެޅުއްވި ރިޔާސީ ބަޔާނަކީ އެއްވެސް އުންމީދެއްނެތް ތާފަނާ ބަޔާނެއް ކަމަށް ޕީއެންސީގެ ނާއިބު ރައީސް އަދި މަޑުއްވަރީ ދާއިރާގެ މަޖިލިސް މެމްބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

އާފަތިހަށް މައުލޫމާތު ދެއްވަމުން ޝަރީފް ވިދާޅުވީ އެބަޔާނުގައި އެއްވެސް އޮށްޓަރެއް އަދި އުންމީދެއް ވެސް ނެތްކަމަށެވެ. "އެއީ ރައީސް ހުށަހެޅުއްވި ރިޕޯޓެއް،" އޭނާ ވިދާޅުވިއެވެ.

އާދަމް ޝަރީފް ވިދާޅުވީ ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ ވާހަކަ އެ ބަޔާނުގައި ހިމަނާފައި ވިޔަސް އެފަދަ އަމަލު ކުރާ މީހުންނާމެދު ފިޔަވަޅު އެޅުމަށް އެމްޑީޕީ ސަރުކާރުވަނީ ނުކުޅެދިފައި ކަމަށެވެ. އަދި މިހާތަނަށް އެފަދަ މީހުންނާ މެދު އެޅުނު އެއްވެސް ފިޔަފަޅެއް ނެތްކަމަށާއި އެފަދަ އަމަލުކުރާ ބައެއް މީހުން މިހާރުވެސް ދޫކޮށްލައިފައިވާ ކަމަށް ވިދާޅުވިއެވެ.

ރައީސްގެ ރިޔާސީ ބަޔާނުގައި ޑިމޮކްރަސީގެ ވާހަކަ ދައްކެވިއިރު އިދިކޮޅު ލީޑަރު ރައީސް ޢަބްދުﷲ ޔާމީން ވަނީ ޖަލަށް ލައްވައިފައި ކަމަށް ވެސް އާދަމް ޝަރީފް އުމަރު ވިދާޅުވިއެވެ. މިއަދުގެ ބަޔާނުން ފާހަގަ ކުރެވުނީ އިދިކޮޅަށް އެއްވެސް އިހުތިރާމެއް ކުރުމުގެ ބަދަލުގައި މަލާމާތް ރައްދު ކުރެވިގެންދިޔަތަން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މިއަދުގެ ރިޔާސީ ބަޔާނުގައި ރައީސް ވިދާޅުވީ މިހާރު ރާއްޖެއިން ފެނިގެންދަނީ ތިންބާރު ވަކިވެފައިވާ ފުރިހަމަ ނިޒާމެއްގެ ތެރެއިން އެއްބާރުން އަނެއް ބާރަށް ފާރަވެރިވެ އަދި އެހީތެރިކަން ވެސް ފޯރުކޮށް ދެއްވަމުން ވެރިކަން ކުރައްވަމުން ގެންދަވާ ތަން ކަމަށެވެ. އެކަމަށް ރައްދު ދެއްވައި ޝަރީފް ވިދާޅުވީ އެއީ އެއްވެސް ހަގީގަތެއްނެތް ވާހަކައެއް ކަމަށެވެ. އެގޮތުން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފެށްޓެވުމުގެ ގޮތުން ސަލަވާތް ފާތިހާ ވިދާޅުވީ ރާއްޖޭގެ އުއްތަމަ ފަނޑިޔާރު ކަމަށާއި ރައީސްގެ ރިޔާސީ ބަޔާނަށްފަހު މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު އެބަޔާނަށްވުރެ ދިގުކޮށް ވާހަކަފުޅު ދެއްކެވިކަމަށް އޭނާ ވިދާޅުވިއެވެ.

ބަޔާނަށް ޖަވާބުދާރީވާންޖެހޭނީ އިދިކޮޅުން ކަމަށާއި އެހެންނަމަވެސް އެއަށް ޖަވާބުދާރީވެވޭނީ އިދިކޮޅު ލީޑަރަކީ ކޮންބޭފުޅެއްކަން އެނގިގެން ކަމަށް ވެސް މިއަދުގެ ޖަލްސާގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވިދާޅުވިއެވެ.

މިކަމާ ބެހޭ ގޮތުން ޝަރީފް ވިދާޅުވީ އިދިކޮޅު ލީޑަރަކީ ޕީޕީއެމްގެ ރައީސް، ރައީސް އަބްދުﷲ ޔާމީން ކަމަށާއި އެހެންނަމަވެސް އެމަނިކުފާނު ވަނީ ނުހައްގުން ޖަލަށް ލާފައިކަމަށެވެ. އެހެންނަމަވެސް އަދިވެސް އިދިކޮޅު ޕާޓީގެ ހައިސިއްޔަތުން ޕީޕީއެމަށް މިހާރުވެސް ޖަވާބު ދެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. އެއީ ޕީޕީއެމްގެ 5 މެމްބަރުން މިހާރުވެސް ތިބެފައި ފަރެސް މާތޮޑާ ދާއިރާގެ މެމްބަރު ޙުސައިން މުހައްމަދު ލަތީފު ޕީޕީއެމަށް ސޮއި ކުރައްވާފައިވާތީ އެ އަދަދު 6 އަރާތީއެވެ. ޕީޕީއެމާ ކޯލިޝަން ހަދާފައިވާ ޕީއެންސީގައި 3 މެމްބަރުން އެބަތިއްބެވިއެވެ. ހުސައިން މުޙައްމަދު ލަތީފް ޕީޕީއެމަށް ސޮއި ކުރެއްވި ހިސާބުން ފެށިގެން އެޕާޓީގެ ޕީޖީލީޑަރު ވެގެންދާނީ މަޖިލީހުގެ މައިނޯރިޓީ ލީޑަރަށް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އެހެންނަމަވެސް މިއަދުގެ ޖަލްސާގައި އިދިކޮޅުގެ ވާހަކަ ދެއްކެވިއިރު މިކަންކަން މަޖިލީހުގެ ރައީސް ފާހަގަ ކުރައްވާފައި ނުވާކަމަށް ޝަރީފް ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.