އިމާރާތްކުރުމުގެ ދާއިރާގައި ކަނބަލުންގެ ބައިވެރިވުން އިތުރުކުރާނަން: ރައީސް

އިމާރާތްކުރުމުގެ ދާއިރާއަކީ އަންހެން ބޭފުޅުންގެ ބޮޑު އިންސައްތައެއް މަސައްކަތްކުރާ ދާއިރާއަކަށް ހައްދަވަން ބޭނުންފުޅުވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ހޮޓެލް ޖެންގައި ރޭ ބޭއްވި "އެމް.އެން.އޭ.ސީ.އައި ބިލްޑަރ އެވޯޑްސް 2023" ޙަފުލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ސަރުކާރުގެ ސިޔާސަތަކަށް ވާނީ މަސީއާ އަދި ދާއިރާގެ ހުރިހާ ފަރާތްތަކާ ގުޅިގެން ކުރިޔަށް އޮތް އަހަރުތަކުގައި މިދާއިރާގައި ދިވެހި ކަނބަލުންނަށް މިހާރަށް ވުރެ އެތައް ގުނައެއް ބޮޑަށް ބައިވެރިވުމުގެ ފުރުޞަތު ހޯދައިދިނުމަށް ސިޔާސަތުތައް ބައްޓަންކުރުން ކަމުގައެވެ.

މީގެ އިތުރުން އެކިއެކި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ތެރޭންވެސް މިދާއިރާގައި މަސައްކަތްކުރަން ބޭނުންވާ ފަރާތްތަކާ ހަމައަށް ވާޞިލުވާނެ އަދި ދެވެންހުރި އެންމެ ފަހި ފުރުޞަތުތައް އެ އިންޑަސްޓްރީން ލިބިދެވެންޖެހޭކަމަށާއި އަދި އެމަނިކުފާނު ބޭނުންފުޅު ވަނީ ކޮންސްޓްރަކްޝަން އިންޑަސްޓްރީއަކީ ހުރިހާ ފަރާތްތަކުގެ ބައިވެރިވުން އޮންނަ އިންކްލޫސިވް އިންޑަސްޓްރީއަކަށްވުންކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މީގެ އިތުރުން މިހާރު ބައެއް ސަރުކާރުގެ މަޝްރޫޢުތައް ކާމިޔާބުކުރުމުގައި ބޭރުގެ ކުންފުނިތަކުން ޑޮމިނޭޓްކުރާކުރުން ނިމުމަކަށް ގެނައުމުގައި ވެސް ބުރަމަސައްކަތްތަކެއް ކުރަންޖެހޭކަމަށާއި އެކަމުގައި ސަރުކާރުން ފަހިކޮށްދޭންޖެހޭ ކަންކަން ކޮށްދެއްވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. "ޤަވާޢިދުތަކާއި ޤާނޫނަށް ގެންނަންޖެހޭ ބަދަލެއްވިއްޔާ އެކަން އަޅުގަނޑުމެން ތިޔަބޭފުޅުންނާ މަޝްވަރާކޮށްގެން ގެންނާންނަން. އެވޯޑްކުރުމުގައި، ޕޮއިންޓްދިނުމުގައި ގެންނަންޖެހޭ ބަދަލެއްވިއްޔާ އެކަންވެސް ކުރާނަން" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ދިވެހިންގެ ޤައުމިއްޔަތު ކުރިއަރުވައި ވާހަކަދެއްކުމަކީ ފަންނުވެރިކަމާ ސިނާއަތްތައް ވެސް ދިވެހިންގެ އަތްމައްޗަށް ފުރޮޅާލައި ދިވެހިން އެކަމުގައި ބަސްކިޔާގޮތަށް ކަންކަން ބަދަލުވެގެންދިއުން ކަމުގައެވެ.

އިމާރާތް ކުރުމުގެ ސިނާއަތަށް އަމަލީގޮތުން ކޮށްދެއްވާފައިވާ އަގުހުރި ޚިދުމަތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން މަސީގެ ފަރާތުން އަރުވާ އެންމެ ޝަރަފުވެރި ލަޤަބު "ބޮޑު ރަސްގެފާނު ލަޤަބު" މި ޙަފުލާގައި ރައީސުލްޖުމްހޫރިއްޔާއަށް ވަނީ އަރުވާފައެވެ. ރައީސުލްޖުމްހޫރިއްޔާއާ މި ހަނދާނީ ފިލާ ހަވާލުކޮށްދެއްވީ މޯލްޑިވްސް ނެޝެނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީގެ ރައީސް މުޙައްމަދު އަލީ ޖަނާޙެވެ.
މި ޙަފުލާގައި ލައިފްޓައިމް އެޗީވްމަންޓް އެވޯޑް ހާސިލުކުރެއްވީ އަމީން ގްރޫޕް އޮފް ކޮމްޕެނީސްގެ ޗެއަރމަން، ޢަބްދުﷲ މުޙައްމަދާއި ހޮޓެލްސް އެންޑް ރިސޯޓްސް އިންވެސްޓްމަންޓް މޯލްޑިވްސްގެ ޗެއަރމަން މުޙައްމަދު އަލީ ޖަނާޙަށް އެވޯޑް ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.