ޕީއެންސީގެ ވެރިކަމެއްގައި ރޯދަމަހުގެ ފަހު 10 ދުވަސް ސަރުކާރު ބަންދު

ޕީއެންސީގެ ވެރިކަމެއްގައި ރޯދަމަހުގެ ފަހު 10 ދުވަސް ސަރުކާރު ބަންދު ކުރާނެ ކަމަށް ޕީއެންސީ، ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް، މާލޭ ސިޓގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ބ. އަތޮޅަށާއި ޜ. އަތޮޅަށް ކުރައްވާ ކެމްޕެއިން ދަތުރުގެ ތެރެއިން ބ. އޭދަފުށީގައި ބޭއްވި ބައްދަލުކުރެއްވުމުގައި މުއިއްޒު ވިދާޅުވީ ބަރަކާތްތެރި ރަމަޟާން މަހަކީ ދިވެހިން ދީނީ ކަންކަމަށް ވަރަށް ޚާއްސަ އިސްކަމެއްދޭ މާތް މައްސަރެއް ކަމަށާއި އެ މަހުގެ ފަހު 10 ދުވަހަކީ ގިނަ ބަޔަކު ރޭ އަޅުކަމުގައި މަސްޣޫލުވެގެންއުޅޭ ދުވަސްވަރު ކަމަށެވެ.

އެހެންވެ، މުވައްޒަފުންނަށް ލުއި ފަސޭހަކުރުމަށްޓަކައި، ފަހު ދިހައިގެ ދުވަސްތައް ސަރުކާރު ބަންދު ކުރާނެކަމަށް މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ ފަހު ދިހައިގެ ދުވަސްތަކުގައި ދުވާލުގެ އަޅުކަންތަކާއި، ޚާއްސަކޮށް ރޭއަޅުކަންތަކުގެ މާތްކަމާއި ދަރުމަ ހޯދުމަށް ދިވެހި އެއްވެސް ރައްޔިތަކަށް ފުރުސަތު ހަނިވާނެކަން ކަންކަން ނުކުރައްވާނެކަމަށާއި ސަރުކާރުގެ މުވައްޒިފުންނަށް ރޭ އަޅުކަން އަދާކުރުމާއި، އުމުރާގެ އަޅުކަން އަދާކުރުމަށް ފަހު ދިހައިގައި ބޭނުންނަމަ އެކަން ކުރެވޭނެ ގޮތަށް ސަރުކާރު ބަންދު ކުރުމަކީ ކުރައްވާނެ ކަމެއްކަމަށެވެ.

މީގެ އިތުރުން ދީނާއި ދުރުބަޔަކު ސަރުކާރުގައި ތިބޭނަމަ އެބޭފުޅުންނަށް ދީނީ ކަންކަމަށް އިސްކަން ދެވޭލެއް ކުޑަވާނެ ކަމަށާއި މި ރޯދަމަހު މާލޭގައި ތަކުބީރު ޖެހުމުން އެތައްބައެއްގެ ތާއީދާއި ލޯބި ލިބުނުކަން ވަނީ ފާހަގަ ކުރައްވާފައެވެ. އަދި މިކަންކަން ކުރާނެ ކަމަށާއި އިރާދަ ކުރެއްވިއްޔާ ދީނީ ކަންކަމަށް ދޭ އިސްކަން ކުޑަކޮށްވެސް ފަނޑު ނުކުރެވޭނެ ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު މިހެން ވިދާޅުވެފައިވާއިރު، އެމްޑިޕީގެ ރިޔާސީ ކެންޑިޑޭޓް، މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހު ވިދާވެފައިވަނީ ރިޔާސީ ދެވަނ ދައުރެއް އެމަނިކުފާނަށް ލިބިވަޑައިގެންފިނަމަ، ރޯދަ މަހުގެ ފަހު 10 ދުވަހަކީ ގިނަ ބަޔަކު ރޭ އަޅުކަމުގައި މަސްއޫލުވެގެންއުޅޭ ދުވަސްވަރުކަމަށްވާތީއާއި މުވައްޒަފުންނަށް ލުއި ފަސޭހަކުރުމަށްޓަކައި، މި ދުވަސްތަކުގައި ސަރުކާރުގެ މުވައްޒަފުން 'ވޯކް ފްރޮމް ހޯމް' ހެދޭނެ ގޮތް ހަމަޖައްސާނެކަމަށެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.